November 22, 2024 21:29
Advertisement

-Advertisement-

ކުޑަކުޑަ ހުނަރުވެރި އާއިޒް ކޮމިކް ލިޔުމާއިގެން ކުރިއަށް!

އާއިޒް އަލީ އަޒްވަރަކީ އުމުރުން 8 އަހަރުގެ ކުއްޖެކެވެ. އުމުރުން 6 އަހަރުން ފެށިގެން އާއިޒް ދަނީ އަމިއްލައަށް 'ކޮމިކް' ލިޔަމުންނެވެ. އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ އާއިޒް މައިންބަފައިންނާއި އެކު ކުރިން ދިރިއުޅުނީ ނިއުޒިލެންޑުގަ އެވެ. މާލެ ބަދަލުވީ، އާއިޒްގެ ބައްޕަ ޕީއެޗްޑީ ފުރިހަމަ ކުރެއްވުމުންނެވެ.

" ނިއުޒިލެންޑުގައި އުޅުނުއިރު ލައިބްރަރީ އަށް ވަރަށްގިނައިން ދަން. އެތަނުން 'ކޮމިކް ބުކްސް' ފެނިގެން އެފޮތްތައް ކިޔަންފެށީ. ދެން އަމިއްލައަށް ލިޔަންފެށީ ކޮމިކް. ވަރަށްގިނަ ކޮމިކްސް ލިޔެވިއްޖެ." ކޮމިކް ލިޔަން ފެށިގޮތް ކިޔައިދެމުން އާއިޒް ބުންޏެވެ.

އާއިޒް ނިއުޒިލެންޑުގައި އުޅުނުއިރު ލައިބްރަރީގައި ފޮތް ކިޔަނީ

އާއިލާއިން ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރަމުން އާއިޒް ބުނީ ކޮމިކް ލިޔުމަށްފަހު ފޮޓޯކޮޕީ ނަގަނީ ކަމަށެވެ. އަދި މިދިޔަ އަހަރު ބަންދު ދުވަސްތަކުގައި ކޮމިކް ކްލަބެއް ކްލާސް ބައެއް ކުދިންނާއި ރައްޓެހިންތަކެއް ބައިވެރިކޮށްގެން އުފެއްދި ކަމަށް ފާހަގަކުރިއެވެ. އެކުލަބްގައި އުޅެނީ 5 ކުދިންނެވެ.

Advertisement

އާއިޒް އަކީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުގެއިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ 'ސަރކްލް' ގެ ޕްރޮގްރާމެއް ކަމުގައިވާ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. އޭގެކުރިން އާއިޒް ވަނީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ 'ސަރކްލް ކިޑްސް' ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ.

" ވަރަށްމަޖާ ކޯޑިން ޕްރޮގްރާމް. ވަރަށް ޝައުގުވެރިވޭ. ބްލޮގެއް ތައްޔާރުކުރިން އަދި އީކާޑުވެސް ދަނީ ކޯޑިން ޕްރޮގްރާމްގައި ތައްޔާރުކުރަމުން. ބައެއް ފަހަރަށް ޕޮޔަމް ވެސް ލިޔަން." ޕްރޮގްރާމް އާއި ގުޅޭގޮތުން އާއިޒް ދެކޭގޮތް ފާހަގަކުރިއެވެ.

އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްގައި ބައިވެރިކުރަން ނިންމި ސަބަބު އާއިޒްގެ މަންމަ ޚަދީޖާ ޝިފާޒާ ވަނީ ކިޔައިދީފައެވެ.

" އާއިޒް ވަރަށް ކުޑައިރު ފޮތްކިޔަން ފަށައިފި. އެއިރު އުޅުނު ޤައުމުގައި އެކިތަންތަނަށްގޮސް ވަރަށްބޮޑަށް ކަންތައްތައް ދަސްކުރަން ފުރުސަތު ލިބުނު. ކިޑްސް ޕްރޮގްރާމް ތަޢާރަފް ކުރިއިރު އިންނަނީ ޔޫކޭ ބޭސްޑް ޓިއުޓަރސް ކިޔަވައިދޭގޮތަށް. އަދި ކުދިންގެ ލިޔުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ޕްރޮގްރާމެއްވީމަ ބައިވެރިކުރީ. އެހާ ޅައުމުރުގައި ވަރަށްގިނަ ފުރުސަތު އާއިޒް އަށް ލިބުނު. ސަރކްލް ކިޑްސް ޕްރޮގްރާމްގައި ޕްރެޒެންޓޭޝަން ހުށަހަޅަން ފުރުސަތުލިބި ކޮމިކް އާއި ގުޅޭގޮތުން ވާހަކަވެސް ދެއްކި." އާއިޒްގެ މަންމަ މަޢުލޫމާތުދިނެވެ.

އާއިޒް ލިޔެފައިވާ ބައެއް ކޮމިކް

އުގެއިލް ފައުންޑޭޝަންގެ 2 ޕްރޮގްރާމް ވެގެންދިޔައީ، އެއްވެސް ޖެހިލުމެއްނެތި ގިނަ ކުދިންތަކެއްގެ ތެރޭގައި ވާހަކަދައްކަން ފުރުސަތުލިބުނު ޕްރޮގްރާމެއްގެ އިތުރުން ލިޔުމުގެ ފެންވަރު ރަނގަޅުކުރުމަށް އާއިޒަށް ލިބުނު ފުރުސަތަކަށެވެ.

" ނިއުޒިލެންޑުގައި ގްރޭޑް 1 ގައި ކިޔެވުމުގެ ފުރުސަތު ލިބޭ އުމުރުން 5 އަހަރުން. އެހެންވެ އެޤައުމުން 1 ނިންމުމަށްފަހު ރާއްޖެއައިސް އުމުރާގުޅޭގޮތަށް ރާއްޖޭގައި ގްރޭޑް 1އާއި ގުޅުނީ. އަދި ގްރޭޑް 2 ނިންމާ 3 އަށް މިދިޔައީ. ކޮމިކް ލިޔެ ފޮޓޯކޮޕީ ނެގުމަށްފަހު އެޕާޓްމަންޓް ކޮމިކްނަމުގައި ގޭގެ ދޮރުގައި ފެންނަގޮތަށް ހަރުކޮށްފައި ހުރޭ." ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ އާއިޒް އާއި ގުޅޭގޮތުން އޭނާގެ މަންމަ ކިޔައިދިނެވެ.

ކްލާސް ޓީޗަރުންނާއި އެކު އާއިޒް

ކޮމިކް ލިޔުންތެރިއެއްގެ އިތުރުން ކޯޑިން ހުނަރު ދަސްކުރާ ދަރިވަރެއްގެ ހައިސިއްޔަތުން އާއިޒް ވަނީ އެހެން ކުދިންނަށް މެސެޖެއްވެސް ދީފައެވެ.

" ރައްޓެހިކުދިން ޕްރޮގްރާމްގައި ބައިވެރިވާންވީ. އަޅުގަނޑު އެހީތެރިވެދޭނަން އެހީތެރިކަން ބޭނުންވާ ކުދިންނަށް ކޮމިކް ލިޔަން. އަދި އަޅުގަނޑަށް ދަސްވެފައި ހުރި އެއްޗެހި ކިޔައިދޭނަން ބޭނުންވާ ކުއްޖަކު މެސެޖުކުރީމަ." އާއިޒް ބުންޏެވެ.

ޕިއާނޯ ލެވެލް 3 ދަސްކުރަމުންދާ އާއިޒަކީ ޔޫޓިއުބް ބަލައިގެން ލެގޯއިން ތަފާތު އެއްޗެހި ތައްޔާރުކުރާ ކުއްޖެކެވެ. ސަރކްލް ގެ ޕްރޮގްރާމްތަކުން ޕޮޔަމް ހަދަން ދަސްކުރިއިރު، ލެގޯ އާއި ގުޅޭގޮތުން ވެސް ވަނީ ޕޮޔަމް ލިޔެފައެވެ. ފުޓްބޯޅަ އަދި ރާޒުވާ ވެސް ކުޅޭ އާއިޒް އަކީ ތަފާތު ކަންތައްތައް ދަސްކުރުމަށް މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އާއިޒް އަކީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލްގެ ވަރަށްބޮޑު ފޭނެއް ކަމަށް އާއިޒްގެ މަންމަ ވަނީ ފާހަގަކޮށްފައެވެ. ކޮމިކް ކްލަބެއް ހެދުމުގެ ފުރުސަތު ސަރކްލްގެ ޕްރޮގްރާމް އިން އާއިޒް އަށް ލިބުނު ކަމުގައިވިއަސް ކޮވިޑްގެ ހާލަތާއި ގުޅިގެން އަދި ވަނީ އެކަން ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އާއިޒް ވަނީ، ކިޔަވައިދޭ ޓިޔުޓަރސްގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އިންޓަވިއު ނިންމާލަމުން ޝުކުރު އަދާކޮށްފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
1
+1
11
+1
8
+1
3
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް