September 20, 2024 16:52
Advertisement

-Advertisement-

ދީނީ މުހިންމު މަޢުލޫމާތު: އިސްތިޙާޟާގެ ހާލަތުގައި

ޙައިޟާއި އިސްތިޙާޟާއަކީ ވަރަށް ގިނަ އަންހެން ކަނބަލުންގެ ހިތްޕުޅުގައި އެތައް ސުވާލުތަކެއް އުފެދޭ މައްސަލައެކެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިކަމަކީ އިސްލާމީ ޝަރީޢަތުގެ ވަރަށް ގިނަ ޙުކުމްތަކާއި ގުޅިފައިވާ ދެ ކަމެވެ. މީގެ ތެރޭގައި ނަމާދާއި ރޯދަ އަދި ޙައްޖުގެ އަޅުކަންތަކުގެ ތެރެއިން ޠަވާފު ކުރުން ހިމެނެއެވެ. ކައިވެންޏާއި ވަރިކުރުމާއި ދެމަފިރިކަމުގެ ގުޅުން ހިންގުމާއި އަދިވެސް މި ނޫން ކަންތައްތައް ގުޅިފައިވާ ކަންތަކެވެ. ނަމާދު ކުރެވެނީ ޙައިޟުން ޠާހިރުވެގެންނެވެ. ރޯދަ ހިފެނީ ޙައިޟުން ޠާހިރުވުމުންނެވެ. މި ހާލަތުގައި އާއްމުކޮށް ޙައިޟުވާ މުއްދަތަށްވުރެ ދުވަސް އިތުރުވެއްޖެ އަންހެނަކު ޢަމަލުކުރާނެ ގޮތެއް ނޭނގެއެވެ. އަދި ޠުހުރުގެ މުއްދަތު ކުރުވެއްޖެ އަންހެނަކު ޢަމަލު ކުރާނެ ގޮތާއިމެދުވެސް ސުވާލު އުފެދެއެވެ. އިސްތިޙާޟާގެ ހާލަތު ތަފާތެވެ. އިސްތިޙާޟާވެރިޔާއަކީ ޠާހިރު މީހެކެވެ. އޭނާގެ މައްޗަށް ނަމާދު ކުރުން ވާޖިބުވެގެންވެއެވެ. ރޯދަ ހިފުން ވާޖިބުވެގެންވެއެވެ. އަދި ޙައިޟުގެ ސަބަބުން ޙަރާމްވި ކަންކަން އިސްތިޙާޟާވެރިޔާއަށް ހުއްދަވެގެންވެއެވެ.

އަންހެނާގެ ފަރުޖުން އަންނަ ކޮންމެ ލެއަކީ ޙައިޟެއް ނޫނެވެ. އަދި ނިފާސް އެއްވެސް ނޫނެވެ. ޙައިޟާއި ނިފާސްކަމުގެ ލެއަކީ ޠަބީޢީ ލެއެކެވެ. އަންހެނާގެ ޠަބީޢަތުގައި މާތްﷲ ލައްވާފައިވާ ދެކަމެކެވެ. ވީމާ، ޠަބީޢީ ގޮތުން އަންނަ ލެއި ފިޔަވައި ދެން އަންނަ ލެއަކީ އިސްތިޙާޟާގެ ލެއެވެ. އިސްތިޙާޟާ އަކީ، ނިފާސްވެރިވުން އަދި ޙައިޟުވެރިވުން މި ދެ ސަބަބުވެސް ނެތި، ވަކި މުއްދަތެއް ނެތި ރަޙިމުން ފައިބާ ލެޔެވެ.

 ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލެއި ދެނެގަތުމަށް އެންމެ ފަސޭހަ ގޮތަކީ، މި ދެ ލެއި ގައި ހުރި ތަފާތު ދެނެގަތުމެވެ.  ޙައިޟުގެ ލޭ ހުންނާނީ ކަޅުކުލައިގައެވެ. ނުވަތަ ގަދަ ރަތްކުލައިގައެވެ. އިސްތިޙާޟާގެ ލޭ ހުންނާނީ ރަތްކުލައިގައެވެ. އަދި ޙައިޟުގެލޭ ބޯވެފައި ބަރުވާނެއެވެ. އިސްތިޙާޟާގެ ލޭ ތުނިވާނެއެވެ. އަދި ޙައިޟުގެ ލޭގައި ނުބައި ވަހެއް ހުންނާނެއެވެ. އިސްތިޙާޟާގެ ލޭގައި ނުބައި ވަހެއް ނުހުންނާނެއެވެ. އަދި ޙައިޟުގެ ލޭ ނުކުތުމަށްފަހު ގަނޑުނުވާނެއެވެ. އިސްތިޙާޟާގެ ލޭ ގަނޑުވާނެއެވެ.

Advertisement

މިގޮތުން ލޭގެ ކުލައާއި، ވަހާއި، ބޯމިނާއި، ގަނޑުވުން މި ޞިފަތަކަށް ބަލައި  ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލޭ ކަމުގައި ކަނޑައެޅޭނެއެވެ. އެގޮތަށް ކަނޑައަޅަން ނޭނގޭ މީހުން އިސްތިޙާޟާ ގެ ހާލަތްތަކާމެދު ކީރިތި މާތް ނަބިއްޔާގެ އަރިހުން އައިސްފައިވާ ޙަދީޘްތަކުން އިސްތިޙާޟާ ވެރިޔާގެ ހާލަތްތައް ބެހިފައިވާ ގޮތުން ތިބާ ފެތެނީ ކޮން ހާލަތަކަށްކަން ދެނެ ގަންނާނީއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުން އެނގެނީ އިސްތިޙާޟާވެރިން ތިން ހާލަތަކަށް ބެހިގެންދާކަމެކެވެ. އެ ތިން ބަޔަކީ:

ފުރަތަމަ ބައި

ކުރިންސުރެ ޙައިޟުވުން ކޮންމެ މަހަކުވެސް ވަކި އިންތިޒާމަކުން ކަނޑައެޅިގެން އެނގިފައިވުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަންފެށުން، ކުރީންސުރެ ކޮންމެ މަހަކުވެސް ޙައިޟުވުން ވަކި ނިޒާމަކުން ހިނގަމުން ދިއުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަ އަންހެނުން ޙައިޟުގެ މުއްދަތު ކަމުގައިބަލާނީ ކުރިން އޭނާގެ ޙައިޟުގެ ކަންތައް ހަމަޖެހިފައި އޮތް ގޮތެވެ.   

މިސާލަކަށް: ކޮންމެ މަހަކުވެސް ވަކި އާދައަކުން ޙައިޟުވާ އަންހެނަކު އާދަވެ ޙައިޟުވާ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ،  އެ އަންނަ ލެއިގެ ޞިފައާއި ކުލައިން ނުވަތަ ވަހުން ޙައިޟުގެ ޞިފަތަށް ހުރިނަމަ، އެއީ ޙައިޟެވެ. މިސާލަކަށް އާދަވެ 7 ދުވަހު ޙައިޟުވާ އަންހެނަކު މުއްދަތު އިތުރުވެ 8 ނުވަތަ 10 ދުވަސް ޙައިޟު ދިގެދެމިގެން ދިއުމުން، އެ އަންނަ ލެއިގެ ކުލައަށް ބަލައި ޙައިޟުގެ ޞިފަތަށް ހުރިނަމަ އެއީ ޙައިޟެވެ. އެ އިތުރުވާ އިތުރުވާ މުއްދަތު އެއީ ޙައިޟެވެ. އެހެން އިތުރުވަމުން ގޮސް 15 ދުވަހަށްވުރެ އިތުރުވެއްޖެނަމަ ދެން އެ އަންނަ ލެއަކީ އިސްތިޙާޟާ ގެ ލެއެވެ. އެމީހަކު ހިނައި ޠާހިރުވެ ނަމާދުކުރަން ފަށާނީއެވެ. އަދި ރޯދަ ހިފުމާއި ފިރިމީހާއާއެކު ޖިމާޢުވުންވެސް ހުއްދަވާނެއެވެ.

ނަމަވެސް، އާއްމުގޮތެއްގައި ޙައިޟުގެ މުއްދަތުގެ ގޮތުގައި 7 ދުވަހު ޙައިޟުވާ އަންހެނަކު މުއްދަތު އިތުރުވެ 8 ދުވަސް ނުވަތަ 10 ދުވަސް ޙައިޟު ދިގުދެމިގެން ދިއުމުން، ކުލައިންވެސް ޙައިޟުކަން ނުވަތަ އިސްތިޙާޟާކަން ވަކިކުރަން ނޭނގޭ މީހުން، މި ހާލަތުގައި ޙައިޟުގެ މުއްދަތުގޮތުގައި ބަލާނީ7 ދުވަހެވެ. އެއަށްވުރެ އިތުރުވާ މުއްދަތު ބަލާނީ އިސްތިޙާޟާގެ ގޮތުގައެވެ. އެމީހަކު ހިނައި ޠާހިރުވެ ނަމާދުކުރުން ފަށާނީއެވެ. އަދި ރޯދަ ހިފުމާއި ފިރިމީހާއާއެކު ޖިމާޢުވުންވެސް ހުއްދަވާނެއެވެ.

އަންހެނެއްގެ ޙައިޟުވުމުގައި ކުރިން އާދައެއް އޮތް މީހަކު ފަހުން އަބަދު އަބަދު ލެއި ފޭބުން.  ލެއި ފޭބުން އެއް މަސްދުވަހަށް ދިގުދެމިގެން ދިއުން، އެ ގޮތަށް މުޅި މަހުގައި އެއްކޮން ލެއި އަންނަން ފަށައިފި އަންހެނަކު، އެފަދަ ހާލަތުގައި ބަލާނީ އޭނާގެ އާދައަށެވެ.

މިސާލަކަށް: އަންހެނާ އާދަވެ ޙައިޟުވާ މުއްދަތަކީ 9 ދުވަހެވެ. އެންމެ ފަހުން ޙައިޟުވާ ދުވަހުން ފެށިގެން ބަރާބަރު 25 ނުވަތަ 28 ދުވަހުން ޙައިޟުގެ ބުރުޖެހޭމީހުން ރުޖޫޢަވާނީ އޭނާގެ ޙައިޟުވާ އާދަ އަށެވެ.  އެބަހީ ޙައިޟުގެ މުއްދަތުގެ ގޮތުގައި 9 ދުވަސް ހަމަކޮށް ހިނައި ޠާހިރުވާނީއެވެ. އަދި ޙައިޟުގެ ބުރުޖެހޭ މުއްދަތު ކަމުގައިވާ 25 ނުވަތަ 28 ދުވަސް ވަންދެން ޠާހިރުކަންމަތީގައި ހުންނާނީއެވެ. ދެން 28 ދުވަސް ހަމަވުމުން އަނެއްކާވެސް 9 ދުވަސް އެއީ ޙައިޟުގެ ގޮތުގައި ބަލާނީއެވެ.

ދެވަނަބައި

 ލެއި އަންނަމުން ދިއުމާއެކު، އެ އަންހެނެއްގެ ޙައިޟުގެ މުއްދަތު ކަނޑައެޅިގެން އެނގިފައިނުވުން، އެއީ އެ އަންހެނަކު ޙައިޟުވަމުން ދިޔައީ ކޮން ނިޒާމެއްގެ މަތިންކަން ހަނދާން ނެތުމުން، ނުވަތަ އެންމެ ކުރިންސުރެ ކޮންމެ މަހަކުވެސް ލެއި އަންނަނީ އިސްތިޙާޟާކަމަށް ބެލެވޭފަދަ ދިގުމުއްދަތެއްގައިކަމަށްވުމެވެ. ނުވަތަ އަލަށް ޙައިޟުވާ ކުއްޖެއްކަމުގައިވުމެވެ.

އަލަށް ޙައިޟުވާ ކުއްޖެއްގެ ކަނޑައަޅާނެ އާދަ އެއް ނީންނާނެއެވެ. ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލެއި ދެނެނުގަނެވޭ ކުދިން، އޭނާ ބަލަންޖެހެނޭނީ 15 ދުވަހަށްވުރެ އިތުރުވީމައި އެއީ އިސްތިޙާޟާގެ ލެއި ކަމަށެވެ.

ކުރިން އާދައެއް ނެތިފަ ލެއިގެ ކުލައާއި ޞިފައިން އެއީ ޙައިޟުގެ ލެއިކަން ދެނެގަންނަން އެނގޭ އަންހެނުން މިފަދަ ހާލަތުގައި ޙައިޟުގެ ލެއިގެ ޞިފަތަކުގައި އަންނަ ލެއި އެއީ ހައިޟުގެ ލެއެވެ. އަދި އިސްތިޙާޟާގެ ޞިފަތަކުގައި އަންނަ ލެއަކީ އިސްތިޙާޟާއެވެ.

ކުރިން އާދައެއްނެތް އަދި ކުލައިންވެސް ވަކިކުރަން ނޭނގޭ މީހުން، އޭނާއާ އެންމެ ގާތް މީހުން ޙައިޟުވާ މުއްދަތު ބަލައިނީއެވެ. މިސާލަކަށް އޭނާގެ މަންމަ ޙައިޟުވަނީ ކިތަށް ދުވަސްތޯއެވެ. އެ މުއްދަތު އެއީ ޙައިޟުގެ މުއްދަތުކަމަށް ބަލާނީއެވެ. ތިމާގެ މީހުންގެ މުއްދަތު އެއީ އޭނާގެވެސް މުއްދަތުކަމަށް ބަލާނީއެވެ. އެ މުއްދަތު ބަލައި ޙައިޟުގެ ދުވަސްވަރާއި އިސްތިޙާޟާގެ ދުވަސްތައް ދެނެގަންނާނީއެވެ. ޙައިޟުގެ ބުރު ޖެހޭ ދުވަސްތައް ބަލާނީ މިފަދައިންނެވެ. މިސާލަކަށް ޢާއިލާގެ މީހުން ޙައިޟުގެ ބުރުޖެހެނީ 25 ދުވަހުންވެއްޖިއްޔާ، ބަލާނީ ކޮންމެ 25 ދުވަހަކުންނެވެ.

ތިންވަނަބައި

 އެ އަންހެނަކު ޙައިޟުވުމުގައި ކުރިންސުރެ ޙައިޟުގެ ވަކިމުއްދަތެއް ކަނޑައެޅިގެން އެނގިފައި ނުވިނަމަވެސް، އަންނަ ލެއިން ޙައިޟުގެލެޔަކީ، އަދި އިސްތިޙާޟާގެ ލެޔަކީ ކޮބައިކަން ވަކިކުރަން އެނގުން.

މި ޙާލަތުގައި ލޭ ގެ ކުލަ ދެނެގަންނާނީ އިސްތިޙާޟާއާއި އަދި ޙައިޟުގެ ލޭގެ ފަރަޤު ދެނެގަނެގެންނެވެ. ކަޅުކުލައިގެ ލޭ އައުން، ވަރަށް ބޯ ކޮށް ލޭ އައުން، ނުބައިވަސްދުވުން، މި ޞިފަތައް ހުރެ އަންނަ ލެއަކީ ޙައިޟެވެ. އެދުވަސްތައް ގުނާނީ ޙައިޟުގެ ގޮތުގައެވެ. ނަމަވެސް ރަތްކުލައިގަ ވަރަށް ތުނިކޮށް އަދި އެ ލޭ ގައި އެއްވެސް ނުބައިވަހެއް ނެތްނަމަ، އެއީ އިސްތިޙާޟާއެވެ. މިދުވަސްތަކުގައި ހިނގާނީ އިސްތިޙާޟާގެ ހުކުމެވެ. އެމީހަކު ހިނައި ޠާހިރުވެ ނަމާދުކުރުމާއި އެހެނިހެން އަޅުކަންކުރުން ވާޖިބުވާނެއެވެ.

މިސާލަކީ އަންހެނަކު ހައިޟުވެ، ދިހަ ދުވަސްވަންދެން ކަޅުކުލައިގެ ލޭ އައިސް އޭގެ ފަހުގައި ރަތްކުލައިގެ ލޭ އަންނަމުން ދިޔުމެވެ. މި ޙާލަތުގައި އޭނާގެ ޙައިޟުގެ މުއްދަތަކީ ކަޅުރަތްކުލައިގެ ލޭ އައި މުއްދަތެވެ. އޭގެ ފަހުގައި ލޭ އަންނަ ދުވަސްތަކަކީ އިސްތިޙާޟާގެ ލޭ އަންނަ ދުވަސްތަކެވެ. ހަމަ މިގޮތަށް ޙައިޟުގެ ލޭގެ އެހެން ޞިފަތަކަށްވެސް ޢަމަލުކުރެވޭނެއެވެ.

އިސްތިޙާޟާވެރިން ޝަރުޢީ އަޅުކަންކުރުން:

އިސްތިޙާޟާވެރިޔާ ޝަރުޢީގޮތުން ކުރުން މަނާ އެއްވެސް އަޅުކަމެއް ނުވެއެވެ. އެގޮތުން ރޯދަހިފުމާއި ނަމާދުކުރުމާއި ކީރިތި ޤުރުއާނުގައި ބީހުމާއި، ޙައްޖުވުމާއި، ޢުމުރާވުމާއި، ޠަވާފުކުރުމާއި، އިޢުތިކާފުކުރުމާއި، މިސްކިތަށްވަނުމާއި ޖިމާޢުވުން ފަދަ ކަންކަން ކުރުން ހުއްދައެވެ. ސަބަބަކީ އިސްތިޙާޟާގެ ލޭ އަންނަނީ ބައްޔެއްގެ ސަބަބުންކަމުގައިވުމެވެ. އަދި އެއީ ޙައިޟެއްނޫނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔެވެ.

އިސްތިޙާޟާވެރިޔާ ޠާހިރުވުމާއި ނަމާދުކުރުން:

އިސްތިޙާޟާވެރިޔާ ނަމާދުކުރުން ވާޖިބުވެގެންވެއެވެ. އެއީ، އިސްތިޙާޟާވެރިންގެ ޙުކުމަކީ ޠާހިރު މީހެއްގެ ޙުކުމެވެ. ވީމާ، ޙައިޟުގެ ސަބަބުން ޙަރާމްވި ކަންކަން ހުއްދަވެގެންވެއެވެ . އިސްތިޙާޟާވެރިޔާ ނަމާދުކުރުމަށްޓަކައި ކުރަން ލާޒިމުވާ ކަންތައްތަކެއްވެއެވެ. މިކަންތައްތަކަކީ؛

  • ކޮންމެ ފަރުޟު ނަމާދަކަށް ވުޟޫކުރުން: ވުޟޫ ގެއްލޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިނުވިޔަސް، އިސްތިޙާޟާވެރިން ކޮންމެ ފަރުޟު ނަމާދަކަށް ވުޟޫކުރުން ވާޖިބުވާނެއެވެ. އިސްތިޙާޟާގެ ލޭ އަންނަ މީހަކު މެންދުރު ނަމާދަށްޓަކައި ވުޟޫކުރިއެވެ. ޢަޞްރުވަގުތާ ޖެހެންދެން އޭނާގެ ވުޟޫ ނުގެއްލި ހުރި ކަމުގައިވިޔަސް ޢަޞްރު ނަމާދު އޭނާކުރާނީ ދޮވެ ސާފުކޮށް ބަންދުކޮށް އަލުން އަސުރުނަމާދަށް ވުޟޫކޮށްގެންނެވެ. ކޮންމެ ފަރުޟު ނަމާދަކަށްވެސް ޢަމަލު ކުރަންޖެހޭނީ މިގޮތަށެވެ.
  • ވުޟޫކުރުމުގެ ކުރިން ލެއި ނިކުންނަތަން ރަނގަޅަށް ސާފުކުރުން: ވުޟޫ ކުރުމުގެ ކުރިން ކުރިމަތި ފަރާތް (ލެއިނިކުންނަތަން) ދޮވެ ސާފުކުރަންވާނެއެވެ. މުސްތަޙާޟުވެރިޔާ ވުޟޫކުރުމުގެ ކުރިން، ކުރިމަތިފަރާތުދޮރު ރަނގަޅަށް ދޮވެސާފުކޮށް، ލެއި އަންނަތަން ބަންދުކުރަންވާނެއެވެ. މިޒަމާނުގައި ބަންދުކުރުމަށް ބޭނުންކުރާ ވަޞީލަތް ކަމުގައިވާ ޕެޑް ނުވަތަ ފޮތި ބޭނުންކޮށްގެންނެވެ. އަދި ކުރިން ބޭނުންކޮށްފައިވާ ޕެޑް ނުވަތަ ފޮތިގަނޑުގެ ބަދަލުގައި ކޮންމެ ފަހަރަކުވެސް އާ އެއްޗެއް ބޭނުންކުރަންވާނެއެވެ.
  • ނަމާދު ވަޤުތު ވަނުމުން ވުޟޫކުރުން: ވުޟޫކުރަންވާނީ ނަމާދު ވަގުތު ވަނުމުން ނަމާދުކުރަން ބޭނުންވުމުންނެވެ. ނަމާދު ވަގުތުވަނުމުގެ ކުރިން ކުރި ވުޟޫ ނުގެއްލި ހުރިކަމުގައިވިޔަސް، މުސްތަޙާޟުވެރިން ޖެހޭނީ ވަގުތު ވަނުމުން އަލުން ވުޟޫކުރާށެވެ. ނަމާދަށް ހުއްޓައި ލޭ އައުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ.

 

+1
0
+1
10
+1
0
+1
1
+1
0
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް