November 22, 2024 21:13
Advertisement

-Advertisement-

ޑޮކްޓަރު މި ބުނެދެނީ ކުޑަކުދިންނަށް ކާންދޭއިރު ދަތްތަކަށް ވިސްނާނެގޮތް!

ކުޑަކުދިން އެންމެ ކާހިތްވާ ޒާތުގެ ކާބޯތަކެއްޗާއި އެކުދިން ދުރުކުރުވުމަކީ ވަރަށް އުނދަގޫކަމެކެވެ. ބައެއް ދަތުގެ ޑޮކްޓަރުން ބުނާގޮތުންނަމަ، އެމީހުންގެ ދަރިންނަށް ބައެއް ބާވަތްތަކުގެ ކާއެއްޗެހި އެއްގޮތަކަށްވެސް ނުދެއެވެ. އެގޮތުން ޑރ.މަހްސާ ޝޮއެއި ބުނަނީ، 8 ބާވަތެއްގެ ކާއެއްޗެހި ކުދިންނަށް ނުދިނުމަށެވެ. މިއީ ހަމައެކަނި މި ކާނާއިން އެކުދިންގެ ދަތަށް އަސަރުކުރާތީކީ ނޫނެވެ. އެއީ ދުޅަހެޔޮ ސިއްޙަތަކަށް ކުއްޖާއަށް ކާންދިނުން ވެސް ރަނގަޅު ނޫން ތަކެތިކަމަށް ވާތީއެވެ.

585،000 އަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރސް ތިބި މި ޑޮކްޓަރު ބުނަނީ، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ދަތުގެ ބަލިތަކުންނާއި ދަތަށް ދިމާވާ މައްސަލަތަކުން ކުޑަކުދިން ދުރުކުރުމެވެ. އަދި އަނގައިން މީރުވަސް ދުވުމާއި ހިނިތުންވެލާއިރު ފެންނަން ހުންނަ ދަތްތަކަކީ ރީތިކޮށް ހުންނަ ދަތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް އޭނާ ވަރަށް ބޭނުންކަމަށް ވަނީ ބުނެފައެވެ. ހިރުގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް ވަނީ ހިއްސާކޮށްފައެވެ.

ޑރ.މަހްސާ

ދަތް ފަނި ކެއުމަށް ދިމާވާ އެންމެ ބޮޑު އެއް ކާނާ އަކީ ހަކުރުގެ ބާވަތްތަކެވެ. ދަތުގެ ޑޮކްޓަރެއްގެ ގޮތުގައި 18 އަހަރުވެފައިވާ ޑރ. މަހްސާ ބުނަނީ، އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުމަށް ކުރެވޭ ފަރުވާއާއި ދަތްތައް ހުދު ކުރުމުގެ އިތުރުން އޭނާގެ ބަލިމީހުންނަށް ދެވޭ ހިދުމަތަކީ އެންމެ ފުރިހަމަ ހިދުމަތްކަން އޭނާ ޔަޤީންކުރާކަމަށެވެ.

Advertisement

ކެއުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

ދަތްތައް ފަނި ކެއުމުން ރައްކާތެރި ކުރުމަށް ކެއިން ބުއިމުގައި ބޭނުން ނުކުރަންވީ ބުއިންތަކުގެ ތެރޭގައި، 'ފުރުޓް ޑްރިންކް' އަދި 'ސްޕޯރޓްސް ޑްރިންކް' ހިމެނެއެވެ. އެއީ މިތަކެތީގައި އެސިޑް އަދި ހަކުރު ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ. މީގެ ބަދަލުގައި 'ޝުގަރ ފްރީ ޑްރިންކްސް' ވެސް ނުދެވޭނެކަމަށް ފާހަގަކުރިއެވެ. އެއީ އޭގައި ބޭނުންކޮށްފައި ހުންނާނީ އާރޓިފިޝަލް ޝުގަރ ކަމަށްވުމުން އެސިޑިޓީ ހުންނާނެތީއެވެ.

ބައެއް ކާއެއްޗިއްސަށް ބަލާއިރު، ޗިޕްސް އަދި ފްރެންޗް ފްރައިސް ހިމެނެއެވެ. މިތަކެއްޗަކީ އެއްވެސް ފައިދާއެއް އެކުލެވިގެންވާ އެއްޗެއް ނޫންކަމަށް ބުނެފައިވެއެވެ. ޗިޕްސްގައި އެކުލެވިގެންވާ ސްޓާރޗް، ޗިޕްސް ހަފާލާ ވަގުތު ކުދިންގެ ދަތްތަކުގައި ހަރުލައި ދަތް ފަނި ކެއުމަށް މަގުފަހިވާކަމަށް ބުނެފައިވެއެވެ.

އަދި ބައެއް ބާވަތްތަކުގެ ބަދަން ނުދިނުމަށް އިލްތިމާސް ކުރެއެވެ. މިއީ ބައެއް ބާވަތްތަކުގެ ބަދަން ދަތްތަކުގައި ހަރުލާފަދަ ގޮތަކަށް ހުންނާތީއެވެ. ހަކުރުލާފައި ހުންނަ ބަދަން ފަދަ ތަކެތީގެ އެތިކޮޅު ދަތްތަކުގައި ހަރުލުމުން ދަތް ފަނި ކެއުމަށް މަގުފަހިވެއެވެ.

އަދި ބައެއް ހުތް މޭވާއިން ވެސް ދަތް ފަނި ކެއުމަށް މަގުފަހިވާކަމަށް ބުނެއެވެ. ބައެއް ހުތް މޭވާއަކީ ކުދިންގެ ހެދި ބޮޑުވުމަށް ފައިދާ ހުރި މޭވާއަށްވާއިރު، މިތަކެތި ބޭނުން ކުރުމަށްފަހު ވަގުތުން ފެން ބުއިމާއި ވީ އެންމެ އަވަހަކަށް ދަތް އުނގުޅުމުން ދަތްތަކަށް މިއިން ލިބޭ ގެއްލުން ކުޑަވާކަމަށް ޑޮކްޓަރު ފާހަގަކުރެއެވެ.

އަދި މާގިނައިން ޕާން ދިނުމަކީ ކުދިންގެ ދަތްތަކަށް ގެއްލުންވާ ކަމެއްކަން ފާހަގަކުރިއެވެ. އެއީ ޕާނުގައި ހަކުރު ހުންނާތީއެވެ. ނަމަވެސް ޤަވާއިދުން ކުދިންގެ ދަތްތައް ބަލަހައްޓާނަމަ ޕާން ކެއުމުން ދަތަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ކުދިންނަށް ދޭންވާނީ ހަމައެކަނި އެކުދިންގެ ސިއްޙަތަށް ރަގަޅު ކާނާ ނޫންކަމަށާއި، ކުދިންނަށް ކާން ދިނުމުގައި ދަތްތަކަށްވެސް ރަނގަޅު ކާނާ ދިނުމަށް އާދަކުރުމަށް ޑޮކްޓަރު އިލްތިމާސްކުރެއެވެ. އަދި ހެނދުނާއި ރޭގަނޑު ޤަވާޢިދުން އެންމެ މަދުވެގެން 3 މިނިޓް ކުދިންގެ ދަތްތައް އުނގުޅުމަށް އާދަކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެތެރޭގައި ހުންނަ ދަތްތައް އުނގުޅުމަށް ކުދިންނަށް ކިޔައިދީ، 10 އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިން ކުދިންނަށް އެހީތެރިވެ ދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރު އެދެއެވެ.

ކުދިންގެ ދަތްތަކަށާއި ކުދިންނަށް އެންމެ ފައިދާ ހުރި ކާނާގެ ތެރޭގައި ހަކުރު ނުހުންނަ ބަދަނުގެ ބާވަތްތަކާއި ތަރުކާރީގެ އިތުރުން ގުދުރަތީ ހަކުރު އެކުލެވިގެންވާ މޭވާއާއި ބިސް ކުދިންގެ ދުވަހުގެ ކާނާގައި ހިމެނުމަށް ޑޮކްޓަރު ވަނީ ވަރަށްބޮޑަށް އިލްތިމާސް ކޮށްފައެވެ. 

މައުލޫމާތު: ދަސަން ވެބްސައިޓް/ ޔޫކޭ

+1
1
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް