ކުޑައިރުއްސުރެ ކިޔެވުމުގައާއި އިތުރު ހަރަކާތްތަކުގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ އުމުރުން 13 އަހަރުގެ މުހައްމަދު ފާރިޒް އާޒިމް ގެ އަމާޒަކީ ކޮމްޕިއުޓިންގ ދާއިރާއިން ސައިންޓިސްޓަކަށް ވުމެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން ފާރިޒް ވަނީ އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ކިޔާދީފައެވެ.
ސްކޫލުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް
ޕްރީސްކޫލުގައި ކިޔެވި ދުވަސްވަރުން ފެށިގެން އިންޓަރ ކްލާސް ޤުރުއާން މުބާރާތްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. މިގޮތުން 2012ވަނަ އަހަރު ޒާއިލިން ޕްރީސްކޫލުގެ އިންޓަރކްލާސް ޤުރުއާން މުބާރާތުން މުޅި ގްރޭޑުން 3 ވަނަ ވަނީ ހޯދާފައެވެ. އަދި 2018ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން މުޅި ގްރޭޑުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ހިމެނުނެވެ.
ދިވެހި އަދަބީ ހަރަކާތްތައް ފާހަގަކުރުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގައި ބޭއްވި ދިވެހި އަދަބީ ހަފްތާގައި ބައިވެރިވެ 2016 އަދި 2017 ގައި އަތުލިޔުމާއި ވާހަކަދެއްކުމުގެ މުބާރާތުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ވަނީ ހިމެނިފައެވެ.
ސްކޫލުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތްތަކުގައި ފޯރީގައި ކުޅެމުން އަންނަ ފާރިޒް އަށް ލިބުނު އިތުރު ކާމިޔާބީތަކަށް ބަލާއިރު، ސްކިލް ހެޓްސް ޖީނިއަސް އިން ކުރިއަށްގެންދިޔަ 'މެންޓަލް އެރިތް މެޓިކް' 2019ވަނަ އަހަރުގެ މުބާރާތުން ބައިވެރިވި ބައިން ވަނީ 3 ވަނަ ހާސިލުކޮށްފައެވެ.
ސަރކްލް ޕްރޮގްރާމްގެ ތަޖުރިބާ
އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ 'ސަރކްލް' ގެ 2 ޕްރޮގްރާމްގެ ތަޖުރިބާ ފާރިޒް ވަނީ ކިޔައިދީފައެވެ. 2020ވަނަ އަހަރު އެންމެ ފުރަތަމަ ފުރިހަމަ ކުރީ 'ސަރކްލް ކިޑްސް' ޕްރޮގްރާމެވެ. އެއަށްފަހު މިހާރު ދަނީ 'ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމް' ފުރިހަމަ ކުރަމުންނެވެ.
" ޕައިތަން ފަދަ ޕްރޮގްރާމް ލެންގްއޭޖްތައް އެންމެ ބޮޑަށް ދަސްވީ. ކޮމްޕިއުޓަރ އަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރަން އެނގޭ. ކްރިޓިކަލް ތިންކިންގައި އެންމެ ބޮޑަށް ދަސްވީ، މައްސަލައެއް ދިމާވިއަސް އެކަން ހައްލު ކުރެވޭނެ ތަފާތު ގޮތްތައް ހުންނަކަން. އަދި ރަނގަޅު ގޮތް ހޯދޭނީ ވަރަށް ބޮޑަށް ދިރާސާކޮށްގެންކަން." ކޮމްޕިއުޓިންގ ދާއިރާއިން ކުރިއަށްދިއުމަށް ކުރަމުންދާ މަސައްކަތުގައި ދަސްކުރަމުންދާ ކަންތައްތަކުގެ ތަފްސީލް ދެމުން ފާރިޒް ބުންޏެވެ.
ލީޑަރސް ޕްރޮގްރާމްގައި އެންމެ ބޮޑަށް ދަސްވީ އަމިއްލައަށް އެކި ކަންކަމުގައި މަސައްކަތް ކުރުމުގެ އިތުރަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.
" ދިރިއުޅުމުގައި ތަފާތު ކަންތައްތަކާއި ކުރިމަތިލާން ދަސްވި. ވަގުތު ރަނގަޅު ގޮތުގައި ބަހާލައިގެން ވަގުތަށް ކަންތައްތައް ނިންމަން ދަސްވި. ކުރިން ކަންތައްތައް ނުނިންމާ ތަންކޮޅެއް ފަސްކޮށްލެވޭ. އެކަމަކު މިހާރު އެކަންތައް ރަނގަޅު ކުރެވިއްޖެ. ސްކޫލުގައި ދަސްކޮށްދޭ ކަންތައްތަކާއި ލީޑަރސް ޕްރޮގްރާމް ތަފާތު. ދިގުމުއްދަތަކަށް އަމާޒުކޮށްގެން ކަންތައްތައް ހާސިލުކޮށް ލީޑަރަކަށްވުމަށް ކުރަންޖެހޭ ކަންތައްތައް މި ޕްރޮގްރާމްގައި ދަސްކޮށްދެނީ." ލީޑަރސް ޕްރޮގްރާމްގެ ޓެކް ޓީމުގެ ހެޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފާރިޒް ބުންޏެވެ.
ނިންމުން
ތ.ވިލިފުއްޓަށް އުފަން ފާރިޒް އާއި ގުޅޭގޮތުން އޭނާގެ މަންމަ ފަރުޝާ ފާރޫޤު މައުލޫމާތު ދިންގޮތުގައި އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކުން ވަރަށް ރަނގަޅު ކަންތައްތަކެއް ވަނީ ދަސްވެފައެވެ.
" ޕެންޑަމިކްތެރޭގައި ފުރަތަމަ ޕްރޮގްރާމްގައި ބައިވެރި ކުރީ. ސްކޫލަށް ނުގޮސް ތިބެންޖެހުނު ދުވަސްކޮޅަކަށް ވިއަސް ޕްރޮގްރާމްގެ ތެރެއިން ކުދިންނާ ޓީޗަރުންނާ ވާހަކަދައްކަން ފުރުސަތު ލިބުނު. ފާރިޒް ކުރިން ސްކޫލުގައި ބައިވެރިވަނީ ވަކި ކަންތައްތަކެއްގައި. އެކަމަކު މިހާރު ހުރިހާކަމެއްގައި ވެސް ބައިވެރިވާން ބޭނުންވާނެ. ކުޑައިރުއްސުރެ އިތުބާރާއިއެކު ކަންތައްތަކުގައި ބައިވެރިވާން ބޭނުންވާ ކުއްޖެއް. އެކަމަކު ސަރކްލްގެ ޕްރޮގްރާމްގެ ތެރެއިން އެކަން މާބޮޑަށް ރަނގަޅުވެއްޖެ." ފާރިޒްގެ މަންމަ މައުލޫމާތު ދިނެވެ.
ކުޑައިރުއްސުރެ މާލޭގައި ދިރިއުޅެމުން އަންނަ ފާރިޒްގެ އެންމެ ބޮޑު އަމާޒަކީ ކޮމްޕިއުޓިންގ ދާއިރާއިން އިލްމު އުގެނި އެދާއިރާއިން ކުރިއަށްދިއުމެވެ.
ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.