ޑިޕްރެޝަންގެ ސަބަބުން ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުގެ މިންވަރު ބުނެދޭން އެނގޭނީ ޑިޕްރެޝަންގެ އަސަރު ތަހަންމަލު ކުރާ މީހުންނަށެވެ.
ޑިޕްރެޝަނާއި ދެކޮޅަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. އަދި އަމިއްލައަށް ވެސް ޑިޕްރެޝަނާއި ދުރުވާން ކުރެވިދާނެ ކަންތައްތައް ކުރުން މުހިންމެވެ.
ޑިޕްރެޝަނާއި ދެކޮޅަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކޮށްލުމެވެ. ދުޅަހެޔޮ ލައިފްސްޓައިލްއެއް ހިޔާރުކޮށް ކެއުމުގައި ވެސް ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި ކަސްރަތު ކުރުމަކީ ޑިޕްރެޝަނާއި ދެކޮޅަށް އަމިއްލައަށް ކުރެވިދާނެ ކަންކަމެވެ.
ސިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރުން
ކުއްލިއަކަށް މި ބަދަލުތައް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމަށްވާނަމަ މަޑުމަޑުން ކެއުމަށް ބަދަލު ގެންނާށެވެ. އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ކާނާ ހިޔާރު ކުރުމަށް އިސްކަން ދިނުމާއި އެކު ގަވާއިދުން ކަސްރަތު ކުރުމަށް އާދަ ކުރަންވާނެއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކާން ފެށުމުން ހަށިގަނޑުގައި ވަރުޖެހި ޑިޕްރެޝަނާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެހީވެދެއެވެ. ޑިޕްރެޝަންގެ ސަބަބުން މީހާ ބަލިކަށިކޮށްލި ނަމަވެސް ރަނގަޅު ކާނާ ކާނަމަ ކޮންމެވެސް ވަރަކަށް އެ ބަލިކަށި ކަމާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު އެމީހަކަށް ލިބިދެއެވެ.
ގަވާއިދުން ކަސްރަތު ކުރުން
ކަސްރަތު ކުރުމަކީ ޑިޕްރެޝަނާއި ދުރުކޮށްދޭ ކަމެކެވެ. މިސާލަކަށް ޔޯގާ ކަހަލަ ކަސްރަތަކީ ވަރަށް މަޑުމައިތިރި ކަމާއިއެކު ކުރާ ކަސްރަތަކަށް ވެފައި ގިނަ ބަޔަކަށް ޑިޕްރެޝަނުން އަރައިގަތުމަށް އެހީވެދޭ ކަސްރަތެއް ކަމަށްވެއެވެ. ފްލެކްސިބިލިޓީ އިތުރު ކޮށްދީ ކެލޮރީސް ވިރުވާލަދީ އަދި ހަށިގަނޑުގައި ވަރު ޖައްސައިދޭ މި ކަސްރަތަކީ ޑިޕްރެޝަނުން އަރައިގަތުމަށް ކުރެވިދާނެ ކަސްރަތެކެވެ.
ޔޯގާގެ އިތުރުން ބަރު އުފުލުމާއި ކާޑިއޯވަސްކިއުލާ އެކްސަސައިޒްތައް ވެސް ބައެއް މީހުންނަށް ކަމުދެއެވެ. ހާޓް ރޭޓް މަތިކޮށްދޭ ކަސްރަތުތަކުން ހަށިގަނޑުގެ ބައްޓަމަށް އަންނަ ބަދަލުތައް ފެނި އަމިއްލަ ނަފުސަށް ލިބޭ އުފާވެރި ކަމަކީ ވެސް ޑިޕްރެޝަނާއި ދުރުވުމަށް އެހީއެކެވެ. ޑިޕްރެޝަނުން މުޅިން އަރައިނުގަނެވުނަސް ހަށިގަނޑުގެ ބައްޓަން ރީތިވެ މީހާގެ ސިއްޙަތު ރަނގަޅު ވުމަކީ ޑިޕްރެޝަނާއި ދުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ޑިޕްރެޝަނުން އަރައިގަތުމަށް ކަސްރަތަކީ ބޭނުންތެރި ކަމެކެވެ. ތިމާއަށް މި ކުރެވެނީ ބޭނުންތެރި މުހިންމު ކަމެއް ކަމުގެ އިހުސާސް ކުރެވި ހަށިގަނޑަށް އަންނަ ބަދަލުތައް ފެނި އަމިއްލައަށް ލިބޭ ހިތްހަމަ ޖެހުމަކީވެސް މުހިންމު ކަމެކެވެ.
ޑިޕްރެޝަނާއި ހަނގުރާމަ ކުރުމަށް އަމިއްލައަށް ކަސްރަތު ކުރަން މޮޓިވޭޓް ނުވާނަމަ އެންމެ ރަނގަޅީ ގުރޫޕަކާއި އެކު ކަސްރަތު ކުރުމެވެ. އަމިއްލަ ހިޔާލުތަކާއި ދުރުކޮށްދީ މަޖާ މާހައުލެއްގައި ކަސްރަތު ކުރުމުން ނަފްސަށް ލިބޭ ހިތްހަމަ ޖެހުންވެސް ބޮޑުވާނެއެވެ. މީހުންނާއި އެކު ވާހަކަދައްކާލާ ހީސަމާސާ ކޮށްލާ އުޅުމަކީ ޑިޕްރެޝަނާއި ދުރުކޮށްދޭ ކަމެކެވެ. ބައެއްފަހަރު ޑިޕްރެޝަންގެ ހާލަތު ގޯސްވަނީ އެކަނިވާ ހާލަތްތަކުގައެވެ. އެހެންކަމުން ގްރޫޕް ވޯކްއައުޓެއް ނުވަތަ އެކުވެރިންނާ އެކު ހިނގާލަން ދިއުން ކަހަލަ ކަމެއް ރާވާލައިގެން ކުރިޔަށް ގެންދެވިދާނެއެވެ.
މީހަކާ ވާހަކަ ދައްކާލުން
ބައެއް ފަހަރު ޑިޕްރެޝަން އާއި ހަނގުރާމަ ކުރަމުންދާއިރު މީހުންނާ ވާހަކަ ނުދައްކާ އަމިއްލައަށް ކަންކަން ފޮރުވައިގެން ހުރުމުގެ ސަބަބުން އެއްވެސް ހައްލެއް ނުލިބި ތިމާއަށް ހަދާނެ ގޮތް ހުސްވެއެވެ. އޭގެ ބަދަލުގައި ތިމާ ތަހައްމަލު ކުރަމުންދާ ކަންކަން އަދި ކުރިމަތިވެގެން އުޅޭ މައްސަލަތައް ގާތް މީހަކަށް ހިއްސާކޮށްލުމުން ތިމާއަށް ހިތްހަމަ ޖެހުން ލިބިގެންދާނެއެވެ. ތިމާއަށް ދިމާވެގެން އުޅޭ މައްސަލަތައް ދެނެގަނެވޭވަރުގެ ނުވަތަ އަންޑަސްޓޭންޑް ވާވަރުގެ ގާތް އެކުވެރިއެއް ނެތްނަމަ ކައުންސިލަރެއް ނުވަތަ ތެރަޕިސްޓެއްގެ އެހީނަމަވެސް ހޯދާލަންވާނެއެވެ. އޭރުން ހިތްހަމަޖެހުން ލިބޭނެއެވެ. އަދި ދެން ހަދަންވީ ކިހިނެތްކަމާ މެދު އެ ފަރާތަކާއި އެކު ހިޔާލު ބަދަލުކޮށްލެވޭނެ އެވެ. މިޒަމާނަކީ އޮންލައިންކޮށް ވެސް ކައުންސިލަރުންނާ ވާހަކަ ދައްކާލެވޭ ޒަމާނެކެވެ. އެހެންކަމުން ގޭގައި އިނދެގެންވިޔަސް ފަސޭހަ ކަމާއެކު ކައުންސިލަރެއްގެ އެހީ ހޯދިދާނެއެވެ. ނުވަތަ ރައްޓެއްސެއްގެ އެހީވެސް ހޯދިދާނެއެވެ. މުހިންމީ ހިތުގައި ކަންކަން ފޮރުވާފައި ނުބަހައްޓާ ހިއްސާ ކުރުމެވެ. އަދި އެހީ ހޯދުމެވެ.