September 20, 2024 15:42
Advertisement

-Advertisement-

ނިފާސްވެރިޔާ އާއި ގުޅުންހުރި ބައެއް ސުވާލާއި ޖަވާބު!

ނިފާސްގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ނިފާސްގެ ލެއަކީ ނަޖިހެކެވެ. ނިފާސް ކަމުގެ ޙުކުމަކީ ހަމަ ޙައިޟުގެވެސް ޙުކުމެވެ. ޙައިޟު ވުމުން ކުރުން ޙަރާމް ހުރިހާކަމެއް ނިފާސް ވުމުންވެސް ޙަރާމްވާނެއެވެ. ވީމާ ނިފާސްކަމުގެ ލޭ ނުކުންނަ ދުވަހުން ފެށިގެން ޠާހިރުވަންދެން، ނަމާދު ކުރުމާއި ރޯދަ ހިފުން ޙަރާމްވާނެއެވެ. އަދި ފިރިމީހާ ޖިމާޢުވުންވެސް ޙަރާމްވެގެންވެއެވެ. އަދި ނިފާސްކަމުގެ ލޭ ކެނޑި ޠާޙިރުވުމުން ހިނައިގަތުން ވާޖިބުވާނެއެވެ. ނިފާސްގެ ލޭގައިވެސް ހުންނަނީ ޙައިޟުގެ ލޭގައި ހުންނަ ޞިފަތަކެވެ.

ނިފާސްކަމުގެ މުއްދަތަކީ ކޮބައި ހެއްޔެވެ؟  

Advertisement

ނިފާސްކަމުގެ މުއްދަތު ދެ ބަޔަކަށް ބެހިގެން ދެއެވެ.

  • ނިފާސްކަމުގެ އެންމެ ކުރު މުއްދަތު؛ ނިފާސްގެ އެންމެ ކުރު މުއްދަތަކަށް ވަކި މިންވަރެއް ވަކި ޙައްދެއް ނެތެވެ. އެއީ ކުޑަ ހިނދުކޮޅެއްކަމުގައިވެސް ވެދާނެއެވެ. އަންހެނަކު ކުއްޖެއް ވިހާފައި ގިނަ އިރުތަކެއްނުވެ ލޭ މަނާ ވެދާނެއެވެ. އަދި ބައެއް އަންހެނުން ވިހެއުމާ ގުޅިގެން ލެއި އައުން ކެނޑިދެއެވެ. އަންހެނަކު ވިހެއުމަށްފަހު ކިތަންމެ އަވަހަށް ލޭ ކެނޑި ޠާހިރުވިޔަސް ހިނައިގަނެ އަޅުކަންކުރަން ޖެހޭނެއެވެ. އެހިސާބުން ނިފާސްގެ ސަބަބުން ޙަރާމްވި ހުރިހާކަމެއް ހުއްދަވާނެއެވެ. ސަބަބަކީ ނިފާސްކަމުގެ އެންމެ މަދު މިންވަރު ބަޔާންކޮށް ޞައްޙަ ދަލީލެއް އައިސްފަނެތުމެވެ.
  • ނިފާސްކަމުގެ އެންމެ ދިގު މުއްދަތު؛ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކޮށް ނިފާސްގެ ލެއިގެ އެންމެ ދިގު މުއްދަތަކީ 40 ދުވަސްކަމަށް ބުރަވެވެއެވެ. ސަބަބަކީ ޞަރީޙަކޮށް ސާޅީސް ދުވަސްކަން ބަޔާންކޮށް ޙަދީޘްބަސްފުޅު އޮތުމެވެ. އަދި ޞަޙާބީންގެ ތެރެއިން ގިނަ ބޭކަލުންނާއި، ތާބިޢީންނާއި ތަބަޢަ ތާބިޢިންވެސް މި ރަޢުޔަށް ބުރަވެވަޑައިގަތުމެވެ. މިކަމުގެ ދަލީލަކީ އުންމު ސަލްމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ތިބެއެވެ."

އިމާމު ތިރްމިޛީ ރަޙިމަހުﷲ މި ޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ނަމާދުނުކޮށް ތިބުމަށާއި އެކަމަކު އެއަށްވުރެކުރިން ޠުހުރުފެނިއްޖެނަމަ ހިނައިގަނެ ނަމާދުކުރަން ފަށަން ޖެހޭނެކަމަށް ހުރިހާ އަޞްޙާބުބޭކަލުންނާއި ތާބިޢީކަލުންނާއި އެއަށްފަހުގައި ވަޑައިގެންނެވި ޢިލްމުވެރިބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ.” ދެން ސާޅީސް ދުވަސް ފަހުން ލޭ ފެނިއްޖެނަމަ ދަންނައެވެ. ފަހެ ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވަނީ އޭނާ ނަމާދު ދޫނުކުރާހުށިކަމެވެ."

ސާޅީސް ދުވަހަށްފަހު ލެއި ފެނުނު މީހާ ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟

ސާޅީސް ދުވަހަށްވުރެ އިތުރުވާ ދުވަސްތަކަކީ ނިފާސްއެއް ނޫނެވެ. އެ ލެއިގެ ޙުކުމަކީ އިސްތިޙާޟާއެވެ. ވީމާ އެމުއްދަތު ފަހަނައަޅައި ދިއުމުން ހިނައިގަނެ ނަމާދުކޮށް ރޯދަ ހިފަންޖެހޭނެއެވެ. އަދި ކޮންމެ ނަމާދަކަށް ވުޟޫކުރަން ޖެހޭނެއެވެ. ނަމަވެސް އަންހެނުންގެ ޠަބީޢަތުގައި ލައްވާފައިވާ ފަދައިން ޙައިޟު ފެށިއްޖެ މީހާ، ނަމާދުކުރުން ދޫކޮށްލާށެވެ. އެސިފަތައް ލެއިން ފެންނަނަމަ، ޙައިޟުގެ މުއްދަތަށް ބަލާނީއެވެ. ނަމަވެސް ދެ ތިކި ނުވަތަ ތިން ތިކީގެ ލޭ ފެންނަނަމަ، އެއީ ޙައިޟެއް ނޫނެވެ. އަދި ޙައިޟު ރަނގަޅުވުމުން ހިނައިގަންނާނީއެވެ. ކޮންމެ ނަމާދަކަށް ސާފުކޮށް، ވުޟޫކޮށް، ބަންދުކޮށް ނަމާދު ކުރަންޖެހޭނެއެވެ. ޖިމާޢުވުންވެސް ހުއްދައެވެ.

ވިހެއުމުގެ ކުރިން (މާބަނޑު ދުވަސްވަރު)  ލޭ ފެނުން؛

ނިފާސްއަކީ ވިހެއުމަށްފަހު ނުވަތަ ވިހެއެމުގެ ތެރޭގައި ނުވަތަ ވިހެއުމުގެ ދެ ދުވަސް ނުވަތަ ތިން ދުވަސްކުރިން ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ތަދުވުންފަދަ (ވިހެއުމުގެ) އަލާމާތަކާއެކު ލޭ ފެނުމެވެ. ވިހެއުމުގެ އެއްވެސް އަލާމާތެއް ނެތި ވިހެއުމުގެ ކުރިން އަންނަ ލެ އަކީ ނިފާސްއެއްނޫނެވެ. އެއީ ފަސާދައިގެ ލެއެކެވެ. އަދިވެސް ވިދާޅުވެއެވެ. "ވިހެއުމުގެ މާގިނަދުވަސްކުރިން (ލޭ އައިކަމުގައިވިޔަސް) އެއީ ނިފާސްއެއް ނޫނެވެ. އެހެނީ ނިފާސްއަކީ ވިހެއުމާއެކު އަންނަ ލެއެވެ. ނުވަތަ ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސްކުރިން ވިހެއުމުގެ ތަދާއެކު އަންނަ ލެއެވެ.

އަންހެނާގެ ފަރުޖުން ނިކުންނަ ފެން ( އެމްނިއޮޓިކް ފުލުއިޑް )ގެ ޙުކުމް

ވިހެއުމުގެ ކުރިން އަންހެނާގެ ފަރުޖުން ތަފާތު ދިޔާ ތަކެތި ނިކުމެއެވެ.  މީގެ ތެރޭގައި ފެންވެސް ހިމެނެއެވެ. އެއަންނަ ފެނަކީ ރަޙިމުގެ ތެރެއިން އަންނަ ފެނެކެވެ. އެފެނުގެ ޙުކުމަކީ ފަރުޖުން ނިކުންނަ އެހެނިހެން ތަކެތީގެވެސް ޙުކުމެވެ. އެއީ ޠާހިރު ފެނެކެވެ. އެފެން ނިކުންނަ މީހާއަށް ނަމާދު ކުރުމާއި ރޯދަ ހިފުން ޙަރާމެއްނޫނެވެ. އަދި އެހެން އަޅުކަންތައްވެސް ކުރެވޭނެއެވެ. ސަބަބަކީ އެއީ ނިފާސްއެއް ނޫނެވެ. ނިފާސްއަކީ ލެއެވެ. ފެނެއް ނޫނެވެ. ނަމަވެސް އެފެން ނިކުތުމުން ވުޟޫ ގެއްލޭނެއެވެ. އެމީހަކު ނަމާދު ކުރުމަށްޓަކައި ވުޟޫ ކުރަންޖެހޭނެއެވެ.

އައްޝައިޚު އިބްނު އުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. "ވިހެއުމުގެ ތިން ދުވަސްކުރިން ކޮންމެވެސް ވަރެއްގެ ތަދުވުމަކާއެކު (މާބަނޑު އަންހެނެއްގެ ފަރުޖުން) ފެން ބޭރުވިއެވެ. އެއީ ނިފާސް ހެއްޔެވެ؟" ޖަވާބުގައި ވިދާޅުވިއެވެ." ވިހެއުމުގެ ކުރިން އަންނަ ފެނަކީ ނިފާސްއެއްނޫނެވެ. ނިފާސްއަކީ ލެއެވެ. ފެނެއް ނޫނެވެ." 

ދަރިފުޅު ބައިގެން ދިއުމުން އަންނަ ލޭ ގެ ޙުކުމް

ދަރިފުޅު ބައިގެން ދިއުމުން އަންނަ ލެއަކީ ނިފާސްގެ ލެއި ތޯ ނުވަތަ ނޫންތޯ؟ މިއީ ވަރަށް ގިނަ ކަނބަލުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި މިހާލަތުގައި ނަމާދުކުރުމާއި ރޯދަ ހިފުމުގެ ޙުކުމާއިމެދުވެސްމެއެވެ. މި މައްސަލަ ދެ ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ ބަނޑަށް 120 ދުވަސްވުމުގެ ކުރިން ބައިގެން ދިއުމެވެ. ދެވަނަ ބަޔަކީ 120 ދުވަސް ފަހުން ބައިގެން ދިއުމެވެ.

ފުރަތަމަ ބައި: 120 ދުވަސް ވުމަށްފަހު ބައިގެން ދިއުން

ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވާ ގޮތުގައި އަންހެނާ ބައިގެން ދިޔައީ ބަޑަށް 120 ދުވަސް ފަހުންނަމަ، އެއީ ނިފާސްއެވެ. މިމުއްދަތުގައި ހިނގާނީ ނިފާސްގެ ޙުކުމެވެ. އެމީހަކު ރޯދަ ހިފުމާއި ނަމާދުކުރުން ޙަރާމްވެގެންވެއެވެ. އަދި ފިރިމީހާއާއެކު ޖިމާޢުވުންވެސް ޙަރާމެވެ. މަހުން ބަލަންޏާ އެއީ ބަނޑަށް ހަތަރު މަސްފަހެވެ. ސަބަބަކީ ބަނޑަށް 120 ދުވަސްވުމުން ކުއްޖާގެ ފުރާނަ އެޅުއްވެއެވެ. އަދި ފުރިހަމަ އިންސާނަކަށްވެއެވެ. މިކަމުގެ ތެދުކަން  ކީރިތި ޤުރްއާނާއި ސުންނަތުން ޘާބިތުވެއެވެ.

ދެވަނަ ޙާލަތު: ބަނޑަށް 120 ދުވަސްވުމުގެ ކުރިން ބައިގެން ދިއުން

މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. މީގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅަކީ ބައިގެން ދިޔައީ އިންސާނެއްގެ ޞިފަ ޖެހިފައިވާ މަސްކޮޅެއްނަމަ، އެއީ ނިފާސްއެވެ. ނަމަވެސް އިންސާނެއްގެ ޞިފަ ޖެހިފައިނުވާ ގަނޑު ލޭ ކޮޅެއްނަމަ، އެއީ ނިފާސްއެއް ނޫނެވެ. އަދި އެއީ ޙައިޟެއްވެސްނޫނެވެ. އެއީ ފަސާދައިގެ ނުވަތަ އިސްތިޙާޟާގެ ލެއެވެ. އަދި އިންސާނެއްގެ ސިފަ ޖެހޭނެ އެންމެ އަވަސް މުއްދަތަކީ ބަލިވެއިންނަތާ 81 ދުވަސްކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ.

ވީމާ، 120 ދުވަސްކުރިން ބައިގެންދާ އަންހެނާ، އޭނާ ބައިގެން ދިޔައީ 80 ދުވަސް ކުރިންނަމަ، އެ ފައިބާ ލެއަކީ ނިފާސްއެއްނޫނެވެ. އެއީ އިސްތިޙާޟާ އެވެ. އެމީހަކަށް ހިނގާނީ އިސްތިޙާޟާވެރިންގެ ޙުކުމެވެ. ނަމާދު ކުރުމާއި ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި ފިރިމީހާއާއެކު ޖިމާޢުވުންވެސް ހުއްދައެވެ. އެމީހަކަށް އޮތީ ކޮންމެ ފަރުޟު ނަމާދަކަށް ވުޟޫކޮށް ސާފުވުމެވެ. އަދި ބައިގެން ދިޔައީ 80 ދުވަސް ފަހުން ކަމުގައިވެފައި، އެބައިގެން ދިޔަ އެތިކޮޅުގައި އިންސާނެއްގެ ޞިފަ ފާޅުވާންހުރިނަމަ، އެއީ ނިފާސްއެވެ.

ނިފާސްކަމުން ޠާހިރުވިކަން އެނގޭނީ ކިހިނެތް ހެއްޔެވެ؟

ނިފާސްކަމުގެ ލެއަކީ ވިހެއުމުގެ ސަބަބުން ނުވަތަ ދަރިފުޅު ބައިގެން ދިއުމުގެ ސަބަބުން އަންހެނާގެ ފަރުޖުން އަންނަ ލެއެކެވެ. ޢިލްމުވެރިން، ނިފާސްކަމުން ޠާހިރުވިކަމަށް ބަލައި މިންގަޑަކީ ޙައިޟުންވެސް ޠާހިރުވިކަމަށް ބަލާ މިންގަޑެވެ. އެ މިންގަޑަކީ މިއީއެވެ.

ފުރަތަމަ މިންގަޑު: ‏الْقَصَّةَ ‏ ‏الْبَيْضَاءَ "ޤައްޞަތުލް ބައިޟާއު" ފެނުމެވެ. ޢަރަބި ބަހުގައި ޤައްޞަތުލް ބައިޟާއު ކިޔަނީ ލޭ ކެނޑުނީމާ، ރަޙިމުން އަންނަ ހުދުކުލައިގެ ދިޔާ އެއްޗަކަށެވެ. ރަޙިމުން ލޭ ހުސްވެއްޖެކަން އެންމެ ބޮޑަށް ދަލީލުކޮށްދެނީ މިއިންނެވެ. ވީމާ ޠުހުރުގެ އެންމެ ފާޅުކަންބޮޑު ޢަލަމާތަކީވެސް މިއެވެ.

ދެވަނަ މިންގަޑު: އަންހެނާގެ ކުރިމަތި ފަރާތުން އަންނަ ލޭ ހިކުން، ހަތަރު އިމާމުން އިއްތިފާޤުވެލައްވާގޮތުގައި އަންހެނާގެ ކުރިމަތި ފަރާތުން އަންނަ ލޭ އައުން ހުއްޓި ފަރުޖު ސާފުވެ، އެތާގައި ހުދު ފޮތިކޮޅެއް އެޅިއަސް، އޭތިކޮޅު ހަޑި ނުވުމަކީ ޙައިޟު ނިމުމުގެ ޢަލާމާތެކެވެ. ސަބަބަކީ ލޭ ހިކުމަކީ ސާފުވުމެވެ. އަދި ލޭ ހިކުމަށްފަހު އިތުރަށް އިންތިޒާރު ކުރުމެއްނެތެވެ.

 

+1
4
+1
26
+1
5
+1
4
+1
5
+1
3
+1
3

Advertisement

ގުޅުންހުރި ލިޔުންތައް