November 24, 2024 02:16
Advertisement

-Advertisement-

ޒަޔާން: އަމިއްލައަށް ދަސްކޮށްގެން ވަނީ މިނީ ޕްރޮގްރާމްތަކެއް އުފައްދާފައި

މުހައްމަދު ޒަޔާން ހަސަން އަކީ ކޯޑިން އަށް ވަރަށް ޝައުގުވެރިކަން ހުންނަ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އައްޑޫ ސިޓީ ހިތަދޫ އަށް އުފަން ޒަޔާން ކިޔަވަމުން ދަނީ ހިތަދޫގައި ހުންނަ ހިރާ ސްކޫލުންނެވެ. މިފަހަރު ގުރޭޑް 7 ނިމުނު ޒަޔާން ވަނީ ކޯޑިން ބޭނުންކޮށްގެން މިނީ 3 ޕްރޮގްރާމެއް ތައްޔާރުކޮށްފައެވެ.

" އަޅުގަނޑު ކޯޑިން އަށް ވަރަށް ޝައުގުވެރިވޭ. އެހެންވެ އިންޓަނެޓުން ސާރޗް ކޮށްގެން ދަސްކުރީ. އެންމެފުރަތަމަ ދަސްކުރީ ކޯޑިން ގައި ބޭނުންކުރާނެ ލެންގުއޭޖް. މިގޮތުން ކަލްކިޔުލޭޓަރ އުފެއްދީ ނަންބަރު ޖެހީމައި ޖަވާބު އަންނަގޮތަށް. އަދި ގޭމެއްވެސް ތައްޔާރުކުރިން." މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ތައްޔާރުކުރި ޕްރޮގްރާމްތަކުގެ ތަފްސީލް ކިޔައިދެމުން ޒަޔާން ބުންޏެވެ.

ކޯޑިންގެ ހުނަރު އިތުރަށް ދަސްކުރުމަށް ޒަޔާން ބައިވެރިވީ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުގެއިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ 'ދަ ސަރކްލް' ގެ ޕްރޮގްރާމެއް ކަމުގައިވާ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައެވެ.

Advertisement

މިޕްރޮގްރާމްގައި ބައިވެރިވުމުން ތަފާތު ގޮތްގޮތަށް ކަންކަމުގައި ވިސްނަން ދަސްވެ، ކޯޑިންގެ ހުނަރު ވަރަށްބޮޑަށް ކުރިއަރަމުން އަންނަކަމަށް ޒަޔާން ވަނީ ފާހަގަކޮށްފައެވެ.

" ވޭތުވެދިޔަ 7 މަހެއްހާ ދުވަހުގެތެރޭގައި ވަރަށް ރަނގަޅު ބަދަލެއް އައިއްސި ކަމަށް ޤަބޫލުކުރަނީ. ބައެއް ފަހަރަށް އެ ޕްރޮގްރާމްގައި ދޭނެ އެކްޓިވިޓީސް އެއްގެ ގޮތުގައި ޕަޒްލް އެއްޗެހި. ނިންމާ މަސައްކަތްތަކާއި ގުޅޭގޮތުން ވަކިވަކިން ކޮންމެ ކުއްޖަކަށް ރަނގަޅަށް ކުރެވުނު ކަންތައްތަކާއި، އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތައް ކިޔައިދޭ. އަދި އަޅުގަނޑުމެން ކަންތައްތައް ކުރަން ބޭނުންވާގޮތަކީ ކޮބައިތޯ އަހައި ހިޔާލު ހޯދާނެ. ބައެއް ފަހަރަށް ބޭނުންވާ މައުޟޫ އަކަށް އާޓިކަލް ލިޔަންދޭނެ. މިގޮތުން ލިޔުނިން އެންމެކުރާ ހިތްވާ ކަންތައްތަކާއި ގުޅޭގޮތުން ވެސް އާޓިކަލްއެއް." ޒަޔާން ކިޔައިދިނެވެ.

ވެބްސައިޓް ހެދުމާއި ގުޅޭގޮތުންވެސް ކުރިން ނޭނގޭ ގިނަކަންތައްތަކެއް ދަސްވެއްޖެކަން ފާހަގަކުރަމުން ޒަޔާން އިތުރަށް ބުނީ ވެބްސައިޓް ހަދާއިރު ބޭނުންކުރާނެ ކުލައިގެ އިތުރުން، ވެބްސައިޓުގައި ހުންނަ ލިޔުންތައް ކިޔާ މީހުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ވެބްސައިޓް ޑިޒައިން ކުރަން ދަނީ ދަސްކޮށްދެމުންނެވެ.

" ވެބްސައިޓް ޑިޒައިނިންގ އާއި ގުޅޭ ވަރަށްގިނަ އެއްޗެހި ކިޔައިދޭ. ކުރިން ކިޔައިދިނީ އެޗްޓީއެމްއެލް ބޭނުންކުރާނެ ގޮތް. މިހާރު ކިޔައިދެނީ ޖާވާ ބޭނުންކުރާ ގޮތް."

ޒަޔާން ޤަބޫލުކުރާގޮތުގައި ކޯޑިން ދަސްކުރަން ވަކި އުމުރެއް މުހިންމެއް ނޫނެވެ. އަމިއްލައަށް ޝައުގުވެރިކަން ހުންނަނަމަ ކޮންމެ މީހަކަށްވެސް މިކަން ކުރެވިދާނެއެވެ.

" އުމުރުން 8 އަހަރު އަދި 9 އަހަރުގެ ކުދިންވެސް އެބައުޅޭ ކޯޑިންއަށް މޮޅު. ހަމަ ކޮންމެ މީހަކަށްވެސް ވެދާނެ. ވަރަށް ގިނަ ހިލޭ ކޯސްތައް އެބަހުރި އިންޓަނެޓުން ލިބެން. ވީޑިއޯސް ވެސް އެބަހުރި ކިޔައިދީފައި ހުންނަ. އެހެންވީމަ ބޭނުންމީހަކަށް ދަސްކުރެވިދާނެ" ޒަޔާން ފާހަގަކުރިއެވެ.

'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމް'ގައި ބައިވެރިވެގެން އުޅޭ 500 އެއްހާ ކުދިންގެ ތެރެއިން 'ދި އައިލެންޑް ލެޖެންޑް' ވެބްސައިޓް ތައްޔާރުކުރުމަށް ހޮވާފައިވަނީ 4 ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރޭގައި ހިމެނޭ ޒަޔާން ވަނީ އެމަސައްކަތް ކުރިއަށްދާގޮތް ކިޔައިދީފައެވެ.

" މިހާރު މަސައްކަތްކުރަމުން ދަނީ އެ ވެބްސައިޓް ނިންމުމަށް. ކޯޑިން ޓީމް އަދި ކޮންޓެންޓް އެންޑް ޑިޒައިން ޓީމް މިއުޅެނީ. އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި މަޝްވަރާކުރުމަށްފަހު މަސައްކަތް ކުރިއަށްގެންދަނީ. އަޅުގަނޑު އެހީތެރިވަން ކޯޑިން އަށް ވެސް. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ގުޅޭގޮތުން މައުލޫމާތު ހިމެނުމަށް ހަދާ ވެބްސައިޓެއް. އަޅުގަނޑުމެން 4 ކުދިން ވެބްސައިޓް ތައްޔާރުކުރިއަސް ކޯޑިން ޕްރޮގްރާމްގައި އުޅޭ އެހެން ހުރިހާ ކުދިން ވެސް ލިޔާނެ ރަށްރަށާއި ގުޅޭ ވާހަކަތައް" ޒަޔާން ތަފްސީލް ހާމަކުރަމުން ބުންޏެވެ.

ހިރާ ސްކޫލުގެ ލީޑަރެއްގެ ގޮތުގައި (މި ސްކޫލުގައި ޕްރިފެކްޓް ކިޔުމުގެ ބަދަލުގައި ކިޔާއުޅެނީ ލީޑަރ) ވެސް އުޅޭ ޒަޔާން އަކީ ޓެލެންޓް ޝޯވތަކުގައި ބައިވެރިވެފައިވާ ކުއްޖެކެވެ. މީގެއިތުރުން އެ ސްކޫލުގެ ސްޕޯޓްސްމީޓް ގައި ވެސް ވަނީ ބައިވެރިވެފައެވެ.

ޒަޔާންގެ މަންމަ މަރްޔަމް ސޯލިހް މައުލޫމާތު ދިންގޮތުގައި، އިތުރު ހަރަކާތްތަކުގައި ގިނައިން ބައިވެރިނުވިއަސް ޒަޔާން އަކީ ކިޔެވުމަށް ވަރަށްމޮޅު ކުއްޖެކެވެ. އަދި ޒަޔާންގެ ބޭބެ އަކީ ސޮފްޓްވެއަރ އިންޖިނިއަރެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ މީހެކެވެ.

" ބޭބެ ކައިރީގައި ވެސް އަހާނެ. އަދި އިންޓަނެޓް ބޭނުންކޮށްގެން ފުރަތަމަ ކޯޑިން ދަސްކުރީ. އުގެއިލް ފައުންޑޭޝަން ޕްރޮގްރާމްގައި ބައިވެރިކުރީ ލޮކްޑައުން އާއި ހުރެ ސްކޫލްތައް ބަންދުކުރީމައި ޒަޔާން އަމިއްލައަށް ބައިވެރިވާން ބޭނުންވީމަ. ވަރަށް ރަނގަޅު ކަމަށް ފެންނަނީ ކުރިއަށްދާގޮތް" ޒަޔާންގެ މަންމަ މަޢުލޫމާތު ދިނެވެ.

ޒަޔާން އަށް ވަނީ އުގެއިލް ފައުންޑޭޝަނުން މިއަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށް ކުރިއަށް ގެންދިޔަ 'ކްރިއޭޓިވް އިންގްލިޝް' ޕްރޮގްރާމްގައި ޕެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައެވެ. ވެބްސައިޓް ހެދުމުގެ އިތުރަށް މިއީ ލިބުނު ކާމިޔާބީއެއް ކަމަށް އާއިލާއިން ދެކެއެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
2
+1
8
+1
8
+1
3
+1
1
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް