ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަކީ ސާފުތާހިރު އަދި ހިތްގައިމު ތަންތަނެވެ. ވެރިރަށް މާލޭގެ ތޮއްޖެހިފައިވާ ދިރިއުޅުމުގައި، ހިތްހަމަޖައްސާލުމަށް އާއިލާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދާ މީހުން މަދެއް ނޫނެވެ. އެކަމަކު ހިތާމައަކީ ޕާކުތަކަށާއި ބީޗަށް މިގޮތަށް ދާ ބައެއް މީހުން ފަރުދީ ޒިންމާ އަދާނުކުރާކަމެވެ. ހަފްތާ ބަންދުގައި ގިނަ އަދަދެއްގެ މީހުން ޕިކްނިކް ދިއުމަށް ހުޅުމާލޭ ބީޗް ބޭނުންކުރާއިރު، ސާފުތާހިރު ކަމަށް އިސްކަން ނުދީ މުޅި ސަރަހައްދަށް ތަފާތު ކުނިތައް އުކަމުންދާކަން މިއީ އެންމެން ދަންނަ ހަގީގަތެކެވެ. އަދި ސެންޓްރަލް ޕާކް ސަރަހައްދުގައި ހައްދާފައިހުރި ގަސްތަކުގެ ތެރޭގައި ގިނައަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ހުސްޕެކެޓުތައް އުކާފައިހުއްޓާ ވަނީ ފެނިފައެވެ.
'ޒީޓައިމްސް' އިން ހުޅުމާލޭގެ ބީޗަށް ދިޔައިރު ފެނުނީ މެދުއުމުރުގެ 4 އަންހެނަކު އެސަރަހައްދު ކުނިކެހުމަށް ހަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ. އެ ދައްތަމެން ނެގި ކުނިތަކުގެ ތެރޭގައި ގިނައީ ތަފާތު ވައްތަރުގެ ހުސް ފުޅިއާއި، ޕެކެޓާއި، ޕްލާސްޓިކް ތަށިތަކެވެ. ކޮންމެ ދުވަހަކު ކުނިކަހާއިރު މިވަރަށް ކުނިހުރޭތޯ ކުރި ސުވާލަށް އެތަނުން މީހަކު ޖަވާބު ދިނެވެ.
"މިއީ ކޮންމެ ދުވަހަކުވެސް ހާލަތު. ބީޗް ބޭނުންކޮށްފައި ދާއިރު މިވަރަށް ކުނިއޮވޭ. މިތަން ބޭނުންކުރާ މީހުން ކުނި ނައަޅާނަމަ ގައިމު މިތަން އޮންނާނީ ސާފުތާހިރުކޮށް. އެއްވެސް ވަރަކަށް ވިސްނާލާހެން ހީނުވޭ މިތަނަށް އަންނަ މީހުން." އެ ދައްތަވެސް އެބުނީ ތެދެކެވެ. އެބާވަތުގެ ކުނި ހުންނާނީ ކޮންމެވެސް ބަޔަކު ކުނި އަޅާތީއެވެ. އަވީގައި ތޮފިއަޅައިގެން ތިބެ، ދޮންވެލިގަނޑުން ފެށިގެން ކުނިކަހަމުން ދިޔައިރު އެކުރާ ބުރަ މަސައްކަތް ވަޒަން ކުރެވުނެވެ.
ހުޅުމާލޭގެ ޕާކެއްގައި ކުނިކަހަން ހުރި ދައްތައަކާއި ސުވާލު ކޮށްލީމެވެ. ކުނިކަހަން ހުރީ 8 ވަރަކަށް އަހަރުގެ ދަރިފުޅުވެސް ގޮވައިގެން ގޮއްސައެވެ. މިދައްތަމެންގެ މަސައްކަތްތައް އޮންނަގޮތް އޮޅުންފިލުވާލިއިރު ބުނީ ހުކުރު ދުވަހު ފިޔަވައި ކޮންމެ ދުވަހަކުވެސް ކުނިކަހަން ދާ ކަމަށެވެ. މިގޮތުން ޕާކުވެސް އޮންނަނީ އެކިމީހުންނަށް ކުނިކެހުމަށް ބަހާލާފައި ކަމަށް ވަނީ ބުނެފައެވެ. ވިއްސާރަ ނޫން ކަމުގައިވާނަމަ ކޮންމެ ދުވަހަކު މެންދުރު ކުރިން ކުނިކަހާ އެދުވަހުގެ މަސައްކަތް ނިންމާލާކަމަށް ވަނީ ބުނެފައެވެ.
"އަޅުގަނޑު ކުނިކަހަނީ މިސަރަހައްދުގައި. ދެން އެއޮތީ އެހެން މީހަކު ކުނިކަހާ ސަރަހައްދެއް. އާންމުކޮށް ދުވާލަކު 3 ގަޑިއިރު މިމަސައްކަތަށް ހޭދަވަނީ. މަހަކު 4800 ރުފިޔާ ލިބޭ. މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ދެކެނީ." އެ ދައްތަގެ ވާހަކައިން މިއީ ވަރަށް ހިތްހަމަޖެހިގެން ކުރާ މަސައްކަތެއް ކަން ފާހަގަވިއެވެ. އަދި ބަލިވެ ނާދެވޭ ދުވަސްދުވަހު ޖެހިގެން ހުންނަ ޒޯން ކުނިކަހާ މީހާއާއި ހަވާލުކޮށްގެން ސާފުކުރާކަމަށް ވަނީ ބުނެފައެވެ. އެހެންވުމުން މިއީ އެކަކު އަނެކަކު ގުޅިގެން ކުރާ މަސައްކަތެއްކަން ވަނީ ފާހަގަވެފައެވެ.
'ވެށި ސާފު' ޕްރޮގްރާމް އާއި ގުޅޭގޮތުން 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ، ހުޅުމާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ކޯޕަރޭޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން 'ވެށި ސާފު' ޕްރޮގްރާމްގެ ދަށުން 64 މީހުން މިހާތަނަށް ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވަނީ ނަގައިފައެވެ.
"މީގެތެރޭގައި ހިމެނެނީ 6 ފިރިހެނުން އަދި 58 އަންހެނުން. ދޭ އުޖޫރައަކީ ކޮންމެ މީލާދީ މަހަކަށް 4800 ރުފިޔާ. މުސާރަ ހިސާބު ކުރުމުގައި ދުވަހު ރޭޓު ކަމުގައި ބަލަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 160 ރުފިޔާގެ ރޭޓުން." އެޗްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.
މިޕްރޮގްރާމުގެ ދަށުން މީހުން އައްޔަންކުރެވި މަސައްކަތް ފަށައިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ހުޅުމާލެއަކީ އެކަށީގެންވާ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެޗްޑީސީ އިން ވެސް ވަނީ ފާހަގަކޮށްފައެވެ.
ހިޔާ ފްލެޓުގައި ދިރިއުޅުމަށް ހުޅުމާލެއަށް ގިނައަދަދެއްގެ މީހުން ބަދަލުވަމުންދާއިރު، ކުރިއަށް އޮތްތާގައި ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ. ހިޔާފްލެޓް ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 'އައުޓްސޯސް' ކޮށްގެން ކަމަށް އެޗްޑީސީއިން ވަނީ މައުލޫމާތުދީފަ އެވެ.
ސާފުތާހިރުކަމަށް ނުވިސްނައިފިނަމަ ކުނިކެހިއަސް އެ ސާފުތާހިރުކަމެއް ގިނައިރު ފެންނަން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ސާފުކުރެވޭނީ ވަކިވަރަކަށެވެ. ސާފުކުރާއިރަށް ކުނިއަޅާބަޔަކު ތިބޭނަމަ އެދައްތަމެން ކުރާ ބުރަމަސައްކަތުގެ އަގެއް ނެތެވެ. އަދި ފަތުރުވެރިން ހިތްހަމަޖެހޭފަދަ މާހައުލަކަށް ހުޅުމާލޭގެ މާހައުލުވެގެން ނުދާނެއެވެ. ހުޅުމާލޭ ބީޗް ސަރަހައްދަކީ ގިނަ އަދަދެއްގެ ގެސްޓްހައުސް ހުރި ސަރަހައްދެކެވެ. މިދުވަސްވަރު އެސަރަހައްދު ބޭނުންކުރާ ފަތުރުވެރިން ވަރަށް ގިނައެވެ. ގެސްޓްހައުސްތަކުން ވެސް ފަތުރުވެރިންނަށް މައުލުމާތުދީ ބީޗް ސަރަހައްދަކީ ސާފުތާހިރު ސަރަހައްދަކަށް ހެދުމަށް ބާރުއަޅަންޖެހެއެވެ. އެއީ މަދުންނަމަވެސް ފަތުރުވެރިންގެ ފަރާތުންވެސް ކުނިއަޅާ މަންޒަރު ފެންނާތީއެވެ.
"ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރައްވާ. ހުޅުމާލެ ސާފުކުރުމަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ވެސް އެއީ." އެޗްޑީސީ އިން ބުނެފައިވެއެވެ.
ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ އަދާކުރަން ހިނގާށެވެ. އެއިރުން ހިތްހަމަޖެހުން ލިބޭނީ ހުޅުމާލޭގެ ހިތްގައިމު ކަމުގެ އުފާ ހޯދަމުން އަންނަ އެންމެންނަށެވެ. އެ އެންމެންގެ ހައްގުގައި ހުޅުމާލެއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް އަޒުމް ކަޑައަޅަންވެއްޖެއެވެ. އަދި އަތުގައިޖެހުނުހާ އެއްޗެއް އާންމުން އެއްވެއުޅޭ ތަންތަނަށް އުކާނުލާ މާދަމާގެ ޖީލަށް ނަމޫނާއަކަށް ވަމާތޯއެވެ.