November 23, 2024 05:48
Advertisement

-Advertisement-

ހާދިސާ: 'ފުރޭތަ އޮޑަގައްލާ' އަމާން ރަށަކަށް ބަދަލުވިގޮތް

މާދުރުން ފެންނަން ފެށީ އުޅަދެކެވެ. ފައްސިޔަ ވައިގައި ދަތުރު ކުރަމުން އަންނަ އޮޑިއެކެވެ. ހީވަނީ ކޮންމެވެސް މަންޒިލެއް ހޯދުމަށް ދަތުރުކުރާ އޮޑިއެއްހެންނެވެ. ފެންނަފެނުމުގައި ހީވަނީ މީ ފުވައްމުލަކު އޮޑިއެއްހެންނެވެ. ނޭނގި ނަމަވެސް އެދޯނި މިއަންނަނީ 'ފުރޭތަ އޮޑަގައްލާ' އާ ދިމާއަށެވެ. އެއިރު އެއަތޮޅު 'ހަޑަހާފަރު' ކައިރީގައި އެންދަމަން ކުޑަދޯންޏެއް އޮތެވެ. މިއީ ނިލަންދޫ ދޯންޏެކެވެ. މިދޯނީގެ މީހުންވެސް މިއަންނަ ދޯނި ދެކެފިއެވެ. މަޑުމަޑުން މި ކުޑަދޯނިވެސް މުލަކު އޮޑިއާއި ދިމާލަށް ދުއްވަން ފެށިއެވެ. ފުވައްމުލަކު ދޯނި 'އޮޑަގައްލާ'ގެ ނެރުން ވަންނަނީއެވެ. ނިލަންދޫ ދޯނިވެސް ހަމަ އެނެރަށް ދިމާކުރަނީ އެވެ.

ނިލަންދޫ ދޯނީގެ މީހުން ތިބީ ވަރަށް ބިރުންނެވެ. ސަބަބަކީ 'އޮޑަގައްލާ' އަކީ ވަރަށް ނާމާން އަދި އެހާމެ ބިރުވެރި ރަށެއްކަމަށް މުޅި އަތޮޅުތެރޭ މަޝްހޫރު ވެފައި އޮންނާތީ އެވެ. ނަމަވެސް ދެއޮޑީގައި މީހުން ތިބީމާ ބިރުން ތިބެވެސް ވަދެލާހިތްވީއެވެ. އެ ދެދޯނި އެކުއެކުގައިހެން 'އޮޑަގައްލާ'ގައި ބަދަރު ކުރީއެވެ. ދިވެހިންނަކީ އެއްބަޔަކު އަނެއްބަޔަކަށް ވަރަށް އެހީތެރިވާ ބަޔަކަށްވުމުން ދެ ދޯނީގެ މީހުން ވާހަކަ ދައްކާ ރައްޓެހިވެއްޖެއެވެ.

މުލަކު ދޯނިން ގެނައި ނާރުއްޕަލިދާއި އާރޮސް ނިލަންދޫ ދޯނީގެ މީހުންނަށް ދީ އަދި ނިލަންދޫ ދޯނީން އެމީހުންނަށް ފަރުމަސްދީ ވަރަށް ގުޅުންބަދަހިވެއްޖެއެވެ. ދެ ދޯނީގެ މީހުންގެ މެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭގައި 'އޮޑަގައްލާ' އަކީ ވަރަށް ނާމާން ބިރުވެރި ރަށެއްކަން މުލަކު ދޯނި މީހުންނަށް އެގިއްޖެއެވެ. މުލަކު ދޯނީގެ އިސްމީހަކީ މުޅި ފުވައްމުލަކަށް މަޝްހޫރު 'ދޮންދައިތާގެ ކަލޯ' އެވެ. މީނައަކީ ވަރަށް މޮޅު ފަންޑިތަވެރިއެކެވެ. އިނގިލި ދިއްކޮށް މީހުން މަރާމީހެއްކަމަށް މީހުންގެ ތެރޭ އަޑުއަރާފަވާ މީހެކެވެ.

Advertisement

މި ކަލޯ ރަށަށް ފޭބިތަނުން ރަށުތެރެއިން ބުޅަލެއްގޮވާ އަޑު މިކަލޯ އަހައިފި އެވެ. ކަލޯ ފޭބީ ވެލައެއް އަރާފަ ހުރިތޯބެލުމަށެވެ. އެ ވަގުތު ދެވަނަ މީހަކުވެސް ދޯނިން ފައިބައިފިއެވެ. މިމީހާވެސް ކަލޯގެ ކައިރިއަށް ދިއުމާއެކު ބުޅާ ގޮވާ އަޑު އިވި މީނާ ހުރީ ވަރަށް ބިރުންނެވެ. ކަލޯބޭ މިއިވެނީ ކޮންއަޑެއްތަ؟ މީހުން ނޫޅޭ ރަށެއްގައި އޮންނާނީ ކޮން ބުޅަލެއްތަ؟ މިމީހާ ބިރުންހުރެ ސުވާލުކުރުމުން ކަލޯބެ ބުންޏެވެ. "ބިރުނުގަނެ އާދޭ، ތިއީ އެއްވެސް ކަމެއްނޫން".

އެއިރު ކަލޯބޭގެ ގަމީހުގެ ޖީބުގައި ޔާސީން ސޫރަތް ލިޔެފައިވާ ކުޑަ ފޮތެއް އޮތެވެ. ކަލޯބޭ ކިޔަވަންފެށީ ޔާސީން ސޫރަތެވެ. މިހާރު މުޅި ރަށުތެރެއިންވެސް އިވެމުންދިޔައީ ބުޅާ ގޮވާއަޑެވެ. ދޯނީގެ ތިބިމީހުންނަށް ވެސް އެއަޑުއިވެމުން ދިޔައެވެ. އެމީހުން ވަރަށް ބިރުންތިބެ ޤުރުއާނުގެ އެކި އާޔަތް ކިޔަވަމުން ދިޔައެވެ.

އެއްގަމުގައި ތިބި ދެމީހުންގެ ތެރެއިން ކަލޯބެ ކުރިކަމަކީ ރަށް ވަށައި އަނެއް އަޅާލާފާ ރަށުތެރެއިން ފެނުނު ބާލިދީއެއް ވައްތަރުގެ އެއްޗަކަށް ލޮނު އަޅައިގެން އެ ކިޔެވިއެއްޗެއް ކިޔަވާފަ މުޅިރަށަށް ލޮނު ޖަހަންފެށުމުން މަޑުމަޑުން ބުޅަލުގެ އަޑު މަޑުވަމުންގޮސް އެއްކޮށް އަޑުކެޑިއްޖެއެވެ. ނަމަވެސް އަދި ރަށުތެރެ އަމާންވީ ކަމެއް ކަލޯބެ އަކަށް ޔަޤީނެއްނޫނެވެ.   

ކަލޯބެ ރަށަށް ފޭބި ބޭނުން ފުދޭތޯ މުޅިރަށް ވަށައި ހިނގިހިނގުމުން ފެނުނީ އެންމެ ވެލައެކެވެ. އެ ނަގައިގެން އަންނަނިކޮށް އަނެއްކާވެސް ގޮޑުދޮށުން ވަރަށް ބިރުވެރި ފުރޭތައަކާއި ދިމާވެގެން ކުރިޔަށްނުދެވުނީމަ ކަލޯބެ ކުރިކަމަކީ އޭނަގެ އަސްލު ފެންވަރު ދައްކާލިއެވެ. މިގޮތުން ކިޔަވަމުން ކިޔަވަމުން ގޮސް އެ ފުރޭތައާއި ދިމާލަށް އިނގިލި ދިއްކުރުމުން ފުރޭތަ މަރުވެއްޖެ އެވެ. ފުރޭތަ މަރުވީ ވަރަށް ބާރު އަޑެއް އިވުމަށްފަހު ކުއްލިއަކަށް އަލިފާނަށް ބަދަލުވުމަށްފަހުގަ އެވެ. މިހާރު 'ފުރޭތަ އޮޑަގައްލާ' ނަމުން މަޝްހޫރުވެފައިވާ 'އޮޑަގައްލާ' އަކީ ވަރަށް އަމާން ފަޅުރަށެކެވެ. ކަލޯބޭ ގެ މޮޅުކަމުން މުޅިރަށް އެކީ އަމާންވީއެވެ.

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. ހަޤީޤީ ހާދިސާ އެއް ކަމުގައި ބުނެފައިވާ މި ވާހަކައިގެ އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައިވާނެއެވެ.

+1
6
+1
7
+1
13
+1
64
+1
16
+1
1
+1
4

Advertisement

ގުޅުންހުރި ލިޔުންތައް