November 23, 2024 23:51
Advertisement

-Advertisement-

ފޮތް ގާޑިޔާ: ހިތްހަމަޖެހޭ މާހައުލަކުން ލިބޭ އަގުހުރި ފުރުސަތެއް!

ސާފުވައި ލިބޭ ހިތްފަސޭހަ މައިދާނަކަށް ދިޔުމުގެ ބޭނުމުގައި ހުޅުމާލޭގެ ބީޗަށް ދިޔައިރު ލޮލުގައި އަޅައިގަތީ އިހުޒަމާނުއްސުރެ ދިވެހިން އަތިރިމަތީގައި ހަދާފައި ހުންނަ އޮޑި ހަރުގެއާއި ވައްތަރު ގޮތަކަށް ތައްޔާރުކޮށްފައިވާ ހަޓެއްގައި ހުރި ގާޑިޔަލެކެވެ. މިއީ ރާއްޖޭގެ ރަށެއްގެ ބީޗެއްގައި މިފަދަ ގޮތަކަށް ފޮތް ބަހައްޓައިފައި ހުރި ފުރަތަމަ ގާޑިޔާއަށްވުން އެކަށީގެންވެއެވެ. ހިތްފަސޭހަ މާހައުލެއްގައި ފޮތެއް ކިޔާލުމުގެ ޝައުގުވެރިކަން އުފެދުނު ބޮޑުކަމުން މިގާޑިޔާގެ ހަގީގަތް ހޯދާލާހިތްވިއެވެ.

ފޮތް ގާޑިޔާ ބަހައްޓާފައި ހުރި ހަޓު ގާއިމްކޮށްފައިވަނީ ވާރޭވެހުނަސް ފޮތްތައް ހަލާކުނުވެ، އަދި ވާރެޔާއި ހިޔާވެގެން ތިބެ ފޮތްކިޔައިލެވޭނެ ފަދަ ގޮތަކަށެވެ. ކުދި ބޮޑު އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މިތަނުގައި ދަނީ 'ބުކް ކްލަބް' ފަދަ އިވެންޓްތައްވެސް ބާއްވަމުންނެވެ.

ފޮތް ގާޑިޔާ ހުރި ސަރަހައްދުގައި ފޮތް ކިޔައިދިނުމުގެ އިވެންޓެއް ކުރިއަށްގެންދިޔަ ސްކޫލް ދަރިވަރަކު 'ޒީޓައިމްސް' އަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މިއީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މިގޮތަށް ކުރިއަށްގެންދާ އިވެންޓްތަކުގައި ފޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ބައިވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދޭއިރު މިއީ ބައިވެރިވާ ކުދިންނަށް ފޮތްތަކަށް އަހުލުވެރިވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

Advertisement

2018 ވަނަ އަހަރު ނޮވެންބަރު މަހު ފެށި ފޮތް ގާޑިޔާގެ ފަހަތުގައިވާ ޗިލްޑްރެން އޮފް މޯލްޑިވްސް ގެ ޒުވާން ޓީމުން މައުލޫމާތު ދިންގޮތުގައި ބަލާބެލުމަށް ފޮތްތަކެއް ބަހައްޓާފައި ހުރި ގާޑިޔާގެ އެންމެ މުހިންމީ އިތުބާރާއި، ހިއްސާކުރުމާއި، ފަސޭހަ، އުފާވެރި މާހައުލެއްގައި ބޭނުންވާ އެންމެންނަށް ރަނގަޅު ފެންވަރެއްގެ ފޮތްތައް ކިޔާލެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މިއީ އެންމެންނަށް ފައިދާ ލިބޭނެ ގޮތަށް ހަދާފައިވާ އެންމެންގެ ތަނެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފޮތް ގާޑިޔާގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ.

އިތުބާރު: " ކޮންމެ ބޭފުޅަކުވެސް މި ފޮތްތަކަކީ އެބޭފުޅެއްގެ އަމިއްލަ ތަކެތި ފަދައިން އަދި މިތަނަކީ އެބޭފުޅެއްގެ އަމިއްލަ ތަނެއް ފަދައިން ބަލާނެ ކަމާމެދު އަޅުގަނޑުމެން ފުރިހަމައަށް އިތުބާރު ކުރަން."

ހިއްސާކުރުން: " ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކަށް ލިބުނު އެއްޗެއް އަނެއް ބަޔަކާއެކު ހިއްސާކޮށް އެކުވެރިކަމާއި އެކު އުޅުނު ބަޔެއް. ފޮތް ގާޑިޔަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ސިފަ އާލާކޮށް އެކެއްގެ އަތުގައި އޮތް އެމީހަކަށް ކަމުދިޔަ ފޮތެއް އަނެކާއާއެކު ހިއްސާކޮށްލުމުގެ ފުރުސަތު ހުޅުވާލަދިނުން."  

އާންމުތަނެއްގައި ގިނަ އަދަދެއްގެ ފޮތް ހިލޭ ލިބޭނެ ގޮތަށް އިންތިޒާމުތައް ރޭވިއިރު އިންތިޒާމުކުރި ޓީމުން އެންމެބޮޑު އިސްކަމެއް ދިނީ ގިނަ ބަޔަކަށް ފައިދާކުރާނެ ގޮތަކަށް ކަންތައްތައް ރޭވުމަށެވެ.

" މިކަންކުރާއިރު ވިސްނަން ފޮތް ގެއްލިވެސް ދާނެކަން. އެރިސްކު ނަގަން ވެސް ތައްޔާރު. ބޮޑު އިންސައްތައެއް ހަމަ އަލުން ފޮތް ގެނެސްދޭ. އަސްލު މިގޮތަށް ބެހެއްޓީމަ ހިލޭ ފޮތެއް ގެންގޮސްގެން ކިޔާލައިގެން އެކުއްޖަކަށް އެލިބޭ އާފިލާވަޅެއް ނުވަތަ އެދަސްވާ އެއްޗެއްގެ ސަބަބުން ލިބޭ ފައިދާ މާބޮޑު."

ޖުލައިމަހުގައި އެކަނިވެސް ފޮތް ގާޑިޔާގައި ހުރި 700 ފޮތް ވަނީ އެކި މީހުން ކިޔަން ގެންގޮސްފައެވެ. އެމެރިކަން އެމްބަސީ އިން ވެސް ވަނީ ފޮތް ގާޑިޔާއަށް ރަނގަޅު ފެންވަރުގެ ފޮތްތަކެއް ހަދިޔާ ކޮށްފައެވެ. މި ގާޑިޔާގައި ހުންނަ ހުރިހާ ފޮތަކީ ވެސް ކިޔަން ވަރަށް ރަނގަޅު ފޮތްތަކެއް ކަމަށާއި، މީހުން ފޮތް ހަދިޔާ ކުރާއިރު ވެސް ލިބޭ ހުރިހާ ފޮތްތަކެއް ނުނަގާ ކަމަށް އިންތިޒާމު ކުރާ ޓީމުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ބަދަލުގައި އިސްކަންދެނީ ބޭނުންތެރި މައުލޫމާތުތަކެއް ލިބޭ ރަނގަޅު ފެންވަރުގެ ފޮތްތައް ހޯދުމަށެވެ.

" ފޮތް ގާޑިޔާގެ ޚިދުމަތް ހޯދަން ބޭނުންވާ މީހުން ފޮތް ގެންދަމުން ނޯޓްކޮށްފައި އަދި ގެނެސްދިނުމަށްފަހު 'ރިޓާރން ބޮކްސް' ގައި ފޮތް ބަހައްޓަން ޖެހޭނީ. ބޭނުންވަނީ ރަނގަޅު އާދަތަކެއް އަށަގަންނުވަން. ކޮންމެ މީހަކުވެސް އަހާފާނެ މިފޮތްތައް މިގޮތަށް ބެހެއްޓީމަ ވަގަށް ނުނަގާހޭ. ފޮތްތަކަށް ގެއްލުން ނުދޭހޭ. މިބުނެދެނީ ކޮންމެތަނެއްގައި އެއްޗެއް ހުއްޓަސް އޭގެ މާނައެއް ނޫނޭ ވަގަށް ނަގަންޖެހޭނެއޭ. ފޮތް ނެގުމަށްފަހު ރައްދުކޮށްދީ ފޮތް ގާޑިޔާ ހުންނަތަން ރީއްޗަށް ބާއްވައި ދިނުމަކީ އަޅުގަނޑުމެންގެ އެދުމެއް." އިންތިޒާމުކުރާ ޓީމުން މައުލޫމާތު ދިނެވެ.

ފޮތްގާޑިޔާގެ ޚިދުމަތް ފުޅާކޮށް ބީޗް ސަރަހައްދުގައި ހަޓެއް އަޅައިފައިވަނީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އާއި ޗިލްޑްރެން އޮފް މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިގެންނެވެ. ހަޓު އަޅައިފައިވާ ބިމަކީ އެޗްޑީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ފަހިކޮށްދީފައިވާ ފުރުސަތެކެވެ. މި ހަޓު ހަދައިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައެވެ.

'ޒީޓައިމްސް' އިން ފޮތްގާޑިޔާ ހުރި ސަރަހައްދަށް ދިޔައިރުވެސް ވަނީ ކުޑަކުދިންތަކެއް ގޮވައިގެން ބެލެނިވެރިއަކު އެ ހަޓުގައި އިށީދެގެންތިބި މަންޒަރު ފެނިފައެވެ. ބެލެނިވެރިޔާ ދެކޭގޮތްވެސް ބަލައިލީމެވެ.

" މިއީ ވަރަށް ހިންހަމަޖެހޭ މާހައުލެއް ކުދިން ގޮވައިގެން އައިސް ފޮތް ކިޔާލަން މަޑުކޮށްލަން. މޫދު ކައިރީގައި މިގޮތަށް ފޮތް ކިޔާލާ ދަރިފުޅާއިއެކު އުފާވެރި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް މިތަން ފަރުމާކޮށްފައި ހުރުމަކީ އަސްލު ކޮށްފައިވާ ވަރަށް ރަނގަޅު ކަމެއް." އެ ބެލެނިވެރިޔާ ބުންޏެވެ.

ފޮތް ގާޑިޔާ ހުރިތަން ވެގެން ގޮސްފައި މިވަނީ ކުދިބޮޑު އެންމެން ހިތްހަމަޖައްސާލާ، އުފާވެރި މާހައުލެއްގައި ފޮތް ކިޔާލަން އަންނަ ހަރުގެއަކަށެވެ. ފަރުދީ ޒިންމާ އަދާކޮށްގެން ގިނަ ބަޔަކަށް ރަނގަޅު ގޮތުގައި ފުރުސަތު ލިބޭނެ ގޮތަކަށް މިފުރުސަތުގެ ބޭނުން ހިފަމާ ހިނގާށެވެ. ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އާބާދީ ދެގުނަ ބޮޑުވެގެން ދާނެ ކަމަށް ބެލެވޭއިރު މި ހަޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

+1
0
+1
6
+1
0
+1
2
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް