November 22, 2024 17:56
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ހުތް ކުންނާރާއި ފޮނި ކުންނާރު

ހުތް ކުންނާރާއި ފޮނި ކުންނާރަކީ ދެއެކުވެރިންނެވެ. އެއްދުވަހަކު ހުތް ކުންނާރު ފޮނި ކުންނާރަށް ބުންޏެވެ.

ހުތް ކުންނާރު: އަހަރެމެން ދެމީހުންގެތެރެއިން މީހުން އެންމެ ބޭނުމީ ކޮންވައްތަރެއްތޯ ބަލާލަން ހިނގާބަލަ!

ފޮނި ކުންނާރު: ކިހިނެއް ބަލާނީ؟

Advertisement

ހުތް ކުންނާރު: ޕާކެއް ކަހަލަ ކުދިން ގިނައިން އުޅޭތަނަކަށް ދިޔައިމަ އެކުދިން ބޭނުންވާ ވައްތަރެއް އެނގޭނެއެއްނު. އެންމެކުރިން އެކުދިން ނަގާނީ އެންމެ ބޭނުން ވައްތަރު.

ފޮނި ކުންނާރު: ތަނަކަށް ނުދިޔަޔަސް އަހަރެންނަށް އެނގޭ އެންމެ ގިނަ ކުދިންނާއި އެންމެ ގިނަ މީހުން ބޭނުންވާނީ އަހަރެންކަން.

ހުތް ކުންނާރު: ފޮނި ކުންނާރު ހާދަހާ ފޮންޏޭދޯ. ބަލަ ހުތް ކުންނާރަކީ ވަރަށް މަދު ވައްތަރެކޭ. އެހެންވީމަ ކުދިންނަކަށްވެސް ގިނައިން ކާން ނުލިބޭނެއްނު.

ފޮނި ކުންނާރު: ބަލަ މީހުން ހުތް ކުންނާރު ނަހައްދަނީ ނުބައިވީމައޭ.

ހުތް ކުންނާރު: އެކައްޗެއްވެސް އެންމެ ފުރިހަމައެއް ނުވާނެ. އަހަރެންގެ ކުލަ ކިހާ ރީތި.

ފޮނި ކުންނާރު: އެކި މީހުންނަށް ރީތިވާނީ އެކި ކުލަތައް. އަހަރެންގެ ކުލަ ރީތިވާނެ މީހުންވެސް މަދެއް ނުވާނެ.

ހުތް ކުންނާރު: ފޮނި ކުންނާރާ ތިޔަހާ ފޮނިވެގެން ތިޔައުޅެނީ ފޮނި ކުންނާރު ކިޔާތީތަ؟

ފޮނި ކުންނާރު: ހުތް ކުންނާރު ރުޅިއައިސް ތިޔަ ރަތްވަނީ ކުލަ ރަތްވީމަދޯ؟

ހުތް ކުންނާރު: ފޮނި ކުންނާރާ ތިޔަހާ ފޮނިވެގެން އުޅެންޏަކާ އަހަރެން ދެން ފޮނި ކުންނާރަކާ ގާތްކަމެއް ނުބާއްވާނަން.

ހުތް ކުންނާރު މިހެން ބުނެފައި ރުޅިއައިސްގެން ހިނގައިގަތްތަނާ އެހިސާބުން ދިޔަ އުމުރުން ދުވަސްވީ މީހަކަށް ފެނިއްޖެއެވެ. އެމީހާ ކައިރީގައި ކުޑަ ދެކުދިންވެސް ތިއްބެވެ.

އެމީހާ: ބަލަ ކުންނާރާ ރުޅިއައިސް ރަތްވެގެން މާބާރަކަށް ތިޔަދަނީ ކޮންތާކަށް؟

ހުތް ކުންނާރު: ފޮނި ކުންނާރު ފޮނިކަމުން މާބޮޑަށް ފޮނިކަނޑަނީއޭ. މިހެން ހުތް ކުންނާރު ބުނިއަޑު އިވިގެން ފޮނި ކުންނާރު އެމީހާއަށް ބުންޏެވެ.

ފޮނި ކުންނާރު: އަހަރެން ފޮނި ނުކަނޑަން. އަހަރެން ބުނީ ގިނަ މީހުންނަށް މީރީ ފޮނި ކުންނާރޭ. ހުތް ކުންނާރު މާއަވަހަށް ރުޅިއައިސް ރަތްވަނީ ކުލަ ރަތްވީމަ ކަންނޭގެ.

އެމީހާ: ހުތް ކުންނާރުވެސް ކާނެ މީހުން އުޅޭނެ. ކާން ނޫނަސް އަސާރަވެސް އަޅާނެ. ފަނިވެސް ގިރާނެ. އަދި ހުތުން ކުރާ ވަރަށްގިނަ ބޭނުންތަކަށް ވެސް ފުދޭނެ.

ފޮނި ކުންނާރުވެސް ކާމީހުން އުޅޭނެ. ދެވައްތަރުގެ ކުންނާރުންވެސް ލިބޭ ފައިދާތައް މަދެއްނުވާނެ. ތިޔައީ ދެބަސްވާންވީ ކަމެއްނޫން. ދެމީހުން އަވަހަށް ސުލްހަވެލާ. ދެމީހުންގެ ބޭނުންވެސް އެހާބޮޑު.

ފޮނި ކުންނާރު: އަހަރެން ރުޅިއެއްނޫނޭ.

އެމީހާ: އާ ރުޅިއައިސްގެން ދާ މީހާގެކޮޅު ބަލިވާނީ. ހުތް ކުންނާރާ އަވަހަށް އައިސް ސަލާންކޮށްލާ.

އެމީހާ އެހެން ބުނުމުން ހުތް ކުންނާރު އައިސް ފޮނި ކުންނާރާއި ސަލާން ކޮށްފައި އަހަރެންވެސް ރުޅިއެއްނޫނޭ ބުނެފިއެވެ. ދެން އެމީހާ އޭނާގެ ކާފަ ދެކުދިން ކަމުގައިވާ ހަސަން އާއި ހުސައިން ކައިރީގައި ރަނގަޅީ ކޮން ވައްތަރެއްގެ ކުންނާރެއްތޯ އެހުމުން އެކަކު ބުނީ ހުތް ކުންނާރެވެ. އަނެކަކު ބުނީ ފޮނި ކުންނާރު ކަމަށެވެ.

އެމީހާ: މިހާރުވެސް މިއޮތީ އެއްވަރުވެފައެއްނު. ދެންވެސް އަރައިރުން ނުވައްޗޭ.

އެހެންބުނުމުން ދެ ކުންނާރުވެސް ދެން އެގޮތަށް އަރައިރުން ނުވާން އެއްބަސްވެއްޖެއެވެ. ހަސަން އާއި ހުސައިން ވެސް ދެކުންނާރު ދޮވެގެން ކާލިއެވެ. ދެކުދިންނަށްވެސް ދެވައްތަރު މީރުވިއެވެ.

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް