November 24, 2024 03:34
Advertisement

-Advertisement-

ދިގުދެމިގެންދާ ޝަކުވާތަކަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ތަފްސީލީ ޖަވާބު!

ސިވިލް ސަރވިސް މުވައްޒަފުންގެ ޝަކުވާތަކަކީ، ޒަމާނުއްސުރެ އަޑުއިވެމުންދާ އަދި މުވައްޒަފުން ބޭނުންވާފަދަ އެކަށީގެންވާ ހައްލެއް މިއަދާ ހަމައަށް ލިބިފަނުވާ ޝަކުވާތަކެކެވެ. ޝަކުވާގެ އަޑު ގަދަވަމުން ގޮސް އެންމެފަހުން ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލާފައެވެ.

ސިވިލް ސަރވިސް މުވައްޒަފުން ޑިމާންޑްކުރާ ކަންތައްތައް:

  • މިނިމަމް ވޭޖް އަވަހަށް ކަނޑައެޅުން.
  • ސިޔާސީ މަޤާމުތަކާއި ޖުޑިޝަރީ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ލިބޭފަދައިން ސިވިލްސަރވިސް މުވައްޒަފުންނަށް ލިވިންގ އެލަވަންސް ހަމަޖައްސައިދިނުން.
  • ފައިސާގެ މަސައްކަތް ކުރާނަމަ ރިސްކް އެލަވަންސް ލިބޭ ގޮތް ހަމަޖެއްސުން.
  • ހުރިހާ މަޤާމްތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭގޮތް ހަމަޖެއްސުން.
  • ވަކި ޚާއްސަ އޮނިގަނޑެއްގައި ނުހިމެނޭ މަޤާމުތަކަށް ވެސް މުސާރަ ބޮޑުކުރުން.
  • ކޮންމެ އަހަރަކު ބޯނަސް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުން.
  • 2 އަހަރުން 85 އިންސައްތަ މަތީ މާކްސް ލިބޭ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުން.
  • މުވައްޒަފުންގެ އިތުރުގަޑީ އެލަވަންސް ލިމިޓް ނުކުރުން.
މުވައްޒަފުންގެ ކަންބޮޑުވުންތައް ފާޅުކުރަނީ/ ފޮޓޯ: ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން

ތިރީގައި މިވަނީ ޒީޓައިމްސް އިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް އަށް ދެންނެވި ސުވާލުތަކާއި، ލިބުނު ޖަވާބުގެ ތަފްސީލެވެ.

Advertisement

1- މުވައްޒަފުންނަށް ދިމާވެފަވާ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް؟

ކޮމިޝަނުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެތެރޭގައި:

  • މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ކޮންމެ އަހަރަކު އެތައް ހާސް މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި، ފެންވަރު މަތިކުރުމުގެ ތަމްރީން ދެވެމުންދެއެވެ.
  • ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށް، ބައެއް މުވައްޒަފުންނަށް އެ ފުރުޞަތު ހޯދައިދެވިފައިވެއެވެ.
  • ސަރުކާރާ ގުޅިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް 2009ވަނަ އަހަރު އަދި 2018ވަނަ އަހަރު ބޮޑުކޮށްދެވިފަވެއެވެ.
  • ޓެކްނިކަލް މުވައްޒަފުންނަށް ކެރިއަރ ބޭސްޑް ޚާއްޞަ އޮނިގަނޑުތަކެއް (ޓީޗަރުން، ޑޮކްޓަރުން، ނަރުހުން އަދި އިމާމުން ފަދަ) އެކުލަވާލައި އަމަލުކުރަން ފަށާފައިވެއެވެ. މި އޮނިގަނޑުތަކުގައި ދިވެހި ސިވިލް ސަރވިސް %46 އިންސައްތައަށް ވުރެ ގިނަ މުވައްޒަފުން ހިމެނެއެވެ. މި އޮނިގަނޑުތަކުގައި ހިމެނޭ މުވައްޒަފުންނަށް ރޭންކް އަދި ގްރޭޑް ޕްރޮމޯޝަން މަސައްކަތުގެ ފެންވަރާއި ތަޢުލީމީ ފެންވަރަށް ބަލައި ދެވެއެވެ. މި ގޮތުން 14 އޮނިގަނޑަކަށް މިހާރު ވެސް އަމަލުކުރަމުން ގެންދެވެއެވެ.
  • އަދި އޭގެ އިތުރަށް ޚާއްޞަ އޮނިގަނޑުގެ ގޮތުގައި 13 އޮނިގަނޑެއް ކޮމިޝަނުން ފާސްކޮށް މުސާރައިގެ އޮނިގަނޑު ފާސްކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް މިހާރު ފޮނުވިފައިވެއެވެ. އަދި 60 އޮނިގަނޑެއް ކޮމިޝަނުން ޑްރާފްޓްކޮށް ފައިނަލައިޒް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތައް ފާޅުކުރަނީ/ ފޮޓޯ: ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން

ޑްރާފްޓް ކުރެވިފައިވާ އޮނިގަނޑުތަކުގައިވާ ޚާއްޞަ ސިފަތަކުގެ ތެރޭގައި؛

  • ކޮންމެ އޮނިގަނޑެއްގައި އެ އޮނިގަނޑަށް ނިސްބަތްވާ މުވައްޒަފުންގެ "ކެރިއަރ ޕާތު" ކަނޑައަޅާފައިވެއެވެ. އަދި އެ އޮނިގަނޑުން ކުރިއަރައި ދިއުމަށް ބޭނުންވާ ސަނަދުތަކާއި، ތަމްރީނުތަކާއި، ކޮމްޕިޓެންސީތައް ކަނޑައަޅާފައިވެއެވެ.
  • އެ އޮނިގަނޑެއްގައި ތިބޭ މުވައްޒަފުން ޙާޞިލުކުރާ ތައުލީމީ ސަނަދުތަކާއި ޚިދުމަތުގެ މުއްދަތަށް ރިޢާޔަތް ކުރުމަށްފަހު، ރޭންކް (ވަރޓިކަލް) ޕްރޮމޯޝަން ދެވިގެންދާގޮތަށް ކަނޑައަޅާފައިވެއެވެ.
  • އަދި ހަމައެއާއެކު އެ އޮނިގަނޑެއްގައި ތިބޭ މުވައްޒަފުން ޚިދުމަތުގެ މުއްދަތަށާއި ޕަރފޯމަންސް އެޕްރެއިސަލް އަށް ރިޢާޔަތް ކުރުމަށްފަހު، ގްރޭޑް (ހޮރިޒޯންޓަލް) ޕްރޮމޯޝަން ދެވިގެންދާގޮތަށް ކަނޑައަޅާފައިވެއެވެ.
  • ކޮންމެ ވަރޓިކަލް އަދި ހޮރިޒޯންޓަލް ޕްރޮމޯޝަނަކާއެކު މުސާރައިގެ ކުރިއެރުން ލިބިގެންދާގޮތަށް ކަނޑައަޅާފައިވެއެވެ.
  • މި އޮނިގަނޑުތައް ފާސްވެ ޢަމަލުކުރަން ފެށުމުން، ސިވިލްސަރވަންޓުންގެ ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެއެވެ.

2- މުސާރައާއި އިނާޔަތްތައް ކުޑަވުމުގެ މައްސަލައަކީ އެންމެބޮޑު އެއް މައްސަލަ؟ މިކަން ހައްލު ކުރެވިދާނެކަމަށް ބެލެވޭތޯ؟ ކިހާ މުއްދަތެއް ހޭދަވާނެކަމަށްް ބެލެވޭތޯ މުސާރައާއި އިނާޔަތްތަކުގެ މައްސަލަ ހައްލުކުރުމަށް؟

  • މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ނޭޝަނަލް ޕޭކޮމިޝަނުގެ ޒިންމާއެކެވެ. މި މައްސަލައާ ގުޅޭގޮތުން ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު މަޝްވަރާ ކުރެވިފައިވާނެއެވެ.
  • ދަޢުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޕޭކޮމިޝަނުން ހާމަކުރައްވާފައިވެއެވެ. މިކަން ތަންފީޒުވުމުން މުސާރައަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

3- ސިވިލް ސަރވަންޓުންނަށް ލިވިންގ އެލަވަންސް އަދި ރިސްކް އެލަވަންސެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަމެއް އެބައޮތްތޯ؟ މި ކަމަށް މަސައްކަތް ކުރެވޭނަމަ ތަފްސީލް؟

  • މުވައްޒަފުންނަށް އެލަވަންސް ހަމަޖެހިގެންދަނީ އެ މުވައްޒަފެއް މަސައްކަތްކުރާ ޙާލަތާ ގުޅިގެންނެވެ. މި ގޮތުން ރިސްކު އެލަވަންސް ދެވިގެންދަނީ އެ މުވައްޒަފެއްގެ މަސައްކަތުގައި ރިސްކު އޮތް މިންވަރާ ގުޅުވައިގެންނެވެ.

4- މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގަ ކޮމިޝަނުގެ މެންބަރުން ފެއިލްވެފައިވާކަމަށް ތުހުމަތު ކުރެވޭއިރު، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭނެކަމުގެ ޔަގީންކަމެއް ކޮމިޝަނުގެ ރައީސަށް އެބައޮތްތޯ؟ ހައްލު ހޯދައި ނުދެވިއްޖެނަމަ، ދެން ކިހިނެއްތޯ ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން އަމަލުކުރައްވާނީ؟

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާމެދު ކޮމިޝަނުގެ ފެންވަރުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އަދި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ކޮމިޝަނުން މި ދަނީ ކުރަމުންނެވެ.
  • މި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ސިވިލް ސަރވިސް މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެކަމުގެ ޔަޤީންކަން ކޮމިޝަނަށް އެބައޮތެވެ.

ރަށްރަށުގެ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ގިނަވެ ޒިންމާތައް އިތުރުވެގެން ދިއުމާއެކު މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ގިނަވެފައެވެ. ޒަމާނުއްސުރެ ވަޒީފާގެ ރަނގަޅު ކުރިއެރުމެއް ނުލިބިތިބި އެތައް މުވައްޒަފުންނެއް ތިބިއިރު، އެމުވައްޒަފުންގެ ޝަކުވާއަށް އަވަސް ހައްލެއް ހޯދަދިނުމަކީ ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނުގެ ޒިންމާއެކެވެ. އުންމީދަކީ އަވަސް ހައްލެއް ލިބިގެންދިއުމެވެ.

 

+1
0
+1
0
+1
5
+1
0
+1
0
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް