November 23, 2024 21:55
Advertisement

-Advertisement-

'އާމިނާބީ އާއި ހަސަންތަކުރު'ގެ ޖާދުވީ ފޮޓޯގެ ފަހަތުގައި ނަޒީހު!

" ވަރަށް މަސައްކަތުން ވާހަކަ ދެއްކޭގޮތް ވިއެވެ. ގެއަށްވަދެ މަގޭ އާމިނާބީ އާއި ވާހަކަ ދެއްކުނީ ހަމަ އެހާމެ އުނދަގުލުންނެވެ." މިއީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު ފޭސްބުކްގައި ލިޔުއްވައިފައިވާ ލިޔުމެކެވެ. މިލިޔުން ލިޔެފައިވަނީ ވަރަށް ރީތި ފޮޓޯތަކަކާއި އެކުގައެވެ. އެފޮޓޯތައް ނަގައިދީފައިވާ ހުނަރުވެރިއަކީ ބާރަށަށް އުފަން މުހައްމަދު ނަޒީހު އެވެ.

އިބްރާހީމް ޝުޖާޢު އާއި އަނބިކަނބަލުން މަރްޔަމް ޝިއުނާ ގެ ދިވެހިވަންތަ ފޮޓޯ ތަކެއް ނަގައިދިނުމާއި ގުޅޭގޮތުން ނަޒީހު ބުނެފައިވަނީ، އެފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ނަޒީހު ނަގައިފައިވާ އިބްރާހީމް ޝުޖާޢު އާއި އަނބިކަނބަލުން މަރްޔަމް ޝިއުނާ ގެ ފޮޓޯއެއް

" އަޅުގަނޑު ހީވެސް ނުކުރަން އެކަހަލަ ފޮޓޯޝޫޓެއް ކަމަށް ކުރިއަށްގެންދަން ބޭނުންވަނީ. އަޅުގަނޑު ފޮޓޯ ނަގައިދޭން ދިޔައިމަ އެނގުނީ ދިވެހިވަންތަ ފޮޓޯޝޫޓެއްކަން. ހެދުން އެޅުމާއި އައިޑިއާ ބޮޑަށް އެމީހުންގެ އެއީ. ވަރަށްގިނަ މީހުންނަށް ކަމުދާކަންވެސް އެނގުނު އެފޮޓޯތައް." ނަޒީހު ބުންޏެވެ.

Advertisement

ފޮޓޯ ނަގަން ފެށުނީ ކިހިނެއް؟

ސޯޝަލް މީޑިއާގެ އެކައުންޓްތަކަށް ބަލާއިރު ފޭސްބުކްގެ 'ނަޒީހު ފޮޓޯގްރާފަރ' ޕޭޖަށް 5742 މީހުން ލައިކް ދީފައިވާއިރު، އިންސްޓަގްރާމްގައި 12100 މީހުން ވަނީ ފޮލޯ ކޮށްފައެވެ. ބާރަށަށް އުފަން ޒުވާން ފޮޓޯގްރާފަރ ފޮޓޯނެގުމުގެ މަސައްކަތް ފެށީ ސްކޫލުގައި ކިޔަވަމުން 2016ވަނަ އަހަރުގައެވެ.

ނަޒީހު

'ޒީޓައިމްސް' އަށް މަޢުލޫމާތުދެމުން ނަޒީހު އިތުރަށް ފާހަގަކުރިގޮތުގައި ފޮޓޯ ނަގަން ފެށުނީ ރައްޓެހި ކުދިންތަކެއް ގެންގުޅުނު ކެމެރާއެއް ބޭނުންކޮށްގެންނެވެ. އެއިރު ފުރަތަމަ ނަގަންފެށީ އެކިވައްތަރުގެ މަލާއި ރަށުގެ ރީތި މަންޒަރު ދައްކުވައިދޭ ފޮޓޯއެވެ. އެއިރުންފެށިގެން ދިޔައީ ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރަމުންނެވެ.

މިހާރު އަމިއްލަ ކެމެރާ، ލައިޓް، އަދި ޑްރޯން ވެސް ގެންގުޅޭ ނަޒީހު، ބާރަށުގެ އިތުރުން ހއ ރަށްރަށަށް ގޮސް ފޮޓޯ ނަގައިދެއެވެ. ރަށްރަށަށް ދާއިރު ނަޒީހު އާއި އެކު ދެން ހަރަކާތްތެރިވަނީ އޭނާގެ ރައްޓެއްސެއް ކަމުގައިވާ އަބުދުﷲ މިޢުޜާޖު އެވެ.

ނަޒީހު ނަގައިފައިވާ ފޮޓޯއެއް

"ދަތުރުގެ ޚަރަދުގެ އިތުރުން އެރަށަކަށް ގޮސް ހުރެވޭނެގޮތް ހަމަޖައްސައިފިނަމަ ކުޑަ އަގެއްގައި ފޮޓޯ ނަގައިދެން. އަދި ބާރަށުގައި ވެސް މިމަސައްކަތް މިކުރަނީ ކުރާހިތުން. އަގުބޮޑުވެގެން މީހަކު ފޮޓޯ ނުނަގައި ހުރުމަށްވުރެ ބަލަނީ ކުޑައަގެއް ނަގައިގެންވެސް ފޮޓޯ ނަގައިދެވޭތޯ." ނަޒީހު

ޕާސްޕޯޓް ސައިޒުގެ ފޮޓޯގެ އިތުރަށް ކުޑަކުދިންގެ ފޮޓޯތައް، އަދި ވެޑިންގ ފޮޓޯގެ އިތުރުން އޮފީސްތަކުގެ އިވެންޓްފަދަ ހުރިހާ ވައްތަރެއްގެ ފޮޓޯވެސް ނަޒީހު ދަނީ ނަގަމުންނެވެ.

ކުޑަކުއްޖެއްގެ ރީތި ހިނިތުންވުން ފެންނަ ފޮޓޯއެއް

ދިމާވާ ގޮންޖެހުން

މިދާއިރާގައި ނަޒީހުއަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ބޭނުންކުރާ އާލާތްތަކުގެ އަގުބޮޑުވުމެވެ.

" ކެމެރާ ލެންސް ހަލާކުވެގެން އޭތި ގަންނަ އަގަށްވުރެ ބޮޑު އެއްޗެއް ހަދަންދޭ. ރާއްޖޭގައި ވަރަށް އުދަގޫ އެއްޗެހި ހޯދަން."

ޒުވާނުންނަށް ދިން މެސެޖު

ނަޒީހު ފާހަގަކުރިގޮތުގައި މިއީ ވަޒީފާގައި އުޅެގެން ކުރަން ރަނގަޅު މަސައްކަތެކެވެ. އޭނާވެސް މިމަސައްކަތް ކުރަނީ ބަޔަކަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި، އާމްދަނީ ހޯދުމަށްވެސް ކުރަން ރަނގަޅު މަސައްކަތެއްކަމަށް ވަނީ ބުނެފައެވެ.

ބާރަށުގައި ޢީދު ކުޅިވަރު ކުރިއަށް ގެންދަނިކޮށް ނަގައިފައިވާ ފޮޓޯއެއް

ނިންމުން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުންދާ އުމުރުން 23 އަހަރުގެ ނަޒީހު މިހާތަނަށް ވަނީ 182 ފޮޓޯ ޝޫޓް ކުރިއަށް ގެންގޮސްފައެވެ. އަދި 42 އިވެންޓްގެ އިތުރަށް 10 ކައިވެނި ޕާޓީގެ ފޮޓޯވެސް ވަނީ ނަގައިދީފައެވެ.

މިހާތަނަށް ނެގި އެންމެ ތަފާތު ފޮޓޯއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިމާވެށީގެ ރީތިކަން ދައްކުވައިދޭ ފޮޓޯއެކެވެ.

ނަޒީހުގެ އެންމެ ތަފާތު ފޮޓޯ

" އެފޮޓޯ އެހާތަފާތީ ތިމާވެއްޓާއި ރައްޓެހި، ވޮލީކުޅެން ކުދިންތިބި، ގިނަ މީހުންނަށް ވަރަށް ކަމުދިޔަ ފޮޓޯއަކަށް ވީމަ." ނަޒީހު ހިންހަމަޖެހުމާއި އެކު ފާހަގަކުރިއެވެ.

އިންޓަވިއު ނިންމާލަމުން ވަނީ އަންހެނުންގެ އިތުރުން އާއިލާއިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ފޮޓޯ ނެގުމުގެ ފުރުސަތު ދިން ހުރިހާ އެންމެންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

+1
2
+1
29
+1
4
+1
5
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް