September 20, 2024 16:24
Advertisement

-Advertisement-

ދަރިންގެ މެދުގައި ތަފާތު ކުރުމުގެ ޙައްޤު މައިންބަފައިންނަށް ދެއްވާފައެއް ނުވޭ

ދޮން ކުދިންނާއި ކަޅުކުދިން، ރީތި ދަރިންނާއި ހުތުރު ދަރިން، ކިޔަވަން މޮޅެތި ކުދިންނާއި ކިޔަވަން ދަށް ދަރިން، ވަޒީފާގެ ގޮތުން މަތީ މަޤާމުގައި ތިބޭ ދަރިންނާއި ދަށުގައި ތިބޭ ދަރިން، އަންހެން ދަރިންނާއި ފިރިހެން ދަރިން ތަފާތު ކުރުމަކީ މި ދިވެހި ރާއްޖޭގެ މުޖުތަމަޢުގައި މަދުން ނަމަވެސް ފެންނަ ކަމެކެވެ. މައިންބަފައިންނަށް ނޭނގިނަމަވެސް މި ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ދަރިންގެ މެދުގައި ތަފާތު ކުރުމުގެ ޙައްޤު މައިންބަފައިންނަށް ދެއްވާފައެއް ނުވެއެވެ. އެއީ އިސްލާމް ދީނުގައި އަސާސުތަކާއި އުޞޫލާއިވެސް ޚިލާފު ކަމެކެވެ.

ދަރިންގެ މެދުގައި އެއްވެސް މިންވަރެއްގެ ތަފާތު ކުރުމެއް ގެންގުޅުމަކީ އިސްލާމް ދީނުގެ މިންގަޑުން ބޭރުވުމެވެ. މި ދީނުގެ މިންގަޑަކީ ޢަދުލުވެރިވުމެވެ. عَنِ النُّعْمَانِ بْنِ بَشِيرٍ – رضي الله عنه – قَالَ تَصَدَّقَ عَلَىَّ أَبِى بِبَعْضِ مَالِهِ فَقَالَتْ أُمِّى عَمْرَةُ بِنْتُ رَوَاحَةَ لاَ أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ -صلى الله عليه وسلم-. فَانْطَلَقَ أَبِى إِلَى النَّبِىِّ -صلى الله عليه وسلم- لِيُشْهِدَهُ عَلَى صَدَقَتِى فَقَالَ لَهُ رَسُولُ اللَّهِ -صلى الله عليه وسلم- « أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ ». قَالَ لاَ. قَالَ « اتَّقُوا اللَّهَ وَاعْدِلُوا فِى أَوْلاَدِكُمْ ». فَرَجَعَ أَبِى فَرَدَّ تِلْكَ الصَّدَقَةَ. (رواه البخاري). މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި ނުޢުމާން ބިން ބަޝީރުގެ ކިބައިން ރިވާވެގެންވެއެވެ. ބައްޕަގެ މުދަލުން ބައެއް، ބައްޕަ ތިމަންކަލޭގެފާނަށް ޞަދަޤާތްކުރެއްވިއެވެ. އެހިނދު ތިމަންކަލޭގެފާނުގެ މަންމަ ޢަމްރަތު ބިންތު ރަވާޙާ ދެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެކި ނުކުރާހާހިނދަކު، ތިމަންނާ ތިކަމަކަށް ނުރުހެމެވެ. ދެން، ބައްޕަ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެކިކުރެއްވުމަށްޓަކާ ދިޔުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ތިބާގެ ހުރިހާދަރިންނާމެދު ތިފަދައިން ކަންތައް ކުރިންހެއްޔެވެ؟ (ހުރިހާ ދަރިންނަށްވެސް ތިފަދައިން ޞަދަޤާތްކުރިން ހެއްޔެވެ؟)“ ދެން ބައްޕަ ނޫނެކޭ ބުނުމުން ޙަދީޘްކުރެއްވިއެވެ. ”ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ!" ދެންފަހެ، ބައްޕަ އައިސް އެ ޞަދަޤާތް އަނބުރާ ގެންދެވިއެވެ.

އިސްވެ ދިޔަ ޙަދީޘުން ދަލީލު ކުރަނީ ދަރިންގެ މެދުގައި ޢަދުލުވެރިވުމީ ވާޖިބެއްކަމެވެ. އެއީ ދަރިންނާއި ގުޅުން ހުރި ހުރިހައި ކަމެއްގައެވެ. އެއްވެސް ދަރިއަކު ތަފާތު ކުރުމެއް ނެތެވެ. ދަރިންނަށް އެއްޗިހި ދިނުމުގައިވެސް އަދި ލޯބި ދިނުމާއި އަޅައިލުމާއި އޯގާތެރިވުމުގައި އަދި އެހެން ހުރިހާ ކަމެއްގައިވެސް ޢަދުލުވެރިވެ، ހުރިހާ ދަރިންގެ މެދުގައި ހަމަހަމަ ގޮތަކަށް ކަންތައް ކުރުމަކީ މައިންބަފައިންގެ މައްޗަށްވާ ވާޖިބެކެވެ. އެއީ މައިންބަފައިން ދަރިންނަށް އަދާ ކުރަންޖެހޭ ޙައްޤެކެވެ.

Advertisement

ކޮންމެ ދަރިއަކީވެސް މައިންބަފައިންގެ އަޅާލުމާއި ލޯބި ބޭނުންވާނެ ދަރިއެކެވެ. އޯގާތެރިކަމާއި ތަޢުރީފުގެ ބަސްތައް އަޑުއަހަން ބޭނުންވާނެ ދަރިއެކެވެ. މައިންބަފައިން ބޮޑަށް ލޯބިވާ ދަރިއެއް ހުރެގެން ނުވާނެއެވެ. ބޮޑަށް އަޅައިލާ ދަރިއަކު ހުރެގެންވެސް ނުވާނެއެވެ. ދިރިއުޅުމުގައި ލޯތްބާއި އަޅައިލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ އެއްޗެކެވެ. ލޯތްބާއި އޯގާތެރިކަމާއި ނުލައި އިންސާނުންގެ ދިރިއުޅުން ބާއްޖަވެރިނުވެއެވެ. އެއީ ބޮޑު މީހެއް ނުވަތަ ކުޑަ ކުއްޖެއް ނަމަވެސްއެވެ. ވީމާ ދަރިފުޅު އެންމެ ތުއްތު އިރުންފެށިގެންވެސް އެކުދިންނަށް ލޯބިދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އިސްލާމް ދީނުގައި އަމުރު އައިސްފައިވަނީ ލޯތްބާއި އޯގާތެރިކަމާއެކު ދަރިން ބޮޑު ކުރުމަށެވެ. އެކުދިންނާއި ބައްދައިލުމާއި އަލައިލުމެވެ.

މައިންބަފައިން، އެމީހުންނަށް ކިޔަމަންތެރިވުމުގައި ހުރިހާ ދަރީންވެސް ހަމަހަމަވުމަށް އެދޭފަދައިން، އެދަރީންނަށް ކަންތައް ކޮށްދިނުމުގައިވެސް މައިންބަފައިން ޢަދުލުވެރި ވާންޖެހެއެވެ. ހަމަހަމަ ވާންޖެހޭނެކަމަށެވެ. އެއީ މާތްﷲގެ އަމުރުފުޅެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަށް އަމުރު ކުރައްވާފައިވަނީ ޢަދުލުވެރިވުމަށެވެ. އަދި މި އަމުރުފުޅަކީ ހުރިހައި މުސްލިމުންގެ މައްޗަށް އޮތް އަމުރުފުޅެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ " “އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްޙުޖުރާތު 9).އެއީ ﷲ  ގެ އަމުރުފުޅެވެ. އެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރުމީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމެކެވެ. ދަރިންނާއި މުޢާމަލާތު ކުރުމުގައި ހަމަހަމަ ކުރުމެވެ.

ކުދިންނަކީ ވަރަށް ތަފާތު ބައެކެވެ. އެކި ކުދިންގެ މިޒާޖުވެސް ތަފާތެވެ. ކުރާ ހިތްވާ ކަންކަންވެސް ތަފާތެވެ. އުނގެނުމުގެ ހުނަރުވެސް ތަފާތެވެ. ބައެއް ދަރިންނަކީ މަހަށް ދާހިތްވާ ދަރިންނެވެ. އަނެއްބައި ދަރިންނަކީ އޮފީސް މަސައްކަތަށް ލޯބި ކުރާ ދަރިންނެވެ. އެކި ކުދިން ކުރާނީ އެކި ކަންކަމެވެ. އޮފީހުގެ ބޮޑު ގޮނޑީގައި އިންނަ ދަރިއަށް އިސްކަންދީ، މަހަށްދާ ދަރިފުޅު ކުރާ މަސައްކަތް އާދައިގެ ކަމަކަށްވެ އެއީ ތިމާ އަޅައިނުލައި ދަރިއަކަށް ނަހަދާށެވެ. އެއް ދަރިއާ އަނެއް ދަރިއާ އަޅައި ނުކިޔާށެވެ. އެކި ދަރިންނަށް މޮޅަށް ކުރެވޭނީ އެކި ކަންކަމެވެ. އެއް ދަރި މޮޅަށް ކުރާ ކަންތައްތައް އަނެއް ދަރިއަށް ނުކުރެވޭނެކަން މައިންބަފައިން ދަންނަން ޖެހެއެވެ. އެއް ދަރި ދެކެ މާ ބޮޑަށް ލޯބިވާކަން ހާމަވުމީ ދަރިންގެ ހިތުގައި ނަފްރަތު އުފެދޭނެ ކަމެކެވެ. ޢާއިލާގެ ހަމަޖެހުން ގެއްލޭނެ ކަމެކެވެ. އަދި ދެބެންގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެކެވެ. ގުޅުން ކެނޑިގެން ދިއުމުގެ ސަބަބަކަށްވެސް ވެދާނެފަދަ ޢަމަލެކެވެ. ވިސްނާލަބަލާށެވެ. ދަރިންގެ މެދުގައި އުފެދޭ ނަފްރަތުގެ އަލިފާނުން ގުޅުން ކެނޑުމުން އެ ކަމުގެ ފާފަވެސް އުފުލަން ޖެހޭނީ މައިންބަފައިންނެވެ.

ބައެއް މައިންބަފައިންނަށް ހެދޭ ގޯހަކީ، ތިމާ ލޯބިވާ ދަރީގެ ރަނގަޅު ވާހަކަ މީހުން ކައިރީގައި ދެއްކުމެވެ. އެ ދަރި ކަންތައް ކޮށްދޭ ވާހަކައެވެ. އަޅައިލައި ވާހަކައެވެ. ނަމަވެސް ތިމާ ނުރުހޭ ދަރި ކޮށްދޭ ކަންތައްތައް ފާހަގައެއް ނުކުރެއެވެ. އެ ވާހަކަ މީހެއް ކައިރީގައި ބުނާ އަޑުވެސް ނީވެއެވެ. މި ތަފާތު ކުރުން އަންނަނީ ގިނައިން ފައިސާ ލިބި މައިންބަފައިންނަށް ޚަރަދު ކުރާ ދަރިއަށްވާތީއެވެ. ނުވަތަ މަތީ މަޤާމެއް ޝަރަފުވެރި މަޤާމެއްގައި އެދަރިފުޅު ހުރީތީ އެކަމުގެ ޝަރަފުވެރި ކަމުގައެވެ. ދަރިންނާއި މެދު ބަހެއް ބުންޏަސް ބުނަންވާނި ޢަދުލުވެރިކޮށެވެ. ހަމަހަމަކޮށެވެ. އަދި ތެދަށެވެ. ތިބާ ރުހޭ ދަރިއާއި ނުރުހޭ ދަރިވެސް ރަނގަޅުކަމެއް ކުރިއްޔާ އެކަމެއް ފާހަގަ ކުރަން ޖެހޭނެއެވެ.  މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.  " فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ (الأنعام:152]). މާނައީ: "އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި اللَّهގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ." ވީމާ،  މިއާއި ޚިލާފަށް ޢަމަލުކޮށްފައިވާނާމަ މައިންބަފައިން ތައުބާވާންޖެހެއެވެ. އަދި އެހެންދަރީންނަށް ނުދޭ އެއްޗެއް އެއްވެސް ދަރިއަކަށް ދީފައިވާނަމަ އެއެއްޗެއް އަނބުރާ ގެންދަންވެސް ޖެހޭނެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެންމެ ބޮޑަށް ތަފާތު ކުރުން ފެންނަނީ ފިރިހެން ދަރިންނާއި އަންހެން ދަރިންގެ މެދުގައެވެ. ބައެއް ކަންކަމުގައި ފިރިހެން ދަރިން އިސްކުރާތަން ފެންނަނީވެސް މަދުންނެއް ނޫނެވެ. ކައި މޭޒު ކައިރިން އަންހެން ދަރިން ދުރުކޮށް ފިރިހެން ދަރިންނަށް އިސްކަންދެނީ ކިތައް މީހުން ހެއްޔެވެ. ފިރިހެން ދަރިއަކަށް ވީތީ ޚާއްޞަ ކުރުމެއް ނެތެވެ. އަންހެން ދަރިންނާއި ފިރިހެން ދަރިންނަށް މުޢާމަލާތު ކުރަން ޖެހޭނީ ހަމަހަމަ ކޮށެވެ. ޢަދުލުވެރިކޮށެވެ. ފިރިހެނުންނަށް ޚާއްޞިއްޔަތުކަން ލިބިގެންވާ ހާލަތަކީ ކޮބައިކަން އިސްލާމް ދީނުގައި ބަޔާން ކުރައްވާފައިވެއެވެ. އެއީ އަނބިމީހާގެ މައްޗަށް ފިރިމީހާ ބާރުވެރި ކުރުވާފައިވުމެވެ. ވާރުތާ މުދާ ބެހުމުގައި ފިރިހެން ދަރިންނަށް ދެބައި ލިބުމެވެ. މީގެ އިތުރުން އަންހެން ދަރިންނަށް ނުދޭ ހައިޞިއްޔަތުކަމެއް ފިރިހެން ދަރިންނަށް ލިބިގެން ނުވެއެވެ.

ދަރިންނަށް އަނިޔާވެރިވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ދަރިންގެ މެދުގައި ތަފާތު ކުރުމަކީ ނަފްސާނީ ގޮތުން ދެވޭ އަނިޔާއެކެވެ. ތަފާތު ކުރެވޭ ދަރީގެ ހިތުގައި ޖެހޭނެއެވެ. ދެރަވާނެއެވެ. އެކަމާ ވިސްނާ ފިކުރު ކުރާނެއެވެ. އެ ހިތްދަތިކަމުގައި އުޅެން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެއެވެ.  ކުއްޖާއަކީ ނަފްސާނީ ގޮތުން ބަލި މީހަކަށްވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނާގައިވަނީ: "ތިޔަބައިމީހުންގެ ދަރިންނަށް އަޅާލާށެވެ! އަދި އެކުދިންގެ އުޅުމާއި، އަޚްލާޤާއި، އަދަބުވެރިކަން ރިވެތިކުރުމަށް މަސައްކަތްކުރާށެވެ!" (ابن ماجه). އަދިވެސް އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުންގެ ދަރިންނާމެދު މަސްއޫލުވާށެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ގެ މި ބަސްފުޅުތަކުން އެނގެނީ، ހުރިހައި ގޮތަކުންވެސް އެކުދިންނަށް އަޅައިލަންޖެހޭނެކަމެވެ. ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން އެކުދިންނަށް ލިބިދާނެ ގެއްލުމަކުން އެކުދިން ރައްކާތެރިކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ އެކުދިންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ.

ކީރިތި ރަސޫލާގެ މި ޙަދީޘްބަސްފުޅަށް ބަލައިލަބަލާށެވެ. "ތިޔަބައިމީހުން މާތްﷲ އަށް ތަޤްވާވެރިވާށެވެ. އަދި ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ." ދަރިންގެ މެދުގައި ޢަދުލުވެރިވުމުގައި މާތްﷲ އަށް ބިރުވެތިވުމަށް އަމުރު ކުރައްވާފައިވުމުން ދޭހަވަނީ އެކަމުގެ ބޮޑު ކަމެވެ. މުހިންމު ކަމެވެ. އަދި ޤިޔާމަތް ދުވަހުން މައިންބަފައިންނާ ސުވާލު ކުރެވޭނެއެވެ. އެއީ އެކުދިންނަކީ މައިންބަފައިންނާއި ހަވާލުކުރެވިފައިވާ ވަރަށް ބޮޑު މަސްޢޫލިއްޔަތަކަށް ވާތީއެވެ.

+1
3
+1
7
+1
0
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް