November 21, 2024 20:57
Advertisement

-Advertisement-

ޢަޠްފާން

ނުވާނެ ކަމަށް ބުނެ އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާ – ޢަޠްފާން

ޢަލީ ޢަޠްފާން އާމިރު މިއީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަންނަ އަދި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާން ޢަޠްފާން އަށް ދަސްވިގޮތް ވަނީ ޒީޓައިމްސް އާއި ހިއްސާކޮށްފައެވެ.

ދިރިއުޅުމުގައި ދިމާވި ގޮންޖެހުން

ޖަމާލުއްދީން ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން 3 އާއި ހަމައަށް ތަޢުލީމް ހާސިލްކުރުމަށްފަހު ސްކޫލު ބަދަލުވުން ވެގެންދިޔައީ ޢަޠްފާން އަށް ކުރިމަތިވި ގޮންޖެހުމަކަށެވެ. މިގޮތުން ގްރޭޑު 4 އިން ފެށިގެން ކިޔަވަންފެށީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައެވެ.

Advertisement

" ޖަމާލުއްދީން ސްކޫލުގައި ވަރަށްމޮޅު ކުއްޖެއްގެ ގޮތުގައި އުޅެފައި ސްކޫލު ބަދަލުކުރީ. އާ މާހައުލަކަށް ހޭނުމަށް ދުވަސްތަކެއް ހޭދަވި" ޢަޠްފާންގެ މަންމަ އާއިޝަތު މިޒްނާ މައުލޫމާތުދިނެވެ.

އިތުރަށް މައުލޫމާތުދެމުން ޢަޠްފާން ބުނެފައިވަނީ ދިމާވި ކަންތައްތަކާއި ކުރިމަތިލާން ދަސްވީ އުގެއިލް ފައުންޑޭޝަނުން ހިންގާ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމުން ކަމުގައެވެ. މިގޮތުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ހިތްވަރު ދެރަނުކޮށް ކުރިއަށްދާން ދަސްވިކަމަށް ފާހަގަކުރިއެވެ.

ޢަޠްފާން ޖަމާލުއްދީން ސްކޫލުގައި އުޅުނުއިރު ނަގައިފައިވާ ފޮޓޯއެއް

" މިސާލަކަށް ސްކޫލް ބަދަލުވީމަ ވަރަށް ދެރަވި. ޕްރޮގްރާމްގައި ކިޔަވައިދެއްވާ ޕްރޮފެސަރ ޑރ. ހަސަން އުގެއިލްގެ ދިރިއުޅުއްވުމުގެ ވާހަކަތައް ހިއްސާކުރެއްވުމުން އެނގުނު ދިރިއުޅުމުގައި ކާމިޔާބާއި ހަމައަށް ދެވެނީ ވަރަށްގިނަ ދަތި ކަންތައްތަކެއް ދިމާވެފައިކަން. އަދި ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވޭނީ، ހަމައެކަނި ހުރިހާކަމެއް އެންމެ އަމާން އޮމާންކޮށް ދާމީހުންނެއް ނޫންކަން އެނގުނު. ދިރިއުޅުމުގައި އުދަގޫ ކަންކަން ދިމާވުމުން ނުވާނޭ ނުބުނެ، އެކަމެއް ކުރިއަށްގެންދަން ދަސްވި" ޢަޠްފާން ހިތްހަމަޖެހުމާއި އެކު ފާހަގަކުރިއެވެ.

އަދި ދިމާވާކަމެއްގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ އެކަމެއް އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލުންކަމަށް ހިތަށްއަރާ ފަހަރުވެސް އަންނާނެ ކަމަށާއި، ފަސްޖެހުމެއްނެތި ހިތްވަރާއިއެކު ކުރިއަށްދިއުމަށް ވަނީ އެދިފައެވެ.

" ކިޔެވުމުގެ އިތުރަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ވަކި އިންތިޒާމެއްގެ ދަށުން ކުރުމަށް މިޕްރޮގްރާމް އިން ދަސްވި. އަދި ޕްރޮގްރާމްގައި ބަހާލާފައިވާ ގްރޫޕުތަކުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގައި ހުރިހާ ކުދިންގެ ހިޔާލު ހޯދުމަކީ ލީޑަރެއްގެ ގޮތުން ކާމިޔާބުވެ މަސައްކަތް ފުރިހަމަވާނެ ކަމެއް" ޢަޠްފާން ފާހަގަކުރިއެވެ.

ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމްގައި ޢަޠްފާން އަށް ބައިވެރިވެވުނީ، މިދިޔަ އަހަރު ބޭއްވި 'ދަސަރކްލް ކިޑްސް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން ފުރުސަތު ލިބިގެންނެވެ.

ޕްރޮފެސަރ އުގެއިލް އަރިހުގައި ޕެނަލްގައި

މިއަހަރު ޖެނުއަރީމަހުން ފެށިގެން 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމް ފުރިހަމަކުރަމުން ގެންދާ ޢަޠްފާން އަށް ވަނީ ޕްރޮފެސަރ އުގެއިލް އަރިހުގައި ޕެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިފައެވެ.

މިގޮތުން ސްކޫލް ބަންދާއި ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދާ 'މާސްޓަރ ކްލާސް އޮން ތިންކިންގ ސްކިލްސް' ޕްރޮގްރާމްގައި ޢަޠްފާން ގެ އިތުރަށް 3 ކުއްޖަކު ދަނީ ޕެނަލްގައި ބައިވެރިވަމުންނެވެ.

ފިލާވަޅު ދަސްކުރުމުގައި ގެންގުޅޭ އުކުޅުތައް

ޢަޠްފާން މަންމަ މައުލޫމާތު ދިންގޮތުގައި މިއީ ވަރަށްބޮޑަށް ރިސަރޗް ކުރުމަށް އިސްކަންދޭ ކުއްޖެކެވެ.

" އިނގިރޭސިއަށް ވަރަށްމޮޅު ކުޑައިރުއްސުރެ. ޑިކްޝަނަރީ ވަރަށް ކިޔާނެ. ޢަޠްފާން އާންމުކޮށް ކިޔާ ވާހަކަފޮތްވެސް ހުންނާނެ. އެފޮތުގެ ލިޔުންތެރިޔާއަށް މެއިލްވެސް ކުރާނެ. އެއްފަހަރު މެއިލްއަށް ޖަވާބުވެސް ލިބުނު. ހުސްވަގުތުގައި ވެސް އެކި މައުޟޫތަކަށް މައުލޫމާތު ހޯދާނެ"

އަދި 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމުން ވަނީ އެކުއްޖަކާއި ގުޅޭގޮތަކަށް ކަންތައްތައް ދަސްކުރާނެގޮތް އުގަންނައިދީފައިކަން ފާހަގަކޮށް ވަނީ ޢަޠްފާން އަކީ އަޑުއަހައިގެން ދަސްކުރާކުއްޖެއް ކަމަށް ބުނެފައެވެ.

" މިސާލަކަށް މެތަމެޓިކްސް ފިޅާވަޅުވެސް ނޭނގޭ އެއްޗެއް ވިއްޔާ ވީޑިއޯ ބަލައިގެން ދަސްކުރާނީ. އަދި ވަރަށް ބޮޑަށް ފާހަގަވި ކޮންމެ ސްކޫލެއްގައި އުޅެގެންވެސް ކާމިޔާބު ދަރިވަރަކަށް ވެވިދާނެކަން. ބޭނުންވަނީ އެކުއްޖާގެ ހިތްވަރު. މިޕްރޮގްރާމުން މިގޮތަށް ބަދަލުތަކާއި ކުރިމަތިލާން ދަސްވި. މިހާރު ޢަތްފާން އަކީ ރެހެންދި ސްކޫލުން ރަނގަޅުނަތީޖާ ހޯދަމުންދާ ދަރިވަރެއް" ޢަޠްފާން މަންމަ އިތުރަށް ފާހަގަކުރިއެވެ.

2019ވަނަ އަހަރު ޢަޠްފާން އަށް ވަނީ ރެހެންދި ސްކޫލުން 'ނޯމްޗޮމްސްކީ އެވޯޑް' (ފޮތްކިޔުމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެވޯޑެއް) ވެސް ލިބިފައެވެ.

ޢަޠްފާން އަށް ލިބިފައިހުރި ބައެއް ސެޓިފިކެޓް

ފުޓްބޯޅަ އާއި ސްކައުޓް ހަރަކާތްތަކަށް ޝައުގުވެރިވޭ

2019ވަނަ އަހަރު ސްކޫލުގައި ބޭއްވި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އެއްވަނަ ލިބުނީވެސް ޢަޠްފާން ކުޅުނު އޭނާގެ ކްލާސް ޓީމަށެވެ. ފުޓްބޯޅައިގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ވަނީ 2019ވަނަ އަހަރު އެކަޑަމީއެއްގައިވެސް ބައިވެރިވެފައެވެ. އެހެންނަމަވެސް ކޮވިޑްއާއި ގުޅިގެން މިހާރުވަނީ އެ ތަމްރީންތައް މެދުކެޑިފައެވެ.

" ވަރަށް ފުޓްބޯޅަ ބަލަން. އަދި އެނަލައިޒްވެސް ކުރަން. ސަޕޯޓްކުރަނީ ލިވަރޕޫލް އަށް. އެޓީމްގެ މުހައްމަދު ސަލާހު އަކީ އެންމެ ސަޕޯޓްކުރާ ކުޅުންތެރިޔާ" ޢަޠްފާން ބުންޏެވެ.

ޖަމާލުއްދީން ސްކޫލުގައި އުޅުނުއިރުއްސުރެ ކަބްސްކައުޓްގައި އުޅެމުންދާ ޢަޠްފާން އަށް މިހާރު ވަނީ 15 'ޕްރޮފިސިއެންސީ ބެޖު' ހަމަވެގެން ސޭޝްވެސް ލިބިފައެވެ. އަދި 'ސިލްވަރ އެރޯ' ވެސް ވަނީ ލިބިފައެވެ.

" 2019ވަނަ އަހަރު ސްކައުޓް އެސޯސިއޭޝަން އިން ބޭއްވި 'ނެޝަނަލް ކަބް ރެލީ' ގައި ބައިވެރިވިން. އަދި 'ވޯރލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓް' އިން ވަރޗްއަލް ކޮށް ކުރިއަށްގެންދިޔަ ' ޖޯޓާ-ޖޯޓީ' 2019 އަދި 2020ވަނަ އަހަރު ބޭއްވި 'ޖޯޓާ-ޖޯޓީ ސްޕެޝަލް އެޑިޝަން' ގައި ބައިވެރިވެ ސެޓިފިކެޓް ވަނީ ލިބިފައި" ޢަޠްފާން ބުންޏެވެ.

ނިންމުން

ހިސާބު ނުވަތަ ކެމިސްޓްރީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޢަޠްފާން ފާހަގަކުރިގޮތުގައި ކުރިން އޭނާއަކީ އާންމުކޮށް ގިނަމީހުން ކުރިމަތީގައި ވާހަކަދައްކާ އުޅޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މިހާރު އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވެފައިވާތީ ދާދިފަހުން ވަނީ ސްކޫލުގައި ފާހަގަކުރި 'އޯޓިސްޓިކް ވީކް' ގެ ޚާއްސަ އެސެމްބްލީގައި ދުޢާއެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިފައެވެ. އަދި އޮންލައިން ކްލާހުގައި ވެސް ފަސްޖެހުމެއް ނެތި ވާހަކަ ދައްކާކަން ފާހަގަވެފައިވާ ކަމަށް ޢަޠްފާންގެ މަންމަ ވަނީ ބުނެފައެވެ.

އެސެމްބްލީގައި ދުޢާ ހުށަހަޅައިދެނީ

ޖަމާލުއްދީން ސްކޫލުގައި ތަޢުލީމް ހާސިލްކުރިއިރު ޢަޠްފާން އަށް ވަނީ 'ރީޑިންގ އެލައުޑް' (އިނގިރޭސިން ފޮތް ކިޔައިގެން) ގްރޭޑް 3 އިން އެއްވަނަ ލިބިފައެވެ. 'ޔަންގް ޝޭކްސްޕިއަރ' އެވޯޑު (އިނގިރޭސި އަށް ޚާއްސަކޮށްގެން ދޭ އެވޯޑެއް) ގަދަ 10 ގައި ވެސް ހިމެނިފައެވެ.

އަދި 'ފޮރލޫޕް އެކަޑަމީ' އިން ޕެންޑަމިކް އާއި ގުޅިގެން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ކޯޑިން މުބާރާތެއްކަމުގައިވާ 'ލެޓްސް ކޯޑް އެންޑް ސޭވް ދަ ވޯރލްޑް' ގައި ބައިވެރިވެގެން ޢަޠްފާން އަށް ސެޓިފިކެޓް ލިބިފައިވާއިރު، 'އަވަރ އޮފް ކޯޑިން' ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވެސް ޢަޠްފާން މިދިޔައަހަރު ވަނީ ބައިވެރިވެފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
1
+1
23
+1
1
+1
1
+1
1
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް