September 20, 2024 15:50
Advertisement

-Advertisement-

ނިޢުމަތުގެ ސުވަރުގެ: ހިތް އެދޭ ހުރިހާކަމެއް ފުރިހަމަވާނީ ސުވަރުގެއިން!

އެތަނަކީ ދާއިމީ ގޮވެއްޗެވެ. އަހަރެމެން ދާން ތައްޔާރުވާ މަންޒިލް މަޤްޞޫދެވެ. އެތަނަކަށްޓަކައި ދުނިޔޭގެ ތަކުލީފުތަކާއި ބުރަ އުފުލާ ތަނެވެ. އެބުރައާއި ވޭނަށް ކެތްތެރިވުމުގެ ސަބަބަކީވެސް އެތަނެވެ. ހެޔޮ ޢަމަލު ކުރުމުގައި މުރާލިވަނީވެސް އެތަނަށްޓަކައެވެ. މާތްﷲ ނަޙީ ކުރެއްވި ކަންކަމުން ދުރުވަނީވެސް ހަމައެތަނަށްޓަކައެވެ. އެތަނުގައި އަހަރެމެން ހިތްއެދޭ ހުރިހައި ކަމެއްވެއެވެ. އެތަނުގައި ހިތާމަ ކުރުމެއް ނުވެއެވެ. އެކަކު އަނެކަކާމެދު ހިތް ނުތަނަވަސްކަމެއް ނުވެއެވެ. އަދި ބުރަ އުފުލުމެއްވެސް ނެތެވެ. އޮތީ އަރާމު ކުރުމެވެ. ހިތް އުފާ ކުރުމެވެ. ހިތް އެދޭ ކެއުން ކެއުމެވެ. ހިތް އެދޭ ކަންކަން ކުރުމެވެ. އެތަނުގައި ވަކި ކަހަލަ ކެއުމެއް މަނައެއް ނުވެއެވެ. ކާ އެއްޗެއް ކައިގެން ފަލަ ވެދާނެތީ ވިސްނާކަށް ނުޖެހެއެވެ. ނުވަތަ ކާ އެއްޗެއްގެ ސަބަބުން ބައްޔެއް ޖެހިދާނެކަމުގެ ބިރު ހިތުގައި ނޯންނާނެއެވެ.  ގެއްލުންދެނިވި ބޭކާރު ވާހަކައެއް، އެތާނގައި ނާހާނެތެވެ. ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.  ދާންތަކެއްގެ މަތީގައި އަރާމުކުރަން ތިބެއެވެ. އެއްބަޔަކު އަނެއްބަޔަކާއި ވާހަކަ ދެއްކުމަށެވެ. އެވާހަކަ ދެއްކުމުގައި ރުޅިވެރިކަމެއް ނުއުފެދެއެވެ. ނަފްރަތެއްނުވެއެވެ. އަނެކާއަށް ލިބޭ ނިޢުމަތާއިމެދު ހަސަދަވެރިވުމެއް ނެތެވެ.

އެތަނުގައި މުސްކުޅިވުމެއް ނެތެވެ. މަރުވުމެއް ނެތެވެ. ދާއިމަށް އެތަނުގައި އުޅޭނެތެވެ. އެ އުފަލުގައެވެ. އެ ހިތްހަމަ ޖެހުމުގައެވެ. ތިބާ އެތަނަށް ދަހިވެތި ނުވޭތޯއެވެ؟ ތިބާ އެތަނަށް ދާން ބޭނުން ނުވޭތޯއެވެ. ތިބާ އެދޭ ހުރިހައި ކަމެއް ފުރިހަމަވާން އޮތްތަނަކީ އެއީ އެވެ. މަތިވެރިވެގެންވާ ނިޢުމަތެކެވެ. ބޮޑުވެގެންވާ ކާމިޔާބީއެވެ. ހަޤީޤީ ކާމިޔާބީއަކީ އެއީއެވެ. ނަރަކައިން މިންޖުވެ ސުވަރުގެ ވަދެވުމެވެ. ނިޢުމަތުގެ ސުވަރުގެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން 185).

ސުވަރުގެއަކީ މާތްﷲގެ އަޅުންގެ ތެރެއިން އެކަލާނގެއަށް އީމާންވެ ހެޔޮ ޢަމަލުކުރި މީހުންނަށް ހުރި ގޮވެއްޗެވެ. ސުވަރުގޭގައި 100 ދަރަޖައެއްވެއެވެ. އެއިން ކޮންމެ ދަރަޖައެއް، އެއް ދަރަޖަ އަނެއް ދަރަޖައާއި އުޑާ ބިމާ ތަފާތުވެގެންވެއެވެ. މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ ޖަންނަތުލް ފިރުދައުސްއެވެ. ފިރުދައުސްގެ ދަށުން 4 ކޯރު ވެއެވެ. އަދި އެތަނުގެ މަތީގައި މާތްﷲގެ ޢަރުޝުފުޅުވެއެވެ. އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ.

Advertisement

ސުވަރުގޭގެ ބުއިންތަކާއި ރާ

ދުނިޔޭގައި އުޅޭއިރު ހިތް އެދެނީ އަރާމު ވައިޖެހޭ ތަނެއްގައި އިނދެ ކޮފީ ބޯށެވެ. ނުވަތަ ވާރޭ ވެހޭ މަންޒަރާއެކު ސައިތައްޓެއް ބޯލާށެވެ. އެފަދަ ވަގުތުތަކުގައި ތިމާއާއެކު ބައިވެރިވާނެ ރަހުމަތްތެރިއަކު ބޭނުންވެއެވެ. ވާހަކަ ދައްކާ ހިތްހަމަ ޖައްސައިލުމަށްޓަކައެވެ. އެކަންވެސް ސުވަރުގޭގައި ވަރަށް ފުރިހަމައެވެ. އެކި ކަހަލަ ބުއިންތަކެވެ. އެ ބުއިންތަކުގެ ރަހަ ތަފާތެއް ނުވެއެވެ. ނުބައިވެގެން އުކާލާކަށް ނުޖެހޭނެއެވެ. ހޫނުވެގެން ނުވަތަ މާބޮޑަށް ފިނި ވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެހުރިހައި ކަމެއްވެސް ހުންނަނީ ތިބާ ހިތްއެދޭ ގޮތަށެވެ. އަދި ހިތްއެދޭ މިންވަރަށެވެ. ސުވަރުގޭގައި ލިބޭ ބުއިމުގެ ތެރޭގައި ރާ ވެއެވެ. އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތެއްވެސް ނުވާނެއެވެ. އަދި ނުބައި ވަހެއްވެސް ނުހުންނާނެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. ދާންތަކުގެ މަތީގައި (ނިޢުމަތްތަކަށް) ބަލަބަލައެވެ. އެއުރެންގެ މޫނުތަކުގެމަތިން، ނިޢުމަތުގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. ސިއްކަ ޖައްސަވައި ބަންދުކުރައްވައިފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ. އެ ބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! އެއާ އެއްކުރައްވައިފައި ވަނީ ތަސްނީމެވެ. (އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ." (އަލްމުޠައްފިފީން 22-28).

މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ. އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ. އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ. ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.)" (އިންސާން 13-19).

ގުދުރަތީ ރީތި މަންޒަރެއް

އަބަދުވެސް ތިބާގެ ޚިދުމަތުގައި މީހުންތިބުން

ދުނިޔޭގެ ޙަޔާތުގައި ބުރަ އުފުލަންޖެހެއެވެ. ބަނޑުހައި ހޫނުކަން ފިލުވުމުށެވެ. ގެދޮރު ބިނާކުރުމަށެވެ. ކެއިންބުއިމަށްޓަކައެވެ. ނަމަވެސް، އެތަނުގައި މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބުރަ އުފުލާކަށް ނުޖެހެއެވެ. ދިރިއުޅުމަށްޓަކައި އެއްވެސް ކަމެއްކުރާކަށް ނުޖެހެއެވެ. ކައްކާކަށް ނުޖެހެއެވެ. ގޭތެރެ ސާފުކުރާކަށް ނުޖެހެއެވެ. ތިބާގެ ޚިދުމަތުގައި އަބަދުވެސް ކުދިންތިބޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ." (އިންސާން 20).

އެތަނުގައި ހުރިހައި ކަމެއް ފަސޭހަވުން:

ސުވަރުގޭގައި އެއްވެސް ތަދު ކަމެއް ނެތެވެ. ބުރަ އުފުލަންޖެހޭ އެއްވެސް ކަމެއް ނުވެއެވެ. ކައިބޮއެ އުޅޭނެއެވެ. ނަމަވެސް، ބޮޑު ކަމުދާކަށް ނުޖެހޭނެއެވެ. އަދި ނޭފަތުން އަރިދަފުސް ފޮޅާކަށްވެސް ނުޖެހޭނެއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "ސުވަރުގޭގެ އަހުލުވެރިން އެތަނުގައި ކައިބޮއިއުޅޭހުއްޓެވެ. ނަމަވެސް އެބައިމީހުންނަށް (ބޮޑުކަމު) ޤަޟާޙާޖަތްކުރާކަށް ނުޖެހޭހުއްޓެވެ. އަދި ނޭފަތުން އަރިދަފުހެއް ވެސް ނާންނަހުއްޓެވެ. އަދި ކުޑަކަމުދާކަށް ވެސް ނުޖެހޭހުއްޓެވެ. އެހެންނަމަވެސް އެ ބައިމީހުން ކާތަކެތި، ގޮމަކަސްތޫރީގެ ވަސްފަދަ އެންމެ ވަޔެއްލުމުން ހަޖަމުވެދާހުއްޓެވެ. ނޭވާލުން ފަސޭހަކޮށްދެއްވިފައިވާފަދައިން، އެތަނުގައި ތަސްބީޙައާއި ތަކުބީރުގެ ބަސްތައް (ތަކުރާރުކުރުން) އެބައިމީހުންނަށް ފަސޭހަކޮށްދެއްވޭހުއްޓެވެ." (މުސްލިމް)

އަބަދުގެއަބަދަށް ދިރިތިބުމާއި ދުވަހަކުވެސް ތަކުލީފެއް އުފުލަން ނުޖެހުން: 

އެތާނގައި މަރެއް ނުވާނެއެވެ. ބައްޔެއްވެސް ނުވާނެއެވެ. މުސްކުޅިއެއްވެސް ނުވާނެއެވެ. އަބަދުވެސް ހުންނާނީ ޒުވާންކަމާއި ރީތިކަންމަތީގައެވެ. ތާޒާ ކަމުގައެވެ. ރަސޫލު اللَّهِ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. "ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަދެ ނިމުމުން، ގޮވައިލާ މީހަކު ގޮވައިލާހުއްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަބަދުގެއަބަދަށް ދިރިތިބުންހުއްޓެވެ. ފަހެ، ތިޔަބައިމީހުން ދުވަހަކުވެސް މަރެއްނުވާހުއްޓެވެ. ތިޔަބައިމީހުން އަބަދުގެއަބަދަށް ފުރިހަމަ ޞިއްޙަތުގައި ދެމިތިބުން ހުއްޓެވެ. ފަހެ، ތިޔަބައިމީހުން ދުވަހަކުވެސް ބައްޔެއްނުވާހުއްޓެވެ. ތިޔަބައިމީހުން އަބަދުގެ އަބަދަށް ޒުވާންކަންމަތީ ދެމިތިބުންހުއްޓެވެ. ފަހެ، ތިޔަބައިމީހުން ދުވަހަކުވެސް މުސްކުޅިއެއް ނުވާހުއްޓެވެ. ތިޔަބައިމީހުން އަބަދުގެއަބަދަށް ނިޢުމަތްލިބުންމަތީ ދެމިތިބުންހުއްޓެވެ. ފަހެ، ތިޔަބައިމީހުން ދުވަހަކުވެސް ތަކުލީފެއް ނުއުފުއްލާހުއްޓެވެ."  (މުސްލިމް).

ސުވަރުގޭގައި ބާޒާރުކުރުން:

އިންސާނުންނަކީ ވަރަށް ވިޔަފާރި ކުރާ ހިތްވާ ބައެކެވެ. ފަހުގެ ފޯނެވެ. ރީތި ހެދުމެވެ. ފަހުގެ ކާރެވެ. ނުވަތަ ގެއަށްބޭނުންވާ ސާމާނެވެ. ނަމަވެސް މިތަކެތި ގަނެވެނީ ވަރަށް ބުރަ މަސައްކަތުން ހޯދާ ފައިސާއިންނެވެ. ރަނގަޅު އެއްޗެއް ލިބޭނީ އަތުން ވަރަށް ގިނަ ފައިސާ ޚަރަދުވެގެންނެވެ. އަދި އެންމެ ދެރަ ކަމަކީ މިތަކެއްޗަކީ ވަގުތީ އެއްޗިއްސެވެ. ނެތި ފަނާވެގެންދާނެ އެއްޗިއްސެވެ. ސުވަރުގޭގައި މިއާއި ޚިލާފެވެ. ބޭނުން އެއްޗެއް ގަންނަންވީއެވެ. ފައިސާ ދީގެންނެއްނޫނެވެ. އަތުން އެއްވެސް ޚަރަދެއްނުކޮށް ބާޒާރުކުރަންވީއެވެ. ރަސޫލު اللَّهِ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން، ސުވަރުގޭގައި ބާޒާރެއްވެއެވެ. ސުވަރުގެ ވަންތަވެރިން ކޮންމެ ހުކުރު ދުވަހަކު، އެ ބާޒާރަށް ޖަމާވާހުއްޓެވެ. އަދި އުތުރު ފަރާތުން ވައިރޯޅިތައް ޖެހޭހުއްޓެވެ. އެ ވައިރޯޅިތައް އެ ބައިމީހުންގެ މޫނުގައްޔާއި ފޭރާމުގައި ބީހޭހުއްޓެވެ. ފަހެ އޭގެ ސަބަބުން އެއުރެންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެގެން ދާހުއްޓެވެ! އެއުރެންގެ އަނބީންގެ ގާތަށް އެނބުރި އަންނަހިނދު، އެއުރެން ތިބޭހުށީ ކުރިއަށްވުރެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައެވެ. އެއުރެންގެ އަނބީން ބުނާނެތެވެ! اللَّهُގަންދީބުނަމެވެ. ތިމަންމެންނާ ވަކިވެގެން ދިޔައިރަށްވުރެ ތިޔަބައިމީހުންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައިވެއެވެ. އެބައިމީހުންގެ އަނބީންނަށް އެބައިމީހުންވެސް ބުނާނެތެވެ. اللَّهُގަންދީބުނަމެވެ. ތިމަންމެން ވަކިވެގެން ދިޔައިރަށްވުރެ ކަލޭމެންގެ ރީތިކަމާއި ފަރިކަން އިތުރުވެފައިވެއެވެ." (މުސްލިމް).

ގުދުރަތީ ރީތި މަންޒަރެއް

ރަހަ ތަފާތުވުމެއް ނުވާ ކޯރުތައް:

 މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތަޤްވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިޘާލަކީ އެތާނގައި ތަޣައްޔަރު ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ (މުޙައްމަދު 15).

މި މަތިވެރި ނިޢުމަތްތައް ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ؟

ސުވަރުގޭގައި މިފަދަ މަތިވެރި ނިޢުމަތްތައް ބޭނުންނުވާނީ ފަހެ ކާކު ހެއްޔެވެ؟ އެތަނަށް ދަހިވެތި ނުވާނީ ކާކު ހެއްޔެވެ. ނަމަވެސް އެއީ ހުރިހައި އެންމެނަށް ލިބޭ ނިޢުމަތެއް ނޫނެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެއަށް އީމާންވެ ހެޔޮ ޢަމަލުކުރި މީހުންނަށް އޮތްތަނެކެވެ. ތިބާގެ ހަވާ ނަފްސާއި ދެކޮޅަށް މާތްﷲ އެންގެވިމަގަށް ރުޖޫއަވި އަޅުންނަށް އޮތް ތަނެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތު ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. "( ނާޒިޢާތް40-41). ސުވަރުގެއަކީ މާތްﷲއަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވި އަޅުންނަށް ލިބޭ ޖަޒާއެވެ. ކިހައި ބޮޑު ނިޢުމަތެއް ހެއްޔެވެ. ދާއިމީ ނިޢުމަތެކެވެ. އެ ނިޢުމަތްތައް އަތުން ބީވުމެއް ނެތެވެ. ހަލާކުވުމެއް ނެތެވެ. ބައުވުމެއްނެތެވެ. މިފަދަ މަތިވެރި ނިޢުމަތްތަށް ލިބެން އޮތްއިރު ދުނިޔެއަށް ދަހިވެތިވަނީ ކީއްކުރަން ހެއްޔެވެ. އެވެސް ވަގުތީ އުފަލަކަށެވެ. ދުނިޔަވީ ކުޑަ ހިނދުކޮޅަކަށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "(އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، ޝުކުރު ލިބެނިވި ކަމެއްކަމުގައި ވެއެވެ." (އިންސާން 22).

ދުނިޔޭގައި ލިބޭ ކޮންމެ ނިޢުމަތަކީ ވަގުތީ އެއްޗެކެވެ. ތިބާ ގަންނަ ފަހުގެ ފޯނު ހަލާކުވެދެއެވެ. ތިބާގެ ގަޑުވަރެއްފަދަ ގެ ނެތި ފަނާވެގެން ދެއެވެ. ތިބާގެ ލޯބިވާ މީހުން ދޫކޮށް ދެއެވެ. ތިބާގެ ޒުވާންކަމާއި ރީތިކަން ނެތި ދެއެވެ. ތިބާގެ ދުޅަހެޔޮ ޞިއްޙަތު ނެތިދެއެވެ. ތިބާ ބަލިވެއެވެ. ތަކުލީފުތައް އުފުލަން ޖެހެއެވެ. މަސައްކަތު ހޯދާ ފައިސާ ނެތިގެންދެއެވެ. ދިރިއުޅުމަށްޓަކައި ވަރަށް ބުރަ މަސައްކަތްކުރަން ޖެހެއެވެ. ނަމަވެސް، މިހުރިހައި ތަކެއްޗެއް އެއަށްވުރެ ފުރިހަމަކަމާއެކު ދާއިމަށް ލިބޭނެ ތަނަކީ ސުވަރުގެއެވެ. އަތުން ބީވެނުދާނެ ތަނަކީ ހަމައެކަނި ސުވަރުގެއެވެ. ވީމާ، ވަގުތީ އުފާ ހޯދުމަށްޓަކައި ދާއިމީ އުފާ ގެއްލުވާނުލާށެވެ. ވަގުތީ ދުނިޔެއަށްޓަކައި ދާއިމީ ޙަޔާތުގެ އުފާތައް ގެއްލުވައިނުލާށެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރާ ޙާލު މަރުވެގެންދާށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް އެއުރެން ތިބެނިވި ތަނެއްކަމުގައި، ފިރުދައުސް އޭ ކިއުނު ސުވަރުގެތައް ވެއެވެ." (ކަހަފް 110).

+1
0
+1
4
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް