September 20, 2024 16:58
Advertisement

-Advertisement-

އިބްރާހީމްގެ ހިތި ހަނދާންތައް: ބިރުވެރި ހާދިސާ އަށް ފަހު މީހަކު މަރުވި ގޮތް!

ދުވަސްވަރަކީ ރާއްޖޭގައި ލެޕްރަސީ އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރެވެ. އެއީ މީގެ ގާތްގަނޑަކަށް ހަތްދިހަ އަހަރުގެ ކުރިއެވެ. ރަށަކީ ދާންދޫ އާއި ކޮޑޭ، މިދެމެދުގެ ރަށެކެވެ. ނަމަކީ "ފުނަދޫ" އެވެ. މިދެންނެވި ބަލި ފެތުރުނު ދުވަސްވަރު މިބަލިޖެހިފައި ތިބި ހުވަދުއަތޮޅުގެ ހުރިހާ މީހުން ގެންގޮސް ބައިތިއްބަނީ ފުނަދޫ ގައެވެ. ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދެއެވެ. މާބޮޑު ބޭސްވެރިކަމެއް އެދުވަސްވަރު އެބައްޔަކަށް ނޯވެއެވެ. ބަލިމީހުން ތިބުމަށް އަޅާފައިވާ ގެތަކަކީ ވަރަށް އާދައިގެ ދަނޑިފަނުގެ ގެތަކެކެވެ. ގިނަ ގޭތަކުގައި ދޮރެއްވެސް ނުހުރެއެވެ. ދޮރު ނިވައިކުރަނީ ގޯނިގަޑަކުންނެވެ.

މަހަކު ދެފަހަރު ގޮތަކަށް ސަރުކާރުން އެދާބަޔަކު އެރަށަށް ޒިޔާރަތް ކުރެއެވެ. މިދެންނެވި ފުނަދޫ އަކީ ވަރަށް ގިނަ ބަނބުކެޔޮ ހެދިފައިވާ ރަށެކެވެ. ސަރުކާރުން ދެއްވާ ކޮއްތު ކާޑާއި ބަނބުކެޔޮ އަދި ކާށި ގަބުޅި ތިބުމުން ކާބޯތަކެތީގެ ގޮތުން އެހާ ދައްޗެއްނޫނެވެ. ކާއެއްޗެހި ރޯފިލުވަނީ (ކައްކަނީ) އަންހެނުންނެވެ. މިއަންހެނުންނަކީ މިދެންނެވި ބަލިޖެހިފައި، އެކަމަކު އެހާ ބޮޑުވަރުނުވާ އަންހެނުންނެވެ. މިމީހުން ތިބޭގެތަކަށް ވަކިޚާއްސަ ނަންތަކެއް ނުކިޔެއެވެ. ދޮންފުތު އުޅޭގެ، ރެކިބީފާނު އުޅޭގެ، މިގޮތަށް މީހުންގެ ނަމުން ގޯތި ފާހަގަކުރަމުންދެއެވެ. މިއިން ގޯއްޗެއްގައި އުޅެމުން އަންނަނީ ގިނަވެގެން ހަތަރު މީހުންނެވެ. ބައެއް ގޭގޭގައި އެއްމީހުން ނުވަތަ ދެމީހުން ވެސް ތިބެއެވެ. ބޮޑަށް ބަލިޖެހިފައިވާ މީހުން ތިބެނީ އެކަހެރި ކޮއްފައެވެ. ބަލި ރަނގަޅު ގޭގެއިން މިމީހުންނަށް ކާބޯތަކެތި ގެންދެއެވެ.

މިދެންނެވި ދުވަސް ވަރު މިއިން ގެއެއްގައި އިބްރާހީމް (ކޮލަމާފުށި އިބްރާހީމް) ނަމަކަށް ކިޔާމީހަކު ބަލިޖެހިފައި ރަގަނޅުފެފައި ހުއްޓެވެ. މީނައަކީ އެރަށުގައި ހުންނަ ކުޑަ މިސްކިތުގައި ނަމާދުކުރާ މީހާއެވެ. މީނަ އެއްރެއަކު ގަޑިޖެހުމުގެ ކުރީން ފަތިސް ނަމާދަށް ދާން ނުކުތްއިރު ވަރަށް ބޮޑަށް ބަލިޖެހިފައި އޮތް މީހެއްގެ ގޭގެ ކައިރިން ބޮޑު އަނދިރިގަނޑެއް ފެނިގެން ބަލަހައްޓައިގެން ހުއްޓާ މި އަނދިރިގަނޑު މަޑުމަޑުން ގޮސް މިދެންނެވި ބަލިމީހާ އޮތް ޖިފުޓިގަނޑުގެ ތެރެއަށް ވަދެ ނިވާވެއްޖެއެވެ.

Advertisement

އިބްރާހީމް މަޑުމަޑުން ގޮސް އެގޭތެރެއަށް ބޯދިއްކޮއްލި ތަނާ ފެނުނީ މުޅި ގޭތެރެ ރެދެންލާފަ ވަނިކޮށެވެ. އަނެއްކާވެސް އެއީ ކޮންއެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި ތަންކޮޅެއް ބޮޑަށް އެތެރެއަށް ބޯދިއްކޮށް ބަލާލިއިރު "އަސްތަޢުފިރުﷲ ކަމަކުދާކަށްނެތެވެ." މުޅިގޭތެރެ ވަނީ ބުޅަލުން ފުރިފައެވެ. އެދުވަސްވަރު އެރަށަކީ ބުޅާ ގެންގުޅޭ ރަށެއްނޫނެވެ. ބައެއްބުޅާ އެބަލިމީހާ އޮތް އަށިގަނޑުމަތީ އެމީހާ ވަށައިގެން ދޫލަމުން ދެއެވެ. އެމީހާގެ ހާލާއިމެދު ވަރަށް ފުންއަސަރު ތަކެއް ކުރެވުނު ނަމަވެސް އިބްރާހީމަށް އެގޭތެރެއަށް ވަންނަން ނުކެރުނެވެ.

ބަލަހައްޓައިގެން ހުރެފަ ފަތިސްނަމާދުގެ ވަގުތު ޖެހުމުން އިބްރާހިމް ދިޔައީ މިސްކިތަށެވެ. ނަމާދުކޮށް ނިމިގެން އައި މަގުމަތީ މީނައަށްވުރެ ދޮށީ މީހަކު(އިބްރާހިމްބޭ) އާއި ދިމާވުމުން މިހިނގާދިޔަ ހާދިސާގެ ވާހަކަ ކިޔައިދީފިއެވެ. އިބްރާހިމްބޭ، އިބްރާހިމް ކައިރީގައި ބުނެލިއެވެ. "ތިކަމާއި ދިމާވި ވަގުތު މާދަމާރޭ ތިގެއަށް ދެމީހުން ދާނީ ދޯ! މިހެންކިޔާފައި ޖެހިގެން އައިރޭ އިބްރާހީމް އާއި އިބްރާހިމްބޭ ގެ ދެމީހުން ފަޖުރުގެ ކުރިން ތެދުވެ ބަލަހައްޓައިގެން ތިއްބާ އެއްކަލަ އަނދިރިގަނޑު ހަމަ އެގޭގެ ކައިރިން ފެނިއްޖެއެވެ. އިބްރާހީމްބެ ބުނެލިއެވެ. އިބްރާހިމާ، ކަލޭ ފަހަތުގައި ހުންނާށެވެ. މިރޭ ކުރިން ގޭތެރެ ބަލާނީ އަހަރެންނެވެ. ތިއީ ކޮންކަހަލަ ކަމެއްތޯ އަހަރެން ބަލާނަމެވެ. މިހެން ކިޔާފައި އިބްރާހީމްބެ އެތެރެ ބަޅާލިއިރު ބަލި އެނދުގައި އޮތްމީހާގެ ކައިރީގައި ކުދިކުދި ފިއޮއް ލައިގެން ތިބި ކުކުޅުތަކެއް ފެނިފައި މީނަ ބޯ ބޭރަށް ދަމައިގެންފިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން އިބްރާހީމްބެ، އިބްރާހީމް ކައިރިއަށް އައިސް ބުނެލިއެވެ.

"އިބްރާހިމާ، ކޮބާ އެއްކަލަ މަސްދަތް ފިޔޮހި." މިއޮތީ ކިޔާފައި އިބްރާހީމް ދިއްކޮށްލީ ފިއޮއްސެކެވެ. އިބްރާހީމްބެ މި ފިޔޮހި ހިފައިގެން އެޖިފުޓިގަނޑުގެ ހަތަރު ކަނުގައި ހުރެގެން ކުރިކަމެއް ކޮށް ނިމުނުތަނާ ބާރުގަދަ އަޑެއް އިވިފައި ކަޅު ދުންގަނޑެއް މައްޗަށް އަރައިގެން ދިޔަތަން ފެނުމުން އިބްރާހީމްބެ އެ ޖިފުޓިގަނޑުގެ އެތެރެ ބަލާލިއިރު އެއްކަލަ ފިއޮއް ކުކުޅު ނެތެވެ. ރަނގަޅަށް އެތެރެއަށް ވަދެ ބަލާލިއިރު ބަލީމީހާ އޮތީ މަރުވެފައެވެ. އޭގެފަހަކުން އެފަދަ ހާދިސާއެއް އެރަށުގައި ހިނގިކަމެއް އެނގިފައިނުވެއެވެ.

މިހާދިސާގައި އުޅުނު އިބްރާހީމަކީ ކޮލަމާފުށީގެ މީހެކެވެ. އިބްރާހީމްބޭ އަކީ ގައްދޫ މީހެކެވެ. މި އިބުރާހީމްބޭގެ އިސްމާއީލްފުތު މިހާރުވެސް ހެޔޮހާލުގައި ގައްދޫ ގައި ދިރިއެބައުޅެއެވެ. މިއީ އިބްރާހީމްގެ ހަޔާތުގައި ދިމާވި އެންމެ އަސަރުކުރުވި ހިތި ހަނދާންތަކެވެ.

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. މިހާދިސާ އަށް ވާނީ އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލު ގެނެސްފައެވެ.

+1
12
+1
7
+1
10
+1
10
+1
79
+1
3
+1
7

Advertisement

ގުޅުންހުރި ލިޔުންތައް