September 20, 2024 19:40
Advertisement

-Advertisement-

މަގުމަތީގައި އުޅޭއިރު ފަރުދީ ޒިންމާ އަދާކުރަންތަ؟

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގުމަތި ބޭނުންކުރާ ކޮންމެ މީހަކުވެސް ފަރުދީޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކު ދިރިއުޅޭ މުޖުތަމައެއްގައި، ސަލާމާތާއި ރައްކާތެރިކަމެއް ނޯންނާނެއެވެ.

އަޅުގަނޑުމެންގެ މުޖުތަމައުން މަދުން ނަމަވެސް، މަގުމަތީގައި ހިނގާމީހުންނާއި ދިމާކުރުމާއި، ފުރައްސާރަކުރުން ފެންނަކަމީ ގަބޫލުކުރަން ދަތިނަމަވެސް ހަގީގަތެކެވެ. ވެރިރަށް މާލޭގެ ފަދަ ކާރުބާރު ބޮޑު މަގުތަކުގައި ފައިމަގުގައި އުޅޭ މީހުންނަށް ބަލާލުމެއްނެތި ދުއްވުމާއި، ކަފިހިހުރަސް ފަދަ ތަންތަނަށް ބަލާލުމެއްނެތި ބާރުސްޕީޑުގައި ވެހިކަލް ދުއްވާފައި ދިއުންފަދަ ކަންކަމަކީ ފެންނަ ކަންކަމެވެ. މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އުނދަގޫނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެންމެނުވީ ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

ރީތި އަދަބުތަކުގެ ގޮތުގައި މުޖުތަމައު ބަލައިގެންފައިވާ ކަންކަމުގެތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުމާއި މީހުންނަށް އުދަގޫވާގޮތަށް ހުންނަތަކެތި އެއްކައިރިކުރުމުގެ އިތުރުން އެކަކުއަނެކަކަށް ސަލާންގަލާން ކުރުމަކީވެސް މަގުމަތީގެ އަދަބުތަކުގެތެރެއިން ހިމެނޭ ރިވެތި ސިފަތަކެކެވެ. ތިމާގެ ސަބަބުން ތިމާފަދަ އެހެން މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި ކަފިހިހުރަސް ފަދަތަންތަން ބޭނުންކުރުމާއި، ދުވާރު ބޭނުންކުރުންފަދަ ކަންކަމަކީ މަގުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ގާއިމްކުރުމަށް ބާރުލިބޭ ކަމެއްކަމުގައި ވެގެންދާނެއެވެ.

Advertisement
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މަޢުލޫމާތު

މަގުމަތީގެ ރައްކާތެރިކަން ގާއިމްކުރެވޭނީ އެތަނެއްގައި ދިރިއުޅޭ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އެކްސިޑެންޓުތަކުގެ ސަބަބުން ކުށެއްނެތް އެތައް ފުރާނައެއް ވަކިވެދިއުން ފަދަ ހާދިސާތައް ދިމާވެ އޭގެ ހިތާމަ ތަހައްމަލް ކުރަމުންދާ އެތައްބަޔަކު މުޖުތަމައުގައި އުޅޭކަމީ ހިތާމަހުރި ކަމެކެވެ. އެކްސިޑެންޓްތަކުގެ ސަބަބުން ބައެއްމީހުން އުމުރަށް ނުކުޅެދޭމީހުންނަށް ވެސް ވެފައިވެއެވެ.

އެކްސިޑެންޓެއް ހިނގައިގެން އުޅޭތަނެއްގައި މީހުން މަޑުކޮށްގެން

އެއްގަމު އުޅަނދު ދުއްވަމުން ފޯނުން މުއާމަލާތްކުރުމާ، މަގާވީފަޅީގައި ކުޑަކުދިން ގޮވައިގެން ހިނގާފަ ދިއުމާ، ބެލްޓް ނައަޅުވާ ކުޑަކުދިން އަރުވައިގެން ސައިކަލު ދުއްވުންފަދަ ކަންކަން މަނާކޮށްފައިވީ ނަމަވެސް ބައެއްމީހުން އެކަންތައްތަކަށް ފަރުވާލެއް ނުބަހައްޓާކަން ފާހަގަކުރެވެއެވެ. އަބަދުވެސް ކުރިމަތިވާ އެންމެބޮޑު ފާޑުކިޔުމަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކަންކަން ނުހުއްޓުވޭކަމުގެ ޝަކުވާއެވެ. ޤާނޫނު ތަންފީޒު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ނަމަވެސް ފަރުދީ ޒިންމާ އަދާކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެކެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރަށްވުރެ ބޮޑަށް ވިސްނަމާހިނގާށެވެ.  

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް