ފޭސްބުކްގެ 'މުޖާސް އާޓް ބޮކްސް' ޕޭޖުގައި ކުޑަކުދިންނަށް ފަސޭހައިން އުގަންނައި ދިނުމަށް ބޭނުންކުރާނެ ތަފާތު ސާމާނުތަކެއް ފެންނަން އެބަހުއްޓެވެ. މީގެތެރޭގައި އަރަބިކް، ހިސާބު، ދިވެހި އަދި އިނގިރޭސި އަކުރުތަކުގެ އިތުރުން، 'ޝޭޕްސް ބޯޑު' ފަދަ ތަފާތު ވައްތަރުތަކުގެ ބޯޑުތައް ލިބެން އެބަހުއްޓެވެ.
މި މަސައްކަތުގެ ފަހަތުގައި ހުރީ ކ. ދިއްފުއްޓަށް އުފަން އުމުރުން 32 އަހަރުގެ މުހައްމަދު މުޖާޒު އެވެ. ސްކޫލް ދުވަސްވަރުގައިވެސް އާޓް އަށް ލޯބިކުރި އަދި އެހުނަރުން ފުރިފައިވާ މިޒުވާނާ މިއަދު ދަނީ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ތަފާތު އުފެއްދުންތައް އުފައްދަމުންނެވެ.
ޒީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މުޖާޒު ވަނީ އެންމެފުރަތަމަ މިމަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތްވެސް ކިޔައިދީފައެވެ. މިގޮތުން އޭނާގެ ބައްޕައަކީ ވަރަށް ކުރިންފެށިގެން ލަކުޑިން ކުޑަ ދޯނިތައް ބަނދެއުޅުނު މީހެއް ކަމަށް ފާހަގަކުރިއެވެ.
" ސްކޫލް ނިންމާފައި ފުރަތަމަ ދިޔައީ މަހަށް. ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށުނުފަހުން ލަކުޑިން ތަފާތު އެއްޗެހި ތައްޔާރުކުރުމުގެ މަސައްކަތަށް އެކީގައި ވަގުތު މިހުސްކުރީ. ކުޑައިރުވެސް ބައްޕަ ލަކުޑީގެ މަސައްކަތްކުރާއިރު އެއްޗެހި އޮމާންކޮށްދީ ހަދަން. އެހެންވެ ވަރަށް ކުރާހިތްވާ މަސައްކަތެއް މިއީ" މުޖާޒު ބުންޏެވެ.
މުޖާޒު ފާހަގަކުރިގޮތުގައި ރަސްމީކޮށް ފޭސްބުކް ޕޭޖުގެ މަސައްކަތް ފެށުނީ ގެސްޓް ހައުސްއެއްގެ ނަމުގެ އިތުރަށް ލަކުޑިއާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަން ލިބުނު ހިސާބުންނެވެ.
" ރަށުގައި ހުޅުވި ވަރަށްބޮޑު ގެސްޓްހައުސްއެއް. އެގެސްޓްހައުސްގެ ނަންބޯޑުގެ އިތުރުން ކޮޓަރިތަކުގެ ނަންބަރުތަކާއި ރެސްޓޯރެންޓުގެ ނަންތަކުގެ އިތުރުން ގިނަ އަދަދެއްގެ ކުޑަ ދޯނިތަކެއްގެ މަސައްކަތް ކުރަން ލިބި އެމަސައްކަތް ހިތްހަމަޖެހޭ ފެންވަރަށް ނިންމާލެވުމުން އެނގިއްޖެ މިއީވެސް ކުރިއަށްދެވޭނެ ދާއިރާއެއްކަން"
އެހާހިސާބުން މުޖާޒު ނިންމީ މަސައްކަތް އިތުރަށް ފުޅާކުރުމަށެވެ. މިގޮތުން ކުރިން ކަރަންޓް ބުރުމާއަކާއި ކޮށާވަޅިއެއްގެ އިތުރުން ކަރަންޓް ކީހެއްގެ އެހީގައި ކުރި މަސައްކަތް ވަނީ ސީއެންސީ މެޝިނެއް ގަނެ މަސައްކަތް އިތުރަށް ފުޅާކޮށް ޒަމާނީކޮށްފައެވެ.
" އެއީ ކޮމްޕިއުޓާއިން ބޭނުންކުރާ ސީއެންސީ މެޝިނެއް. ލަކުޑިން ބޭނުންވާ ޑިޒައިންތަކަށް ފަސޭހައިން ކަފާލެވޭނެ އެމެޝިނުން. އެއްފަހަރާ ހަތަރު ބޯޑު ކަފާލެވޭ ވަރުގެ މެޝިނެއް. ފުރަތަމަ މެޝިން ގެނެސްގެން ވަރަށް ހާލެއްގައި އުޅުނީ ކުޅެން ނޭނގޭތީ. ކޮއްކޮއާއި ދެމީހުން އިންޓަނެޓް އިން ބަލައިގެން ވަރަށް އުދަގުލުން މެޝިން އިންސްޓޯލް ކުރެވުނީ. މިހާރު ވަރަށްފަސޭހަ މަސައްކަތްކުރަން" މުޖާޒު ހިތްހަމަޖެހުމާއި އެކު ފާހަގަކުރިއެވެ.
މިމަސައްކަތަށް ބޭނުންވާ ލަކުޑި ގަންނަނީ މާލެއިންނެވެ. އަދި ދިއްފުށިންވެސް ކޮންމެވެސް ވަރަކަށް ލަކުޑި ލިބޭކަމަށް ފާހަގަކުރިއެވެ. ކޮވިޑްގެ މިހާލަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތި ޑެލިވަރީ ކުރުމަށް އިތުރު ވަގުތުހޭދަވެ ބޭނުންވާ ސާމާނު ވަގުތުން ވަގުތަށް ގަންނަން ލިބުމުގެ ދަތިކަމެވެ.
މުޖާޒުގެ ހުނަރު ދައްކުވައިދޭ ވީޑިއޯއެއް
އޮންލައިންކޮށް އޯޑަރު ނަގަމުންދާއިރު މުޖާޒުގެ އުފެއްދުންތައް ގަންނަން ބޭނުންވާ މީހުންނަށް ޑެލިވަރީކުރަނީ މާލެއަށް ފޮނުވައިގެންނާއި މާލެއަށް އަންނަ ބޯޓުތަކަށް ޑެލިވަރީކޮށްގެންނެވެ.
" ކޮވިޑްގެ ކުރިން ވިޔަފާރި ވަރަށް ރަނގަޅު. އެއިރު ވަރަށްގިނައިން ފަތުރުވެރިން އަންނާތީ ފަތުރުވެރިންނަށް ޚާއްސަ އުފެއްދުންތައް ވެސް ދިޔައީ ވިއްކަމުން. މިމަސައްކަތް އިތުރަށް ފުޅާކުރުމަށް މިހާރުވަނީ ރަށުން ބިމެއްވެސް ލިބިފައި. ކޮވިޑްގެ ހާލަތު ނިމުމުން އެބިމުގައި މަސައްކަތް ކުރިއަށްގެންދަން މިވިސްނަނީ"
ކުޑަކުދިންގެ އެޑިޔުކޭޝަނަލް ޓޯއީސްގެ ގޮތުގައި ކުރިއަށް އޮތްތާގައިވެސް ތަފާތު އެއްޗިހިތައް ބާޒާރަށް ނެރުމަށް މުޖާޒު ދަނީ މަސައްކަތް ކުރަމުންނެނެވެ. މުޖާޒުގެ އުފެއްދުންތައް ބޭނުންކޮށްގެން ދިވެހި އަރަބި އަދި ހިސާބާއި އިނގިރޭސިވެސް ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.
މިމަސައްކަތުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެނީ މަންމަ އާއި ބައްޕަ ކަން ފާހަގަކުރަމުން މުޖާޒު ވަނީ ބައްޕަގެ ނަސޭހަތުގެ ބަހެއް ހިއްސާކޮށްފައެވެ.
" ބައްޕަ ބުނާނެ، ނުވާނޭ ނުބުނައްޗޭ އެއްވެސް ކަމެއް. އެހެންވެ ޒުވާނުންނަށްވެސް ބުނަން ބޭނުން އުފެއްދުންތެރި ހިޔާލެއް ގެނެސްގެން ކާމިޔާބު ހޯދުމަށް މަސައްކަތް ކުރިއަށްގެންދާށޭ"
'މުޖާސް އާޓް ބޮކްސް'ގެ ފަހަތުގައި ފޮރުވިފައިވާ ހުނަރުވެރިއަކީ މުޖާޒު ކަމުގައިވިއަސް މަސައްކަތް ކުރަނީ ޓީމެއްގެ އެހީތެރިކަމާއިއެކުގައެވެ. މިގޮތުން އަންހެނުންގެ ހިޔާލާއި އެއްގޮތަށް ކިޔެވުމާއި ގުޅޭ ތަފާތު ސާމާނު އުފައްދަމުންދާއިރު، ފޮޓޯ ނެގުމާއި ސޯޝަލް މީޑިއާ ބެލެހެއްޓުމުގައި އެހީތެރިވެދެނީ ދެ ކޮއްކޮއެވެ. އަދި އުފައްދާތަކެތި މާކެޓްކުރުމަށް އެހީތެރިވެދިނުމަށް ޚާއްސަ މީހަކު ހުންނައިރު މިހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.