November 23, 2024 05:18
Advertisement

-Advertisement-

އެވޭލާ ހާދިސާ: ކަމަނަގެ ހިތްވަރުން މާރިދުންގެ ކިބައިން ރިނބިދޫ ސަލާމަތް ކުރިގޮތް!

ރިނބިދޫ އަކީ ވެސް އިހުޒަމާނުގައި މީހުން އުޅެމުން އައި ރަށެކެވެ. ޒަމާން ފާއިތުވެ މީހުން ނެތިވަމުންގޮސް އެކިމީހުން އެކި ރަށްރަށަށް ދާންފެށިއެވެ. އެގޮތަށް މަދުވަމުންގޮސް ރިނބިދޫގައި ތިބީ ތިން ހަތަރު އާއިލާއެއްގެ މީހުންނެވެ. މީހުންގެ އަދަދަށް ބަލާއިރު ސޯޅަ ވަރަކަށް މީހުންނެވެ. މިގޮތުން އެރަށުގައި ތިބިމީހުންގެ ތެރޭގައި ދުވާފަރު ގޯތި ކަމަނާ އާއި ކަޅުމުދިމު ހިމެނެއެވެ. މި ދެމީހުންގެ ތިބެނީ އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. މިކުދިންގެ ނަމުގެ ކުރިއަށް އެރަށުގެ ނަން އިތުރުކޮށް ފިރިހެން ކުއްޖާއަށް ކިޔަނީ ރިނބިދޫ ކަލޯއެވެ. އަންހެންކުއްޖާ އަށް ކިޔަނީ ރިނބިދޫ ބީފާނުއެވެ. ފިރިހެން ކުއްޖާ އުމުރަކީ ބާރަ އަހަރެވެ. އަންހެން ކުއްޖާގެ އުމުރަކީ ދިހަ އަހަރެވެ. މިބީފާނު އަބަދުވެސް އުޅެމުން އަންނަނީ މަންމަ (ކަމަނާ)ގެ ކައިރީގައެވެ. ރިނބިދޫ އަކީ އަބަދުވެސް ވަރަށް ފަރުމަސް ތިޔާގި ރަށެކެވެ. އެދުވަސްވަރު އެރަށު މީހުންގެ އާންމު ކެއުމަކީ ހިކި ބަބުކޭލާއި ފަރުމަސް ގަރުދިޔައެވެ.

ކަމަނާ އަކީ ވަރަށް މުރާލި އަންހެނެކެވެ. ކަންތައްތަކަށް ވަރަށް ވިސްނާ ކަންތައްތައް ދެނެގަތުމަށް މަސައްކަތްކުރާ އަންހެނެކެވެ. އެއްދުވަހަކު ކަމަނާ އާއި ކަޅުމުދިމު މެންދުރު ކާން ތިބެގެން ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭގައި ކަމަނާ ބުނެލިއެވެ. "މުދިމާއެވެ. މިރަށުން މީހުން އެހެން ރަށްރަށަށް ގޮސް، އަދި އެހާ ގިނައިން މީހުން މަރުވެ ރަށް ފަޅުވާން މިދިމާވަނީ ކީއްވެތަ؟" މުދިމު ބުންޏެވެ. "ނޭގޭ ކަމަނާ. މަގޭ ވިސްނުމަކަށް ތިކަމުގެ ހަގީގަތެއް ނާދޭ. ހީވާ ގޮތުން މިރަށުގައި ކޮންމެވެސް ވައްތަރެއްގެ ބަލިމަޑުކަމެއް އުޅޭހެންހީވަނީ. ރޭގަނޑު ރަށްމަތީންދާ އަލިގުޅަތަކާއި ރަށުތެރޭން އިވޭ އަޑުތަކުން އެހެން ހަމަހީވަނީ. އަހަރެންގެ އަތުގައި ވަރަށް ގިނަ ފޮތް އެބަހުރި. އެކަމަކު އަހަންނަކީ ލިޔަންކިޔަން އެގޭ މީހެއްނޫން އެހެންނަމަތާ ކަމެއްވެސް ކުރާނީ".

މުދިމު މިހެންބުނީމާ ކަމަނާ އިނދެފަ ބުނެލިއެވެ. "އާނ ދޮގޭ! އިރާދަކުރެއްވިއްޔާ ތިކަންތައް ކުރެވޭތޯ ބަލާނަން." މިހެންކިޔާފައި މުދިމުގެ ފޮތްބައި ނަގައިގެން ބަލަންފަށައިފިއެވެ. އޭގެ ދެތިން ދުވަސްފަހުން ކަމަނަ ހިތަށްއެރިއެވެ. މިވާގޮތެއް ބަލަންވެއްޖެއެވެ. އެއިރުން މިރަށުން މީހުން މަރުވިގޮތާއި އެހެން ރަށްރަށަށް މީހުން ދާގޮތް އެނގިދާނެއެވެ. މިހެން ހިތަށް އެރުމުން ކަމަނަ ކޮންމެ ރެއަކު މުދިމު ނިދީމާ އޭނަ ގެންގުޅޭ ފޮތް ހިފައިގެން ބޭރަށް ނުކުމެ ބަލަން ފަށައިފިއެވެ.

Advertisement

މި ގޮތަށް އެއްހަފްތާ ވަންދެން ބެލިކަމަށް މުސައްނިފް ލިޔެފައިވެއެވެ. އޭގެ ފަހުގައި ކަމަނައަށް އެނގުނީ ރިނބިދޫ އިން މީހުން މަރުވެ ދިޔައީ ޖިންނި މާރިދުން ތަކެއްގެ ސަބަބުން ކަމެވެ. ކޮންމެ ރެއަކުވެސް މި މާރިދުން ރަށްމަތީ އުދުހި އުދުހި އުޅޭއިރު ދިމާވާމީހަކު މަރާލަނީ އެވެ. އަދި ރަށްރަށަށް ދިޔަމީހުންނަކީ މި މާރިދުންނަށް ނުފެނި ދިޔަބައެއްކަމަށް ވެސް ލިޔެފައިވެއެވެ. މިގޮތުން ކަމަނާ މަސައްކަތް ކުރަން ފެށީ މި މާރިދުންގެ ކިބައިން ރަށް ސަލާމަތް ކުރުމަށެވެ. އެގޮތުން ކޮންމެރެއަކު ކިޔެވިލި ކިޔަވަމުން ގޮސް އެއްރެއަކު އެއްގަޑި ތިރީސް ވީއިރު މާރިދުންގެ ތެރެއިން މާރިދަކު ކަމަނާގެ ކައިރިއަށް އައިސް ބުނަންފެށިއެވެ. އަހަރެމެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯއެވެ. ތިވަރަށް އަހަރެމެންނަށް އަނިޔާ ނުކޮށް ބޭނުންވާ ކަމެއް ބުނާށެވެ.

ކަމަނަ ބުނެލިއެވެ. މައުސޫމް ކިތައް ފުރާނަ މިރަށުން ކަލޭމެން މަރާލާފަ ވޭހެއްޔެވެ. ވީމާ އެކަމުގެ ބަދަލު ކަލޭމެންގެ ކިބައިން ހިފާފަނޫނީ ހުއްޓައެއް ނުލާނަމެވެ. އެއިރު ކަމަނާގެ ކައިރީގައި 'މާރިދުލް ކުބުރާ' ކިޔާ ފޮތެއްވެސް އޮތެވެ. ކަމަނަގެ މިވާހަކަ އެހުމަށްފަހު މާރިދު ހިގައްޖެއެވެ. ކަމަނަ ހުއްޓާނުލާ ކިޔެވިލި ކިޔަވަމުން ދަނިކޮށް ޖެހިގެން އައިރޭ ފަސް މާރިދުން އައިސް ބުނެލިއެވެ. ތިވަރަށް އަހަރެމެންނަށް އަނިޔާ ނުކޮށް ބޭނުންވާކަމެއް ބުނާށެވެ. ކަމަނަ ބުނެލިއެވެ. އެންމެރަގަޅެވެ. ދެ ޝަރުތެއް އެބައޮތެވެ. އެއީ މިރަށުން މީހުން ފާބައިގެން ދިޔަގޮތަށް ކަލޭމެންވެސް މިރަށުން ފާބައިގެން ދިއުމެވެ. ނޫނީ ކަލޭމެން މިރަށުގެމީހުން މެރިގޮތަށް ކަލޭމެންގެ ދަރިފަސްކޮޅު ނެތިކޮށްލުމެވެ. މީގެ ތެރެއިން ފުރަތަމަ ޝަރުތު މާރިދުން ގަބޫލު ކޮށްފިއެވެ. އަދި ކަމަނަ ބުނެލިއެވެ. ކަލޭމެންގެ އެއްވެސް މާރިދެއްގެ އަނިޔާއެއް މިރަށުގައި މިހާރު އުޅޭ މަދު މީސްކޮޅަށް އަހަރެން ދުނިޔޭގައި ހުއްޓާ ދުވަހަކުވެސް ފޯރައިފިއްޔާ ކަލޭމެންގެ އާދޭހެއް ގަބޫލެއް ނުވެވޭނެއެވެ.

ދުވަސް ކޮޅެއްގެ ފަހުން މުދިމު ކަމަނާ ކުރެން އަހާލިއެވެ. ކޮބާ ކަމަނާގެ މަސައްކަތް އެބަ ކުރިޔަށްދޭތަ؟ ކަމަނަ ހީލާފައި ޖަވާބުދިނެވެ. މުދިމުގެ ފޮތްތަކުގައި ހުރި އެއްޗެހި ދަސްވެއްޖެއެވެ. އިރާދަފުޅުން އަހަރެންކުރި މަސައްކަތުގެ ނަފާ ވަރަށް ކާމިޔާބު ގޮތަކަށް ލިބިދާނެއެވެ. އޭގެ ހަފްތާއެއްގެ ފަހެވެ. ހުކުރު ދުވަހު މުދިމު ހުކުރުން އައިސް ކާމޭޒުކައިރީގައި އިންދާ ކަމަނާ އައިސް ރަށުން މީހުން މަރުވެދިޔަ ގޮތާއި އަދި މީހުން ރަށުން ފައިބައިގެން ދިޔަގޮތުގެ ވާހަކަ މުދިމަށް ކިޔައިދިނެވެ. އަދި އޭގެ ދިފާޢުގައި މިހާރު ކުރަން ނިންމާފައިވާ ކަންތައްވެސް ކިޔައިދިނެވެ. އޭގެ ތިންރޭ  ފަހުން ކަމަނަ ބޭރުގައި ހުރި ކޮޅުފިލާ ގޮޑިއެއްގައި އިދެގެން ކިޔެވިލި ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭ މާރިދުން އަތުވެއްޖެއެވެ. އައިސް ބުނެލީ އަންގާލީ ކޮންކަމަކުތޯއެވެ. ކަމަނަ ބުންޏެވެ. ހަމަ މިހާރު މިރަށް ދޫކޮށް ދާންވީއެވެ. މިރޭގެ ފަހަށް ތިއިން އެއްޗެއްގެ ނިޝާނެއްވެސް މިރަށުން ފެނިއްޖިއްޔާ ދުވަސް ދާނެކަން ހަދާންކުރާށެވެ. ކަމަނަގެ މިއިންޒާރަށްފަހު ހުރިހާ މާރިދުން ރިނބިދޫ ދޫކޮށް އެދިޔަތާކަށް ގޮސް ނިމިއްޖެއެވެ.

 އޭގެ ފަހުގައި އެތައް އަހަރަކު އެ މަދުމީސްކޮޅު އެރަށުގައި އުޅުނުކަމަށް ވެއެވެ. އަދި ފަހުން އެރަށުގައި އުޅުނު މީހުން އެކި ރަށްރަށަށް ގޮސް ވަޒަންވެރިވެ ރިނބިދޫ އެކީ ފަޅުވިކަމަށް މުސައްނިފް ލިޔެފައިވެއެވެ.

 

 ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެވިފައިވާނެއެވެ.

 

+1
1
+1
1
+1
4
+1
8
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. ރިނބުދޫ އެއި އެހެންރަށެއް.. މިވާހަކައިގަ މިބުނާ ރިނބިދޫ އެއި އެހެންރަށެއް

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް