September 20, 2024 19:32
Advertisement

-Advertisement-

ހަޤީޤީ ހާދިސާ: ނިގުޅައިގަތް ތެދުވެރި ލޯބި

އެއީ 90 ގެ އަހަރު ތަކުގެ ކުރީކޮޅެވެ. އަހަރެންވެސް ސްކޫލް ނިންމާލުމަށްފަހު ބޭރުތެރެއަށް ނުކުމެ އުޅެންފެށީމެވެ. ރައްޓެހިންނާއެކީ ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ލިބެންފެށީ ވެސް ސްކޫލް ނިމުނު ފަހުންނެވެ. އަހަރެންގެ އާއިލާއަކީ އެހާ ތަނަވަސް ނޫނަސް ފުދިގެން އުޅުލެވޭވަރުގެ އާއިލާއެކެވެ. ސްކޫލު ނިމުމުން އާއިލާއިން ބޭނުންވީ ކޮމްޕިއުޓިންގ ކޯހެއް ހަދާށެވެ. އެކަމާ އަހަރެން އުފަލުން އެއްބަސްވީމެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ބޭރަށް ނިކުންނަންވެސް ފުރުސަތުލިބުނީމައެވެ. އެހެންނަމަވެސް އަހަރެން އަބަދުވެސް ބަލަނީ މަންމަގެ ބަސްއަހައިގެން އުޅެވޭތޯއެވެ. ކޮމްޕިއުޓަރ ކުލާހަށް ދާންފެށިފަހުން ވަރަށްގިނަ ރައްޓެހިން ލިބެން ފަށައިފިއެވެ. އޭރުވެސް އަދި މިހާރުވެސް އަހަރެންގެ އެންމެ ގާތް އެކުވެރިއަކީ ރީޝާއެވެ. އެއީ އަހަރެންގެ އެންމެ ކުޑައިރުއްސުރެވެސް އެކުވެރިޔާއެވެ. ރީޝާ ވެސް އަހަރެންނާއެކީ ކޮމްޕިއުޓިން ކޯސް ހަދައެވެ. ކޮންމެތަނަކަށް ދިޔަޔަސް ދަނީ ދެމީހުން އެކީގައެވެ.

ދެމަސްފަހެވެ. ކޮމްޕިއުޓިންގ ކޯސް ފުރިހަމަކޮށް ސެޓިފިކެޓް ލިބިއްޖެއެވެ. އެހެންނަމަވެސް މަންމަމެން ބޭނުންވީ އަދިވެސް އިތުރަށް ކިޔަވާދޭށެވެ. މަންމަމެން ބޭނުންވީ އަހަރެން ޓީޗިންގ  ކޯސް ފުރިހަމަކުރާށެވެ. އަހަރެންނަކީ އެއްވެސް އިރެއްގަ އެދާއިރާއިން ކިޔަވަން ބޭނުންވި މީހެއް ނޫނެވެ. ނަމަވެސް މަންމަމެންގެ އެދުމުގެ މަތީން އެކަން ކުރަން އެއްބަސްވީމެވެ. އަހަރެން ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. ނަމަވެސް  ރާއްޖެއިން ބޭރަށް ފޮނުވަދެވޭވަރުގެ ތަނަވަސްކަން މަންމަ އާއި ބައްޕަގެ ނެތެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް ބޭނުންވީ އަހަރެން ކިޔަވާ އެއްޗެއް ކިޔަވާށެވެ. އޭރުން ދެމީހުން އެކުގައި ކިޔަވާނެ ފުރުސަތުވެސް ލިބޭނެތީ އެވެ. ކިޔެވުމުމުގެ ދުވަސްތައް މަޑުމަޑުން ކުރިއަށްދެވެ. އިރާދަކުރެއްވީތީ ރަނގަޅު ނަތީޖާވެސް ލިބެއެވެ. ކިޔެވުން ވަރަށް ބުރައެވެ. މާބޮޑަކަށް ބޭރުތެރެއަށް ނިކުމެލާނެ ވަގުތެއްވެސް ނުލިބެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް ކިޔެވުންވެސް ނިމުމަކާ ހަމައަށް އައިސްފިއެވެ. ކޯސްނިމެން މަހަކާ ކައިރިވިތަނާ ކުއްޖަކު އަހަރެންނަށް ލޯބި ހުށަހަޅައިފިއެވެ. އެކުއްޖާއަކީ އަހަރެންވެސް ވަރަށް ގަޔާވާ ކުއްޖަކަށްވާތީ އެކަމާ މާބޮޑަކަށް ނުވިސްނާ އާއެކޭ ބުނީމެވެ. ނަމަވެސް އެގުޅުން މަންމައާއި ބައްޕައަށް އެނގުމުން ހިތްހަމަ ނުޖެހޭތީ އެކުއްޖާއާއި ރުޅިވީމެވެ. މާގިނަދުވަސް ނުވެ އެކަންވެސް ހަދާން ނައްތާލައި ރަނގަޅު މީހަކަށްވެވޭތޯ ބެލީމެވެ.

މިހާރު އަހަރެންނަކީ މާލޭގެ ރަނގަޅު ފެންވަރެއްގެ ސްކޫލެއްގެ ޓީޗަރެކެވެ. ދުވަސްކޮޅެއް ވަޒީފާގައި ހޭދަވެ ލާރިލިބި ދިރިއުޅުން ހަމައަކަށް އެޅެން ފެށުމުން، މީހަކާއި އިނުމުގެ ޚިޔާލުއައެވެ. މިހެން އުޅޭއިރު މާގިނަ ބޭކާރު ހަރަދުވެސް ކުރެވި ކޮފީތަކަށް ދިއުން ގިނަވެ އެކަންވެސް އާދައަކަށް ވެއްޖެއެވެ. މިހެން ކޮފީއަށް ގޮސް އުޅުމުގެ ތެރޭގަ ވަރަށް ރަނގަޅު ކުއްޖަކާ ދިމާވެ ރައްޓެހިކަން އުފެދުނެވެ. އެއީ ޝާހު ކިޔާ ހިންހެޔޮ ކުއްޖެކެވެ. އަހަރެން އަބަދު ބޭކާރު ޚަރަދު ކުރާތީ އެކަމާ ވަރަށް ނަސޭހަތްދެއެވެ. ވަރަށް ލޯބިވާކަމަށް ބުނެ އޯގާތެރިވެސް ވެއެވެ. ކޮންމެއަކަސް ޝާހުގެ މައުނަވީ ބަސްތަކުން އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ލޯބީގެ އަވައިގަޖެހި އަހަރެންގެ ހަޔާތް ބަރުބާދު ނުވުމަށް ހިތާހިތުން ދުޢާކުރެވެއެވެ. އަހަރެންނަކީ މަންމަ އާއި ބައްޕަގެ ހުރިހާވެސް އުންމީދެވެ. އަހަރެންނަށް ދެރަގޮތެއް ވެއްޖެނަމަ އެމީހުންނަށް ވާނެ ގޮތަކާމެދު ވެސް ވަރަށް ވިސްނެއެވެ. އަހަރެންނަކީ އާއިލާގެ ހަމައެކަނި އަންހެން ކުއްޖާއެވެ. ލޯބީގައި ހިތާމައެއް ކުރިމަތިވެއްޖެނަމަ ދެން ވާނެ ގޮތަކާމެދުވެސް ވިސްނެއެވެ.

Advertisement

ރީޝާވެސް އަހަރެމެންގެ ކޮފީ ގްރޫޕް ތެރެއިން އަދުހަމް ކިޔާ ކުއްޖަކާ ރައްޓެހިވިއެވެ. އަދި ރީޝާގެ ކައިވެނި ވަރަށް އަވަހަށް ކުރެވުނެވެ. ޝާހު އާއި އަހަރެމެންގެ ގުޅުމަށް އެއްއަހަރުވީތަނާ ޝާހު ބޭނުންވީ އަހަރެންނާ ކައިވެނި ކުރާށެވެ. އަހަރެންވެސް އާއިލާގެ ރުހުމާއި އެކު ކައިވެނި ކުރީމެވެ. ރީޝާ އާއި އަހަރެމެން ދެމީހުން ކައިވެނި ކުރިއަކަސް އެކީގަ ބޭރަށް ދިއުމާ ކޮފީ އަށް ދިއުން ކުރިއެކޭ އެއްގޮތަށް އޮވެއެވެ. ހަތަރުމީހުން ވެސް އެކީ ބޭރަށް ގޮސް ދަތުރުގޮސް މަޖާކޮށް އުޅުނީ އެކު އެކީ އެއް އާއިލާއެއް ފަދައިންނެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ރީޝާއަށް ވަރަށް ލޯބި ފިރިހެން ކުއްޖެއް ލިބުނެވެ. އަދުހަމަކީ ވަޒީފާގެ ގޮތުން އެއަރޕޯޓް ޑިއުޓީގައި ވަރަށް ބިޒީ ކޮށް އުޅެން ޖެހޭ މީހެކެވެ. ރީޝާ އެކަނި ބޭބީ ގޮވައިގެން އުޅެންޖެހޭތީ އަހަރެންނާ ޝާހް ވަރަށް ގިނައިން ރީޝާއަށް އެހީވާން އެގެއަށް ގޮސް އުޅެމެވެ. ބައެއްފަހަރު އަހަރެން ސްކޫލުގަ ބިޒީވެއްޖިއްޔާ ބާޒާރު ކޮށްލަދޭން ޝާހު އެގެއަށް ދެއެވެ.

އޭގެ 2 މަސް ފަހުން އަހަރެންވެސް ބަނޑުބޮޑުކަން އެގުނެވެ. އިންތިހާއަށް އުފާވިއެވެ. ދިރިއުޅުމުގައި އިތުރު ހަރުފަތަކަށް ދެވުނީތީވެ އެވެ. ޒިންމާދާރު މަންމަ އަކަށްވުމުގެ ހުވަފެން ދެކެވެން ފަށައިފިއެވެ. މިގޮތުގައި ދުވަސްތައް ގުނަމުންގޮސް އުންމީދު ކުރި ދުވަސްވެސް އަތުވެއްޖެއެވެ. މިއަދު އަހަރެންނަކީ ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމަ އެކެވެ. ދަރިފުޅު ލިބުނުފަހުން އަހަރެންގެ ހުރިހާވަގުތެއް ހުސްކުރީ ދަރިފުޅާއެކުއެވެ. ބޭރަށްދިއުމާ ކޮފީއަށް ދިއުންވެސް ހުއްޓުނެވެ. ނަމަވެސް ރީޝާ ބޭނުންވަނީ ހަމަ ކުރިއެކޭ އެއްގޮތަށް ކޮފީއަށް ގޮސް މަޖާ ކުރާށެވެ. ޝާހުވެސް އެމީހުންނާއެކީ ކޮފީއަށް ދެއެވެ. ބައެއްފަހަރު ޝާހުއާއި ރީޝާ އެކަނިވެސް ދެއެވެ. އަހަރެން އެކަމަކާ މާބޮޑަކަށް އަޅައެއް ނުލަމެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިއާ ކަމަށް ވުމުންނެވެ. އަދި އަހަރެން ފިރިމީހާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

އެއްދުވަހަކު އަހަރެން ސްކޫލުގައި އިންދާ އަހަރެންގެ ފިރިމީހާ ގުޅާފައި މިއަދު އަވަހަށް އޮފީސް ނިމުމުން ގެއަށް ގޮސް ދަރިފުޅުގެ ކަންކަން ކޮށްލަދޭނެ ވާހަކަ ބުނެފައި، މިއަދު އަހަރެން ބްރޭކް ގަޑީގައި ގެއަށް ނަޔަސް އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. އަހަރެން ހިތަށް އެރީ ހާދަ ވިސްނޭ ފިރިއެއްތޯއެވެ. މިހެންނެވެ. ދެމީހުންވެސް ވަޒީފާ އަށް ދާގަޑީގައި ދަރިފުޅު ހަވާލު ކުރަނީ މަންމައާއެވެ. މަންމަގެ އެޕާރޓްމަންޓް ހުންނަނީ ކުރިމަތިންނެވެ. ދުވަހަކީ އަހަރެންވެސް އަވަހަށްނިމޭ ދުވަހަކަށް ވުމުން ފިރިމީހާ ކައިރި ނުބުނެ، ފިރިމީހާ އަށް އެންމެ މީރު ބިރިޔާނީ ގަނެގެން ގެއަށް ދިޔައީމެވެ. ގެއަށްގޮސް ތަޅުގައި ހިފާލީމެވެ. ދޮރުހުރީ އެތެރެއިން ތަޅުލާފައެވެ. ހީކުރީ ދަރިފުޅު ނިންދަވާތީ ތަޅުލާފަ ހުރީކަމަށެވެ. އެހެންވެ ޓަކި ނުޖަހާ  ތަޅުދަނޑިން މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ފެނުނު މަންޒަރުން ހިތަށް ހަންޖަރެއް ހެރުނު ކަހަލައެވެ. މީ ހުވަފެނެއްބާއޭ ވެސް ހިތަށްއެރިއެވެ. ހުރެވުނީ ކޮންތަނެއްގަބާވައޭ ވެސް ހިތަށް އެރިއެވެ. މުޅިމީހާ ގަނޑުވިއެވެ. ރޯންވެސް ނޭނގިފައި ހުރެވުނެވެ.

ފެނުނީ ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ކުރިމަތިން އެފެނުނީ އަހަރެންގެ ލޯބިވާ ފިރިމީހާ އާއި އަހަރެންގެ އެންމެގާތް އެންމެ އިތުބާރުކޮށްގެން އުޅުނު އެކުވެރިޔާ އަހަރެންގެ ކޮޓަރީގަ އަހަރެންގެ އެދުމަތީގައި ތިއްބައެވެ. ވަގުތުން ދެމީހުންވެސް ނިކުމެގެން ދިޔައީއެވެ. އަހަރެން އެހުރި ތަނުގައި ހުރީމެވެ. ފާޑަކަށް ގަނބުވެފައެވެ. ހިތްފުރެންދެން ރޯންވެސް ބޭނުންވިއެވެ. އެހެންނަމަވެސް ގަބޫލު ކުރަން  ދަތި މި ކެހިވެރި ދުނިޔެމަތިން ފޫހިވެ އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެވުނެވެ. މިހެންގޮސް ގަޑިއެއްގެ އިރުވީއިރު ވެސް ހުރިތާ ހުރެވުނެވެ. ފިރިމީހާ އަނބުރާ ގެއަށްއައިސް އަހަރެންގެ ކިބައިން މާފަށްވެސް އެދުނެވެ. ރީޝާވެސް ވަރަށް މެސެޖް ކުރިއެވެ. ނަމަވެސް މިއަދު އަހަންނަށް އެފެނުނީ މާފު ކުރަންވެސް އެހާ ފަސޭހަ މަންޒަރެއް ނޫންތާއެވެ. މީ މިހާ ކެހިވެރި މަކަރުވެރި ދުނިޔެއެއްކަން އަހަންނަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަބަދުވެސް ލަނޑުދޭނީ އެންމެ ކައިރީގައި އުޅޭމީހުންނޭ ބުނާތީ އަޑުއަހަމެވެ. މީ ހަގީގަތެއް ކަމަކަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވެއެވެ. މީ އަހަރެންގެ ކުއްބާއޭ ހިތަށް އަރާ ގިސްލަ ގިސްލާފައި ރޮވެއެވެ. މިކަން މިވީ އަހަރެންގެ އިހުމާލުންބާއޭ ހިތާހިތާ ސުވާލު ކުރެވެން ފެށީއެވެ. އެއްވެސް މީހަކަށް ހުރިހާ ދުލެއް ނުދޭށޭ ބުނާތީ އަޑުއަހަމެވެ. އެކަމުގެ ނަތީޖާ ވަރަށް ހިއްޗެވެ. މިއަދު މިއޮތީ ވާނެ އެއްޗެއް ވެނިމިފައެވެ. ތިބާގެ އަމިއްލަނަފްސަށް ވުރެވެސް ލޯބިން ގެންގުޅުނު އެކުވެރިއަކު މިކަހަލަ ކެހިވެރި ދަލެއްގަ ޖައްސަފާނެބާއެވެ. މީ ހިތާހިތާ ކުރެވޭ ސުވާލެކެވެ. ޖަވާބުވެސް މިއޮތީ ފެންނަންތާއެވެ.

ކޮންމެއަކަސް އަހަރެންމިހާރު ދިރިއުޅެނީ އެންމެނާވެސް ވަރަށް ދުރުދުރުންނެވެ. މަންމަމެން ކައިރީ މިކަމުގެ ވާހަކަ ނުދައްކާ މަޑުކުރީ އެމީހުން ދެރަވެ ހިތާމަ ކުރާނެތީއެވެ. ފިރިމީހާ އަށް މާފު ކުރީމެވެ. ދަރިފުޅުގެ ހައްގުގައެވެ. އަދި މާފުކުރުމަކީ ރީތި އާދައަކަށްވެފައި، މާފުދީގެން ދިރިއުޅުން ކުރިއަށް ގެންދިއުމަކީ ދީނުގައިވެސް ބާރުއަޅާ ކަމަކަށްވާތީއެވެ. ހިތަށް އެހާފަސޭހަ އަދި ކުޅަދާނަ ކަމަކަށް ވެގެނެއް ނޫނެވެ. ކެތްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިސްރާބުނެތި ދަތުރުކުރަމުންދާ އޮޑިއެއްގެ އުސޫލުން ދިރިއުޅުން ކުރިއަށް ގެންދިޔައީއެވެ. އަހަރެންގެ ހާލަތުވެސް ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށެވެ. ވިސްނާ ފިކުރު ކުރުމުގެ ސަބަބުންނެވެ. ރަނގަޅަށް ނުކެވި އަދި ނުނިދި އެތައް ދުވަހެއް ހޭދަކުރަމުން ދިޔައީމެވެ. ސްކޫލަށްވެސް ސަލާމްބުނަމުން ގޮސް ފަރުވާ ކުޑަކުރެވެން ފެށީއެވެ. މަޑުމަޑުން ސްކޫލު މީހުންނާ އާއިލާއަށް މިކަން ފަޅާއެރިއެވެ.

ކެތްކުރީމެވެ. ދަރިފުޅަށްޓަކައެވެ. ނަމަވެސް އަހަރެންގެ ތަގްދީރުގައި މިދިރިއުޅުން ކުރިއަށް ގެންދިއުމުގެ ނަސީބުނެތީތާއެވެ. ކުއްލިއަކަށް ހަނދާނަށް އައީ ފިރިމީހާގެ ނަމަށް ގޭގެ ރަޖިސްޓަރީ ބަދަލުކުރެވިފައިވާ ކަމެވެ. ލޯބިގައި ދީވާނާވެފައި ހުރިވަރުން ގޭގެ ރަޖިސްޓްރީވެސް އެއޮތީ ފިރިމީހާގެ ނަންމައްޗަށް ބަދަލުކޮށްދީފައެވެ. މުޅި ދުނިޔެ ވަށާއެބުރެން ފެށިއެވެ. މުޅިމީހާ ގައިން ވަރުދޫވެ ގޮތްތަކެއްވާން ފެށުމުން ފިރިމީހާ އަށް ގޮވާލީމެވެ. ހޭއެރިއިރު އޮތީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގައި ތިންދުވަހު އެޑްމިޓްކުރެވި ފަރުވާދީ ނިމުމުން ގެއަށް ދޫކޮށްލިއެވެ. ގެއަށް އައިސް ވަނުމުން އަނެއްކާ ވެސް މިފެނުނީ އެހެން މަންޒަރެކެވެ. ރީޝާ އަހަރެންގެ ފިރިމީހާ އާއި އިދެގެން އައިސް އެހުރީ އަހަރެންގެ ގޭގައެވެ. އަހަރެންގެ ހެދުންކޮޅު ފޮއްޓަކަށް އަޅާފައި ސިޓިންރޫމް ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. ވަރިއެއް ނުކުރެއެވެ. ސިޓިން ރޫމުގަ ހުންނަ ސޯފާގައި ނިދާ ހަދާލައިގެން އުޅެމެވެ. މަންމަމެން ވެސް އެޕާރޓްމަންޓް ވިއްކާލަފައި ދިރިއުޅެނީ ލަންކާގައެވެ. މިއަދު އަހަރެން ވަންނާނެ ތަނެއް ނެތީމައެވެ. ވަޒީފާވެސް ވަނީ ގެއްލިފައެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއްތާއެވެ. އަމިއްލަގޭގަ އަމިއްލަ ކޮޓަރީގަވެސް ޖާގަ ނެތީތާއެވެ. މީހާ މޮޔައެއްހެން އުޅެން ފެށުމުން ގުރައިދޫގައި ހުންނަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔައީ އެވެ. މިއަދު އަހަރެންނަކީ ދުނިޔެއިން މޮޔަވެފައިވާ މީހެކެވެ.

 ނޯޓް: މިއީ ހަޤީޤީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

+1
4
+1
3
+1
2
+1
8
+1
9
+1
5
+1
93

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް