November 23, 2024 01:19
Advertisement

-Advertisement-

ބިރުވެރި ހާދިސާ: ދިގުރަށު ދެ ލޯބިވެރިންގެ ހިތި ނިމުން

ލަތީފަކީ ވަރަށް ފަގީރު ޢާއިލާއެއްގެ ދެމަފިރިއަކަށް ލިބުނު ދަރިއެކެވެ. މައިންބަފައިންގެ ފަގީރުކަމާއި ނިކަމެތިކަން ލަތީފްވެސް ދަނެއެވެ. ބައްޕަ ދަނޑު ހައްދައިގެން ލިބޭ ފައިސާކޮޅުން އޮންނަނީ އިރުން އިރަށް ގޭގެ ޚަރަދުވެސް ނުކުރެވިފައެވެ. ލަތީފަކީ ވަރަށް ވިސްނުން ރަނގަޅު ޒުވާނެކެވެ. "ބައްޕައަށް ލިބޭ ކުޑަ ފައިސާކޮޅުން އެންމެ ލޯ ލާރިއެއްވެސް ރައްކާ ނުކުރެވެއެވެ. އަހަރެންވެސް ކޮންމެވެސް މަސައްކަތެއް ކުރެވޭތޯ ބަލަންވީއެވެ." މިގޮތުން މަސައްކަތެއް ކުރުމަށްޓަކާ ވަލަށްވަދެ ކަނދު ކަނޑައިގެން އަތިރިމަތީގަ އިނދެގެން ކުޑަ އޮޑިފަހަރު ހަދާ ބޮޑުލާރީގެ ދިހަ ލާރިއަށް އޮޑިއެއް ވިއްކަމުން ދެއެވެ. އޮޑީގެ ފުރިހަމަކަމާ ރީތި ކަމުން ގިނަ މީހުންގެ މަގުބޫލްކަން ލިބިފައިވެއެވެ. ލަތީފުގެ ޢުމުރުން ސާދަ ނުވަތަ ފަނަރަ އަހަރެވެ. ރީތި ޒުވާން ފިރިހެން ކުއްޖެކެވެ. މައިން ބަފައިންގެ ލޯބި ލިބި ބޮޑުވަމުންދާ އަދި ދިގުރަށުގެ ގިނަ ޒުވާނުންގެ މަގުބޫލްކަން ހޯދާފައިވާ މަސައްކަތްތެރި ކުއްޖެކެވެ.

އެއްދުވަހަކު އޮޑި ހެދުމަށްޓަކާ ލަތީފް ގަހެއްގެ ހިޔަލުގަ އިންދާ ވަރަށް ރީތި ދެ އަންހެން ކުއްޖަކު އަންނަތަން ފެނި  ބަލަހައްޓައިގެން އިނދެވިއްޖެއެވެ. "ހަށިގަނޑުގަ އުފެދުނު ޖަޒުބާތު ކޯދުލާ އުތުރި އަރައިގަތެވެ. ކުރެވުނު ތަސައްވުރެއް ބުނެދޭންވެސް ނޭނގުނެވެ. ހީވަމުން ދިޔައީ މުޅި ބިންގަނޑު ވެސް ފައިދަށުން ދެމިގެން ދިޔަހެންނެވެ. ހީވަނީ މަގުމަތީ ހިނގާފަދާއިރު ފައިގެ ތަކަހޮޅީގެ އަޑުން ގަސްގަހުގެ މާތައްވެސް ފޮޅެނީ ކަމަށެވެ. ބުރުސޫރަ ފެނުމުން ހީވީ ހަނދުގެ އަލިވެސް ފަޑު ކޮށްފާނެހެންނެވެ. މިއީ މިފަހުގެ ޖީލުން ފެނިފަ ނުވާވަރުގެ ރީތި އަންހެން ކުއްޖެކެވެ.

އެތަނުން އެއްކުއްޖަކު ލަތީފް ދަނެއެވެ. އެތަނުން ފަރިވެފަ ރީތި ކުއްޖަކީ ކޮންކުއްޖެއް ކަމެއް ލަތީފަކަށް ނޭނގެއެވެ. މި ފެނުނު ކުއްޖެއްގެ ޖަޒުބާތުގަ ޖެހި އޮޑިހެދުންވެސް ހުއްޓިއްޖެއެވެ. އަނެއްކާވެސް ޚިޔާލީ ކަނޑަކަށް ޢަރަގުވާން ފެށިއްޖެއެވެ. ނާހަމަތެދެކެވެ. ހީވަނީ ރަންރިހީގެ އާރެއް ކޯދުލާ ވިދަނީ ހެންނެވެ. މުޅި ހަށިގަނޑު ހީވަނީ ރަން މުތެއްހެންނެވެ. އެމުތުގެ ހިޔަނި އެޅިގެން ހިތްވެސް ވިދާހެން ހީވެއެވެ. "މިގޮތަށް ޚިޔާލީ އޮއިވަރެއްގަ ދަތުރު ކުރަމުންދިޔަ ލަތީފަށް އަނެއްކާވެސް އެކުއްޖަކާމެދު ތަސައްވަރެއް ކުރެވޭން ފެށުނެވެ. "މިއީހަމަ އަޖާއިބެއް ބާވައެވެ. ގޮނޑުދޮށަށް ބީހިލާ ރާޅުވެސް ހަމަ ރަކިވެގެން ހުރެ ހިނދެނީއެވެ. އެއަންހެން ކުއްޖެއް ފެނުމާއެކު އަރާފަހުރި ހަނދުވެސް ލަދުވެތިކަމާއެކު ފޮރުވުނެވެ. ކޮންމެ އަކަސް އެކުއްޖެއްގެ ޖަޒުބާތުގައި ޖެހި އަހަރެން ދީވާނާ ކުރުވި އެކުއްޖާ އަހަރެންގެ ނަސީބުގައި ހުރިއްޔާ އަހަންނަށް ލިބިދާނެއެވެ."

Advertisement

ލަތީފު އެޚިޔާލީ ކަނޑުގަ ފެތި ތެމިގެން ގެއަށް ދިޔަމަގުމަތީ ދިމާވީ އެއްކަލަ ދެކުދިންގެ ތެރެއިން ލަތީފް ދަންނަ ކުއްޖާއެވެ. ލަތީފް އަހާލިއެވެ. "އޭ ފަޞީލާއެވެ. އެއީ ކޮން ކުއްޖެއްތަ މިއަދު ފަޞީލާއާ އެކު އެދިޔައީ.؟ އަޅެނިކަން ބުނަލަބަލަ. އެއީ މިރަށުގެ ޕަރީ އެއްތަ.؟ ފަޞީލާ ސަމާސާ ރާގަކަށް ބުންޏެވެ. "އެއީ މިރަށު ފިނިފެންމާގޭގައި އިން ހަމައެކަނި ފިނިފެންމަލެވެ. އެބަގީޗާއިން ފޮޅިފަ އިނީ އެ މާ އެކަންޏެވެ. ނަމަކީ ތަސްލީމާ އެވެ." ހާދަ ރީތިވެފައި ފުރިހަމަ ދޯއެވެ. ލަތީފް ބުނެލިއެވެ. އަހަރެން އޭނަ ދެކިލަން ބޭނުންވާކަން އޭނައަށް އަންގާލަދޭތި އިނގޭ ފަޞީލާ. ތިއީ ވަރަށް ފަސޭހަކަމެއް. "މާދަމާ ލަތީފް އޮޑި ހަދަން އިންނައިރު އެގަސްދޮށަށް އަހަރެމެން އަތުވެދާނަން." ފަޞީލާ ބުނެލިއެވެ. ޖެހިގެން އައިދުވަހު އެގަސްދޮށުން އެ ދެކުދިން ލަތީފް އާއި ބައްދަލުވެ އެކަކު އަނެކަކަށް ތައާރަފްވެ ވަރަށް ކުރު ފޮނި މަޖާ ވާހަކަ ދެކެވި ލަތީފު އާއި ތަސްލީމާ ރައްޓެހިވެ ގުޅުން ބަދަހިވެއްޖެއެވެ. ދުވަސްތައް މާޒީއާއެކުވެ މިދެމީހުންގެ ލޯބީގެ ޑައިރީ ސަފްހާތައް ދަނީ ފުރަމުންނެވެ. ދެމީހުން މައިންބަފައިންނަށް ވެސް އެނގެންޖެހޭ ވަރަށް މި ދެމީހުންގެ ލޯބީގެ ދަފްތަރު އޮތީ ފާޅުވެފައެވެ. ޖެހިގެންއައި ހަފްތާގެ އަންގާރަ ދުވަހު ހަވީރު ލަތީފްގެ ނަސީބު އޭނަގެ އަތުގަ ހިފައިފިއެވެ. ތާރަޖެހުމުގެ ކުޅިވަރާއެކު ދެމީހުންގެ ކައިވެނީގެ ހަފްލާ ފެށިގެންގޮސް ރެއިން އަށެއްޖެހިތަނާ ހަފްލާ ނިމިއްޖެއެވެ.

ލަތީފް އުއްމީދުކުރި "ރަންމުތެއްގެ ތަސައްވުރު" ހާސިލްވީއެވެ. ދުނިޔެމަތީން ލިބޭންހުރި ހުރިހާ އުފަލެއް ލަތީފަށް ލިބި ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ދެމީހުންގެ އާއިލާއާ އެކު އުޅުމުގެ ތެރޭގައި އެއްދުވަހަކު ތަސްލީމާގެ އެދުމުގެމަތީން ލަތީފް އޭނާއާއެކު ރަށުގެ ދޮންވެލި ތުނޑިއަށް ދިޔަ ދުވަހެކެވެ. ހަވީރުވެ ރަތްވިލާ އުދަރެހުގައި ޖަހަން ފަށައިފިއެވެ. އެއާއެކު އަނދިރިވާން ފަށައިފިއެވެ. ފަނިފަކުސާގެ އަޑު ހޭޅިފަށުން އިވެންފަށައިފިއެވެ. ދެމީހުން ހަމަ ތުންގުޅާލައިގެން އޮލަވާހަކަ ދައްކަމުންދާއިރު އެތާގައި ތިބެވުނީ ކިހާއިރެއްގައި ކަމެއްވެސް އެމީހުންނަށް އިހުސާސެއް ނުވެއެވެ. ވާނީވެސް އެހެންނެވެ. ދެލޯބިވެރިންނަށް ކަށި ފަޅާފަވާ އާނުގަނޑެއްވެސް ވާނީ ފުށްކަފަ ގޮދަޑިއަކަށެވެ.

ދެމީހުންނަށް އެއްފަހަރާ ހޭވެރިކަންވީއިރު ރެއިން އަށްގަޑި ތިރީސް ވީއެވެ. މިލަ ހަނދުވަރުދޭ ރެއެކެވެ. ހިނގައިގަތީ ގެއަށް ދިއުމަށެވެ. ނަމަވެސް ހިނގަން އޮތީ ގޮޑުދޮށުގެ މަޑުފަސްގަޑެވެ. ބައެއްފަހަރު ގަނބާތީވެ ދާންވާ ބާރު ސްޕީޑުގައި ކުރިއަކަށް ނުދެވެއެވެ. ބައެއްފަހަރު ހިގަމުން އަނެއްބައި ފަހަރު ވެއްޓެމުންނެވެ. އެފަދަ ގޮތަކަށް ދަނިކޮށް އުދުހިފަ އައި ދޫނިތަކެއް މިދެމީހުން ވަށާލިއެވެ. ދޫނި ތަކެއްގެ ސިފައިގަ ފެނުނަސް އެއީ ދޫނި ތަކެއްކަމުގައި ނުވިއެވެ. މުޅިގައިން ކަށިފަޅާފަވާ ސިފަ ކުރަން ދަތި އެއްޗެހިތަކެކެވެ. ދެމީހުން ހިތްވަރުކޮށް ކުރިޔަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ބިރުން ތުރުތުރު އަޅަނީއެވެ. ވަރުބަލިވެ ކުރިއަކަށް ނުދެވުނެވެ. ތަސްލީމާ އަބުރައިގަނެގެން ވެއްޓިއްޖެއެވެ.

ދެމީހުންގެ އާއިލާގެ މީހުންނާއި ރަށުގެ ބައެއް ރައްޔިތުން ނުކުމެ ހޯދަން ފަށައިފިއެވެ. ކާނިގަސްދޮށު އަތިރިއަށް ދިޔަބަޔަކަށް މިދެމީހުން ފެނިއްޖެއެވެ. ތަސްލީމާގެ ހާލެއްނެތެވެ. ލަތީފު ކުޑަކޮށް ވާހަކަ ދައްކައެވެ. ނަމަވެސް ކިޔާއެއްޗެއް ފަހުމެއް ނުވެއެވެ. މީހުންގެ އަތްދަޑިމަތީން ދެމީހުން ނަގައިގެން ގެއަށް ދެވުނުއިރު ތަސްލީމާ ވަނީ މަރުވެފައެވެ. ލަތީފް ވަނީ މޮޔަވެފައެވެ. ކުރާނެ ފަރުވާއެއް ހަދާނެ ފަންޑިތައެއް ނޭނގި އިރުތަކެއް ވަންދެން ތިބެވިއްޖެއެވެ. އާއިލާގެ މީހުން ގިސްލަގިސްލާފަ ރޮނީއެވެ. އަނެއްދުވަހު ތަސްލީމާ ހިނަވައި ކަފުންކޮށް ވަޅުލީއެވެ. ލަތީފް މޮޔަވީއެވެ. ވާހަކައެއް ނުދެއްކެއެވެ. މުޅިމީހާ އެއްކޮށް ރީދޫވެއްޖެއެވެ.

ދުވަސް ކޮޅަކު އެ ބަލިމަޑުކަމުގަ އުޅުމަށްފަހު ލަތީފު ވެސް މިދުނިޔެ ދޫކޮށް ނިމުމެއްނުވާ ދުނިޔެއަށް ދަތުރުކޮށްފިއެވެ. އޭނަގެ ތަސްލީމާގެ ކައިރިއަށެވެ. އެދުވަހުން ފެށިގެން ދެ ޢާއިލާގެ ގުޅުންވެސް ކެނޑިގެން ދިޔައީއެވެ.

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. މިހާދިސާ އަށް ވާނީ އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައެވެ.

 

+1
3
+1
5
+1
10
+1
53
+1
14
+1
12
+1
26

Advertisement

ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު

  1. ދިގު ރަށަކީ ގއ.މާމެންދޫ ކައިރީގައި އޮންނަ ރަށެއް.
    ހާދިސާ ގައި ބައިވެރިވާ ދެކުދިން އެދެކުދިންގެ ތަފްސީލީ ހާދިސާއެއް ނުކިޔާދޭނެ. ހާދިސާ ތަފްސީލް ކޮށްދޭނީ އެއީ ހިނގި ކަމެއްކަން ދެނެތިބި މީހުން.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް