ޢާއިލާ މީހަކު ނުވަތަ ރަޙުމަތްތެރިއަކު މަރުވުމުން ދަރުމައާއި ޘަވާބަށް އެދި ވަރަށް ގިނަ ކަންތައްތަކެއް ކުރެއެވެ. މި ހުރިހައި ކަމެއްކުރަނީ މައްޔިތާއަށް ހެޔޮ އެދިގެންނެވެ. މާތްﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ކުރަންވާނީ ދީނުގައި ޝަރުޢު ކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީނުގައި ކުރުމަށް އަންގަވާފައިނުވާ ކަމެއް ކުރުމަކުން މައްޔިތާއަކަށް އެއްވެސް ދަރުމައެއް ޘަވާބެއް ނުލިބޭނެއެވެ. މަރުވެފައިވާ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ބަޔާން ކުރެވިގެންވެއެވެ.
މައްޔިތާގެ ދަރަނި އަދާ ކޮށްދިނުން:
މީހަކު މަރުވާއިރު، އޭނާގެ ދަރަންޏެއް އޮތްނަމަ، އެ ދަރަނި އަދާކޮށްދިނުން އަވަސްކުރުން މުހިންމެވެ. ދަރަންޏަކީ ވަރަށް ނުރައްކައުތެރި އެއްޗެކެވެ. އެ ކަމުގެ ނުރައްކައުތެރިކަން އަންގައިދޭ އެތަށް ޙަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. މީގެ ތެރެއިން ދަރަނި އަދާނުކުރެވި މަރުވާ މީހާގެ މައްޗަށް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ކަށުނަމާދުކޮށް ނުދެއްވައެވެ. އެފަދަ މީހަކަށް ކަށު ނަމާދުކޮށްދެއްވަނީ، އެމީހެއްގެ ދަރަނި އަދާކުރެވުމުންނެވެ. ނުވަތަ އެ ދަރަނި އަދާކުރުމަށް އެހެން މީހަކު ޖާމިނުވުމުންނެވެ.
މާތްﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި ސަލަމަތު ބުނުލްއަކުވަޢުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ކަށުނަމާދުކޮށްދެއްވުމަށްއެދި ޖަނާޒާއެއް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އޭނާގެ ދަރަންޏެއް ވޭ ހެއްޔެވެ؟" އަޞްޙާބުން ދެންނެވޫއެވެ. "ނޫނެކެވެ." (އެބަހީ: ދަރަންޏެއް ނުވެއެވެ.) ފަހެ، އިތުރުއެކަލޭގެފާނު، އޭނާގެ ކަށު ނަމާދު ކޮށްދެއްވިއެވެ. ދެން އެއަށްފަހު އެހެން ޖަނާޒާއެއް ވެސް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އޭނާގެ ދަރަންޏެއްވޭ ހެއްޔެވެ؟" އަޞްޙާބުން ދެންނެވޫއެވެ. "އާދޭހެވެ."(އެބަހީ: ދަރަންޏެއް ވެއެވެ.) އިތުރުއެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ އެކުވެރިޔާގެ މައްޗަށް ތިޔަބައިމީހުން ކަށު ނަމާދު ކުރާށެވެ!) (އެ ހިނދު) އަބޫޤަތާދާގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އޭނާގެ ދަރަނި އަދާކޮށްދިނުމަށް އަޅުގަނޑު ޖާމިނުވަމެވެ. ފަހެ، އިތުރު އެކަލޭގެފާނު އޭނާގެ ކަށު ނަމާދު ކޮށްދެއްވިއެވެ. (ބުޚާރީ).
މައްޔިތާގެ ވަޞިއްޔަތް އަދާކޮށްދިނުން:
މީހަކު މަރުވި އިރު ވަޞިއްޔަތެއް ކޮށްފައިވާނަމަ، އެވަޞިއްޔަތެއް ދިރިތިބީން ފުއްދައިދޭންވާނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެއީ، އެކަނބަލުން ކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޛު ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ." (ނިސާއު 12).
މައްޔިތާގެ ފަރާތުން ޞަދަޤާތް ކުރުން:
މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެ ކަމަނާ ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލު ﷲ ގެ އަރިހަށް ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އަޅުގަނޑުގެ މަންމަ ކުއްލި ގޮތަކަށް ނިޔައުވެއްޖެއެވެ. އަދި މަންމަ ވަޞިއްޔަތެއް ވެސް ނުކުރައްވައެވެ. އަޅުގަނޑު ހީކުރާގޮތުގައި މަންމައަށް ވާހަކަ ދެއްކެވުނުނަމަ، ޞަދަޤާތް ކުރުމަށް ވަޞިއްޔަތް ކުރެއްވީހެވެ! މަންމަގެ ފަރާތުން އަޅުގަނޑު ޞަދަޤާތްކޮށްފިނަމަ، މަންމައަށް އެކަމުގެ ޘަވާބު ލިބޭނެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އާދޭހެވެ" (އެބަހީ: ތިބާގެ މަންމާގެ ފަރާތުން ތިބާ ޞަދަޤާތް ކުރައްވައިފިނަމަ، ތިބާގެ މަންމާއަށް އެކަމުގެ ޘަވާބު ލިބިލައްވާނެއެވެ. (ބުޚާރީ އާއި މުސްލިމް).
ޞަދަޤާތުގެ ގޮތުގައި ސާޅީހަށް ކެއްކުމަކީ ދިވެހި ރާއްޖޭގައި މަދުން ނަމަވެސް ކުރެވެމުންދާ ކަންތައްތަކެވެ. މި ކަމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ. މީގައި މައްސަލައަކީ ކެއްކުމެއް ނޫނެވެ. އަދި ކައްކާފައި ޞަދަޤާތުގެ ގޮތުގައި މިސްކީނުންނަށް ކާން ދިނުމެއްވެސް ނޫނެވެ. މައްސަލައަކީ ވަކި ދުވަހެއް ޚާއްޞަކުރުމެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ނެތް ކަމެކެވެ. ނަމަވެސް ވަކި ދުވަހެއް ޚާއްޞަކުރުމެއްނެތި ކައްކާފައިވެސް ޞަދަޤާތްކުރެވޭނެއެވެ. އަދި މިނޫނަސް މިސްކިތައް މުޞްޙަފެއް ހަދިޔާ ކުރުން، ފެން ވަޅެއް ބިނާ ކުރުން، މިސްކިތެއް ބިނާ ކުރުން ނުވަތަ ޞަދަޤާތުގެ ގޮތުގައި ކުރެވޭ ކޮންމެ ކަމެއްވެސް މައްޔިތާގެ ނަމުގައި ކުރެވޭނެއެވެ.
މައްޔިތާއަށް ހެޔޮ ދުޢާކޮށްދިނުން:
މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ މައްޔިތާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމެވެ. މައްޔިތާއަށްޓަކައި ކުރެވޭ ހެޔޮ ދުޢާއަކީ އެންމެ ފައިދާ ކުރަނިވި ޢަމަލެވެ. އެހެނީ ދުޢާއަކީ އައްޑަނައެކެވެ. އަބޫއުސައީދު މާލިކް ބިން ރަބީޢާ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަބީޢާވިދާޅުވިއެވެ. "އަހަރުމެން ރަސޫލުﷲ صلى الله عليه وسلم އަރިހުގައި ތިއްބާ، ބަނޫ ސަލަމާ ދަރިކޮޅުގެ މީހެއް އައިސް ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާ صلى الله عليه وسلم އެވެ. އަހަރެންގެ މައިންބަފައިން މަރުވުމަށްފަހު، އެދެމީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން، އަހަރެންނަށް ކުރެވިދާނެ ހެޔޮކަމެއް އެބައޮތްތޯއެވެ؟ ރަސޫލު ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. އެދެމީހުންގެ މައްޗައް ހެޔޮދުޢާކުރުމެވެ. އަދި އެދެމީހުންގެ ފާފަފުއްސެވުންއެދި ދުޢާކުރުމެވެ. އަދި އެދެމީހުން ކޮށްފައިވާ ވަޞިއްޔަތްފުއްދުމެވެ. އަދި ރަޙިމްގެ ގުޅުން ދެމެހެއްޓުމެވެ. އެއީ އެދެމީހުންނާ ނުލައި ނުގުޅޭނެ އެއްޗެކެވެ. އަދި އެދެމީހުންގެ ރަޙްމަތްތެރިންނަށް ކަމޭހިތާށެވެ."
ދަރިން ކުރާ ދުޢާ:
މައިންބަފައިން ދަރިންނަށް ދުޢާ ކުރުން މަތިވެރިވެގެންވާ ފަދައިން ދަރިން މައިންބަފައިންނަށް ކުރާ ދުޢާ އަކީވެސް ވަރަށް މަތިވެރި އަޅުކަމެކެވެ. ހަމަ އެފަދައިން ބާރުގަދަ ހަތިޔާރެއްވެސް މެއެވެ. ދަރިން ކުރާ ދުޢާގެ ސަބަބުން މައިންބަފައިންގެ ފާފަ ފުއްސަވަތެވެ. ޤިޔާމަތް ދުވަހުން މައިންބަފައިންގެ ދަރަޖަ އުފުލިގެން ދިއުމުގެ ސަބަބެއް ކަމުގައި ދަރިން ކުރާ ދުޢާވެއެވެ. މަރުވުމުން ތިބާއަށް ހެޔޮ ދުޢާ ކުރާނެ ދަރިއަކު ތަރުބިއްޔަތު ކުރުން މުހިންމުވަނީ މިހެންވެގެންނެވެ. ހެޔޮލަފާ ދަރިން މައިންބަފައިންގެ ފާފަ ފުއްސެވުމަށް ދުޢާ ކުރެއެވެ. އެ ދުޢާގެ ސަބަބުން އެމީހެއްގެ ފާފަ ފުހެވި ސުވަރުގޭގައި ދަރަޖަ މަތިވެގެންދެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖަލް ސުވަރުގޭގައި ޞާލިޙު އަޅާގެ ދަރަޖަ މަތިވެރި ކޮށްދެއްވައެވެ. އެހިނދު އޭނަ ބުނާނެއެވެ: އޭ ރައްބެވެ! މިއީ ކޮން ގޮތަކުން އަހުރެންނަށް ލިބުނު ދަރަޖައެއްތޯއެވެ. ދެން ބުނެވޭނެއެވެ. އެއީ ތިބާގެ ދަރިފުޅު ތިބާއަށްޓަކައި ފާފަ ފުއްސެއްވުމަށްއެދި ދުޢާ ކުރުމުގެ ސަބަބުންނެވެ.“
މައްޔިތާގެ މަތިން ޙައްޖާއި ޢުމްރާވުން:
عَبْدُاللّه بُنُ عَبَّاسٍ ވިދާޅުވިއެވެ. "ނަބިއްޔާ ﷺ އަށް މީހަކު “لَبَّيْكَ عَنْ شُبْرُمَة” ކިޔާ އަޑު އިވިވަޑައި ގެންނެވިއެވެ." އެހިނދު ހަދީޘް ކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ހައްޖު ކޮށްފިންހެއްޔެވެ؟” އެމީހަކު ދެންނެވިއެވެ. “ނޫނެކެވެ.” ހަދީޘް ކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ހައްޖު ކުރުން ހުއްޓެވެ.” އެއަށްފަހު شُبْرُمَة އަށް ހައްޖު ކޮށްދޭށެވެ.” (ޠަބަރީ 226). މި ޙަދީޘުން އެނގެނީ އެމީހެއްގެ އަމިއްލަ ނަފްސައް ހައްޖުވެފައިވާ މީހުނަށް މަރުވެފައިވާ މައްޔިތާގެ މަތިން ޙައްޖު ކުރެވޭނެ ކަމެވެ.
މައްޔިތާގެ ފަރާތުން ޤަޟާ ރޯދަ ހިފުން:
ރަމަޟާންމަހުގެ ރޯދަ، ނަޛުރު ރޯދަ ނުވަތަ ކައްފާރާ ރޯދަ މައްޔިތާގެ ފަރާތުން އޭނާގެ ވަލީވެރިންނަން ހިފޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "މީހަކު އޭނާ ޤަޟާކުރަންޖެހޭ ރޯދަތަކެއް ހުރެ މަރުވެއްޖެނަމަ އެ ރޯދަތައް އޭނާގެ ފަރާތުން އޭނާގެ ވަލީވެރިޔާ ޤަޟާކުރާށެވެ. "(ބުޚާރީ).
ކީރިތި ޤުރްއާން ކިޔެވުމަކުން މައްޔިތާއަށް ޘަވާބު ލިބޭނެ ހެއްޔެވެ؟
އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް މީހުނަށް އެނގިފައި އޮންނަނީ ކީރިތި ޤުރްއާން ކިޔެވުމަކީ މައްޔިތާއަށް އެކަމުގެ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއްކަމަށެވެ. ޝަރުޢީ ދަލީލަކުން މެނުވީ މައްޔިތާއަށް މިވެނި ކަމެއް ކޮށްދިނުމުން ޘަވާބާއި ދަރުމަ ލިބޭނެ ކަމުގައި ނުބުނެވޭނެއެވެ. އަދި އެފަދަ ޢަމަލެއް ކުރަންވާނީވެސް ޝަރުޢީ ދަލީލެއްގެ މައްޗަށެވެ. ކީރިތި ޤުރްއާން ކިޔެވުމުން މައްޔިތާއަށް ދަރުމައާއި ޘަވާބު ލިބޭކަމުގެ އެއްވެސް ޝަރުޢީ ދަލީލެއް ނެތެވެ.
އަލް އިމާމް އިބްނު ކަޘީރު، އެ ކަލޭގެފާނުގެ ތަފުސީރުގައި، އައްނަޖުމު ސޫރަތް ތަފްސީރު ކުރައްވަމުން، އެ ސޫރަތުގެ 39 ވަނަ އާޔަތުގައިވާ "އަދި އިންސާނަކަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެއެވެ”. މި އާޔަތުގެ ތަފްސީރު ލިޔުއްވަމުން ވިދާޅުވެފައިވެއެވެ. "މި މަތިވެރި އާޔަތުން ދަލީލު ނަންގަވައި، އަލްއިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މައްޔިތާއަށް ހެޔޮ އެދިގެން ކީރިތި ޤުރްއާން ކިޔެވުމަކުން މައްޔިތާއަކަށް ޘަވާބެއް ނުލިބޭ ހުއްޓެވެ. އެހެނީ، އޭނާގެ ޢަމަލެއް ނޫނެވެ. އަދި އޭނާ ހޯދި އެއްޗެއްވެސް ނޫނެވެ." ޝާފިޢީގެފާނުގެ ބަސްފުޅު ނަކުލު ކުރެއްވުމަށްފަހު، އަލްއިމާމު އިބްނު ކަޘީރު އިތުރަށް ވިދާޅުވެފައިވެއެވެ. "ރަސޫލުﷲ، އެކަލޭގެފާނުގެ އުއްމަތަށް އެކަމަށް އިރުޝާދު ދެއްވާފައެއް ނުވެއެވެ. އަދި އެބައިމީހުން އެކަން ކުރުމަށް ބާރު އަޅުއްވާފައިވެސް ނުވެއެވެ. އަދި އަޞްޙާބު ބޭކަލުންގެ ކިބައިން އެފަދަ އިޝާރާތެއް ވެސް އައިސްފައި ނުވެއެވެ. (ރިޔާޟުއް ޞާލިޙީން).