November 23, 2024 01:59
Advertisement

-Advertisement-

އެވޭލާ ހާދިސާ: ލުތުފީގެ ހުވަދޫ ދަތުރުގައި ފެނުނު ބިރުވެރި މަންޒަރު!

ދުވަސްވަރަކީ ރާއްޖޭގެ ރަށްރަށުގެ މަގު ހެދުގެ ޕްލޭން ސަރުކާރުން ފެށުމަށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެވެ. އެއީ 1950 ވަނަ އަހަރުގެ ކުރީކޮޅެވެ. މިދެންނެވި ޕްލޭނާއި އެއްގޮތަށް މަގުހެދުމަށް ބޭނުންވާ ތަޖުރިބާކާރު ބޭފުޅުން އައްޔަން ކުރެވިއްޖެއެވެ. އެކި އަތޮޅުތަކަށް އެކި ބޭފުޅުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށެއްގައިވެސް ބޮޑެތި މަގު ނުހުރެއެވެ. ހުންނަނީ ވަރަށް ހަނިހަނި ގޯޅިތަކެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ އެއިރުގެ ހާލަތަކީ އެއީކަމަށް ވެއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މަގު ހަދައިދިނުމަށް ސަރުކާރުގެ ކަމާއިގުޅުންހުރި މުއައްސަސާތަކުގައި އެދެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުތަކަށް ޓީމްތައް ފޮނުވުމަށް ތައްޔާރު ވެއްޖެއެވެ. ކޮންމެ ޓީމެއްގައިވެސް އިސްކޮށް އުޅުނީ ދެބޭފުޅުންނެވެ. މި ދެބޭފުޅުންނާއި އެކު އެރަށެއްގެ ރައްޔިތުން ނުކުމެ މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ. އެކި ރަށްތަކަށް ޓީމްތައް ފޮނުވަމުން ދިޔަ ދުވަސްރު ލުތުފީ ހިމެނުނު ޓީމް ފޮނުވީ ހުވަދުއަތޮޅަށެވެ. ރައްޔިތުން ތިބީ ފުރިހަމައަށް މިކަމުގައި ބައިވެރިވާށެވެ. މަސައްކަތް ރޭވިފައިއޮތީ އެއް ރަށުގައި މަގުހަދާ ނިމުނީމަ ދެވަނަ ރަށެއް ފަށާގޮތަށެވެ.

މިގޮތުން ރަށަކަށްފަހު ރަށެއް ނިންމަމުން ގޮސް ލުތުފީގެ ޓީމް މިހާރު އެތިބީ ގއ. ކޮނޑޭ ގައެވެ. ލުތުފީ އަކީ ކޮންމެ ރަށަކަށް ވަޑައިގެން އެރަށުގެ މާހައުލުގައިވާ އެކި ކަންކަމާއިމެދު ވިސްނާ، ފިކުރުކޮށް އަދި ދިރާސާކުރަން ވަރަށް މޮޅު ބޭފުޅެކެވެ. އެގޮތުން އެކިރަށްރަށާއި ބެހޭ ގޮތުން ތަފާތު އެކި ފޮތްވެސް ލިޔުއްވިއެވެ. މިގޮތަށް ކޮނޑޭގެ މަގުތައް ހަދަން ފެށިގެން ދިޔަދުވަހެކެވެ.

Advertisement

މަގުގެ މަސައްކަތް އެދުވަހު ނިމުމުން އެކަމުގައި ބައިވެރިވި އަންހެނުންނާއި ފިރިހެނުން ދިޔައީ މޫދަށެވެ. އެންމެން މޫދުގައި މަޖާކުރަމުން ދިޔަވަގުތު އެތަނުން އެއް އަންހެނަކު ހޭނެތިގެން ގޮނޑުދޮށަށް ވެއްޓިފައި އޮއްވާފެނުނެވެ. ލުތުފީ ވަރަށް ކަންބޮޑުވެ އޭނަ ކައިރިއަށް ދިޔައެވެ. އެވަގުތު އެތަނުގައި ހުރި އެހެންމީހަކު ބުނެލިއެވެ. ތިކަމަކީ އަބަދުވެސް އޭނައަށް ވާކަމެކެވެ. އެހެންނަމަވެސް ލުތުފީގެ އެދުމުގެ މަތީން އެއަންހެން މީހާ ނަގައިގެން ގޮސް އޭނަގެ ގެއަށް ވެއްދީއެވެ. އެރޭގެ އިޝާގެ ފަހުގައި ލުތުފީ މިއަންހެންމީހާގެ ޚަބަރު ބެލުމަށްޓަކައި ޓީމުގެ ދެތިން ކުދިންނާއެކު އެގެއަށް ވަޑައިގަތެވެ. އެތަނުގައި ތިބިމީހުން ކުރެން އެއަންހެންމީހާގެ ޚަބަރު އޮޅުންފިލުވިއެވެ.

 އެވަގުތު މީހަހަކު ބުނެލިއެވެ. ތިއީ ކޮންމެ މަހަކު ފަނަރަ ސޯޅަ މި ދެދުވަހު އޭނައަށް ދިމާވާ ކަމެކެވެ. ލުތުފީ އަކީ މިފަދަ ކަމެއް ދުވަހަކުވެސް ތަޖުރިބާ ކުރެވިފައިނުވާ އަދި މިފަދަ ކަންތައް ގަބޫލު ކުރައްވާ ބޭފުޅެއްވެސް ނޫނެވެ. ކުށުވެރިކަން، ޖިންނި މޮޔަވުން، ފުރޭތަ އަވަލުން މިއީ ލުތުފީގެ ނަޒަރުގައި ބޯދާ މީހުން ދައްކާ ފުލޯކު ވާހަކަ ތަކެވެ. ނަމަވެސް ލުތުފީ އެގޭގެ ކައިރީގައި ހުއްޓާ އެއަންހެންމީހާ އޮތް ގޭގެ ދިއްލާފަހުރި ފުޅިބައްތި ނިވިއްޖެއެވެ. އެއިރުވެސް އޭނައަކަށް ހޭވެރިކަމެއް ނުވެއެވެ. އެކަމަކު ގޭތެރެއިން ވާހަކަ ދައްކާ އަޑު އިވެއެވެ. އަންހެންމީހާ ރޯ އަޑުވެސް އެބައިވެއެވެ. ލުތުފީގެ ބައިވެރިއަކު އަތުގައި އޮތް ޓޯޗަކުން ގޭތެރެއަށް އަލި ކޮށްފިއެވެ. އަންހެންމީހާ ގައިމަތީ ބޮޑު ފޮތިގަނޑެއް އަޅާފައި އޮތެވެ. ތިޔަހެން ނަހަދާށެވެ. އަހަންނަށް އަނިޔާ ނުކުރާށެވެ. އޭގެފަހުގައި އެއަޑު ކެނޑިއްޖެއެވެ. ޓީމުގެ އެކަކު ބުނެލިއެވެ. ދެންދަމާހިނގާށެވެ. މާދަމާ އޭނައަށް ރަނގަޅުވެދާނެއެވެ. އޭގެ ފަހުގައި ލުތުފީގެ ޓީމު ގެއަށް ދިޔައީއެވެ.

ގޭގެ ފެންޑާމު ގައި ތިބެ ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭ އެރަށުގެ މީހަކު ބުނެލިއެވެ. އެއީ އަބަދުވެސް އޭނައަށް ދިމާވާ ކަމަކަށްވާތީ ރަށުގެ ގިނަބަޔަކު އެކަމާ އަޅައެއްނުލައެވެ. ދެދުވަހުގެ ތެރޭ ރަނގަޅުވެ އާދައިގެ ގޮތަކަށް އުޅެންފަށާފާނެއެވެ. މިއީ މިފަދަ ހާދިސާ އެއް ހަމަލޮލުން ފެނުނު ފުރަތަމަ ފަހަރެވެ. މާދަމާ އޭނަގެ ހާލު ބެލުމަށްފަހު މަސައްކަތަށް ނުކުންނާނީ އެވެ. ލުތުފީ ބުލިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ލުތުފީގެ އެންމެ އިސްކަމަކަށްވީ އެ ނޭގޭ މަޚުލޫގުގެ ޝިކާރައަކަށް ވެފައިއޮތް ނިކަމެތި އަންހެނާގެ ހާލު ބެއްލެވުމެވެ. އަރިހުގައި ދެމީހަކު ގޮވައިގެން އެގެއަށް ވަޑައިގެންނެވި އިރު އާދައިގެ މީހަކު ފަދައިން ހަރަކާތްތެރިވެ އުޅެއެވެ. އެއަންހެނާ އަށް ވީގޮތް އޭނަކުރެން ލުތުފީ އެއްސެވިއެވެ. އޭނަ އެވާހަކަ ކިޔައިދެއްވަމުން ދެންނެވިއެވެ. އަހަރެންގެ އުމުރުން ފަނަރަ އަހަރުން ފެށިގެން މި އުނދަގުލުގައި އަހަރެންގެ ހަޔާތް މިދަނީ ވޭތުކުރަމުންނެވެ. މީނަގެ ފަރާތުން އަހަރެން ސަލާމަތް ކޮށްދެވޭނެ ފަރާތެއް މިރަށަކު ނެތެވެ. މިގެއަށް ކަމެއްކުރަން މީހަކު އައިނަމަވެސް ކޮންމެވެސް ނުފޫޒަކުން އެމީހަކު މިގެއިން ފައްސާލައެވެ. އަހަރެންނާއި އަޅައިގަނެގެން އުޅޭ ވަރުގަދަ އެހެންމީހުންގެ ލޮލަށް ނުފެންނަ ޝައިތާނާ ބުނަނީ "ތިޔައީ އަހަރެންގެ އަންހެނުންނެވެ. ކަލޭ ވަރިކޮށްފަ އަރެންދާނެ ތަނެއް ނެތެވެ. ވީމާ މީހުން ގޮވައިގެން އައިސް ކޮންމެފަދަ ކަމެއްކުރިއަސް އަހަރެން މިގެއިން ފޮނުވައެއް ނުލެވޭނެއެވެ." މިއަޑުއައްސަވާފައި ލުތުފީ ވަރަށް ކަންބޮޑުވެ ހުންނަވާފައި އެގެއިން އެނބުރިވަޑައިގެންފިއެވެ.

އޭގެ ފަހުގައި ކޮނޑޭގެ މަގުހަދާ ނިމުމުން ލުތުފީމެންގެ ޓީމު ވަޑައިގަތީ ގދ. ހޯޑެއްދޫ އަށެވެ. ހޯޑެއްދޫގެ މަގު ހަދަމުންދިޔަ ދުވަހެއްގައި ވަރަށް ސީރިއަސް ވާހަކައެއްގެ ގޮތުގައި ކޮނޑޭއިން ތަޖުރިބާ ކުރެވުނު މިއަންހެން މީހާގެ ވާހަކަ ހޯޑެއްދޫ ކަތީބު (މުހައްމަދު މަނިކުގެ) ކައިރީގައި ލުތުފީ ވަރަށް އަސަރާއެކު ކިޔައިދެއްވި އެވެ.

މިއީ ކޮނޑޭން ދިމާވި މިހާދިސާ ލުތުފީގެ ޑައިރީގައި ލިޔުއްވާފައިވާ ގޮތްކަމަށް ވެއެވެ.

+1
5
+1
8
+1
7
+1
7
+1
20
+1
5
+1
7

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. އެޒަމާނުގައި އަންހެންމީހާ ގައިމަތީގައި އަޅާލެވޭ ވަރުގެ ފޮތިގަނޑެއް ކޮނޑޭ ފަދަ ރަށަކުން ލިބުމީ މުސްތަގިއްލު ކަމެއް!
    އަދި ކޮނޑޭގެ އެއްވެސް ގެއެއްގައި ފެންޑާމެއް ހުރުން ވެސް އެހާ އަޖައިބު!
    ދިވެހިރާއްޖޭގެ ރަށްތަކުގައި މަގުހެދީ ރައްޔިތުން އެދިގެން ދަންނަވައިގެން ހެނެއް ހިއެއް ނުވޭ!

    17
    7
      1. ތިޔަ ބޭފުޅާއަށް ތިޔަ ގޮތަށް ހީވެފަ އޮވެދާނެއެވެ. އެހެނަސް ހުވަދޫ އަތޮޅުގެ މީހުންނަކީ އެޒަމާނުގަ ވަރަށް ތަނަވަސްކޮށް އުޅުނު ބައެއް. އޮޑިފަހަރުގައި ޗައިނާ، އިންޑޮނޭޝިއާ، އިންޑިއާ، ޝްރީލަންކާ ފަދަ ގައުމުތަކަށް ދަތުރުކޮށް، ދިރިއުޅުމަށް ބޭނުންވާ ސާމާނު ހޯދާ ބައެއް. އެހެންވީމާ ހުރިހާ ގެއްގައި ފޮއްޗާއި، ރަޖާފަދަ ތަކެތި ހުންނާނެ. މިހާރުވެސް އޭރު ހޯދާފައިހުރި ތަކެތި ބައެއް ގޭގޭގައި އެބަހުރި. ލުޠުފީ ލިޔުއްވާފައިވަނީ ރަނގަޅަށް.

        25
        1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް