November 23, 2024 00:13
Advertisement

-Advertisement-

ހަތަރު ސިފަ ލިބިގެންވާ އިންސާނުން ވަނީ ރައްކައުތެރިކަމުގެ އައްސޭރީގަ

މާތްﷲ ވަޙީކުރައްވާފައިވެއެވެ.  ‎﴿وَالْعَصْرِ ‎.‏ إِنَّ الْإِنسَانَ لَفِي خُسْرٍ . إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾‏ (އަލްޢަޞްރު) މާނައީ: "ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށް އުޅުނު މީހުން މެނުވީއެވެ."

މިއީ ކުރު ނަމަވެސް މަތިވެރި ސޫރަތެކެވެ. އިންސާނާގެ ކާމިޔާބީ ގުޅިފައިވާ ކަންކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވާ ސޫރަތެކެވެ. އަދި މަގު ގެއްލިގެން ދިއުމުގެ ސަބަބުވެސް ބަޔާން ކުރައްވާފައިވެއެވެ. މި ސޫރަތުގައި ބަޔާން ކުރައްވާފައިވާ ހަތަރު ކަންތައް ފުރިހަމަ ކޮށްފި މީހާއަކީ ކާމިޔާބު މީހެކެވެ. ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ވާނެ މީހެކެވެ. އެއީ މާތްﷲ އަށް އީމާންވުމާއި، ހެޔޮ ޢަމަލު ކުރުމާއި، ޙައްޤަށް ވަޞިއްޔަތް ކުރުމާއި ކެތްތެރިކަމަށް ވަޞިއްޔަތް ކުރާ މީހުންނެވެ. އިމާމު ޝާފިޢީ ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "މި ސޫރަތް (އެބަހީ: ޢަޞްރު ސޫރަތް) އެކަނި ބާވައިލެއްވިޔަސް އިންސާނުންނަށް ފުދޭނެއެވެ." މުރާދަކީ އަޞްރު ސޫރަތަކީ ހަމައެކަނި އެ ސޫރަތުގައިވާ ކަންކަމަށް މީހަކު ޢަމަލު ކުރުމުން އެމީހަކު ކާމިޔާބުވާނެ ފަދަ ސޫރަތެކެވެ. އެހައިވެސް މުހިންމު ސޫރަތެކެވެ. އަދި ކުރީގެ ޞަލަފުއް ޞާލިޙުން އެއް ބޭކަލަކު އަނެއް ބޭކަލަކާއި ބައްދަލުވާ ހިނދުގައި މި ސޫރަތް ކިޔަވާ ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ. އެއީ ހަނދާންކޮށް ދިނުމުގެ ބޭނުމުގައެވެ. މި ސޫރަތަށް ޢަމަލު ކުރުމުގެ މުހިންމު ކަމުންނެވެ.

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ މި ސޫރަތް ފައްޓަވާފައިވަނީ ‎﴿وَالْعَصْرِ﴾‏ މާނައީ: "ޒަމާން ގަންދެއްވަމެވެ." ޒަމާނަކީ އިންސާނާ އުޅޭ ދުވަސްތަކެވެ. އެ ދުވަސްތަކުގައި އިންސާނުން ރެއާއި ދުވާލުގެ ވަގުތު ހޭދަ ކުރަމުންދެއެވެ. އެ ވަގުތުތަކުގައި އިންސާނުން ހެޔޮ ޢަމަލާއި ނުބައި ޢަމަލު ކުރަމުންދެއެވެ. އިންސާނާގެ ހަޔާތުގެ ދުވަސްތަށް ރެއާއި ދުވާލު ދައުރުވަމުން ދާ މިންވަރަކުން މަދުވެގެން ދެއެވެ. އަދި ޢަމަލު ކުރުމަށް ލިބިފައި މިވާ ދުވަސްތަކުގައި ކުރާ ޢަމަލުތަކުން އޭނާއަކީ ކާމިޔާބު މީހަކަށް ވެދެއެވެ. އަދި ގެއްލި ހަލާކުވެގެންދާ މީހުންގެ ތެރޭގައިވެސް ވެދެއެވެ. މިކަމުން އެނގެނީ ތިމާއަށް ލިބިފައިވާ ވަގުތުގެ މުހިންމުކަމާއި އެވަގުތުގައި ހެޔޮ ޢަމަލުކުރުމުގެ މުހިންމު ކަމެވެ. ސަބަބަކީ މާތްﷲ އެއްވެސް އެއްޗެއް ގަންދެއްވައި ހުވާ ކުރައްވަނީ އެއެއްޗެއް މުހިންމުވީމައެވެ. ވަގުތަކީވެސް ވަރަށް މުހިންމު އެއްޗެކެވެ.

Advertisement

ޢަޞްރަކީ ޚަލްޤުތަކުން އެޒަމާނެއްގައި ދިރިއުޅޭ ދުވަސްތަކެވެ. ވަގުތު ނުވަތަ ޒަމާން ގަންދެއްވައި ހުވާ ކުރައްވައި މާތްﷲ ވަޙީ ކުރައްވަނީ މިބަސްފުޅުގެ މައްޗަށެވެ. "އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ." އެބަހީ އަދިރި ކަމެއްގެ ތެރޭގައިކަމެވެ. މަގު ގެއްލިފައިވާ ބައެއްގެ ގޮތުގައި ކަމެވެ. ނަމަވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އެ ގެއްލުމާއި ހަލާކުން އިސްތިޘްނާ ވެގެންވަނީ ކޮންބައެއްކަން ބަޔާން ކުރައްވާފައެވެ. އެ ހަތަރު ޞިފަ ލިބިގެންވާ އިންސާނުން ވަނީ ރައްކައުތެރިކަމުގެ އައްސޭރީގައެވެ. އަދި އެމީހުންނަކީ ކާމިޔާބު މީހުން ކަމުގައިވެސް ބަޔާން ކުރައްވާފައިވެއެވެ.

މި ހަތަރު ޞިފައަކީ:

1 އީމާންވާ މީހުން: މާތްﷲ ވޮޑިގެންވާކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމެވެ. މާތްﷲ އީ އެއްކައުވަންތަ އިލާހު ކަމަށާއި އެކަލާންގެ ފިޔަވައި އަޅުކަންކުރެވޭ އެހެން ފަރާތެއް ނުވާކަމަށް ޤަބޫލުކުރުމެވެ. އަދި ދުނިޔޭގައިވާ ހުރިހާ އިންސާނުންނާއި ތަކެއްޗެއް އުފެއްދެވި އެކަލާނގެކަން ހިތުގެ އަޑިން ޤަބޫލު ކުރުމެވެ. އަދި މި ހުރިހައި ތަކެތި މިލްކުވެގެންވަނީ ހަމއެކަނި އެކަނލާނގެއަށްކަމަށާއި، ހުރިހައި އަޅުކަމެއް ޚާލިޞްކުރެވިގެންވަނީ އެކަލާނގެއަށްކަމަށާއި އަދި އެކަލާނގެ ޒާތުފުޅާއި ޞިފަފުޅުތަކާއި އަދި އެކަލާނގެ ޢަމަލުފުޅުތަކަށް އީމާންވުމެވެ. އީމާންކަމުގެ ތެރޭގައި ކީރިތި މާތް ނަބިއްޔާގެ ޙަދީޘުން ވާރިދުވެގެން އައިސްފައިވާ ބަސްފުޅުގައި ވާ ހަ ކަންތައްވެސް ހިމެނެއެވެ. އެކަންތައްތައް ބަޔާން ކުރައްވާފައިވާ ޙަދީޘަކީ ވަރަށް ދިގު ޙަދީޘެކެވެ. ޖިބްރީލު ޢަލައިހިއްސަލާމް އީމާން ކަމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަން ބަޔާންކުރައްވައި ޙަދީޘް ކުރެއްވިއެވެ. (‏أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) މާނައީ: " ﷲއާއި މަލާއިކަތް ބޭކަލުންނާއި ބާވާލެއްވެވި ފޮތްތަކަށާއި އަދި ރަސޫލު ބޭކަލުންނާއި ޤިޔާމަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ." ވީމާ، މި ހަ ކަންތައްތަކަށް ފުރިހަމައަށް އިމާންވުމަކީ އިސްވެދިޔަ އާޔަތުގައި ‎﴿إِلَّا الَّذِينَ آمَنُوا﴾ މާނައީ: " އީމާންވި މީހުން މެނުވީ"  މިބައިގައި ހިނމެނޭ މީހުންނެވެ.

ޙަޤީޤީ އީމާންތެރިކަމަކީ އޭނާގެ ރައްބު ދެނެގަތުމެވެ. އަދި އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ދެނެގަތުމަށް މަސައްކަތްކުރުމެވެ. މާތްﷲ މަޢުރިފާކޮށް ދެނެގަނެވޭ މިންވަރަކުން އީމާންތެރިކަން ތާޒާވެ އާލާވެގެން ދެއެވެ. އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމާއި ދުރުވި މިންވަރަކުން އީމާންކަން ތިރިވެގެންދެއެވެ. ވީމާ، އެކަލާނގެ ވޮޑިގެންވާކަމާއި ޞިފަފުޅުތައް ކީރިތި ޤުރްއާން ތަދައްބުރުކޮށް ވިސްނައިގެން ދެނެގަތުން މުހިންމެވެ. ހަމައެކަނި މާތްﷲ އަށް އީމާންވަމޭ ބުނުމަކުން ނުފުދެއެވެ. އީމާންވަމޭ ދުލުން ބުނެ ހިތުގެ އަޑިން ޤަބޫލު ކުރުމާއިއެކު ޢަމަލުން އީމާންވާކަން ފެންނަން ޖެހެއެވެ. މިހެން ކަމުން އީމާންވުމާއިއެކު އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާން ޖެހެއެވެ. މި ސޫރަތުގައި ބަޔާން ކުރައްވާފައި ވަނީ ދެވަނަބައި މީހުންނަކީ އެއަށް ޢަމަލު ކުރާ މީހުންނެވެ.

2- (وَعَمِلُوا الصَّالِحَاتِ ) މާނައީ: "އަދި ޞާލިޙު ޢަމަލުތައް ކުރިމީހުންނެވެ." އެއީ މާތްﷲ ފަރުޟު ކުރައްވާފައިވާ ކަންކަން ކުރުމާއި ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުވުމެވެ. އަދި ހެޔޮ ޢަމަލުތައް ގިނަ ކުރުމެވެ. އެއީ ނަމާދު ކުރުމާއި، ރޯދަ ހިފުންފަދަ އަޅުކަންތައް ކުރުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ރަޙިމުގެ ގުޅުން ޤާއިމުކުރުމާއި، ދޫ ރައްކައުތެރި ކުރުމާއި ތެދުވެރިވުމާއި މިފަދަ ހުރިހައި ކަމެކެވެ. އަދި ރާ ބުއިމުން ދުރުވުމާއި ޒިނޭއާއި ގާތް ނުވުމާއި މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމާއި ސިޙުރު ހެދުންފަދަ ނުބައި ޢަމަލުތަކުން ދުރުވުމެވެ. ޣީބަބުނުމާއި ނެތިމޮށުމާއި މިފަދަ ކަންކަމުންވެސް ދުރުވުމެވެ. އަދި މާތްﷲ ގެ ޙަޞްރަތުގައި އެއްވެސް ޢަމަލެއް ޤަބޫލުވެވިގެން ވަނީ އެ ޢަމަލެއްގައި ދެ ޝަރުތެއް ފުރިހަމަވުމުންނެވެ.

ފުރަތަމަ ޝަރުޠަކީ: މާތްﷲ އަށް އިޚްލާޞްތެރިވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞު ކުރާ ޙާލު، ﷲ އަށް އަޅުކަން ކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެއުރެންނަށް އަމުރު ކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީން އަކީ އެއީއެވެ. " ވީމާ، އެ ޢަމަލެއްގައި ދެއްކުންތެރިކަން އެކުލެވިގެންވާ އެއްވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިޘާލެއް ފަދައިންނެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާން އެއް ނުވެތެވެ. ފަހެ، އޭނާގެ މިޘާލަކީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލައެއްގެ މިޘާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަކުން އާޚިރަތް ދުވަހުން އެއުރެންނަކަށް އެއްވެސް ޘަވާބެއް ނުލިބޭ ހުށްޓެވެ.) ކާފިރު ވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ." (ބަޤަރާ 264).

ވީމާ، ތިމާއަކީ ވަރަށް ނަމާދު ކުރާ މީހެކޭ ބުނޭތޯ ނަމާދު ކުރުމަކުން ފައިދާއެއް ނެތެވެ. ނުވަތަ ދެއްކުމަށް ޞަދަޤާތްކުރުމުން، ނުވަތަ އެނޫންވެސް ކަމެއްކޮށްފިނަމަ، ފަހެ އެ ޢަމަލެއްވަނީ ބާޠިލުވެގެންނެވެ. އެއީ އެ ޢަމަލުގައި އިޚްލާޞްތެރިކަން ނެތީމައެވެ. އަދި އެ ޢަމަލެއްގެ ބޭރުފުށުން ހެޔޮކަމެއްކަމުގައި ފެނުނުކަމުގައި ވިޔަސްމެއެވެ.

ދެވަނަ ޝަރުޠަކީ: ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ. އެބަހީ އެކަލޭގެފާނުގެ އަރިހުން އެ ޢަމަލެއް ކުރުމަށް އައިސްފައިވާ ގޮތަށް އެކަން ކުރުމެވެ. ދުޢާ ކުރުމަކީ އަޅުކަމެކެވެ. ވަރަށް ދަރުމަވެސް ބޮޑު ޢަމަލެކެވެ. ނަމަވެސް ކީރިތި މާތް ނަބިއްޔާގެ އަރިހުން އެކަން ކުރަން އައިސްފައިވާ ގޮތް ނޫން ގޮތަކަށް ދުޢާ ކުރުމުން އެމީހަކު ފާފަވެރިވާނެއެވެ. މިސާލަކަށް ބައެއް މީހުންގެ ގެންގުޅޭ ދުޢާ ފޮތްތަކުގައި ހަފްތާގެ ދުވަސްތަކަށް، ކޮންމެ ދުވަހަކަށް ޚާއްޞަކޮށްގެން ކިޔާ ދުޢާތަކެއްކަމަށް ބުނެ ލިޔެފަ ހުރެއެވެ. ބައެއް މީހުން މި ދުޢާތައް ކިޔައި އުޅެއެވެ. ނަމަވެސް މި ޢަމަލަކީ ބާޠިލު ޢަމަލެކެވެ. ސަބަބަކީ ކީރިތި މާތް ނަބިއްޔާގެ އަރިހުން އެ ދުޢާތައް ކިޔުމަށް އައިސްފައިނުވާ ގޮތަކަށް ކިޔުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (من عملَ عملا ليسَ عليهِ أمرُنا فهو ردٌّ) (2) މާނައީ: "ތިމަންކަލޭގެފާނު ނުކުރައްވާކަމެއް (ތިމަންކަލޭގެފާނު ބަޔާންނުކޮށްދެއްވާ ކަމެއް) ކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ ރައްދުވެގެންނެވެ. (ބާޠިލުވެގެންނެވެ. ޤަބޫލުވެވިގެންނުވެއެވެ.)"

3- (وَتَوَاصَوْا بِالْحَقِّ) މާނައީ: " އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް" އެއީ އެއްބަޔަކު އަނެއް ބަޔަކަށް ޙައްޤަށް ވަޞިއްޔަތް ކުރުމެވެ. ޙައްޤަކީ މާތްﷲގެ ކަލާމްފުޅެވެ. އެބަހީ ކީރިތި ޤުރްއާނެވެ. އަދި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވާފައިވާ ކަންކަމެވެ. އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތަކެވެ. އެއީ އިސްލާމީ ޝަރީއަތެވެ. އިސްލާމީ ޝަރީޢަތުގައިވާ ކަންކަން ކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމެވެ. އެހީތެރިވުމެވެ. ވަޞިއްޔަތްކުރުމެވެ. ތިބާގެ އަޚާ ނުވަތަ އުޚްތާއަށް އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައި އުޅުމަށް ނަސޭހަތްތެރިވުމެވެ. ޙަރާމްކަމެއް ކުރާ މަންޒަރު ފެނިއްޖެނަމަ، އެކަމެއް މަނާކުރުމެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. "ނުބައިކަމެއް ކުރެވޭތަން ފެނުނުމީހާ، އަތުން އެކަން މަނާކުރާށެވެ. އަދި އަތުން މަނާކުރުމުގެ ކުޅަދާނަކަން ނެތް މީހުން ދުލުން މަނާކުރާށެވެ. އަދި ދުލުންވެސް މަނާކުރުމަށް އުޛުރުވެރިވާ މީހުން ހިތުން މަނާކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ." މި ޙަދީޘުން އެނގެނީ ނުބައި މަގަކުން މީހަކު ދާ މަންޒަރު ފެނިއްޖެ މީހާ އެކަން މަނާކުރުމަކީ އީމާންކަމުގެ ތެރޭގައި ހިނމެނޭ ކަމެއްކަމެވެ. އަމިއްލަނަފުސު ނުބައި ޢަމަލުތަކުން ދުރުކުރާ ފަދައިން އެހެންމީހުންގެ ނަފްސުވެސް ދުރުކޮށްދިނުމެވެ.

4- (وَتَوَاصَوْا بِالصَّبْرِ ) މާނައީ: "އަދި އެބައިމީހުން ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ." ކެތްތެރިކަމަކީ އީމާންތެރިކަމުގެ ތެރޭގައި ހިނމެނޭ ކަމެކެވެ. އީމާންތެރިކަމާއި ހެޔޮ ޢަމަލުކުރުމަށާއި ދަޢުވަތު ދިނުމާއި އަދި ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަށްޓަކައި ކެތްތެރިކަމަކީ މުހިންމެ ވަޞީލަތެކެވެ. ޢިލްމުވެރިން ކެތްތެރިކަން ތިން ބަޔަކަށް ބައްސަވާފައިވެއެވެ. އެއީ ހެޔޮ ޢަމަލުތަށް ކުރުމާއި މާތްﷲ އަމުރުކުރައްވާފައިވާ ކަންކަން ކުރުމުގައި ކެތްތެރިވުމާއި މާތްﷲ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވުމުގައި ކެތްތެރިވުމާއި ދިރިއުޅުމުގައި ޖެހޭ މުޞީބާތްތަތަކަށް ކެތްތެރިވުމެވެ. ވީމާ، މިކަންކަމުގައި ތިމާގެ އަޚާއަށް ހިތްވަރު ދިނުމާއި ނަޞޭހަތްތެރިވުމެވެ.

 

 

 

+1
0
+1
11
+1
1
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް