ހުރިހާ އިންސާނުންނަކީ މާތްﷲ ގެ ޙަޟްރަތުން ހިދާޔަތަށް ބޭނުން ޖެހިފައިވާ ބައެކެވެ. އެއީ ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވިޔަސް މެއެވެ. މާތްﷲގެ ތެދުމަގަށް ބޭނުން ޖެހޭނެއެވެ. ދީނީ ޢިލްމުވެރިއަކު ކަމުގައިވިޔަސް އަދި ދީންވެރި އަޅަކު ކަމުގައިވިޔަސްމެއެވެ. މަޤާމުގެ ގޮތުން މަތީ މީހަކު ކަމުގައިވިޔަސް މާތްﷲ ގެ ޙަޟްރަތުން ލިބޭ ހިދާޔަތުން މެނުވީ އެމީހަކަށް ރައްކައުތެރިކަމެއް ނެތެވެ. މާތްﷲ އެމީހަކަށް މަގު ދެއްކެވުމުން މެނުވީ ހިދާޔަތް ލިބިގެން ނުދާނެއެވެ. އަދި ހިދާޔަތް ލިބުނު މީހާއަށް އެކަމުގައި ޘާބިތުވެވޭނީ ވެސް މާތްﷲގެ ރަޙުމަތްފުޅުންނެވެ. ވީމާ، ސީދާވެގެންވާ ތެދުމަގު ގައި ޘާބިތުވެ ހުރުމަށް މާތްﷲގެ ޙަޟްރަތުގައި ދަންނަވަން ޖެހެއެވެ. އެއީ އެހެން ހުރިހައިކަމަކަށްވުރެވެސް ތިބާގެ ޙަޔާތަށް މުހިންމު ކަމެކެވެ.
ސީދާވެގެންވާ ތެދު މަގަކީ އަހަރެމެން އިންސާނުން ކޮންމެ ނަމާދެއްގައި ﷲ ގެ ޙަޟްރަތުން އެދޭ މަގެވެ. އެއީ ފަރުޟު ނަމާދާއި ސުންނަތް ނަމާދުތަކުގައިވެސް މެއެވެ. އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް އެދި ދުޢާ ކުރަމެވެ. އަދި ނަމާދުގެ ކޮންމެ ރަކްޢަތެއްވެސް ފުރިހަމަވާނީ އެދުޢާކުރުމުންނެވެ. އެފަދަ މުހިންމު ދުޢާއެއް ކަމުގައި އެ ދުޢާ، ﷲ ތަޢާލާ ލައްވަވާފައި އެވަނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އެދުޢާއިން ކުރާނެ ފައިދާ ބޮޑުކަމުންނެވެ. އަދި އެއީ އެހާމެ މުހިންމު ދުޢާއެކެވެ. އެ ދުޢާއަކީ "اهْدِنَا الصِّرَاطَ الْمُسْتَقِيمَ" (ފާތިޙާ 6). މާނައީ: " އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!"
ސީދާވެގެންވާ މަގަކީ ކޮބައިތޯއެވެ؟ އެއީ ކޮންބަޔަކަށް ދެއްވި ތެދު މަގެއްތޯއެވެ؟ މާތްﷲ ވަޙީކުރައްވާފައިވެއެވެ. "صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ" މާނައީ: "(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ." ވީމާ، ސީދާވެގެންވާ ތެދުމަގުގައި ތިބި ބަޔަކީ އެއީ އެބަޔަށް މާތްﷲ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެބައި މީހުން އެމަގުން ދަތުރުކޮށް ސުވަރުގެއަށް ވާޞިލުވުމަށް މަސައްކަތް ކުރި މީހުންނެވެ. އެއީ ކޮން ބައެއް ހެއްޔެވެ؟ މާތްﷲ އެބަޔަކަށް ނިޢުމަތް ދެއްވީ ކޮން ބަޔަކަށް ހެއްޔެވެ؟ އެއީ ކޮންބައެއްކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا" (ނިސާއު69). މާނައީ: " اللَّه އެބަޔެއްގެ މައްޗަށް ނިޢުމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީގުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ."
ޞިއްދީޤުން (ތެދުވެރިން) ޝަހީދުން (މާތްﷲގެ މަގުގައި ޖިހާދު ކުރާ މީހުން) ޞާލިޙުންނާއި އެކުގައި ސުވަރުގޭގައި ވަނީ ކޮން ބައެއްކަން އެނގޭ ހެއްޔެވެ؟ އެބަޔަކީ އެއީ ﷲ ދެއްކެވި ތެދުމަގުގައި ތިބޭ މީހުންނެވެ. އެބަޔަކީ މާތްﷲ ކަނޑައަޅުއްވާފައިވާ އިމުގައި ތިބޭ މީހުންނެވެ. އެބަޔަކީ މާތްﷲ ގެ މި ވަޙީބަސްފުޅުގައި ބަޔާންކުރައްވާފައިވާ މީހުންނެވެ. "وَمَن يُطِعِ اللَّهَ وَالرَّسُولَ" (ނިސާއު 69). މާނައީ: "اللَّه އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން".
ކޮންމެ ނަމާދެއްގައި މި ދުޢާ ކުރުމުގެ ސަބަބަކީ މިއީއެވެ. އިންސާނުންނަށް އެންމެ މުހިންމު ކަމަކީ ތެދުމަގުގައި ތިބުމެވެ. އަދި އެމަގުގައި ސާބިތުވެ ހުރުމެވެ. އެއީ ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރެވޭނެ މަގަކީ އެއީކަމަށްވާތީއެވެ. ސީދާވެގެންވާ ތެދުމަގުން ކައްސާލައިފި މީހާ އަށް އޮތީ ނަރަކައެވެ. އެމީހަކު ވާނީ އަބާއްޖަވެރިންގެ ތެރޭގައެވެ. މި މަގުގައި ސާބިތުވެ ހުރެވޭނީ، މި މަގުން ދަތުރު ކުރެވޭނީ މާތްﷲ އާއި އެކަލާންގެ ރަސޫލާގެ މަގުގައި ސާބިތުވެ ތިބި ބަޔަކަށެވެ. ދަތުރުކުރަންވީ މަގު ކީރިތި ޤުރްއާނާއި ސުންނަތުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައެވެ. ދިރިއުޅުން ކާމިޔާބު ކުރެވޭނެ ގޮތާއި ދުނިޔެއާއި އާޚިރަތް ހޯދާނެ ގޮތް ބަޔާންކުރައްވާފައިވަނީވެސް މި ދެ މަޞްދަރުގައެވެ.
އަދި މިހިސާބުން މި ދުޢާ ނިމުނީކީ ނޫނެވެ. ނިޢުމަތް ދެއްވި މީހުންގެ މަގު "ސީދާ ތެދުމަގު" ގައި ޘާބިތުކޮށްދެއްވުމަށް އެދުމަށް ފަހު އެހެން ދެ މަގަކުން ރައްކައުތެރިކަމަށްވެސް އެދެމުއެވެ. އެއީ "صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ " (ފާތިޙާ 6-7). މާނައީ: "އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ."
މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ މާތްﷲ ކޯފާ ލިބުނު މީހުންނަކީ ޔަހޫދީންނެވެ. އަދި ސީދާވި ތެދުމަގު ގެއްލެނި ކުރެއްވެވި މީހުންނަކީ ނަޞާރާއިންނެވެ. އެއީ ޔަހޫދީންނަށް ތެދުމަގުގެ ޢިލްމު ލިބިހުރެމެ އެއަށް ޢަމަލެއް ނުކުރެއެވެ. އަދި ނަޞާރާއިންނަށް ކަމުގެ ޢިލްމު ލިބިގެން ނުވެއެވެ. އަދި އެބައި މީހުންނަށް މާތްﷲ ތެދުމަގު ދެއްކެވުމުންވެސް އެމަގު ދޫކޮށް އެމީހުން މާތްﷲގެ އަމުރުފުޅުތަކާއި ޚިލާފުވި މީހުންނަށްވާތީއެވެ. އަދި ޔަހޫދީންނަށް ފޮނުއްވުނު ރަސޫލުން ޤަތުލުކޮށް ނަޞާރާއިންނަށް ފޮނުއްވުނު ރަސޫލާއަކީ ކަލަކުކަމުގައި އެމީހުންދެކުނީތީއެވެ. އެމީހުން އެޢަމަލުގައި ހައްދު ފަހަނައަޅައި ދިއުމުގެ ސަބަބުން އެމީހުން ތެދުމަގުން އެއްކިބާވެގެން ދިއުމުގެ ސަބަބަކަށްވިއެވެ. ޔަހޫދީންނާއި މުޚާޠަބު ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް ޙައްޤުވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން اللَّه ގެ އާޔަތްތަކަށް ކާފިރުވެ، ޙައްޤަކާ ނުލައި ނަބީބޭކަލުން ޤަތުލުކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ." (ބަޤަރާ 61). އަދި ނަޞާރާއިންނާއި ނިސްބަތް ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން ތަބަޢު ނުވާށެވެ!" (މާއިދާ 77).
ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އެއުރެންގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުންނަކީ މުޝްރިކުންނެވެ. އަދި މަގުފުރެދިފައިވާ މީހުންނަކީ މުނާފިޤުންކަމުގައެވެ.
ވީމާ، ދީނުގައި ސާބިތުވެ ތިބޭ މީހުންނަކީ ދީނުގެ ޙުދޫދުގެ ތެރޭގައި ތިބޭ މީހުންނެވެ. އެ މީހުންނަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ ތެރޭގައި ތިބޭ މީހުންނެވެ. އެ ދާއިރާގެ ތެރޭގައި ތިބޭ މީހުންނެވެ. އެ ދާއިރާއިން ބޭރުވެއްޖެ މީހަކު އެވަނީ ޙައްދު ފަހަނަ އަޅާފައެވެ. ސީދާ މަގުން އެއްކިބާވެފައެވެ. އެއީ މާތްﷲ ގެ ޝަރީޢަތުގައި ބަޔާން ކުރައްވާފައިވާ ކަންކަމާ އިދިކޮޅަށް ތިމާގެ ޢަމަލުތައް ބެހެއްޓުމުގެ ސަބަބުންނެވެ. ހައްދުފަހަނައެޅުމާ ޚިލާފަށް އިސްލާމް ދީން މަގުދައްކަނީ ސީދާވެގެންވާ މަގަށެވެ. އެއީ މެދުމިނުގެ މަގެވެ.
މި އުއްމަތަކީ މެދުމިނުގެ އުއްމަތެވެ. ދީނުގައި ބަޔާންކުރައްވާފައިވާ ކަންކަމުގެ ހުދޫދުގެ ތެރޭގައި ތިބޭ ކޮންމެ މީހަކީ މާތްﷲ ގެ މި ވަޙީބަސްފުޅުގެ ތެރެއަށް ވަންނާނެ މީހުންނެވެ. އެއީ މެދުމިން އުއްމަތުގެ މީހުންނެވެ. މެދުމިނުގެ އުއްމަތުގެ މީހުންގެ ތެރޭގައި ވުމަށްޓަކައި މާތްﷲ އާއި އެކަލާންގެ ރަސޫލާގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا" (ބަޤަރާ 143). މާނައީ: "އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ."
މި ސަބަބަށްޓަކައި (މެދުމިނުގައި ތިބޭކަމަށްޓަކައި) މި އުއްމަތްވެފައިވަނީ އެންމެ ހެޔޮ އުއްމަތުގެ ގޮތުގައެވެ. އެއީ މާތްﷲ އަށް އީމާންވުމާއިއެކު، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރާތީއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ" (އާލްޢިމްރާން 110). މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ. ފޮތުގެ އަހުލު ވެރިން އީމާން ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާން ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ."
މެދުމިނުގައި ތިބޭ މީހުންނަކީ މާތްﷲގެ ބަޔާން ކުރައްވާފައިވާ މިންގަޑުގައި ތިބޭ މީހުންނެވެ. އެ އުޞޫލުތަކުގައި ހިފަހައްޓައި މީހުންނެވެ. ދީނުގެ ނަމުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅުމާއި، އަދި ދީނުގެ ނަމުގައި ހިންގޭ ބައެއް ކަމަކީ މެދުމިނެއް ނޫނެވެ. އެއީ ހައްދު ފަހަނަ އެޅުމެވެ. ހަމަމިފަދައިން ދީނާ ދުރަށް ގޮސް އިސްލާމް ދީނަކީ ނެތް އެއްޗަކަށް ހަދަން މަސައްކަތް ކުރުމީވެސް މެދުމިނެއް ނޫނެވެ. އަދި އިސްލާމް ދީނަކި މިޒަމާނަށް ފެތޭ އެއްޗެއް ނޫންކަމަށާއި މިހާރު އުޅެން ޖެހޭނީ މިޒަމާނުގައި އުޅެން އެންމެ ރަނގަޅުގޮތަށްކަމަށް ދެކުމީވެސް މެދުމިނެއްނޫނެވެ. މެދުމިނަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހުންނެވެ. އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފުނުވާ މީހުންނެވެ. ސަބަބަކީ އިސްލާމްދީނަކީ ހުރިހައި އިންސާނުންގެ ރައްކައުތެރިކަމެވެ.
އިސްލާމްދީނުގެ މިންގަޑުގައި ހިފަހައްޓާ މީހާވަނީ ދުނިޔެއާއި އާޚިރަތުގައިވެސް ރައްކައުތެރިކަން ލިބިފައިވާ މީހުންގެ ތެރޭގައެވެ. އެއީ މެދުމިނަކީ އަމާންކަން ލިބިގެން ވުމެވެ. އެންމެހައި ނުރައްކައުތަކުން ސަލާމަތްކަން ލިބިގެންވުމެވެ. މެދުމިނަކީ މެދެވެ. އަދި ވަށައިގެންވާ ފަށަލަތަކަކުން ރައްކައުތެރި ކުރެވިފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހުރި މީހަކު ނަޖާވާނެއެވެ. އެ އިންތަކުގައި ހިފަހައްޓައިފި މީހަކު ކާމިޔާބުވެއްޖެއެވެ. އަދި އެއިންތަށް ފަހަނައަޅައި ގޮސް ދީނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނާއި ދީނާއި ދުރަށްގޮސް އެދީނާއި މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ މީހުން ހަލާކުގެ ތެރެއަށްވެއްޓިއްޖެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ (ނިސާއު 14). މާނައީ: " އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުއްޓެވެ."
ވީމާ، ކާމިޔާބު އެދޭ މީހާ ސީދާވެގެންވާ ތެދުމަގުގައި ހިފަހައްޓާށެވެ. އެއީ ދީނުގެ މަގެވެ. އެއީ މެދުމިނެވެ. އެއީ މާތްﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އެ އިންތަކުގައި ހިފަހައްޓައިފި މީހާއަކީ ބާއްޖަވެރިއެކެވެ. އަދި އެއިންތަށް ފަހަނައަޅައިދާ މީހާއަކީ އަބާއްޖަވެރިއެކެވެ. މެދުމިނަކީ އަހަރެމެން އަމިއްލައަށް ކަނޑައަޅައިލާ އެއްޗެއް ނޫނެވެ. މެދުމިނަކީ މާތްﷲ ގެ ޝަރީޢަތެވެ. އެކަލާނގެ ޙުކުންފުޅުތަކެވެ. ކީރިތި މާތް ނަބިއްޔާގެ ބަސްފުޅުތަކެވެ. މި މިނުގައި ތިބާ ހިފަހައްޓާށެވެ. އޭރުން ތިބާވާނީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު މީހަކަށެވެ.
ސީދާވެގެންވާ ތެދުމަގު އެއީ ޙައްޤެވެ. އަދި ޙައްޤަށް ޢަމަލު ކުރުމެވެ. އަދި ޙައްޤު އެނގި އެއަށް ޢަމަލު ނުކުރާ މީހުންނަކީ ސީދާވެގެންވާ ތެދުމަގުގައި ތިބޭ މީހުންނޫނެވެ. ސަބަބަކީ ޙައްޤުގެ މަގުން އެއްކިބާވެގެންވި މީހުންނަކީ ގެއްލެނި ކުރައްވާފައިވާ އަދި މާތްﷲ ގެ ކޯފާ ލިބިވޮޑިގެންވާ ބައެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވުމެވެ. އަދި ގެއްލެނި ކުރައްވާފައިވާ މީހުންނަކީ ޙައްޤު ނޭނގޭ މީހުންނެވެ. ޙައްޤަކީ ކޮބައިކަން ނޭނގި އެއަށް ޢަމަލުކުރާ މީހުންނެވެ. ވީމާ، ތެދުމަގަކީ ޙައްޤުގޮތަކީ ކޮބައިކަން ރަނގަޅަށް އެނގުމެވެ. އަދި އެމަގަށް ތަބަޢުވުމެވެ. ޙައްޤުގެ މަގުގައި ހުރުމަށްޓަކައި ދެ ކަމެއް ފުރިހަމަވާންޖެހެއެވެ. ރަނގަޅު ޢިލްމު ހޯދުމެވެ. އިސްލާމްދީނުގައި ޞައްޙަ މަޢުލޫމާތު ހޯދުމެވެ. މީހުން ދައްކާ ވާހަކަށްއަށްވުރެ ކީރިތި ޤުރްއާނާއި ސުންނަތުގައި އޮތް ގޮތެއް ބަލައި ހޯދުމެވެ. އަދި އެއަށް ފުރިހަމައަށް ޢަމަލު ކުރުމެވެ.
އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ބައެއް މީހުން ދީނަށްޓަކައި، އެ ދީނުގެ ނަމުގައި ދީނުގައި ނެތް ކަންތައްތަކެއް ކުރަމުން ދެއެވެ. އަދި ދީނުގައި ހުރި ކަންކަން ކަމުގައި ވިޔަސް އެކަމެއް ކުރުމަށް އައިސްފައިވާ އުޞޫލުތަކާއި ޚިލާފަށް ކުރެއެވެ. ހަމަމިފަދައިން އަނެއްބައި މީހުން ދެކެނީ އިސްލާމީ ޝަރީޢަތަކީ ބޭނުން ނެތް އެއްޗެއް ކަމުގައެވެ. މިޒަމާނަށް ނުފެތޭ އެއްޗެއް ކަމުގައެވެ. މި ދީނުގައި ބަޔާން ކުރައްވާފައޮވާ ޙުކުމްފުޅުތަކަށް އިޙްތިރާމެއް ނުކުރެއެވެ. އެމީހުންގެ ޙަޔާތުން އިސްލާމް ދީން އެއްކޮށް ނެރެލައި ފޮހެލަށް ބޭނުންވެފައި ތިބޭ ބައެވެ. މި ދެބައި މީހުންނަކީވެސް ގެއްލެނިވެ ހަލާކުވެފައިވާ މީހުންނެވެ. މި ދެބައި މީހުންނަކީވެސް ސީދާވެގެންވާ މަގުގައި ތިބި ބައެއް ނޫނެވެ. އެ މަގު ދައްކަނީ ހެޔޮ ނިމުމެކެވެ. އެއީ ނަރަކައިން މިންޖުވެ ސުވަރުގެ ވަނުމުގެ ނިޢުމަތެކެވެ. އެ ނިޢުމަތް ލިބެނީ މާތްﷲ ގެ މި ވަޙީބަސްފުޅަށް ޢަމަލުކުރި މީހަކަށެވެ. އެއީ މާތްﷲ ގެ އިންތަކުގައި (އެބަހީ އިސްލާމީ ޝަރީއަތުގެ ޞައްޙަ އަޤީދާގައި) ތިބޭ މީހުންނެވެ. އެ އިންތައް ފަހަނަ އަޅައި ނުދާ މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެއީ، اللَّه ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. اللَّه އަށާއި، އެކަލާނގެ ރަސޫލާ އަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." (ނިސާއު 13).