November 22, 2024 19:31
Advertisement

-Advertisement-

ބެލެނިވެރިންގެ ލޯބި މުދައްރިސުންނަށް

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 5 ހާއްސަވަނީ ލޮބުވެތި މުދަރިސުންނަށެވެ. މުދައްރިސުންގެ ޝަރަފުގައި މިދުވަސް ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކުރެވޭއިރު 'ޒީޓައިމްސް' އިން ބަލާލާނީ މުދައްރިސުންގެ އަގުހުރި ބުރަ މަސައްކަތާއި މެދު ބައެއް ބެލެނިވެރިން ދެކޭގޮތެވެ.
ސްކޫލުތަކުގެ މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ މައިންބަފައިން ފަދަ ބައެކެވެ. އެ ދަރިންގެ ހައްގުގައި އެތައް ބުރައެއް އެ މުދައްރިސުން އުފުއްލަވައެވެ. އުގައްނައިދެއްވުމުގައި، ފޫހިކަމެއް ވަރުބަލި ކަމެއް ނެތިއެވެ. އަދި ޝަކުވާއެއް ނެތިއެވެ. ތަފާތު މިޒާޖުގެ ކުދިންތަކެއް އެއްކޮށްލައިގެން އެއް ޓީމެއްގެ ގޮތުގައި ގެންގުޅޭ އެ ހުނަރުން ފުރިފައިވާ މުދައްރިސުންނާ މެދު އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ "މުދަރިސުންގެ އަގު ވަޒަން ކުރަން. ވަރަށް އުފާވޭ އަޅުގަނޑުގެ ދަރިފުޅަށް ލިބެމުންދާ ކާމިޔާބީގައި ހުރިހާ މުދައްރިސުން ދެއްވާ އިރުޝާދާއި ވެދެއްވާ އެހީތެރިކަން ފާހަގަކުރަން. ގްރޭޑް ބަދަލުވެގެންދާއިރު ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭކަން ފާހަގަ ކުރެވޭ." ކަމަށެވެ.

ގަލޮޅު ސްކޫލުގައި ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއް/ ފޮޓޯ: ގަލޮޅު ސްކޫލް އެފްބީ ޕޭޖް

ގަލޮޅު ޕްރީސްކޫލްގެ ބެލެނިވެރިއަކު ބުނީ ވަރަށް އުފާވޭ އާންޓީމެން ކުދިންނާ ދޭތެރޭ ބަހައްޓާ އޯގާތެރިކަމާއި، ގާތްކަން އެނގުނީމަ، ގޭތެރޭގައި އެއްވެސް ވަރަކަށް ލިޔަން ކިޔަން އަދި ވާހަކަދައްކަންވެސް ކުރިއެރުމެއް ނުލިބުނީމަ ސްކޫލަށް ވެއްދީ، އާންޓީމެންގެ ބުރަ މަސައްކަތުން އަޅުގަނޑުގެ ދަރިފުޅު މިކަންކަމަށް ހިތް ޖައްސުވާ ހާނުވައިފި. ވަރަށް ބޮޑު ކުރިއެރުމެއް މީ."

އިމާދުއްދީން ސްކޫލުގެ ގްރޭޑް 9 ގެ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ "އަޅުގަނޑު ދަރިފުޅަށް މުދަރިސުންގެ ފަރާތުން އެންމެ ބޮޑަށް ދަސްވި ކަމަކީ ރިވެތި އަހްލާގް. ސްކޫލު ނިމޭއިރު އަދަބު އަހުލާގު މި އުމުރުގެ ކުދިން ވަރަށް އަވަހަށް ހަނދާން ނައްތާލާ، އެހެންނަމަވެސް މުދައްރިއްސުންގެ ސަބަބުން ވަގުތަށް ކަމޭހިތުމާއި، ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް އޯގާތެރިވެ އިހްތިރާމް ކުރުމާއި، މިފަދަ ރީތި ސިފަތައް ދަސްކޮށްފި." ކިޔަވައިދެއްވުމުގައި ކުދިން ތަފާތު ކުރުމެއްނެތި، ނޭނގޭ އެއްޗެއް ކިތަންމެ ގިނަ ފަހަރު ބުނެދޭން ޖެހުނަސް ބުނެދޭ ކަމަށާއި މުދައްރިސުންނަކީ ވަރަށް އޯގާތެރި ކެތްތެރި ބައެއް ކަމަށް އެ ބެލެނިވެރިޔާ ފާހަގަކުރިއެވެ.

Advertisement
އިމާދުއްދީން ސްކޫލުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ/ ފޮޓޯ: އިމާދުއްދީން ސްކޫލް އެފްބީ ޕޭޖް

އިއްޒުއްދީނު ސްކޫލުގެ ބެލެނިވެރިއަކު ބުނީ "ޓީޗަރުންނަކީ ދަރިވަރުންގެ ހިތްތަކަށް ދިރުން ގެނެސްދެއްވާ ބައެއް. އެ ކުދިންގެ އިހްސާސްތައް އެންމެ ރަނގަޅަށް ދަންނަ އަދި އެ ކުދިންގެ މޫޑަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކުލާސްތެރެ ރާވާލައިގެން ހިންގުމުގެ ގާބިލުކަން ހުރޭ، ޓީޗަރުންނާއި ނުލާ އަޅުގަނޑުމެންނަށް ދަރިން ތަރުބިއްޔަތު ކުރުމަކީ އުނދަގޫ ކަމެއް. ޓީޗަރުން އުފުއްލަވާ ބުރައާ ވެލެއްވާ ޤުރުބާނީއަށް ފަށްފަށުން ޝުކުރިއްޔާއޭ" ބުނެލަން ބޭނުންވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ ދަރިވަރުންގެ ހިޔާލާ ވިސްނުންތައް ތަރައްޤީވުމުގައި މުދައްރިއްސުންގެ ދައުރު ބޮޑުކަމަށެވެ. "ކުރިން ވަރަށް ނުވިސްނާ ކަންކަމާއި މިހާރު ވިސްނާނެ. ބުނާނެ ސްކޫލުން އަންނަ ހިޔާލުތަކޭ. މައިންބަފައިންނާއި އެކު އުޅޭ ވަގުތަށްވުރެ ގިނަވަގުތު މި ހޭދަވަނީ މުދައްރިސުންނާއި އެކު އެހެންވީމާ ދަރިންގެ މުސްތަގުބަލު ބިނާކުރުމާއި ކަންކަމަށް ފާޑުކިއުމުގެ ބާރުވެސް މިއޮންނަނީ މުދައްރިސުންގެ އަތްމަށްޗަށް ދޫވެފަ. އަގު އަދާ ނުކުރެވޭހާ ބުރަ އަގުހުރި މަސައްކަތެއް އެ ކުރަނީ."

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް/ ފޮޓޯ: އަހްމަދިއްޔާ އެފްބީ ޕޭޖް

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ބެލެނިވެރިއަކު ބުނީ "މުދައްރިސުންނަކީ ކުދިންގެ ކަންކަން ވަރަށް ގާތުން ބަލާ ދެނެގަންނަ ބައެއް. އަދި ވަރަށް ރަނގަޅު އިރުޝާދުވެސް ދެއްވާނެ. ބައެއް ފަހަރު ބެލެނިވެރިޔާ އާއި ހިއްސާ ނުކުރާ ކަންކަންވެސް ޓީޗަރާ ހިއްސާ ކުރޭ. އެހާވެސް ގާތް ގުޅުމެއް ދަރިވަރާ ޓީޗަރާއި ދެމެދު އޮވޭ. އަޅުގަނޑުގެ ދަރިފުޅު ވަރަށް ލޯބިވާނެ ސްކޫލުދެކެ. ގޭގަ އުޅުމަށްވުރެ ސްކޫލުގައި ގިނަ ވަގުތު ޓީޗަރުންނާއި އެކު އުޅެން ބޭނުންވާނީ." ޓީޗަރުންނާ ދަރިވަރުންގެ އޮންނަ ގާތްގުޅުން ފާހގަކުރަމުން ބުންޏެވެ.

މިއީ މުދައްރިސުންނާއި މެދު ބައެއް ބެލެނިވެރިންގެ ޝުއޫރުތައް ހުރި ގޮތެވެ. މުދައްރިސުންގެ އަގު ވަޒަން ކުރުމަށް ދަރިވަރުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާލަންވާނެ އެވެ. މުދައްރިސުންގެ ދުވަހު ދެވޭ އެންމެ އަގުބޮޑު ހަދިޔާއަކީ އެކި ކުލަކުލައިން ހަދާފައިވާ ޕާރުސަލުތަކެއް ކަމުގައި ދެކިގެން ނުވާނެއެވެ. އަދި ބެލެނިވެރިން ހަދިޔާ ކުރާ ކޭކެއްވެސް ނޫނެވެ. ބެލެނިވެރިންނާ މުދައްރިސުން ގުޅިގެން ދަރިވަރުންނަށް ތައުލީމާ ތަރުބިއްޔަތުގެ ދަނޑުގައި ހޯދައިދެއްވާ ފޮނި ކާމީޔާބީއަކަށް ވުރެ އަގުބޮޑު ހަދިޔާއެއް އެ މުދައްރިސުން ބޭނުންވާނޭތޯއެވެ.

ފަރުހުވެރި ކަމާއެކު ދަރިވަރުން ހޯދާ ރަންވަނަތަކާއި އެހިސާބަށް ދަރިވަރުން ގެންގޮސްދެއްވުމުގައި މަގުކޮށައިދެއްވާ މުދައްރިސުންނަށް އައްސަރިބަހާއި ސާބަހެވެ. ތިޔަ ގެންދަވަނީ ޖީލަކަށްފަހު ޖީލެއް ބިނާ ކުރެއްވުމަށް އެތައް މަގެއް ކޮށްޓަވަމުންނެވެ. ތިޔަ ލޮބުވެތި މުދައްރިއްސުން އިއްޔެ އިންދެވި އޮއްތަކުން މިއަދު މުޖުތަމައަށް ހިޔާދޭ ބިޔަ ގަސްތައް ހެދިއްޖެއެވެ. ތިޔަ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ.

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް