July 8, 2024 09:11
Advertisement

-Advertisement-

ކުޑަކުދިންގެ ބޯކޮށައިދިނުމަށް ދެކޮޅުހަދާ ސެލޫންތައް ގިނަވަނީ

މާލެ ސިޓީ އަކީ ކާރުބާރު ބޮޑު ކުޑަކުޑަ ޖާގަތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ އެތައްހާސް މީހުން ދިރިއުޅެމުން އަންނަ ތަނެކެވެ. މާލެ ސަރަހައްދަށް ހިޖުރަކުރުމަށް އަތޮޅުތެރޭގެ އެތައް ބަޔަކަށް މަޖުބޫރުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރަނގަޅު ސިއްހީ ޚިދުމަތެއް ލިބެނީކީއެއްނޫނެވެ. އެކަށީގެންވާ ވަޒީފާގެ ފުރުސަތެއް އޮތީކީއެއް ނޫނެވެ. ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ކުއްޖަކު ހުރިނަމަ މާލެއަށް ދިރިއުޅުން ބަދަލުކުރުން ނޫންގޮތެއް ނެތެވެ.

ހަމަމިފަދަގޮތަކަށް މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ މީހަކަށް ދިމާވެގެންއުޅޭ ކަމެއްގެ ވާހަކައަށް ބަލާލަމާ ހިނގާށެވެ. މިއީ ހަސަނުގެ ދެއަހަރުގެ ދަރިފުޅު ގޮވައިގެން ބޯކޮށަން ދިއުމުން ކަންތައް ދިމާވެގެން ދިޔަގޮތުގެ ވާހަކައެވެ.

ހަސަނުގެ ކުޑަދަރިފުޅު ގޮވައިގެން ހުޅުމާލޭގެ ފުރަތަމަ ފޭސްގައި ހުރި ބޯކޮށާތަނަކަށް ދިޔައީ ވަރަށް އަވަހަށް ބޯކޮށައިގެން ގެއަށް ދިއުމުގެ ބޭނުމުގައެވެ. ދަރިފުޅުގޮވައިގެން ސައިކަލުގައި ގޮސް އެންމެ ފުރަތަމަ ފެނުނު ސެލޫނަށް ދިޔައިރު ބޯކޮށަން އިނީ އެންމެ މީހެކެވެ. ވަރަށް އުފަލުންހުރެ ބޯކޮށަންހުރި ބިދޭސީމީހާ ގާތުގައި ދަރިފުޅުގެ ބޯކޮށައިދިނުމަށް އެދުމުން ދިންޖަވާބަކީ ކިޔޫގައި ދެމީހުން އެބަތިބިކަމަށެވެ. ނަމަވެސް އެތަނުގައި ކިޔޫގައި ތިބުމަށް ބަހައްޓާފައި ހުރި ގޮނޑިތައް ހުސްކޮށްހުރުމުގެ ސަބަބުން ސުވާލުކުރުމުން ބުނީ އެމީހުންވީ ބޭރުގައި ކަމަށެވެ.

Advertisement

އެހެންކަމުން އެއަށްވުރެން އަވަހަށް ބޯކޮށަން ބޭނުންވެފައި ހުރުމުން އޯކޭ ކަމަށް ބުނެ ދިޔައީ އެހެން ސެލޫނަކަށެވެ. އެސެލޫނުގައި ބޯކޮށައިދޭން ހުރި ބިދޭސީމީހާ ކައިރިން ބޯކޮށައިދޭން އެދުމުން ވަރަށްގިނައިރުވާނޭ ކަމަށް ބުނުމުން ދެންދިޔައީ އެހެން ސެލޫނަކަށެވެ. އެސެލޫނުގައިހުރި ބިދޭސީމީހާ ކައިރީގައިވެސް ދަރިފުޅުގެ ބޯކޮށައިދޭން ތަކުރާރުކޮށް އެދުމުން ލިބުނީ އެއްޖަވާބެކެވެ. ދެން ހަތަރުވަނަ ސެލޫނަކަށް ދިއުމުން ބުނީ މެންދުރު ކާގަޑިޖެހޭތީ ބޯކޮށައިދެވޭނީ ކައިގެން އައިސްކަމަށެވެ. ދެން މަޑުކުރަންވީތޯ ސުވާލުކުރުމުން ދިޔަސް އެންމެ ރަނގަޅުކަމަށް ބުނުމުން ދަރިފުޅުގޮވައިގެން މާޔޫސްވެފައި ހުރެ ދިޔައީ ގެއަށެވެ.

މިވީގޮތް ބެލުމަށް ކުރި މަސައްކަތް

ޖެހިގެން އައިދުވަހު އެންމެފަހުންދިޔަ ސެލޫނަށް އަމިއްލައަށް ބޯކޮށަން ގޮސް ބޯކޮށަންހުރި ބިދޭސީ މީހާ އާއި ސުވާލުކުރުމުން ބުނީ ކުޑަކުދިންގެ ބޯކޮށަން ބޭނުންނުވާކަމަށެވެ. "އަހަރެން މަސައްކަތްކުރަނީ ލާރިހޯދަން. ކުޑަކުދިން ބޯކޮށަން ވަރަށްގިނައިރު ހޭދަވާނެ. ބައެއްކުދިން ވަރަށްރޯނެ. ވަރަށްގިނަ ވަގުތު ހޭދަވާނެ. އެހެންވެ ކުޑަކުއްޖާ ބޯނުކޮށަނީ" އެމީހާ ބުންޏެވެ. އެހިސާބުން ކުޑަކުދިންގެ ބޯކޮށަން ބޭނުންނުވާ ސަބަބު ހަސަނަށް އެނގުނެވެ.

ކޮންމެ މީހަކީ އެމީހުންގެ ދަރިން ގޮވައިގެން އަގުބޮޑު ސެލޫންތަކަށްގޮސް ބޯކޮށޭނެ ވަރުގެ ބައެއް ނޫންކަމުން މިކަހަލަ ކަންކަން ދިމާވުމަކީ ވިޔަފާރިތަކަށްވެސް ގެއްލުންވާނެ ކަމެއްކަމުން ހަމަހަމަކަމާއެކު ބޯކޮށުމުގެ ޚިދުމަތް ދިނުމަށް އެތަންތަނުގެ ވެރިންވެސް ބާރުއެޅުމަކީ މިފަދަކަންކަން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމުގައި ދެކެމެވެ. ދެން އޮތީ އަމިއްލައަށް މިމަސައްކަތް ދަސްކުރުމެވެ. އެއިރުން އަމިއްލަ ދަރިފުޅުގެ ބޯކޮށުމަށް އެހެންމީހުން ކައިރީގައި އާދޭސް ކުރަން ނުޖެހޭނެތާއެވެ. އަދި ވަގުތު ސަލާމަތްވެ ރުފިޔާވެސް ރައްކާކުރެވޭނެއެވެ. 

+1
3
+1
1
+1
0
+1
1
+1
1
+1
0
+1
5

Advertisement

ގުޅުންހުރި ލިޔުންތައް