November 24, 2024 02:28
Advertisement

-Advertisement-

ހުޅުމާލޭގެ ފެހިކަމުގެ އުފާވެރިކަން: ފައިދާހުރި ގޮތަކަށް ބޭނުންކުރަމާ!

ހުޅުމާލޭގެ ހިތްގައިމުކަން ގުޅިފަވަނީ އެކި ސަރަހައްދުތަކުގައި ހައްދާފަހުރި ތަފާތު އެކި ގަސްގަހުންނެވެ. މޭވާ އަޅާ ގަހާއި، ބަގީޗާ ގަހުން ފެށިގެން ގޮސް ތަފާތު އެކި ވައްތަރުގެ އެތައްހާސް ގަހެއް ހުޅުމާލޭގައި އެބަހުއްޓެވެ. މީގެތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އިސްނަގައިގެން ހައްދަމުންދާ ގަސްތަކާއި، ކުރީގެ ސަރުކާރުތަކުން އިންދާފައިވާ ގަސްގަހުގެ އިތުރަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 'މަގޭ ވެށި މަގޭ ހިއްސާ' ޕްރޮގްރާމްގެ ދަށުން އިންދަމުންދާ ގަސްތައް ހިމެނެއެވެ.

އިންސާނުންގެ ދުޅަހެޔޮ ސިއްޙަތަކަށް ގަހަކީ ހެއްދުން ވަރަށް މުހިންމު އެއްޗެކެވެ. އެކަމަކު އެގަސްތައް ހައްދަންވާނީ އޭގެ އެންމެ ރަނގަޅުގޮތުގައި އެހެން މީހުންނަށް އޭގެ ސަބަބުން ދަތި އުދަގޫ ކަންތައްތަކެއް ކުރިމަތިނުވާނެ ފަދަ ގޮތަކަށެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުން ފެންނަން ހުރީ އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންގެ ޝަކުވާ ބޮޑު މަންޒަރެކެވެ.

ހުޅުމާލޭގެ ފެހިކަން ފެންނަ ފޮޓޯއެއް

ފުލެޓުތަކުގަ ދިރިއުޅޭ ބައެއް މީހުންގެ ކަންބޮޑުވުން:

Advertisement

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގަ ހުރި ފުލެޓުތައް ކައިރީގައި ޖަބުރޯލް، އަނބު، ޖަންބު، ކުންނާރު ފަދަ ބޮޑެތި ގަސްތައް އެބަހުއްޓެވެ. މިފަދަ ގަސްތަކުގެ ސަބަބުން އެ ފުލެޓުތަކުގެ މަތީބައިގަ އުޅޭ މީހުންނަށް އޭގެ އުދަގޫ ދަނީ ކުރިމަތިވަމުންނެވެ.

" މިފަދަ ގަސްތައް ފުލެޓުގެ އެހާ ކައިރީގަ ހުރުމުން ކާޅާއި ވާލުގެ އުދަގޫ ވަރަށް ބޮޑު. ބެލްކަނީގަ އެއްޗެހި ހިއްކަން އަޅަން ދަތި. އަދި މަދިރި އެހާ ގިނަ. ކުޑަދޮރު ހުޅުވައިގެން ގިނައިރު ނުތިބެވޭ. އެޕާޓްމެންޓަށް އަލިކަމެއް ނުލިބޭ. ގަހާއި ހުރެ މުޅި ސަރަހައްދު އޮންނަނީ ހިޔާވެފަ" އެއިން ފުލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ފުލެޓެއްގެ ކައިރީގަ ހުރި ގަސްތަކެއް

އަދި އެހެން މީހަކު ފާހަގަކުރި ގޮތުގައި ފުލެޓު ކައިރީގައި އޮންނަ ހުސްބިމުގެ ބޭނުން ގިނަ ފަހަރަށް ހިފަނީ ހަމައެކަނި ފުލެޓު ތިރީގަ ދިރިއުޅޭ މީހުން ގަސް ހެއްދުމަށެވެ. މިގޮތަށް ތަރުކާރީ އާއި މޭވާ ހައްދައިގެން އެ ވިއްކައިގެން ފައިސާ ހޯދާ މީހުންވެސް އެބަތިއްބެވެ. އެހެންވުމުން މިއީ އިންސާފެއް ނޫން ކަމުގައި ބައެއް މީހުން ދަނީ ބުނަމުންނެވެ.

ބިމުގެ އަޑިއަށް ބޮޑެތި މޫތަކެއް ދާނެފަދަ ގަސްތައް އިމާރާތްތަކާއި އެހާ ކައިރީގަ ހެއްދުމުން އިމާރާތްތަކުގައި ރެދުލަމުން އަންނަ ކަމަށް މީހުން ބުނަމުންދާއިރު، މިކަމަށް އޮތް ހައްލަކީ އެންމެން ގުޅިގެން އެންމެންގެ ފައިދާއަށް ވިސްނައިގެން ގެއްލުން ކުޑަވާނެ ގޮތަކަށް ޕޮޓްތަކުގައި ނުވަތަ ކުދި ގަސްތައް ހެއްދުމެވެ.

ހަމީދު ދިރިއުޅެމުންދާ ފުލެޓު ކައިރީގައި ހައްދާފަހުރި ގަސްތައް

ފުލެޓެއް ކައިރީގަ ރީތި ބަގީޗާ އެއް ހައްދައިގެން އުޅޭ މީހެއް

ހުޅުމާލޭގެ ފުލެޓެއް ކައިރީގަ ތަފާތު ރީތި މާމެލާމެލީގެ ގަސްތައް ހައްދަމުން އަންނަ މުހައްމަދު ހަމީދު (އުމަރުބެ) 'ޒީޓައިމްސް' އަށް މައުލޫމާތުދެމުން ވަނީ ދިރިއުޅޭ ފުލެޓު ކައިރީގަ ގަސް ހައްދަން ފެށުނުގޮތް ކިޔައިދީފައެވެ.

" ފުލެޓުގެ ފަހަތުގައި އޮތް ވަރަށްބޮޑު ހުސްތަނެއް. އެތަން ސާފުކޮށްގެން ގަސް އިންދަން ފެށީ. މިސަރަހައްދުގަ ދިރިއުޅޭ މީހުން ޝަކުވާއެއް ނުކުރޭ މިތާގަ ގަސް ހައްދާތީ. އެމީހަކު އިންދަން ބޭނުން އެއްޗެއް ހަމަ އިންދާ ގޮތަށް އޮތީ މިތަން. ބައެއް ފުލެޓުތަކުގައި ދިރިއުޅޭ މީހުން ފާރު ރާނައިގެން ނުވަތަ ދާ ޖަހައިގެން ގަސް ހައްދާ ސަރަހައްދު ވަކިކޮށްގެން އުޅޭ. އަހަރެމެން އެގޮތަށް ވަކިކޮށްގެނެއް ނޫން ގަސް ހައްދަނީ."

މި ރީތި ބަގީޗާ ހުރި ތަން މިހާރު ދަނީ ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ސަރަހައްދު ހުސްކުރުމަށް ވަކި މުއްދަތެއްދީ އާންމު އިއުލާނެއް ކޮށްފައިވާތީ، އެ ސަރަހައްދުގަ ހުރި ގަސްތައް އެހެން ތަންތަނަށް ގެންގޮސް އަދި ބައެއް ގަސްތައް ސްކޫލުތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބިޔަ ގަސް ހެއްދުމުގަ ވިސްނާލަންވީ ނުކުތާތައް

މޭވާ އަޅާ އަނބު، ޖަބުރޯލް ފަދަ ބިޔަ ގަސްތައް ހައްދާއިރު ފޯދިފަހުރި ގަހެއްގެ ގޮތްޕެއްގައި ވެލި ބަނދެ މޫލުމުން އިންދުމުން އެ ގަސް އަވަހަށް ފޯދި މޭވާ އަޅައެވެ. މިގޮތަށް ގަސް ކުޑަކޮށް ހުރުމުން މުޅި ސަރަހައްދު އެކީގަ ހިޔާވުމުގެ ބަދަލުގައި ހައްދަން ބޭނުންވާ ކުދި ގަސްތަކަށް ބޭނުންވާ އަވި ލިބޭނެއެވެ. އަދި ދުވަސްވީ ގޮފިތައް ކޮށާލުމުން އާކުރި ފަޅައިގެން ހެދުމުގެ ފުރުސަތު ބޮޑުވެ ގިނަ ދުވަހަށް އެގަހެއްގެ ފައިދާލިބޭ ކަމަށްވެއެވެ.

ހުޅުމާލޭގެ ފުލެޓެއްގައި ހައްދަމުން އަންނަ ޓޮމާޓޯ ގަސް

ރަށްވެހި ދަނޑުވެރިކަން

ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކާއި ބިން ހަވާލުކޮށް ރަސްމީކޮށް މިމަޝްރޫޢު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިމަހު ފަށައިފައެވެ.

" މި މަޝްރޫޢުގެ ދަށުން ތިން ގިންތިއަކަށް (އަންހެނުންނަށް ޚާއްސަ ކެޓަގަރީ، ޒުވާނުން/ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތައް/ އެހެނިހެން ކެޓަގަރީ) ބަހާލައިގެން 3 ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ވަނީ ހޮވިފަ. މަޤްސަދަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަހުލުވެރިކޮށް މިދާއިރާއިން ގިނަ ބަޔަކު ބިނާކުރުން. މިގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ފިޝަރީޒް މިނިސްޓްރީ، ބީސީސީ، އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމެއް ހިންގިފަ."

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލެއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ 3 މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން މިމަޝްރޫޢު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ޕްލާޒާ އޭރިއާއަކާއި މިފަދަ ބިންތައް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ މައުލޫމާތުދީފަ އެވެ.

އަރބަން ފާމިންގ މަޝްރޫޢު ރަސްމީކޮށް ހުޅުވި ދުވަހު ނަގާފައިވާ ފޮޓޯއެއް

ނިންމުން

ހުޅުމާލެ އަކީ މާލެއާއި ބަލާއިރު ދިރިއުޅެން ފަސޭހަ ރަށްފުށުގެ އުފާވެރިކަން އިހްސާސްވާ މާހައުލެކެވެ. ގިނަ އަދަދެއްގެ ރައްޔިތުން ފްލެޓްތަކުގައި ދިރިއުޅެމުން އަންނައިރު، ގަސް އިންދާ ފަރާތްތަކުން އެގަސްތައް ހައްދާފަ ހުރި ސަރަހައްދު ސާފުކުރުމުގައި އިސްކަންދޭން ޖެހެއެވެ. ފުލެޓުތައް ކައިރީގައި ހައްދާ ގަސްތަކަކީ އެހެން މީހުންނަށް އުދަގޫ ނުވާނެ ފަދަ ގަސްތައް ކަމުގައި ވާން ޖެހެއެވެ. އަދި އަލަށް މި ތަޢާރަފްކުރި ކޮމިއުނިޓީ އަރބަން ފާމިން ނުވަތަ ރަށްވެހި ދަނޑުވެރިކަމުން ގިނަ ބަޔަކަށް ރަނގަޅުގޮތުގައި ގަސް އިންދުމުގެ ފުރުސަތުލިބި އޭގެ ފައިދާ މާލީގޮތުން ކުރާނެ ކަމަށް ބެލެވެއެވެ.

 

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް