އަހަރެން ބަލިވެއިން ޚަބަރު އަހަރެންގެ އާއިލާއަށް އަންގަން ކިތަންމެ ބޭނުންވިއަސް އަހަރެންނަށް މިއަދު އެހިތްވަރެއް ނުލިބުނެވެ. އަހަރެން މަންމަގެ ވާން އުޅޭ ފުރަތަމަ މާމަ ދަރިފުޅު ދެކެން މަންމަވެސް ބޭނުންވާނެކަން ޔަގީނެވެ. ކިތަންމެ ނުރުހިގެން ކުރި ކައިވެންޏަކަސް މައިންބަފައިން ދަރިންދެކެ ވާލޯތްބަކަށް ބަދަލެއް ނާންނާނެތާއެވެ. އަހަރެން ބަލިވެއިން ފަހުން ވަރަށް ހޮޑުލެވެއެވެ. އަބަދުވެސް އޮންނަނީ އޮށޯވެގެންނެވެ. ނާޒިމްގެ އަންހެން ކޮއްކޮވެސް ބަނޑުބޮޑެވެ. ނާޒިމްގެ މަންމަ އަހަރެންނާއި ނާޒިމް ކޮއްކޮއަށް ކެވޭނެ ކަހަލަ އެއްޗެހި ކައްކަދީހަދައެވެ.
މިހާރު އަހަރެންގެ ބަނޑަށް 7 މަސް ފުރި 8 މަހަށް އެޅީއެވެ. ވިހަންވާއިރަށް ބޭބީއަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައާއި ކޮޓަރި ރީތި ކުރުމުގައި ނާޒިމް އުޅެނީ ވަރަށް ބިޒީކޮށެވެ. ނާޒިމްގެ ކޮއްކޮއަށާއި އަހަރެންނަށް ވެސް ލިބެނީ އަންހެން ކުއްޖެކެވެ. މިފަހަކަށް އައިސް ނާޒިމްގެ މަންމަ އަހަރެންނާއި ދޭތެރޭ ކަންތައް ކުރަނީ އެހާ ރަނގަޅަށް ނޫންކަން އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނަކީ ދަނބިދަރިއެކެވެ. އެއްދުވަހަކު ނާޒިމް މަންމަ އަހަރެންނާއި ދިމާލަށް ބުނީ "ސަހާ ވިހައިގެން ދާނީ ރަށަށް ދޯ، އަހަރެންނަކަށް ދެމާމަ ދަރިންނެއް ނުބެލޭނެ" މިހެންނެވެ. އަހަރެން އިނީ ބަސް ހުއްޓިފައެވެ. އެބަސްތަކުން އަހަރެންގެ ހިތަށް އެކަނިވެރިކަން އިހްސާސް ވެގެންދިޔައެވެ. އަހަރެންގެ އާއިލާ އާއި އެއްވެސް ގުޅުމެއް ނެތް ގޮތަށް ނާޒިމް އާއި ކައިވެނިކޮށްގެން އައިކަން ނާޒިމްގެ މަންމައަށް ވެސް އެނގޭނެތާއެވެ. އެދުވަހު ނާޒިމް ގެއަށް އައުމުން ނާޒިމް ކައިރިން އަހަރެން އެދުނީ ގޭގައި ގެންގުޅެން ބޭރުމީހެއް ގެނައުމަށެވެ. އަހަރެން ވިހައި ގަދަވަންދެން އަހަރެންގެ ކަންކަން ކޮށްލަދޭނެ މީހެއް ހުރުމުން ފަސޭހަވާނެ ކަން އަންގައިދިނީމެވެ. ޖަވާބުގައި ނާޒިމް ބުނީ މަންމަ ހުރިއްޔާ ކީއްކުރަން ގެންނަ ބޭރުމީހެއް ހެއްޔެވެ.
23 އޮގަސްޓް ވަނަ ދުވަހު 12.30 ގައި އަހަރެންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ. ދަރިފުޅު ފެނުމުން އަހަރެންގެ ހިތަށް ވެރިވެގެން ދިޔަ އިހްސާސްތަކަކީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސް ތަކެކެވެ. ދަރިއަކު ލިބުމަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. ދަރިފުޅު އުރާލައިން ހުރިއިރު ނާޒިމްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އަހަރެން ވިހޭވަގުތު އަހަރެން ކައިރީގައި ނާޒިމްގެ އިތުރުން އެހެން މީހަކު ނެތެވެ. ދެރޭ ދެދުވާ ވަންދެން ނާޒިމް އަހަރެން ކައިރީގައި ހޭލާ އިނުމުގެ ސަބަބުން ނާޒިމްގެ މޫނުމަތިން ނިދިއައިސްފަ ހުރިކަމުގެ ކުލަވަރު ފެނުނެވެ. ނަމަވެސް އަހަރެން އެކަނި ބާއްވާފައި ދިއުމަށް ނާޒިމް އުޒުރުވެރިވިއެވެ. އެރޭވެސް ހޮސްޕިޓަލުގައި އަހަރެންނަށް އެހީތެރި ވުމުގައި ނާޒިމް އިނެވެ. އަނެއް ދުވަހު އިރުއެރުމާއި އެކު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އެހީ ލަމްހާގެ މެސެޖެކެވެ. އެމެސެޖުގައި އޮތީ އަހަރެންގެ ރޫމް ނަންބަރު ފޮނުވާލަ ދިނުމަށް އެދިފައެވެ. މެންދުރުވީއިރު ލަމްހާ އިނީ އަހަރެންގެ ކައިރީގައި ދަރިފުޅު އުރާލައިގެންނެވެ. ލަމްހާ އައުމުން ނާޒިމް ގެއަށް ދިޔައެވެ. ލަމްހާ އާއި އަހަރެމެން ދެމީހުންގެ ވާހަކައަށް ގެއްލިފައި ތިއްބާ ކޮޓަރިއަށް އައިސް އެވަނީ ނާޒިމްގެ މަންމައެވެ. އަދި ނާޒިމްގެ ކޮއްކޮ ވަރަށް ބަލިކޮށް އުޅޭތީ ނާދެވުނު ކަމުގައި ބުނެ ބޭބީ އުރާލާފައި ބޭބީ ވައްތަރީ އޭނާ އާއި ކަމުގައިވެސް ބުންޏެވެ. މާގިނައިރެއްނުވެ ނާޒިމް ކޮއްކޮ ބަނޑުގައި ރިއްސާތީ ފޯނު ކޯލެއް އައުމުން ނާޒިމް މަންމަ ހިނގައްޖެއެވެ.
އޭގެ 2 ގަޑިއެއްހާއިރު ފަހުން ނާޒިމްގެ ކޮއްކޮއަށް އަންހެން ދަރިއަކު ލިބުނު ކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އެދުވަހުގެ ރޭގަނޑު 9 ޖަހަންދެން ލަމްހާ އަހަރެން ކައިރީގައި ހޮސްޕިޓަލުގައި އިނެވެ. އަހަރެންގެ ހުރިހާ ކަމެއްގައި ވެސް އެންމެ ގާތުން އެހީތެރިވާން ހުރީ ލަމްހާއެވެ. ލަމްހާގެ ވާހަކައިން އެނގުނު ގޮތުގައި މަންމަ އަހަރެންނަށް ގުޅަން ބޭނުން ނަމަވެސް ބައްޕަ އެކަމަށް ނުރުހޭތީ މަންމަ އަށް ނުކެރިފައި ހުރިކަން އެނގުނެވެ. އަހަރެންގެ ކޮއްކޮމެމެން ވެސް މިހާރު ސްކޫލް ނިމި ރަށުގައި މަންމަ ކައިރީގައި ތިބުމުން މަންމަ އެކަނި ނުވާނެ ކަމަށް އަހަރެން ގަބޫލު ކުރީމެވެ. އެކަމަކުވެސް މަންމަ އަބަދުވެސް އަހަރެން ނެތިގެން އެކަމާ ހިތާމަ ކުރާ ވާހަކަ މީސް މީހުންގެ ފަރާތުން ލަމްހާއަށް އަޑުއިވެއެވެ. ދެމީހުން އޮލަ ވާހަކަގައި ތިއްބާ ނާޒިމް އައިސް ވަންތަން ފެނުނެވެ. ނާޒިމް އައިރު އައީ އަހަރެންނާއި ލަމްހާ އަށް ރޭގަނޑުގެ ކެއުންވެސް ހިފައިގެންނެވެ. ނާޒިމް އައުމުން ކޮއްކޮ ހާލު ރަގަނޅުތޯ އާއި ބޭބީގެ ހާލުވެސް އަހާލީމެވެ.
މިހާރު އަހަރެންވެސް ވިހާ ގަދަވެ އެކަނިމާއެކަނި ކަންކަން ކޮށްލެވޭ ވަރުވެއެވެ. ލަމްހާ ކޮންމެ ދުވަހަކުވެސް އަހަރެން ކައިރިއަށް އައިސް ބޭބީ އާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ނާޒިމްގެ މަންމަ ކޮންމެ ދުވަހަކުވެސް ބޭބީ ފެންވަރުވާލަދީ ހަދައެވެ. އަދި އަހަރެންނަށް ބޭބީ ގެންގުޅެން ނޭނގޭ ކަމަށް އަބަދު އަހަރެންނާ ދިމާލަށް ބުނާތީ އެކަމާ އަހަރެން ވަރަށް ދެރަވެއެވެ. މަންމައެއްގެ ހައިސިއްޔަތުން އަހަރެންނަށް ހުރިހާ ކަމެއް ދަސްކޮށްދޭން ހުރީ ވެސް ނާޒިމްގެ މަންމަތާއެވެ. ނާޒިމް މަންމަ އަހަރެންނާ ދިމާލަށް ބުނެލާ ބައެއް ބަސްބަހުން އަހަރެންގެ ހިތުގައިޖެހި ރޮވެއެވެ. ނާޒިމް ކޮއްކޮގެ ދަރިފުޅާއި އަޅާކިޔުމާއި އެދަރިފުޅަށް ވުރެ އަހަރެންގެ ދަރިފުޅު ކުޑަ ވާހަކަވެސް ދޭރެތެއަކުން ބުނެލައެވެ.
އަހަރެން ހޮސްޕިޓަލަށް ޑިއުޓީއަށް ދާން ފެށިފަހުން އަހަރެންގެ ދަރިފުޅު ކައިރީގައި ހޭދަކުރެވޭ ވަގުތު މަދުވާން ފަށައިފިއެވެ. މިހާރު ދަރިފުޅުގެ އުމުރުން އެއް އަހަރު ފުރުމާއި ގާތްވަނީ އެވެ. މާމަ ދަރިންކޮޅު ގޮވައިގެން ގޭތެރޭގެ ހުރިހާ ކަމެއްގައި ނާޒިމްގެ މަންމަ އުޅެންޖެހެނީ ވަރަށް ބުރަކޮށެވެ. އެހެންކަމަށް ވުމާއެކު އަހަރެން ދަރިފުޅު ބަލަން މީހަކު ގެނައުމަށް ނާޒިމްގެ މަންމަ އަހަރެން ކައިރީގައި ބުންޏެވެ. ނާޒިމް ކައިރީ އެވާހަކަ ކުރިންވެސް ދެއްކުމުން ނާޒިމް އެކަމާ ދެކޮޅު ހެދިއެވެ. އަނެއްކާވެސް އަހަރެން ނާޒިމް ކައިރީގައި އެވާހަކަ ދެއްކީމެވެ. އަހަރެންގެ ދަރިފުޅާއި ދޭތެރޭ ނާޒިމް މަންމަ ގެންގުޅޭ ބައެއް ތަފާތު ކުރުންތައްވެސް އަހަރެންނަށް ފާހަގަވާން ފަށައިފިއެވެ. ގިނަ ދުވަހު އަހަރެން ހެނދުނު ޑިއުޓީ ނިންމާފައި އަންނައިރުވެސް ކުޑަމީހާ އިންނަނީ ރީތިވެސް ކޮށްނުލައެވެ. ހެނދުނު ޑިއުޓީއަށް ދަމުން އަހަރެން ދަނީ ބޭބީއަށް ކާންދީފައެވެ.
އޭގެ 9 މަސް ފަހެވެ. އަހަރެން ޑިއުޓީ ނިންމާފައި ގެއަށް އައިސް ވަންއިރު އަހަރެންނަށް އިވެން ފެށީ ނާޒިމް މަންމަގެ ހަޅޭކުގެ އަޑެވެ. ދަރިފުޅުގެ ރުއިމުގެ އަޑު ލިފްޓާއި ހަމައަށްވެސް އިވެއެވެ.
ނުނިމޭ...