November 23, 2024 10:14
Advertisement

-Advertisement-

އިބިލީސް ވަސްވާސް ދޭން ފެށިގޮތުގެ ވާހަކަ!

ކީރިތި ޤުރްއާނުގައި އާދަމް ޢަލައިހި ސަލާމްގެ ވާހަކަ އެތައް ފަހަރަކު ﷲ ބަޔާންކުރައްވައެވެ. އެކަމަކު އެކަލޭގެފާނުގެ ވާހަކަ ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައި ވަނީ ބަޤަރާ ސޫރަތާއި އަޢުރާފް ސޫރަތުގައެވެ. މިވާހަކަ ބަޤަރާ ސޫރަތުގައި ތަފުސީލުކޮށްދެއްވާފައި ވަނީ މަލާއިކަތް ބޭކަލުންގެ ނަޒަރުންނެވެ. އެކަމަކު އަޢުރާފް ސޫރަތުގައި މިވާހަކަ ބަޔާންކޮށްދެއްވަނީ އިބިލީހުގެ ވިސްނުމުންނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި ﷲ އާދަމްގެފާނުގެ ވާހަކަ ތަފުސީލުކޮށްދެއްވާފައި ވަނީ މުޅިން ތަފާތު ދެ ދިމާއަކުން ދެ މަންޒަރު ދައްކަވަމުންނެވެ.

އިންސާނާ ޚަލްގުކުރެއްވި ދުވަހުން ފެށިގެން އޭނާ ކުރިމަތިލާންޖެހިފައި ވަނީ ވަސްވާހާއެވެ. ވަސްވާސް އަންނަނީ އިބިލީހުގެ ފަރާތުންނެވެ. އަހަރެމެން އެންމެން އަބަދު ތިބެނީ އޭނާގެ ވަސްވާހުގައި ޖެހިފައެވެ. އެހެންކަމުން އާދަމްގެފާނުގެ ވާހަކަ ދެނެގަތުމުގައި އިބިލީހުގެ ނަޒަރުން ފެށުމަކީ ރަނގަޅު ގޮތެކެވެ. އެއީ އަޢުރާފް ސޫރަތުގައި މިވާހަކަ ބަޔާންކުރައްވާފައިވާގޮތެވެ.

މައުޟޫއުގެ އެންމެ އަޑި ދެނެގަތުމަށްޓަކައި ފަސްމަންޒަރަށް ފިކުރުހިންގަންޖެހެއެވެ. އެގޮތުން އިބިލީހަކީ ކޮބައިކަން ފުރަތަމަ ދެނެގަންނަމާ ހިނގާށެވެ. އިންސާނާ އުފެއްދެވުމުގެ މާކުރިން ﷲ މިދުނިޔެ އުފެއްދެވިއެވެ. އަދި މިދުނިޔޭގައި ތަފާތު ގިނަގުނަ މަޚުލޫގުންނާއި ދިރުންތައް ލެއްވިއެވެ. އޭރު ﷲ އިންސާނާ ޚަލްޤުކުރައްވާނެ ދުވަހެއްވެސް ނޭގެއެވެ. އެކަމަކު އޭރު ﷲ ވަނީ މަލާއިކަތުންނާއި ޖިންނިން އުފައްދަވާފައެވެ. ﷲ މަލާއިކަތުން ހެއްދެވީ އެކަލާނގެ ނޫރުފުޅުންނެވެ. އެކަމަކު ޖިންނި އުފެއްދެވީ އަލިފާނުންނެވެ.

Advertisement

މަލާއިކަތުންނަށް ﷲ އިޚުތިޔާރެއް ނުދެއްވައެވެ. އެހެންކަމުން މަލާއިކަތުންގެ މަސައްކަތްޕުޅަކީ ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެ އަމުރުފުޅުތައް ތަންފީޒުކޮށް އެކަލާނގެއަށް ތަސްބީހަ ވިދާޅުވުމެވެ. އެބެއިކަލުންނަށް އިޚުތިޔާރު ދެއްވިކަމުގައިވިޔަސް އެބޭކަލުން އިޚުތިޔާރު ކުރައްވަނީ ﷲ އެދިވޮޑިގެންވާ ނުވަތަ ރުހިވޮޑިގެންވާ ގޮތް އެކަންޏެވެ. އެބޭކަލުންނަށް ކެއުމާއި ބުއިމާއި ނިދުން ބޭނުންނުވިޔަސް އެބޭކަލުންގެ ކިބައިގައި ބުއްދިއާއި އިހުސާސްލައްވާފައިވެއެވެ. އެހެންކަމުން އެބޭކަލުން ބިރުވެތިވެވަޑައިގަންނަވައެވެ. ހަމައެގޮތަށް އެބޭކަލުންނަށް އުފާވެރިކަމާއި ހިތާމަވެސް ލިބިވަޑައިގަނެއެވެ.

މަލާއިކަތުންނާއި ޚިލާފަށް ﷲ ޖިންނީންނަށް އިޚުތިޔާރު ދެއްވިއެވެ. އެއީ ހެޔޮ ނުވަތަ ރަނގަޅު ގޮތް އިޚުތިޔާރުކުރުން ނުވަތަ ނުބައި ނުރަނގަޅު ގޮތް އިޚުތިޔާރު ކުރުމުގެ ބާރެވެ. ނަތީޖާއަކަށްވީ އެމީހުންގެ މެދުގައި ރަނގަޅު ޖިންނީންނާއި ނުބައި ޖިންނީން އުޅުމެވެ. އޭގެތެރޭގައި ރަނގަޅުކަމާއި ކިޔަމަންތެރިކަމުގައި އަރާހުރި ޖިންނިއެއް އުޅުނެވެ. އެއީ އިބިލީސްއެވެ. އިޚުތިޔާރުކުރުމުގެ ބާރު އޮތް އިރުވެސް އޭނާ އިޚުތިޔާރުކުރަމުންއައީ ﷲ ރުހިވޮޑިގަންނަވާ ގޮތް އެކަންޏެވެ. މަޚުލޫގަކު ﷲ އަށް ކިޔަމަންތެރިވެ ﷲ ރުހިވޮޑިގަންނަވާ ގޮތަށް އަމަލުކުރުމުން އޭނާގެ ދަރަޖަ މަތިވެރިކުރައްވައެވެ. މިކަން މުޖާދިލާ ސޫރަތުގެ 11 ވަނަ އާޔަތުން އެނގެއެވެ. އިބިލީހުގެ ކިޔަމަންތެރިކަމުގެ ނަތީޖާއަކަށްވީ އޭނާ މަލާއިކަތުންނާއި އެއް ދަރަޖައަކަށް އުފުއްލެވުމެވެ. އަދި ﷲ ގެ ދަރުބާރުގައި މަލާއިކަތުންނާއެކުގައި އޭނާ ބައިވެރިކުރެއްވުމެވެ.

ކީރިތި ޤުރްއާނުގައި އިބިލީހަށް ﷲ ދެނަމެއް ދެއްވާފައިވެއެވެ. އެއް ނަމަކީ އިބިލީސް އަދި އަނެއް ނަމަކީ ޝައިޠާންއެވެ. އިބިލީސް މިބަސް އައިސްފައިވަނީ ޔޫނާނީ ބަސް ޑިއަބޮލޮސް ނުވަތަ އަބޮލޮސް މިބަހުންނެވެ. މިބަސް ހިބުރޫ ބަހާއި ސްޕެނިޝް ބަހަށްވެސް އައިސްފައިވެއެވެ. ސްޕެނިޝް ބަހުގައި އޮންނަނީ ޑިއަބުލޮސްއެވެ. ޢަރަބި ބަހުގައި މިލަފުޒުގެ މާނަޔަކީ އުއްމީދެއްނުވާ މީހާއެވެ. ޔޫނާނީ ބަހުގައި މިލަފުޒުގެ މާނަޔަކީ ކުށްވެރިކުރާ މީހާ ނުވަތަ ފިތުނަ އުފައްދާ މީހާއެވެ. ޝައިޠާން މިލަފުޒު އައިސްފައިވަނީ ހިބުރޫ ބަހުގެ ސަޓާން މިލަފުޒުންނެވެ. އިނގިރޭސި ބަހަށް މިލަފުޒު އައިސްފައިވަނީ ސެޓާން ނަމުގައެވެ. ސަޓާން މިލަފުޒުގެ މާނަޔަކީ ދުޝްމިންއެވެ. ނުވަތަ އަނެކާގެ މައްޗަށް އިންތިހާއަށް ނަފުރަތު ނުވަތަ ހަސަދަވެރިކަން އޮންނަ މީހާއެވެ. ޢަރަބި ބަހުގައި މިލަފުޒުގެ މާނަޔަކީ ރުޅިވެރިކަމުގައިވާ މީހާއެވެ.

އެއްދުވަހަކު ﷲ ގެ ދަރުބާރުގައި އިބިލީސް ހިމެނޭގޮތަށް މަލާއިކަތުންނާ ﷲ މުޚާޠަބުކުރައްވައި އިންސާނާ ޚަލްގުކުރައްވާކަން އިއުލާންކުރެއްވިއެވެ. މިކަން ޞާދު ސޫރަތުގެ 71 ވަނަ އާޔަތުން އެނގެއެވެ. އެކަލާނގެ އިންސާނާ އުފައްދަވަނީ މަށިންކަމާއި އޭނާގެ ހަށިގަނޑުގެބޭރުގައި ހަން (ސްކިން) ފެންނަން ހުންނާނެކަމަށް އެންގެވިއެވެ. މިގޮތަށް ހަން ލެއްވުމުގެ ޙިކުމަތަކީ އިންސާނާ އުނުފޭރާމުން ނިވާކޮށްގެން އުޅުމެވެ. ރާމާމަކުނާއި މިނިކާވަގު ފަދަ ޖަނަވާރުތަކުގެ ހަމެއްނުފެނެއެވެ. ސަބަބަކީ ﷲ އެސޮރުމެންގެ ހަށިގަނޑުގައި ކެހެރިލައްވާފައިވުމެވެ. އެހެންވެ އެސޮރުމެން ތިބެނީ ފިޠުރަތުގެ ފޭރާމުން ނިވާކުރެވިގެންނެވެ.

އިންސާނާ މަށިން އުފެއްދެވުމުގެ ކުރިން ﷲ ވަނީ މަށިން ކިތަންމެ ބާވަތެއް ޚަލްގުކުރައްވާފައެވެ. އޭގެތެރޭގައި ޖަނަވާރު ސޫފާސޫފި ހިމެނެއެވެ. މިކަމުން އެނގެނީ މަށިން ނުވަތަ ވެލިން ހައްދަވާފައިވަނީ އިންސާނާ އެކަނިނޫންކަމެވެ. މިދުނިޔޭގައި މަށިން ނުވަތަ ކިސަޑުން ކިތަންމެ ބާވަތެއް ލައްވާފައިވާކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި މަށްޓަކީ ދެރައެއްޗެއްނޫންކަމެވެ. ދުނިޔޭގެ ބިމުގައި ލައްވާފައިވާ މައިގަނޑު ބާވަތަކީ ވެލި ނުވަތަ މަށި ނުވަތަ ފަސްގަނޑެވެ. މިކަމުން މަށްޓަކީ ދެރަ އެއްޗެއްނޫންކަން އެނގެއެވެ.

އިންސާނާ ޚަލްގުކުރައްވާ ވާހަކަ އިއުލާންކުއްވުމަށްފަހު ﷲ ދެން އެންގެވީ އޭނާ ވަކި ވަޒަނެއްގައި ލެއްވި ވާހަކައެވެ. އެވަޒަނުގެ ސަބަބުން ދެފައިމަތީ ކޮޅަށް ސީދަލަށް ތެދަށް ހުރެވޭ މަޚުލޫގަކަށް އިންސާނާވިއެވެ. މިކަން ޞާދު ސޫރަތުގެ 72 ވަނަ އާޔަތުން އެނގެއެވެ. އޭނާ އުފެއްދެވުމުގައި ލެއްވި ފުރިހަމަ ވަޒަނުގެ ސަބަބުން ވަޒަން ހެޔޮކޮށްގެން ދިރިއުޅުމުގެ ނިއުމަތް އިންސާނާއަށް ދެއްވިއެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ހެޔޮ ވަޒަނަށް ފެތުމަށް ނުވަތަ ބެލެންސްކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބުނެވެ. މިސާލަކަށް ރުޅިވެރިކަމުގެ މައްޗަށް ކެތްތެރިކަން އިސްކުރުމެވެ. ﷲ މިންވަރުކުރެއްވި ވަޒަނުގެ ނަތީޖާއަކަށްވީ ޚަލީފާއެއްގެގޮތުގައި ދުނިޔެ އާރާސްތުކޮށް ޢަދުލުވެރިކޮށް ހެޔޮގޮތުގައި ދިރިއުޅުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބުމެވެ.

ދެން ﷲ އެންގެވީ ސީދާ ﷲ ގެ ރޫޙުފުޅުން އިންސާނާގެ ހަށިގަނޑަށް ފުންމަވާ ވާހަކައެވެ. އެބަހީ އިންސާނާގެ ފުރާނަ ﷲ ގެ ރޫޙުފުޅުން އެޅުއްވުމެވެ. ޢަރަބި ބަހުގައި ރޫޙު މިލަފުޒުގެ އެއް މާނަޔަކީ ފުރާނައެވެ. ފުރާނައިގެ މާނަޔަކީ ހަމަޖެހުމެވެ. ނުވަތަ ފަސޭހަކަން ލިބުމެވެ. ކުރުކޮށް ބަޔާންކުރާނަމަ ސުލްހަވެރިކަމާއި އަމާންކަން ލިބުމެވެ. އިންސާނާ އުފެއްދެވުމުގައި ﷲ ތިން ކަމެއް ފާހަގަކުރެއްވިއެވެ. އެއީ މަށިން ހެއްދެވުމާއި ވަޒަނެއްގައި ލެއްވުމާއި ރޫޙުފުޅު ފުންމެވުމެވެ. އިންސާނާގެ ހަށިގަނޑަށް ﷲ ގެ ރޫޙުން ރޫޙު ލެއްވުމަކީ އެހެން އެއްވެސް މަޚުލޫގަކަށް ﷲ ނުދެއްވާ ނިއުމަތެކެވެ. އެހެންކަމުން ﷲ ގެ ޙަޟުރަތުގައި އިންސާނާވީ އެކަލާނގެ އުފެއްދެވި އެންމެ ފުރިހަމަ އަދި އެންމެ މާތް އަދި އެންމެ ހިތްގައިމު މަޚުލޫގުކަމުގައެވެ.

އެމަޚުލޫގަކާމެދު ﷲ ފަޚުރުވެރިވެޑައިގަންނަވާ އިންސާނާ ޚަލްގުކުރެއްވުމަށްފަހު ﷲ ދެން އެންގެވީ އޭނާއަށް މަލާއިކަތުންނާއި އިބިލީސް ސަޖިކުރައްވަންޖެހޭ ވާހަކައެވެ. ﷲ ގެ ޙަޟުރަތުން އަންނަ މަތިވެރި ނުވަތަ އަޖާއިބުކުރަނިވި ކަންކަމުގައި އަހަރެމެން ކުރަންޖެހޭ ކަމަކީ ވަގުތުން ސަޖިދައަށް ތިރިވުމެވެ. ފިރުޢައުނުގެ ދަރުބާރުގައި ސިހުރުވެރިންވެސް ކަންކުރީ އެފަދައިންނެވެ. އެމީހުންގެ ސިހުރު އުފެއްދުންތައް މޫސާގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވެ އެއުފެއްދުންތައް ކައި ހުސްކުރިއެވެ. ﷲ މިދެއްކެވި މުޢުޖިޒާތުގެ ފުރިހަމަކަމުން ސިހުރުވެރިން ވަގުތުން އިސްލާމްވެ ﷲ އަށް ސަޖިދަޖެހިއެވެ. ﷲ ގެ މިއަޖާއިބުކުރަނިވި ފުރިހަމަ އުފެއްދުން ކަމުގައިވާ އިންސާނާއަށް މަލާއިކަތުން ވަގުތުން ސަޖިދަޖެއްސެވިއެވެ.

ﷲ ގެ މިއަމުރުފުޅުން އެނގިކަށަވަރުވާ އެއްކަމަކީ އިންސާނާގެ އަގުހުރިވަރެވެ. އޭނާގެ މާތްކަމާއި މަތިވެރިކަމެވެ. އޭނާގެ މުހިންމުކަމާއި ޚާއްސަކަމެވެ. އެއްވެސް މަޚުލޫގަކަށް އޭނާ ދަށްނުކުރެވޭނެކަމެވެ. އަޢުރާފް ސޫރަތުގެ 11 ވަނަ އާޔަތުން އިންސާނާގެ ހިތްގައިމުކަން އަންގަވައެވެ. ތީނި ސޫރަތުގެ 4 ވަނަ އާޔަތުންވެސް މިކަން ކަށަވަރުވެއެވެ. އެހެންކަމުން އެކަން ގަބޫލުނުކުރުމަކީ އެކަން ގަބޫލުނުކުރާ މީހާގެ އަމިއްލަ މައްސަލައެކެވެ. އެއީ އެމީހެއްގެ އުނިކަން ނުވަތަ ބަލިކަށިކަމެވެ.

އިންސާނާއަށް ސަޖިދަޖަހަން އަމުރުކުރެއްވުމުގެ ކުރިން އިންސާނާގެ ބޭނުންވެސް ﷲ އިއުލާންކުރެއްވިއެވެ. އިންސާނާ އުފައްދަވަނީ އޭނާ ދުނިޔޭގައި ޚަލީފާއެއްގެގޮތުގައި އުޅުމަށެވެ. ޢަރަބި ބަހުގައި ޚަލީފާ މިލަފުޒު އައިސްފައިވަނީ ޚަލްފު މިބަހުންނެވެ. މާނަޔަކީ ބޭތިއްބުން ނުވަތަ ދޫކޮށްފައިވުމެވެ. މިބަހުގެ މާނަ ދެނެގަތުމަށް މިސާލެއް ނަގަމާ ހިނގާށެވެ. ތިމާގެ ދެކުދިން ތިބެއެވެ. އެއް ދުވަހު އެކުދިން ގާތު ތިމާ ބުނަނީ ކިޔެވުމުގެ މަސައްކަތުގައި ފިލާވަޅު ހެދުމުގައި މަޝްއޫލުވުމަށެވެ. އަދި ގެއިން ބޭރަށް ދިއުމަށްފަހު ބައި ގަޑިއެއްހާއިރުން އަންނާނެކަމަށް ބުނެ ތިމާ ގެއިން ބޭރަށް ދެއެވެ. ތިމާ ގެއިން ނިކުތްއިރު ދެކުދިން ތިބީ ބަސްއަހައިގެން ފިލާވަޅު ހަދާށެވެ. ބައިގަޑިއެއްހާއިރު ފަހުން ތިމާ ގެއަށް އައިއިރު ކަމަކުދާކަށް ނެތެވެ. އެކަކު ފެންނާކަށް ނެތެވެ. ގެއަށް އޮތީ ބިންހެލުމެއް އައިސްފައެވެ. ތިމާގެ ދެކުދިން ދޫކޮށްފައި ބޭރަށް ދިއުމުން އެދެކުދިންވަނީ ޚަލީފްއަށެވެ. ޚަލީފާއަކަށްވަނީ މީހަކާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރުމަށްފަހު އޭނާ ދިގުމުއްދަތަކަށް ދޫކޮށްފައި ބެހެއްޓުމުންނެވެ.

ދިގު މުއްދަތަކަށް މީހަކު ދޫކުރާއިރު އަދި އޭނާގެ ކަންކަން ބަލަން ކައިރީގައި މީހަކު ނުހުންނައިރު އޭނާ ކަންކަން ނިންމައި ކަންކަން ކުރާނީ އޭނާގެ އަމިއްލަ އިޚުތިޔާރުގައެވެ. އެގޮތުން ﷲ މަލާއިކަތުންނަށް މިއަންގަވަނީ އިންސާނާއާއި މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމަށްފަހު އޭނާ ދުނިޔޭގައި ލައްވާވާހަކައެވެ. އޭނާގެ މަސްއޫލިއްޔަތަކީ ޚަލީފާކަމެވެ. މިކަމުގައި އޭނާ ދެމިހުންނައިރު އޭނާގެ ކައިރީގައި މީހަކު ފާރައަކަށް ނުހުންނާނެއެވެ. އޭނާގެ ކަންކަން ކުރާނީ އޭނާ އަމިއްލައަށެވެ. ކޮންމެ ކަމެއް ދޫކުރެވިފައިވަނީ އޭނާގެ އިޚުތިޔާރަށެވެ. އިޚުތިޔާރުކުރުމުގެ މިބާރު ﷲ އިތުރަށް ދެއްވީ ހަމައެކަނި ޖިންނީންނަށެވެ.

އިންސާނާ ޚަލްޤުކުރައްވަން ﷲ ގެ ދަރުބާރުގައި ﷲ ކުރެއްވި އިއުލާނަށް އިބިލީސްގެ ރައްދަކަށްވީ ހަނުހުރުމެވެ. އެކަމަކު މަލާއިކަތުން ﷲ އަށް ރައްދުދެއްވައި ވާހަކަދެއްކެވިއެވެ. އެބޭކަލުންގެ ނަޒަރުގައި ދުނިޔޭގައި ޚަލީފާއަކު ލައްވައިފިނަމަ ދުނިޔެ ފަސާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޚުލާސާގޮތެއްގައި މަލާއިކަތުން ދެއްވި މެސެޖަކީ އެބޭކަލުން ތާއަބަދު ﷲ އަށް ތަސްބީހަކިޔައި ކިޔަމަންތެރިކަމުގައި ތިބިއިރު އެބޭކަލުން ނޫން ބަޔަކު ދުނިޔެއަށް ނުފޮނުއްވުމެވެ. އެކަމަކު ކަން އޮތީ އެހެންނޫންކަން ﷲ އެންގެވުމުން މަލާއިކަތުން އެކަން ގަބޫލުކުރައްވައި ﷲ ގެ ނިންމެވުން ބަލައިގަތެވެ.

މަލާއިކަތުންނަކީ އެއްވެސް ހާލެއްގައި ﷲ އަށް އުރެދޭނެ ބެއިކަލުންނެއްނޫނެވެ. ﷲ ކުރައްވާ ކޮންމެ އަމުރަކަށް އެބެއިކަލުން ކިޔަމަންތެރިވެވަޑައިގަންނަވަނީ ސުވާލުކުރުމަކާނުލައެވެ. އެކަމަކު އެބެއިކަލުންނަށް އާދަމްގެފާނުގެ އަގުހުރިވަރާއި މުހިންމުކަން ﷲ ސާބިތުކޮށްދެއްވައި ޙުއްޖަތުދެއްވުމުގެ ޙިކުމަތަށް ބަލާލަންޖެހެއެވެ. ޝައްކެއްނެތްގޮތުގައި އާދަމްގެފާނުގެ މާތްކަމާއި ފުރިހަމަކަމުގެ ސަބަބުތައް ދެއްވީ އެދަރުބާރުގައި އިބިލީސް އިނުމުންނެވެ. އެހެނީ މަލާއިކަތުނާ ޚިލާފަށް އިބިލީހަށް ﷲ އިޚުތިޔާރުކުރުމުގެ ބާރުދެއްވިއެވެ. އެހެންވެ ހަގީގަތުގައި ﷲ ސަބަބު ދެއްކެވީ އިބިލީހަށްކަމަށް ގަބޫލުކުރަންޖެހެއެވެ.

މަލާއިކަތުންނާ ޚިލާފަށް އިބިލީސްގެ ހިތަށް އެވަގުތު ކުރެވުނު އިހުސާސްތަކާއެކު އޭނާ އިޚުތިޔާރުކުރީ ހަނުހުންނާށެވެ. އޭނާކުރި ކޮންމެ އިހުސާސަކާއި އޭނާ ކަންކުރިގޮތަކީ އިންސާނާ ކަންކުރުމަށް އޭނާ އެދޭ ގޮތެވެ. އަދި ކަން އޮޅުފިލުވައި ސާފުކުރުމުގެ ފުރުސަތު އޮތްއިރު އެކަމަށް އޭނާ ދިނީ ފުރަގަހެވެ. މިއީ ވަސްވާހުގެ ފެށުމެވެ. ކަންބޮޑުވުމެއް އޮތިއްޔާ އެކަން ދަންނަވަން ﷲ ފުރުސަތުދެއްވިއެވެ. އެކަމަކު ޖަޒުބާތުގައި ޖެހި އިބިލީސް ބަހެއް ނުބުނެއެވެ. ޖަޒުބާތުގައި ބަހެއް ނުބުނުމުން ޖަޒުބާތު ހަގީގަތަކަށް (ފެކްޓްއަކަށް) ބަދަލުވެދެއެވެ. އެކަމަކު އެއީ ސާދާ ބުއްދީގެ ހަމަތަކުގެ ބޭރުންނެވެ. ނުވަތަ ހެއްކާއި ދަލީލުގެ ބޭރުންނެވެ. އެފަދަ ހަގީގަތް ތެދަކަށްވާނީ އެމީހަކަށް އެކަންޏެވެ. މިއީ އިބިލީހަށްވެސް ވީގޮތެވެ. އޭނާއަށް ފެނުނީ އޭނާއާއި އަޅާބަލާއިރު އާދަމްގެފާނަކީ އެއްވެސް އަގެއްނެތް މަޚުލޫގެއްކަމުގައެވެ.

އާދަމްގެފާނު ހެއްދެވުމުގެ ކުރިން ﷲ އިއުލާންކުރެއްވީ އާދަމްގެފާނު ހައްދަވާ ވާހަކައެވެ. އެއަށްފަހު އެކަލޭގެފާނު ބިމުގައި ޚަލީފާއެއްގެގޮތުގައި ލައްވާނެކަންވެސް އެންގެވިއެވެ. އެކަމާމެދު މަލާއިކަތުން އެބެއިކަލުންނަށް ފެންނަ ރައުޔު ﷲ އަށް ދެންނެވިއެވެ. އެކަމަކު އިބިލީސް އެއްޗެއް ނުދެންނެވި ސަބަބުތަކަށް ވިސްނާލަމާ ހިނގާށެވެ. އޭނާއަށް އިޚުތިޔާރު އޮތް ހާލުގައިވެސް އޭނާ ކަންކުރަމުންއައީ ﷲ ރުހިވޮޑިގަތްގޮތަށެވެ. ﷲ އަށް ކިޔަމަންތެރިވުމުގައި އޭނާގެ ރަނގަޅުކަމުން ﷲ އޭނާގެ ދަރަޖައުފުއްލެވިއެވެ. މިހާލުގައިވަނިކޮށް އެހެން މަޚުލޫގަކު މަށިން ހައްދަވައި އޭނާއަށްވުރެ މާތްކުރެއްވުން އިބިލީހަކަށް ބަލައެއްނުގަނެވުނެވެ. އޭނާ ދުށްގޮތުގައި ﷲ ގެ މިއިއުލާނުން ދޭހަވީ އޭނާގެ އަގެއްނެތްކަމެވެ. އޭނާއަކީ ބޭނުމެއްނެތް މީހެއްކަމެވެ. އޭނާ ދުށްގޮތުގައި އާދަމްގެފާނުގެ މަގާމަށް އަންނަންޖެހޭނީ އޭނާއެވެ.

ހަގީގަތަށް ބަލާއިރު އާދަމްގެފާނު އުފައްދަވައި އެކަލޭގެފާނު ޚަލީފާއެއްގެ ގޮތުގައި ދުނިޔޭގައި ލެއްވުމަކީ ﷲ ގެ ޙަޟުރަތުގައި އިބލީހުގެ އަގާއި ދަރަޖައާއި މަތިވެރިކަން ކުޑަވާނެކަމެއްނޫނެވެ. މިކަމަކީ އިބިލީހުގެ ކިބައިން އެއްވެސް ކަމެއް އުނިވާނެ ނުވަތަ މަދުވާނެ ކަމެއްވެސް ނުމެނޫންމެއެވެ. އެކަމަކު އޭނާއަށް ވިސްނުނީ މުޅިން އެހެންގޮތަކަށެވެ. އޭނާއަށް ދެއްވާފައިވާފަދަ ދަރަޖައެއް ނުވަތަ މަގާމެއް އެހެން މީހަކަށް ލިބުމަކީ އޭނާގެ މަތިވެރިކަން ކުޑަވާނެކަމެކެވެ. އޭނާ ދުށްގޮތުގައި އޭނާގެ ކިޔަމަންތެރިކަމާއި ޞާލިޙުކަމަށްޓަކައި ﷲ ގެ  ޙަޟުރަތުން ހުރިހާ ކަމެއް އަންނަންވާނީ އޭނާއަށެވެ. އެހެން މީހަކަށް ﷲ ކަމެއް ދެއްވުމަކީ އޭނާއަށް މަދުވާނެކަމަކަށް އޭނާއަށް ފެނުނެވެ.

އިބިލީހަށް ފެނުނުގޮތުގައި އަލިފާނަށްވުރެ މަށި ނުވަތަ ކިސަޑު ދެރަވާނެއެވެ. އެކަމަކު މަށިން އަލިފާން ނިވޭކަން ދެނެގަންނާކަށް އޭނާ ބޭނުމެއްނުވިއެވެ. މަށި އަލިފާނަށް ލައިގެން ހޫނުކޮށްގެން ތަފާތު ބާވަތްތައް އުފެއްދޭކަމުން އެނގެނީ މަށްޓަކީ ދެރައެއްޗެއް ނޫންކަމެވެ. އެކަމަކުވެސް އިބިލީސް އަލިފާނާ މަށި އަޅާކިޔުމަށްފަހު އަލިފާނާމެދު ބޮޑާވެ ކިބުރުވެރިވިއެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި ކިބުރުވެރިވެ ގޮތްދޫނުކުރުމާއި ރުޅިވެރިކަމަކީ ގުޅިލާމެހިފައިވާ ދެކަމެކެވެ. ކިބުރުވެރިޔާއަށް އޭނާ ރަނގަޅަށް ފެނި އަނެކުން ފެންނާނީ ނުބައިކޮށެވެ. އަދި އަނެކާއަށް ކުށް ކުރެވޭނެކަމަށް ބެލި ތިމާއަށް ކުށެއްނުކުރެވޭނެކަމަށް ބެލެއެވެ.

ﷲ ގެ ކޯފާ އަމާޒުވެ ލަޢުނަތްލެއްވުމުން އިބިލީސް އަވަސްވެގަތީ ﷲ ގެނިންމެވުން ރަނގަޅުނޫންކަން ﷲ އަށް ދައްކާށެވެ. މާނައަކީ އިންސާނާއަކީ އަގެއްނެތް ބޭކާރު މަޚުލޫގެއްކަމުގައި ﷲ އަށް ސާބިތުކޮށްދިނުމެވެ. މިކަންކުރުމަށްޓަކައި އިބިލީސް ﷲ ގެ ޙަޟުރަތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ގިޔާމަތާޖެހެންދެން އޭނާ ދުނިޔޭގައި ލެއްވުމަށެވެ. އޭނާގެ އެދުމަށް ﷲ އިޖާބަދެއްވުމުން އިބިލީސް ﷲ އަށް ގޮންޖަހައި ވައުދުވީ ހުރިހާ އިންސާނުން މަގުފުރައްދަން މަސައްކަތް ކުރާނެކަމަށެވެ.

އިބިލީސް މައިގަނޑު މަސައްކަތަކަށްވަނީ ވަސްވާހުން އިންސާނާއަށް އޭނާގެ އަގެއްނެތްކަން ދައްކައިދިނުމެވެ. އެގޮތުން ވަސްވާސް އުފައްދާ މައިގަނޑު އެއްކަމަކީ އަޅާކިޔުމެވެ. ތިމާއަށްވުރެ އަނެކާ މުއްސަނދި ވާހަކައެވެ. ތިމާއަށްވުރެ އަނެކާ ރީތި ވާހަކައެވެ. ތިމާއަށްވުރެ އަނެކާ މޮޅު ވާހަކައެވެ. ތިމާއަށްވުރެ އަނެކާ ފުރިހަމަ ވާހަކައެވެ. މިގޮތަށް ވަސްވާހުގައި ޖެހުމުން އިންސާނާއަށް އޭނާ ފެންނަނީ ދަތިއުނދަގުލުގައި އުޅޭ މީހަކަށެވެ. މައްސަލަތަކުގައި ބެދިފައިހުރި މީހެއްގެގޮތުގައެވެ. މިއީ އިބިލީސް ބޭނުންވާގޮތެވެ.

އިބިލީސް ﷲ އަށް އުރެދުމުން އޭނާ ސުވެރުގެއިން ނިކުތުމަށް ﷲ އެންގެވިއެވެ. މިކަން އަޢުރާފް ސޫރަތުގެ 13 ވަނަ އާޔަތުން އެނގެއެވެ. މިއާޔަތުން އޭނާއަކީ ކުޑަ އަދި އަގެއްނެތް މީހެއްކަން އަންގަވައެވެ. އެހިނދު އޭނާ ބޭނުންވީ އިންސާނާގެ އެއްވެސް އަގެއްނެތްކަމާއި އޭނާއަކީ އެއްޗެއްނޫންކަން ﷲ އަށް ސާބިތުކޮށްދިނުމަށެވެ. އެގޮތުން އޭނާ ﷲ އަށް ދެންނެވީ ގިޔާމަތާ ޖެހެންދެން އޭނާ ދުނިޔޭގައި ލެއްވުމަށެވެ. އަދި އޭނާގެ މަގުސަދަކަށްވީ އެންމެހައި އިންސާނުން އެބަހީ މުޅި އިންސާނީ ދަރިފަސްކޮޅު އޭނާފަދައިން އަގެއްނެތް ބޭނުމެއްނެތް ބަޔަކަށް ހަދައި ނަރަކައަށް ވެއްޓުމެވެ. އަދި ﷲ ގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްނޫންކަން އެކަލާނގެއަށް ދައްކައި ﷲ އަށް ގޮންޖެހުމެވެ. އެހެންކަމުން ޙައްގުގޮތް އެނގޭހާލު ތިމާގެ ގޮތް ރަނގަޅުކަމަށް ދެއްކުމަކީ ޝައިޠާނީ ސިފައެކެވެ. ކޮންމެއަކަސް އޭނާ އެދުނުގޮތަށް ގިޔާމަތާ ޖެހެންދެން ﷲ އިބިލީސް ލެއްވިއެވެ. އިބިލީސް ތެދުމަގުން ކައްސާލިކަމަށްޓަކައި އިންސާނާ ތެދުމަގުން އެއްކިބާކުރާނެ ކަމަށް އޭނާ ވައުދުވިއެވެ.

ﷲ ގެ ރޭއްވެވުމަކީ އިންސާނާ ދުނިޔޭގައި ޚަލީފާއެއްގެގޮތުގައި ލެއްވުމެވެ. ޚަލީފާއެއްގެ ގޮތުގައި އިންސާނާ ލެއްވީ އެކަމަށް ބޭނުންވާ ގާބިލުކަން އިންސާނާގެ ކިބައިގައި ލައްވާފައެވެ. އޭނާގެ ނަފުސުގައި ރޫހު ލައްވައި ބުއްދި ލެއްވިއެވެ. އެއީ މުޅިންވެސް ރަނގަޅު ކަންތައްތައް ކުރުމަށެވެ. ނުބައިކަމެއް ކުރެވިއްޖެނަމަ އެކަމަކަށް ތައުބާވެ ޢަފޫކުރެއްވުމަށް ﷲ އަށް ދެންނެވުމަށެވެ. މިހުރިހާ ކަމެއްގައިވެސް އިންސާނާއަށް ﷲ އިޚުތިޔާރު ދެއްވިއެވެ. އެއީ އޭނާ ބޭނުން ގޮތެއް އިޚުތިޔާރުކުމުގެ ބާރެވެ. ދެން ﷲ އެންގެވީ ޚަލީފާކަމުގެ އިމްތިހާނުން ފާސްވާ މީހާއަށް ޤިޔާމަތް ދުވަހު ސުވަރުގެ ދެއްވާނެ ވާހަކައެވެ.

އިންސާނާއަށް ދެއްވި މަތިވެރިކަމުގައި ފާހަގަކޮށްލެވޭ އެއް ނިޢުމަތަކީ އޭނާގެ ނަފުސުގައި ރޫހުލެއްވުމެވެ. ރޫޙުވަނީ ނޫރެއް ފަދައިންނެވެ. ރޫޙަކީ ﷲ އާއި އިންސާނާ ގުޅުވައިދޭ ވަސީލަތެކެވެ. އަދި ރޫޙުގެ ސަބަބުން ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ރަނގަޅު ނުވަތަ ހެޔޮ ކަންކަންވެއެވެ. އަދި ރޫހުގެ ސަބަބުން ރަނގަޅު ހެޔޮ ގޮތް އިޚުތިޔާރުކުރުމުގެ ގާބިލުކަން އިންސާނާއަށް ލިބުނެވެ. ފުރަތަމަ އިންސާނާ އާދަމް ޢަލައިހި ސަލާމް މަލާއިކަތުންނާ ދެއްކެވި ވާހަކަފުޅުން އިންސާނުންގެ ކިބައިގައިހުރި ހެވާއި ރަނގަޅު ފެނި އެބެއިކަލުން އަޖާއިބުވިއެވެ. އަދި އާދަމްގެފާނަށް ސަޖިދަކުރުމަކީ ކޮންމެހެންކުރަންޖެހޭ ކަމެއްކަންވެސް ކަށަވަރުވިއެވެ.

ބައެއް މީހުން ހީކުރާގޮތުގައި އާދަމްގެފާނު ޚަލްގުކުރެއްވީ ސުވަރުގެއަށެވެ. އެހެންކަމުން އެކަލޭގެފާނުގެ ވަޒަނަކީ ސުވަރުގެއެވެ. އަދި އެފަދަ މީހުން ހީކުރާގޮތުގައި އެކަލޭގެފާނު ސުވަރުގެއިން ނިކުމެވަޑައިގަންނަވަންޖެހުނީ އެކަލޭގެފާނަށް ކުށް ކުރެއްވުނީތީއެވެ. އެބަހީ އެކަލޭގެފާނު އިބިލީހުގެ ވަސްވާހުގައިޖެހި މަނާކުރެއްވުނު ގަހުން މޭވާ ފަރިއްކުޅުއްވުމެވެ. މިއީ ކުށް ވިސްނުމެކެވެ. ﷲ އާދަމްގެފާނު ހެއްދެވީ މިދުނިޔޭގައި ޚަލީފާއެއްކަމުގައި ލެއްވުމަށެވެ. އެކަލޭގެފާނު ޚަލްޤުކުރެއްވުމުގެ މާކުރިން އެކަން ﷲ އިއުލާންކުރެއްވިއެވެ. އަދި އެކަލޭގެފާނު ސުވަރުގޭގައި ލެއްވީ ކުޑަ ހިނދުކޮޅަކަށް ނުވަތަ ވަގުތީގޮތުންނެވެ. މިކަން ބަޤަރާ ސޫރަތުގެ 35 ވަނަ އާޔަތުން އެނގެއެވެ.

މައުލޫމާތު: ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ

+1
0
+1
24
+1
0
+1
0
+1
4
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް