September 20, 2024 08:53
Advertisement

-Advertisement-

އަލީ ރަޝީދު (ގޮޅާ އައްޔަ)

އައްޔަ ދާއިރާގައި 30 އަހަރު، އިންޑިއާ އަދި ލަންކާ ފިލްމުތައް ކެމެރާ ކުރި

ފިލްމެއް ނުވަތަ ލަވައެއްގެ ހިތްގައިމުކަން ގުޅިފައިވާ އެއް ކަމަކީ އޭގެ ކެމެރާ ކުރުމުގެ ވައްޓަފާޅިއެވެ. ސިނަމޮޓޮގްރަފީ އާއި އެޑިޓިން އަދި ޑައިރެކްޝަންގެ މޮޅުކަމުން ބެލުންތެރިން އޭގެ ޖާދޫގައި ޖައްސައެވެ. މި ފަހަރު ޒީޓައިމްސް ހުނަރު ކެޓަގަރީ މި ޚާއްސަކޮށްލަނީ އެފަންނުގައި 30 އަހަރު ހޭދަކޮށްފައިވާ ކުޅަދާނަ ސިނަމޮޓޮގްރާފަރ، ވީޑިއޯ އެޑިޓަރ އަދި ޑައިރެކްޓަރ އަލީ ރަޝީދު (ގޮޅާ އައްޔަ) އަށެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ އިތުރުން އައްޔަ ވަނީ އިންޑިއާގައި ހިންދީ ފިލްމަކާއި ލަންކާގައި ތިން ސިންހަޅަ ފިލްމުވެސް ކެމެރާ ކޮށްފައެވެ.

ކެމެރާމަނަކަށް ވެވުނީ ކިހިނެތް؟ 

މާލެތެރޭގައި ޓީވީ މޯލްޑިވްސްގެ ކެމެރާ ކުރޫ ޝޫޓިންތަކަށް ނިކުމެ އުޅޭއިރު އައްޔަގެ ހަގު އުމުރުގައިވެސް އެ މަންޒަރުތައް ބަލަން ހުންނަ ކަމަށް އޭނާ ކިޔައިދިނެވެ. "ކެމެރާމަނުން އުޅޭގޮތް ބަލާ އެ މީހުން ކައިރިން އަހަން ކިހިނެތްތޯ ޓީވީމޯލްޑިވްސް އަށް ކެމެރާކުރަން ވަދެވޭނީ. ޓީވީ މޯލްޑިވްސްއިން ވަޒީފާ ލިބުނީ 1991 ގައި ޓެކްނިކަލް އެސިސްޓެންޓަކަށް. ކެމެރާމަނުންނަށް އަތްގާތް ކޮށްލަދިނުން އޭރު އޮންނާނީ. ދެމަހެއްގެ ތެރޭގައި ކެމެރާމަނަކަށް ބަދަލުކޮށްދީފި" އައްޔަ ބުންޏެވެ.

Advertisement


އައްޔަގެ ދެކެމުން އައި ހުވަފެނުގައި ކުލަޖައްސައިދީ އެންމެބޮޑު އެހީތެރިކަމެއް ޓީވީމޯލްޑިވްސްއިން ވެދިނީ ހުސެއިން އާދިލް އެވެ. "އޭރު ޓީވީއެމުން އުފެއްދި މަޝްހޫރު 'މަހޭނެތިދާނޭ' ފަދަ ލަވަތައް އުފެއްދި އާދިލް ފުރަތަމަ ކެމެރާ ދަސްކޮށްދިނީ" އައްޔަ ބުނާ ގޮތުން އޭނާ ކެމެރާމަނަކަށް ހަދައިދީ ހިތްވަރުދީ މަސައްކަތުގެ މާހައުލަށް ނެރެދިނީ އާދިލް އެވެ. އޭގެ ފަހުން ފިލްމު އިންޑަސްޓްރީގެ ތެރެއިން އައްޔައަށް ފުރުސަތުތައް ލިބެން ފެށިއެވެ. "ޓީވީ މޯލްޑިވްސްގައި އުޅެމުން ލިބޭ ހުސްވަގުތުތަކުގައި ދިވެހި ފިލްމު 'ވަރި' ގައި ލައިޓިން ހަދައިދިނިން. ހަތަރު އަހަރު ޓީވީގައި މަސައްކަތް ކޮށްފަ 1994 ގައި ފަރިވާ ފިލްމްސް އާއި ގުޅިގެން ފިލްމު 'ޔަތީމް' ކެމެރާ ކުރިން" މިއީ އައްޔަގެ ފުރަތަމަ ފިލްމީ މަސައްކަތްތަކެވެ. ފުރަތަމަ ފިލްމެއް ކެމެރާ ކުރަން ފުރުސަތު ހޯދައިދީ އެކަންވާނެ ކަމަށް ބުނެ އެދުވަހުވެސް ހިތްވަރު ދިނީ މިއަދުވެސް ކަންކަމުގައި ހިތްވަރުދެއްވާ އައްޔައާއި ގާތްގުޅުމެއް ބާއްވާ މަހުމާ ހުސައިން އެވެ.


އޭގެ ފަހުން އިމޭޖް ވިލެޖްގައި 'ހިނިތުން' ކިޔާ ފިލްމެއްގެ ކެމެރާ ކޮށްފައިވެއެވެ. އަދި މޯޝަން ޕިކްޗާސްގެ 'ހިތް ހަލާކު'، 'އަންބެއްގެ ލޯބި ފިރިއެއްގެ ވާޖިބު' ފަދަ ފިލްމުތައް ކެމެރާ ކޮށްދީފައިވަނީ އައްޔައެވެ. ފިލްމުގެ އިތުރުން ރާއްޖޭގެ އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި ވީޑީއޯ ލަވަ އަލްބަމްތައް ވައިގައި ހިފައިގެން ދިޔަ ދުވަސްވަރު ކޮރޯނާ އާޓްސްގެ ފަރާތުން އުފެއްދި ބައެއް ލަވަ އަލްބަމްތަކުގެ މަސައްކަތްތަކުގައިވެސް އައްޔަގެ ރޯލު ފާހަގަ ކުރެވެއެވެ.
މިދާއިރާގައި ހޭދަވި 30 އަހަރުގެ ތެރޭގައި 10 ވަރަކަށް ސްޓޫޑިއޯގައި ހަރަކާތްތެރިވެވިއްޖެ ކަމަށް ބުންޏެވެ. އައްޔައަކީ ހަމައެކަނި ކެމެރާމަނެއްގެ އިތުރުން ޓީވީ ޗެނަލްތަކުގައި މިހާރު މަސައްކަތް ކުރާ ޒުވާން ނޫސްވެރިންނާ ކެމެރާމަނުން ތަމްރީނު ކޮށްފައިވާ އެދުރެއްވެސް މެއެވެ.
ކެމެރާ އޭންގަލްތަކާއި ކެމެރާގެ އުކުޅުތައް ބުނެދިނުމުގެ އިތުރުން ވީޑިއޯ އެޑިޓިންވެސް އައްޔަގެ ދަރިވަރުންނަށް އޭނާ އަންނަނީ އުގަންނައިދެމުންނެވެ. 2008ވަނަ އަހަރު ރާއްޖޭގައި އުފެދުނު ފުރަތަމަ އަމިއްލަ ޓީވީ ޗެނަލް 'ދިޓީވީ' ގައި އެދުރެއްގެ ރޯލު އަދާކުރި އައްޔަ ވަނީ 'ގޯޕްލަސް' ގައިވެސް މި ދާއިރާއަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްދީފައެވެ. އަދި މިހާރު އަލަށް ފަށާ ޓީވީޗެނަލް 'ނެކްސްޓް ޓީވީ" ގައިވެސް އައްޔަ އަންނަނީ އޭނާއަށް ދަސްވެފައި ހުރި އިލްމާއި ހުނަރުގެ އަލީގައި ޓީވީ ޕްރްޑަކްޝަން ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.


އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތް
އައްޔަގެ ދާއިރާއިން، ހިދުމަތުގެ ދިގު މާޒީގައި ކުރެވުނު ހުރިހާ މަސައްކަތާއިމެދުވެސް އޭނާ ހިތްހަމަޖެހެއެވެ. ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ފިލްމު 'އެދަތުރު' އެވެ. "އެއީ ޔޫއްޕެއަށްވެސް ކެމެރާމަނެއްގެ އެހީ ވަރަށް ބޭނުންވެފަ ހުރި ދަނޑިވަޅެއްގައި އަޅުގަނޑަށް މަސައްކަތް ކޮށްދެވުނު ފިލްމެއް. ޑައިރެކްޝަންގައި ކެމެރާ އޭންގަލްތައް ކިޔައިދީ ޔޫއްޕެއަށްވެސް ވަރަށް އެހީތެރިވެދެވުނު ފިލްމެއް އެއީ. ބިރުވެރި ފިލްމަކަށްވެފަ ގާތްގަނޑަކަށް މުޅި އެތި އަތުގައި ނަގާފަ އޮތް ފިލްމަކާއި ބަލާފަ ވަރަށް ހިތްހަމަޖެހޭ އެ ފިލްމުގެ މަސައްކަތްތާއި ދޭތެރޭގައި އަދިވެސް ހަމަ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ" އައްޔަ ބުންޏެވެ.

އެންމެ ހަނދާންވާ ޝޫޓިން
'އެންމެ ފަހު ދުވަސް' ކިޔާ ފިލްމެއްގައި އިރުއޮއްސޭ މަންޒަރެއް ނަގަން ބ. އޭދަފުށީ ގޮނޑުދޮށުގައި ނެގި މަންޒަރެކެވެ. ކެރޭން ކޮޅުގައި އައްޔަ ހުއްޓާ ރާޅެއް އައިސް ވެލިގަނޑު ކަހާލައިގެން ކެރޭނުވެސް ކައްސާލީއެވެ. އަދި ކަހާލައިގެން ގޮސް ކެމެރާ ވެއްޓުނެވެ. ދެން މީހާ ސަލާމަތްވާން މޫދަށް ފުންމާލަން ޖެހުނު ވަގުތު އައްޔަ ފުންމާލީ މޫދަށެވެ. ކެމެރާ ސަލާމަތްވެ އައްޔަވެސް ސަލާމަތްވި މި ހާދިސާ އަދިވެސް ވަރަށް ހަނދާން ހުންނަކަމަށް އޭނާ ބުންޏެވެ.

ކެމެރާމަނެއްގެ އިތުރުން އައްޔަވަނީ ޑައިރެކްޝަންގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ޑްރާމާ ސީރީޒް 'ޝަކުވާ އަކާ ނުލާ'ގެ 13 އެޕިސޯޑް އޭނާ ޑައިރެކްޓް ކޮށްފައިވެއެވެ. އަދި ގިނަ ލަވަތަކެއް ޑައިރެކްޓްކޮށްފައިވެއެވެ. މިއާއެކު އެ ލަވަތަކުން އާ މޫނުތައް ތައާރަފް ކުރުމަކީވެސް އައްޔަ ވަރަށް ފޯރީގައި ކުރި ކަމެވެ. "ބައިވަރު ސްޓާރުން މިދާއިރާއަށް ތައާރަފްކޮށްދީފަ ހުންނާނެ. މިސާލަކަށް އާމިރާމެން އަފީމެން އެއީ ހަމަ ސީދާ އަޅުގަނޑު މި ދާއިރާއަށް ނެރެދިން ކުދިން".

އައްޔަ ޝޫޓިންއެއްގައި ރާއްޖެއިން ބޭރުގައި

ހިންދީ ފިލްމާ ލަންކާ ފިލްމުތައް ކެމެރާކުރުން: ސަޅި ތަޖުރިބާއެއް

"ސްޓޫޑިއޯތައް މަޑުމަޑުން ނެތެމުން ދިޔައީމަ 13 އަހަރުގެ ބްރޭކަކަށް ލަންކާއަށް ދިޔައީ. ލަންކާގައި ހުރެފަ އިންޑިއާއަށްވެސް ދިޔައިން ހިންދީ ފިލްމެއްގެ މަސައްކަތް ކުރަން. އޭ ގްރޭޑް ފިލްމެއް ނޫނަސް އެއީ ރަނގަޅު ތަޖުރިބާއެއް. ލަންކާގައި ތިން ފިލްމެއްގެ މަސައްކަތް ކުރިން. އެމީހުންގެ ޝޫޓިންތަކުގައި ޔުނިޓް ވަރަށް ބޮޑު. މާ އޮގަނައިޒިން. ޓީމް ވޯކް ވަރަށް ސަޅި. އަސްލު މި ދާއިރާއިން އަޅުގަނޑަށް ބައްޕަ އަކީ މަހުމާ ހުސެއިން. ހިންދީ ފިލްމު ކެމެރާ ކުރަން ފުރުސަތު ހޯދައިދިނީވެސް އޭނާ" އައްޔަގެ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދިނެވެ.
އައްޔަ ބުނީ އޭނާގެ ކުރިއެރުމުގައި ޝުކުރު ހައްޤު ފަރާތަކީވެސް އާދިލްގެ އިތުރުން، "ވީޑިއޯ އެޑިޓްކުރަން ދަސްކޮށްދީ، ވާނެއޭ ކިޔާ ހިތްވަރުދީ ރާއްޖޭން ބޭރުންވެސް ކެމެރާ ކުރަން ފުރުސަތުތައް ހޯދައިދިން މަހުމާ ހުސެއިނަށް. އަދި އަޅުގަނޑުގެ އަންހެނުން ރީނާޒާ އަށް" ކަމަށެވެ.
އައްޔަ ކުރިއަށްދިއުމުގެ އެންމެބޮޑު ހިތްވަރަކީ ވާހަކަ ލިޔުންތެރިޔާ/ސްކްރީން ރައިޓަރ އައިމިނަތު ރީނާޒާކަން ފާހަގަކޮށް އައްޔަ ބުނީ ދަރިން ކުޑައިރުވެސް ރަށުން ބޭރުގައި އޮންނަ ޝޫޓިންތަކަށް ބައެއް ފަހަރު ދެމަސްދުވަސް ވިޔަސް އެއްވެސް ޝަކުވާއެއް ނެތި ފޮނުވާނެ ކަމަށެވެ. އަދި އައްޔައަށް ފުރުސަތުތައް ހޯދައިދޭން ރީނާޒާ މަސައްކަތް ކުރާކަން އައްޔަގެ ވާހަކައިން ފާހަގަ ކުރެވެއެވެ.
އައްޔަމެންގެ 3 ދަރިންގެ ޝައުގުވެރިކަން މިދާއިރާއަށް ނެތްނަމަވެސް އެދެމަފިރިންނަކީ ޕްރޮޑަކްޝަންގެ ތެރެއަށް ހިތްދޫވެފައިވާ ޖޯޑެކެވެ. އައްޔަ މިފަހުން ކެމެރާ ކުރި ފިލްމުތަކުގެ ތެރޭގައި 'ހުވާކޮށްފައި ބުނަން' ފާހަގަ ކޮށްލެވެއެވެ.

އައްޔަ އެޑިޓިންގ މަސައްކަތުގައި

"ވައިފް އަކީ ރައިޓާއެއްވީމަ އޭނާގެވެސް ހުރޭ ހިޔާލުތައް ކަންތައްތައް ކުރުމުގެ. ހިއްސާ ކުރާނެ، ވަރަށް ގުޅިގެން މަސައްކަތް ކުރަނީ. ވައިފް ބޭނުންވޭ މި ކަމުގެ ތެރޭގައި އުޅެން. އެޑިޓްކުރަން ދަސްކުރަންވެސް އޭނާ ބޭނުންވޭ."

އައްޔަ އަންހެނުންނާއި އެކު

އިންޑަސްޓްރީގެ ކުރިމަގާމެދު ދެކެނީ ކިހިނެތް؟
އައްޔަގެ ކެމެރާ ކުރުމާއި ޑައިރެކްޓް ކުރުމާއި އެޑިޓިންގެ އަގު ވަޒަންކޮށް މޯލްޑިވްސް ރިފޯމް ނަމަކަށް ކިޔާ ކުންފުންޏަކުން ދީފައިވާ ހަނދާނީ ޝީލްޑެއް އައްޔައަށް ލިބިފައި އެބަހުއްޓެވެ. 30 އަހަރުވީ އިރު އައްޔަގެ މަސައްކަތް ބަލައިގެން ބަޔަކީ ބެލުންތެރިން ކަމަށް އޭނާ ގަބޫލުކުރެެވެ.
ފިލްމު އިންޑަސްޓްރީ ކުރިއަރުވަން އެކަށީގެންވާ މަސައްކަތް ކުރޭތޯ އަހާލުމުން އައްޔަ ބުނީ "ހަގީގަތުގައި ފިލްމު އެސޯސިއޭޝަން ނުވެސް ނެތް. މިހާރު އާންމު އިންތިހާބުގެ ޖަލްސާއެއް ނުބާއްވާ. ދައުރުހަމަވެގެން ދިޔައިރު ވެރިއަކު ލާފައެއް ނެތް. ހަމަ ދާއިރާގައި މީހުން ހަލާކުވެގެން ދަނީ މިއޮތް. ބޮޑު ޕެންޑަމިކްގެ ތެރޭގައި ސަރުކާރަކުން މިދާއިރާއަކަށް ކަމެއް ކޮށްދީފައެއް ނެތް. ނުވިތާކަށް މިދާއިރާގެ މީހުންނަކަށް ނެތް މަސައްކަތެއް ކުރެވޭކަށެއް. އެހެންވީމަ އެންސީއޭ އާއި ޔޫތު މިނިސްޓްރީން ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައި އޮތް ކަމެއް ނޯންނާނެ މި ޕެންޑަމިކް ތެރޭގައި" އައްޔަ ބުންޏެވެ.
އައްޔަ ގަބޫލު ކުރާގޮތުގައި ފިލްމީ ކޮމިއުނިޓީ ތެރޭގައި މި ވާހަކަ ދެކެވިގެން ކުރިއެރުމެއް ނުލިބޭނެއެވެ. ސަބަބަކީ ފިލްމު އުފައްދާ ކުންފުނިތައް މިހާރު އޮތީ ބައިބައިވެފައެވެ. ކުރީގައި އޮތް އެކުވެރިކަމެއް ނެތެވެ.
މިހާރު އަރަމުން އަންނަ ކުދިންނަށް ބުނެލާނީ "ޔަންގް ކުދިން ވަރަށް ޓެލެންޓެޑް. ގަޑިއަކީ ވަރަށް މުހިންމު އެއްޗެއް. އެކަން ކުރަން ތިބޭ މީހުންވެސް އޭނާގެ މުހިންމުކަން އެނގޭތީ ކަންނޭނެ ގަޑިއަށް ނުބަލަނީ. ކުރީގައި ވިއްޔާ ގަޑިއަށް އަންނާނެ. މިހާރު ކުދިން ރަނގަޅު ކުރަންޖެހޭ ކަމެއް މީ" އައްޔަ ބުންޏެވެ.


+1
0
+1
4
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް