November 22, 2024 19:36
Advertisement

-Advertisement-

ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހައްލު ބޭނުންތަ؟

އެހެންމީހުން ހިނިތުން ކުރުވުމަކީ އަމިއްލަ ނަފްސަށް އުފާވެރިކަން ނުވަތަ ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ހަމަ އެފަދައިން ތިމާ އަމިއްލައަށް ހިތްވަރު ބޭނުންވާ ވަގުތުތައް ހަނދާނަށް އާދޭހެއްޔެވެ.  ކޮވިޑް-19ގެ ފަހުން ކުރިމަތިވެފައިވާ ގޮންޖެހުންބޮޑު މިފަދަ ދުވަސްވަރެއްގައި އަހަރެމެން އެންމެންނަކީވެސް ހިތްވަރު ބޭނުންވާނެ ބައެކެވެ. ކަންކަމާއި ކުރިމަތިލާ ދަތިހާލަތްތަކުން އަރައިގަތުމަށް އެކަކު އަނެކެއްގެ ފަރާތުން ހިތްވަރު ބޭނުންވެއެވެ. 

އެކަމަކު ހިތްވަރު އެންމެ މުހިންމުވާ އެއްބަޔަކީ ކުޑަކުދިންނެވެ. އެކުދިންނަކީ އަމިއްލަ އިހުސާސްތައް ބުނެދޭން ނޭނގި ބޮޑުވަމުން އަންނަ ބަޔެކެވެ. އެކުދިންނަށް އަމާންކަމާއި، ރައްކާތެރިކަން އިހުސާސްވާން ބޭނުންވާނީ ބެލެނިވެރިންގެ ފަރާތުންނެވެ. ކޮވިޑް-19ގެ ސަބަބުން ކުދިންގެ ސްކޫލު މާހައުލުގެ އުޅުމަށާއި ގުޅުންތަކަށްވެސް މިވަނީ ހިފެހެއްޓުންތަކެއް އައިސްފައެވެ.

އެހެންކަމުން މިހާރު ބެލެނިވެރިންނަށް މުހިންމީ ކުދިން ކުރާ ސުވާލުތަކާއި ބޭނުންވާ ކަންތައްތައް އަޑުއަހާ އެކުދިންނަށް ސަޕޯޓް ދިނުމެވެ. ކަންކަމުގައި ހިތްވަރު ދިނުމެވެ.

Advertisement

ދަރިންނަށް ހިތްވަރު ދެވިދާނެ ބައެއް ގޮތްތައް

  1. ދެކެވޭ ވާހަކަތަކުގައި ދަރިފުޅު ބައިވެރިކުރުން: މިސާލަކަށް ދުނިޔޭގައި ހިނގާ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކާލެވިދާނެއެވެ. އެވާހަކައިގެ ތެރޭގައި ކުދިން ބައިވެރިވާ ހިތްވެދާނެއެވެ. ބައެއްފަހަރު ސުވާލުވެސް ކުރާނެއެވެ. މިފަދަ ވާހަކަތައް ދައްކާއިރު ކުއްޖާގެ އުމުރާ ގުޅޭފަދަ މައުލޫއެއްގެ ވާހަކައަކަށްހެދުން މުހިންމެވެ.

2. ކަންކަމުގައި ހިތްވަރު އެލުވާލުނުލުމަށް ތަކުރާރުކޮށް ހަނދާންކޮށްދިނުން: ކަންކަމާއި ކަންބޮޑުވެގެން އުޅޭއިރު އެކަންކަމާއި އަޅާނުލާ ދޫކޮށްލައިގެން ނުވާނެއެވެ. ދަރިންގެ ސިކުނޑީގައި ވަކިގޮތަކަށް ކަމެއްވާނެ ކަމަށް ހިޔާލުކޮށްގެން ކުރަހާ ތަސްވީރަކާއި ހެދި ކަންބޮޑުވެގެން އުޅޭނަމަ އެކަން އެހެން ނުވާނެ ކަމަށް ބުނެ ހިތްވަރުދޭން ވާނެއެވެ. މިސާލަކަށް "މަންމައާއި ބައްޕައަށް ވަކި ދުވަހަކަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ޔަގީންކަމެއް ނުދެވޭނެ، އެކަމަކު ވީއެންމެ އަވަހަކަށް ކަންކަން ރަނގަޅު ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން މިތިބީ ތައްޔާރަށް." މިފަދަ އިބާރާތަކުން ދަރިފުޅަށް ހިތްވަރު ދެވިދާނެއެވެ.

3. ދަރިންނަށް ތައުރީފް ކުރުން: ތައުރީފު ކުރުމުން ކުޑަކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެއެވެ. "މަންމަ ދަރިފުޅާމެދު ވަރަށް ފަހުރުވެރިވޭ." މި ބަސްތައް އަޑު އިވިފައި ކޮންމެ މީހަކަށްވެސް ހިތްހަމަޖެހުން ލިބޭނެއެވެ. އެހެންނަމަވެސް މިއަށްވުރެ ކުރިއަށް ޖެހިލާށެވެ. ތަންކޮޅެއް ތަފްސީލުކޮށްލާށެވެ. ދަރިފުޅާ މުހާތަބުކޮށް ފަހުރުވެރިވަނީ ކީއްވެކަން، ކޮންކަމެއް ހާސިލުކޮށްގެންކަން ބުނާށެވެ. މިސާލަކަށް "މަންމަ ވަރަށް ފަހުރުވެރިވޭ ދަރިފުޅު ސްކޫލް މަސައްކަތްތައް ނިންމާލީމަ." މިހެން ބުނާށެވެ.

4. ދަރިންގެ ކިބައިގައިވާ ހަރުދަނާ ކަންކަން ފާހަގަކޮށް ގިނައިން ޝާމިލުކުރުން: އެކުދިންނަށް އެންމެ ރަނގަޅަށް ކުރެވޭ ކަންކަން ބަލާ އެކަންކަމުގައި ޝާމިލްކުރުމުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވާން ފަށައެވެ. އެކުދިންގެ ހަރުދަނާ ކަންކަމަށް އިސްކަންދީގެން ޕްރޮޖެކްޓްތައް ހަވާލުކުރާށެވެ. މިސާލަކަށް ދަރިފުޅަކީ ވަރަށް މޮޅު ކިޔުންތެރިއެއް، މީތި ކިޔާލަން އެހީވެދީފާނަން؟ އެހެންކުދިންނަށް މި ފޮތް ކިޔާލަދީފާނަންތަ؟" މިކަހަލަ ގޮތަކަށް ދަރިފުޅާ ވާހަކަ ދައްކާށެވެ. އެދަރިފުޅުގެ ކިބައިން ފާހަގަވާ ހަރުދަނާ ކަންކަން ބުނެދިނުމުން އެކުދިންގެ ކިބައިގައި އެހެން މީހުންނަށް ބޭނުން ހިފޭ އަގުހުރި ސިފައެއް ހުރިކަމަށް އެކުދިންނަށް އަމިއްލައަށް އިހުސާސް ކުރެވެންފަށާނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެއެވެ.


5. އަގުވަޒަން ކުރާއިރު އިނާމު ދިނުން: ކުޑަކުދިންނަށް ހިތްވަރުދިނުމުގައި އިނާމަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް އިނާމު ދިނުމުގައި ވަރަށް ސަމާލުވާން ޖެހެއެވެ. ބައެއް ފަހަރު އެކަށީގެންވާ މަސައްކަތަކާއި ނުލާ އިނާމު ދެވިއްޖެނަމަ ކުޑަކުދިންނަށް އޭގެ މާނަ އޮޅި އޭގެ މަގްސަދު ހާސިލްނުވާ ގޮތްވެއެވެ. ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން އަބަދު އިނާމު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިކަމުގައިވެސް ވަކި މިންވަރެއް ހިފަހައްޓަންވާނެއެވެ.

މިނޫންވެސް އެކި ގޮތްގޮތަށް ދަރިންނަށް ހިތްވަރު ދެވިދާނެއެވެ. މުހިންމު ކަމަކީ އެކުދިން ބާކީނުކޮށް އެކުދިންނަކީ މުހިންމު ބައެއްކަން އިހުސާސްކޮށްދީ އެކުދިންގެ ވާހަކަތައް އަޑުއަހާ ކަންކަމުގައި ހައްލު ހޯދައިދީ ހިތްވަރު ދިނުމެވެ. އަބަދުވެސް ގާތްކޮށްގެން ގެންގުޅުމެވެ.

ކުޑަކުދިންނަށް ހިތްވަރު ދިނުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރަށް ހުރިހާ ގޮތަކުންވެސް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ބައެކެވެ. ހިތްވަރު ލިބޭ ކުދިންނަކީ ސްކޫލުގައި މޮޅު ނަތީޖާ ހޯދާ ކުދިންކަމަށް ހޯދުންތަކުން ދައްކައެވެ. އަދި އެފަދަ ކުދިން ކުލަބު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުން އިތުރުކަމަށްވެއެވެ. އެހެން ދަރިވަރުންނާއި އާއިލާ މެންބަރުންނާ އޮންނަ ގުޅުންވެސް އެފަދަ ދަރިވަރުންގެ ރަނގަޅުކަމަށް ހޯދުންތަކުން ދައްކައެވެ.

 

މައުލޫމާތު: މެންޗެސްޓަރ ޓައިމްސް 

+1
1
+1
8
+1
4
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް