September 20, 2024 15:48
Advertisement

-Advertisement-

ކުއްތާއެއްގެ ސަބަބުން ފާފަ ފުއްސެވުނު އަންހެނާ

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކަކީ ފިލާވަޅުތަކެކެވެ. ނަސޭޙަތެކެވެ. އަދި އިބްރަތްތެރި ވާހަކަ ތަކެކެވެ. މި ވާހަކަތަކުން އިބްރަތް ޙާޞިލުކޮށް އޭގެ ފައިދާ ދުނިޔެމަތީ ލިބިގަތުމަށް އޮތް މަގެކެވެ. މީގެ ތެރޭގައި ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ތިބާވުމާއި އަދި ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ތިބާ ވެދާނެ ފަދަ ޢަމަލުތަކުގެ ވާހަކަތައް ހިނމެނެއެވެ. މިފަދަ އިބްރަތްތެރި އެއްވާހަކައަކީ ކުއްތާއަށް ފެން ދިނުމުގެ ސަބަބުން ފާފަ ފުއްސެވުނު އަންހެނެއްގެ ވާހަކައެވެ.

އަބީ ހުރައިރާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.  ((بينما كلب يُطِيفُ بركِيَّةٍ كاد يقتله العطش، إذ رأتْه بغيٌّ مِن بَغايا بني إسرائيل، فنزعت مُوقَها فسَقَتْه، فغُفرَ لها به)) (صحيح البخاري: 3467، صحيح مسلم: 2245.) މާނައީ: "ކުއްތާއެއް ފެން ވަޅެއްގެ ވަށައިގެން ކަރު ހިއްކައިގަނެފައިވާ ހާލުގައި އެނބުރެމުން ދެއެވެ. އޭތިވަނީ ފެން ބޮވައިގަނެގެންގޮސް މަރުވާވަރުވެފައެވެ. އޭތި އެހާލުގައިވަނިކޮށް ފެންނަނީ ބަނީ އިސްރާއީލުގެ ޒިނޭ ކޮށް އުޅުނު އަންހެނުންކުރެ އަންހެނެކެވެ. (އެބަހީ: އަގަށް ޒިނޭކޮށް އުޅުނު އަންހެނެކެވެ) އެހިނދުގައި އޭނަގެ ފަޔަށް އަރުވާފައިވާ ޚުއްފު ބޭލުމަށް ފަހުގައި އެއަށް ފެން އަޅައިގެން ގެނެސް އެކުއްތާއަށް ފެން ދީފިއެވެ. ފަހެ، މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އޭނާގެ ފާފަ ފުއްސަވައި ދެއްވިއެވެ."

މިޙަދީޘުން އެނގިގެންދަނީ ހިތުގެ އިޚްލާޞްތެރިކަމާއެކު ކުރެވޭ ކޮންމެ ޢަމަލެއް ޤަބޫލުވެވިގެންދާކަމެވެ. ﷲ އަށްޓަކައި އޭނާ އެ ދިރޭ އެއްޗަށް ފެން ދިނީ، އެއިން އޭނައަށް ޙާޞިލުވާނެ އިތުރު ފައިދާއެއް މަންފާއެއް ނެތެވެ. އެމަންޒަރު ބަލާނެ މީހަކު ނެތެވެ. ވީމާ ދެއްކުންތެރިކަމެއް ނެތި އިޚްލާޞްތެރިކަމާއެކު ކުރެވޭ ކިތަންމެ ކުޑަ ޢަމަލެއްގެ ދަރުމައާއި ޘަވާބު އިޚްލާޞްތެރި ކަމެއްނެތި ކުރެވޭ ބޮޑު ޢަމަލަކަށްވުރެ ހެޔޮކަން ބޮޑުކަމެވެ. ހަމަމިފަދައިން ތިބާއަށް އެއީ ވަރަށް ކުޑަ ޢަމަލެއްކަމަށް ޤަބޫލުކުރެވޭ ޢަމަލަކުންވެސް ސުވަރުގެ ވަދެވުމުގެ ވަޞީލަތަކަށް ވެދާނެކަމެވެ.

Advertisement

މާތްﷲ އެ އަންހެން މީހާގެ ފާފަ ފުއްސެވުމުގެ ސަބަބަކީ ހިތުގެ ތެރޭގައި ވާ އޯގާތެރިކަމެވެ. މާތްﷲ އެކަލާނގެ އަޅުންދެކެ ލޯބިވުމުގެ އެއްޞިފަކަމުގައި އޯގާތެރިވުންވެއެވެ. އެއީ ހަމައެކަނި އިންސާނުންގެ މެދުގައެއްނޫނެވެ. އެއީ އެކަލާނގެ ހުރިހައި މަޚުލޫޤުންނާ މެދުގައެވެ. މިފަދަ އެހެން ވާހަކައެއް ވެސް ވެއެވެ. އެވާހަކައިގައި ވަނީ މިފަދަ ގޮތެކެވެ. އެވާހަކަ ބަޔާންކޮށްދެއްވުމުން ޞަޙާބީން ސުވާލު ކުރައްވަނީ ޖަނަވާރުން, އެތަކެތީގެ ސަބަބުން ތިމަން ބޭކަލުންނަށް ދަރުމަ ލިބޭނެ ހެއްޔެވެ؟ ނުވަތަ އެތަކެއްޗާއިމެދު ނުބައިކޮން ކަންތައް ކުރުމުގެ ސަބަބުން ޢަޛާބު ލިބޭނެ ހެއްޔެވެ؟ ޙަދީޘް ކުރައްވަނީ " ފުރާނަ ހުރި ކޮންމެ އެއްޗަކާމެދު ކަންތައް ކުރާ ގޮތަކުން އެކަމުގެ އަޖުރަ ލިބޭނެއެވެ." (މުއްތަފަޤް ޙަދީޘެއް). އެ އަންހެން މީހާގެ ހިތަށް ރަޙުމާއި އޯގާތެރިކަން ވަދެ، ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ޒިނޭކޮށް އުޅުނު އަންހެން މީހާގެ ފާފަ ފުހެވިގެން ދިޔައެވެ.   

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ވިދާޅުވިއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ‏ ޙަދީޘް ކުރައްވާފައިވެއެވެ. "‏ الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ" މާނައީ: އެހެން މީހުންނަށް އޯގާތެރިވާ މީހުންނަށް ރަޙުމާންވަންތަ ރަސްކަލާންގެ އޯގާވެވޮޑިގެންވެއެވެ. ބިމުގައިވާ މީހުންނަށް ތިޔަބައިމީހުން އޯގާތެރިވާށެވެ. އޭރުން އުޑުގައިވާ ރަސްކަލާންގެ ތިޔަބައިމީހުންނަށް އޯގާތެރިވެ ވޮޑިގެންވާނެއެވެ."

މާތްﷲ ފުރާނަ އަޅުއްވާފައިވާ ކޮންމެ އެއްޗަކަށް އޯގާތެރިވާން ޖެހޭނެއެވެ. އެ އެއްޗަކާ އެކަށީގެންވާ ގޮތުގެ މަތިން ރަޙުމާ އޯގާތެރިކަން ދޭން ޖެހޭނެއެވެ. އެތަކެތި ސަބަބަކާ ނުލައި މެރުމާއި، އަދި މަރަށް ޖެހިއްޖެ ހާލަތެއްގައި މެރިޔަސް އަނިޔާވެރިވުން ހުއްދަވެގެން ނުވެއެވެ. އަދި ތިމާގެ ބެލުމުގެ ދަށުގައި ގެންގުޅޭ ޖަނަވާރުތަކަށް އަޅައިލުން ވާޖިބުވެގެންވެއެވެ. ޖަނަވާރުންނަށް އަނިޔާކޮށް އެއަށް ޢަޛާބު ދޭމީހުންނަށް މާތްﷲ ޤިޔާމަތް ދުވަހުން ޢަޛާބު ދެއްވާނެއެވެ. ޖާބިރު رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.((…عُرِضَتْ عَلَيَّ النَّارُ، فَرَأَيْتُ فِيهَا امْرَأَةً مِنْ بَنِي إِسْرَائِيلَ تُعَذَّبُ فِي هِرَّةٍ لَهَا، رَبَطَتْهَا فَلَمْ تُطْعِمْهَا، وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ…)) މާނައީ: “ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެތެވެ. އެހިނދު ނަރަކައިގައި ބުޅަލެއްގެ ސަބަބުން ޢަޛާބު ދެއްކެވޭ ބަނީ އިސްރާއީލުގެ އަންހެނަކު ފެނިވަޑައިގަތެއެވެ. އޭނަ އެބުޅާ ބަދެފާ ކާން ނުދީ ބޭއްވިއެވެ. އަދި އޭތި އަމިއްލަޔަށް ބިންމަތިން ކާއެއްޗެހި ހޯދައިގެން ކާން ދޫކޮށްވެސް ނުލިއެވެ.

މިއީ ޖަނަވާރަކަށް ފެން ދިނުމުގެ އަޖުރަ ކަމުގައިވަންޏާ މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ އިންސާނަކަށް ފެން ދިނުމުގެ އަޖުރަ ކިހައި ބޮޑުވާނެ ހެއްޔެވެ؟ މިކަމާމެދު ތިބާ ވިސްނާލިން ހެއްޔެވެ؟

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް