Advertisement
header ad
XeeTimesXeeTimes
ކޮފީއާއި ނިދީގެ އޮއިވަރު: ވަރުބަލި ފިލުވާލަން ބޯލާ ކޮފީތަށި ނިދީގެ ދުޝްމަނަކަށް

ކޮފީއާއި ނިދީގެ އޮއިވަރު: ވަރުބަލި ފިލުވާލަން ބޯލާ ކޮފީތަށި ނިދީގެ ދުޝްމަނަކަށް

ދުވަހުގެ މަސައްކަތްތަކާއި ޒިންމާތަކުގެ ބުރަކަމާއެކު، ހެނދުނު ތެދުވާ ވަގުތުން ފެށިގެން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ އެންމެ ގާތް އެކުވެރިއަކީ ހޫނު ކޮފީތަށްޓެކެވެ. ނިދި މަދުވުމުގެ ސަބަބުން ލޮލަށް ވެރިވެފައިވާ ބަރުކަން ފިލުވާލައި، ސިކުނޑި ތާޒާކޮށްލުމަށްޓަކައި ކޮފީއަށް ބަރޯސާވުމަކީ މިއަދުގެ އާދައަކަށް ވެއްޖެއެވެ. ނަމަވެސް، ދުވާލުގެ އެކި ވަގުތުތަކުގައި ބޯލާ މި ކޮފީތަށިތަކުގެ ސަބަބުން، ރޭގަނޑުގެ އަރާމު ނިދި ގެއްލި، ދުވަސް ނިމޭއިރުވެސް ނިދަން އުނދަގޫވާކަން އަޅުގަނޑުމެންނަށް އިހުސާސްކުރެވެއެވެ. ނަތީޖާއަކަށް ވަނީ، ރޭގަނޑު ރަނގަޅަށް ނުނިދުމުގެ ސަބަބުން އަނެއް ދުވަހުވެސް ވަރުބަލިކަމާއެކު ހޭލައި، އަނެއްކާވެސް އިތުރަށް ކޮފީއަށް ބަރޯސާވާން ޖެހުމެވެ. މިއީ ނިމުމެއް ނެތް ފަދަ އޮއިވަރެކެވެ. ކޮފީ ގިނަވުމުން ނިދި މަދުވެ، ނިދި މަދުވުމުން އަނެއްކާވެސް ކޮފީ ބޯން މަޖުބޫރުވާ ނިޒާމެކެވެ.

ކެފެއިން ސިކުނޑިއަށް އަސަރުކުރާ ގޮތާއި ނިދި ގެއްލޭ ސަބަބު

ކޮފީއާއި، ސަޔާއި، ޗޮކްލެޓް އަދި އެނާޖީ ޑްރިންކްސްގައި އެކުލެވޭ "ކެފެއިން" އަކީ އިންސާނާ ހޭލައްވައިދީ، ސަމާލުކަން އިތުރުކޮށްދޭ މާއްދާތައް އެކުލެވޭ ބުއިންތަކެއްކަމާއިމެދު ޝައްކެއްނެތެވެ. ނަމަވެސް، އޭގެ ސަބަބުން ހަށިގަނޑު ތުރުތުރުއެޅުމާއި، ބޮލުގައި ރިއްސުމާއި، ހާސްވުން ފަދަ ނޭދެވޭ އަސަރުތައް ކުރެއެވެ. ސްލީޕް ފައުންޑޭޝަންގެ 160,000 އަށްވުރެ ގިނަ މީހުންނާއި އެކު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މެންދުރުފަހުގެ ވަގުތުތަކުގައި ގަވާއިދުން ކެފެއިން ބޭނުންކުރާ މީހުންގެ ތެރެއިން 88 އިންސައްތަ މީހުންނަށް ނިދުމުގެ ކޮންމެވެސް މައްސަލައެއް ކުރިމަތިވެއެވެ.

Article - in content
Advertisement

ސައިންޓިފިކް ގޮތުން ބަލާއިރު، އަޅުގަނޑުމެން ހޭލާ ހުންނަ ވަގުތުތަކުގައި ސިކުނޑީގައި "އެޑިނޯސިން" (Adenosine) ނަމަކަށް ކިޔާ ނިދި ގެނެސްދޭ ކެމިކަލެއް އުފެދެމުންދެއެވެ. ދުވަސް ކުރިއަށްދާ ވަރަކަށް މި ކެމިކަލް ސިކުނޑީގައި އިތުރުވެ، ނިދި އަންނަ ގޮތް ވެއެވެ. ކެފެއިން ބޭނުންކުރުމުން ވަނީ ކިހިނެއްތޯއެވެ؟ ކެފެއިން ގޮސް ސިކުނޑީގައިވާ އެޑިނޯސިން ރިސެޕްޓަރުތައް ބަންދުކޮށްލައެވެ. މީގެ ސަބަބުން ވަރުބަލިކަން ފިލުވާލާ، ހޭލާ ހުންނަން ބާރުލިބެއެވެ. ނިދީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑަސްޓިން ކޮޓްލިއާ ފާހަގަކުރާ ގޮތުގައި، "ކެފެއިން ބޭނުންކުރުމުން ހަށިގަނޑަށް ތާޒާކަމާއި ހީވާގިކަން ލިބުނު ކަމުގައި ވިޔަސް، އެއީ ރޭގަނޑުގެ ފުރިހަމަ ނިންޖާއި އަރާމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަން ދެނެގަތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.."

ވަގުތީ ހަކަތައާއި ދާއިމީ ގެއްލުން

ކެފެއިން ބޭނުންކޮށްގެން ނިދި ފިލުވާލުމަކީ، އަތުގައި ފައިސާ ނެތިގެން ކްރެޑިޓް ކާޑަކުން ޚަރަދުކުރުން ފަދަ ކަމެކެވެ. ކްރެޑިޓް ކާޑުން އެ ވަގުތު ބޭނުންވާ އެއްޗެއް ގަނެވި، އުފާވެރިކަން ލިބުނު ނަމަވެސް، އެއީ އަސްލު އޭނާގެ އަތުގައި ހުރި މުދަލަކުން ގަތް އެއްޗެއް ނޫނެވެ. އެއީ ފަހުން އަނބުރާ ދައްކަންޖެހޭ ދަރަންޏެކެވެ. ހަމަ އެފަދައިން، ކޮފީތަށިން ލިބޭ ހަކަތައަކީ ހަށިގަނޑަށް ލިބޭ އަސްލު އަރާމެއް ނޫނެވެ. އެއީ ހަށިގަނޑުގެ ވަރުބަލިކަން ވަގުތީގޮތުން މަޑުޖައްސާލާ، ފަހުން ހަށިގަނޑަށް އިތުރު ލޮޑުކަމާއި ނިދީގެ ދަރަނި ބޮޑުކޮށްދޭ ކަމެކެވެ.

މިކަމަށް އިތުރަށް އަލިއަޅުއްވާލަމުން ޑރ. ޑަސްޓިން ކޮޓްލިއާ ފާހަގަކުރާ ގޮތުގައި، "ކެފެއިން ބޭނުންކުރުމަށްފަހު ނިދި ޖެހުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން ހަށިގަނޑަށް ލިބެންޖެހޭ އެންމެ ފުން، ފެންވަރު ރަނގަޅު ނިދި ނުލިބިދާނެކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ." އާދެ، ކެފެއިންގެ އަސަރު ހަށިގަނޑުގައި ހުންނަނަމަ، އަޅުގަނޑުމެންނަށް ނިދިފައި އޮތް ނަމަވެސް ސިކުނޑިއާއި ހަށިގަނޑު ތާޒާކޮށްދޭ "ޑީޕް ސްލީޕް" ނުވަތަ ފުން ނިދީގެ މަރުހަލާއަކަށް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު ނިދިން ހޭލާއިރުވެސް، އެއްވެސް އަރާމެއް ނުލިބި ވަރުބަލިކަމާއިއެކު ދުވަސް ފަށަން މަޖުބޫރުކޮށްދެއެވެ.

ކެފެއިން ހަށިގަނޑުގައި ހުންނަ މުއްދަތާއި ބައެއް މީހުން އިތުރަށް ނިދި އަންނަ ސަބަބު

ކެފެއިން ބޭނުންކުރާތާ ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި އޭގެ އަސަރު ފެންނަން ފަށައެވެ. އަދި އޭގެ އަސަރު ހަށިގަނޑުން މުޅިން ފިލައިގެން ދިއުމަށް 2 ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގައެވެ. މިއީ ކޮންމެ މީހެއްގެ ހަށިގަނޑުގެ ޖެނެޓިކްސްއާއި އާދަތަކަށް ބަލައި ތަފާތުވާ ވަގުތެކެވެ. މިސާލަކަށް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހަށިގަނޑުން ކެފެއިން ބޭރުވާ ސްޕީޑް 50 އިންސައްތަ އަވަސްވާއިރު، މާބަނޑު މީހުންގެ ހަށިގަނޑުގައި ކެފެއިން ހުންނަ މުއްދަތު ދެގުނައަށް އިތުރުވެގެންދެއެވެ. ހައިރާންވާންޖެހޭ ކަމަކީ، ބައެއް މީހުންނަށް ކޮފީ ބުއިމުން ހޭލުމުގެ ބަދަލުގައި އިތުރަށް ނިދި އަންނަ ގޮތް ވުމެވެ. މީގެ ސަބަބަކީ ދުވަހުން ދުވަހަށް ކެފެއިން ބޭނުންކުރުމުން ހަށިގަނޑު އެއަށް ހޭނި (ޓޮލަރެންސް އުފެދި)، އޭގެ ބާރު ކެނޑިގެން ދިއުމެވެ. އަދި ނިދި މަދުވުމުގެ ސަބަބުން ހަށިގަނޑު މާބޮޑަށް ވަރުބަލިވެފައި ހުންނަ ހާލަތްތަކުގައި، ކެފެއިންއަކަށްވެސް އެ ވަރުބަލިކަމެއް ފިލުވައެއްނުލެވެއެވެ.

ރައްކާތެރި މިންވަރާއި ތަކުރާރުވަމުންދާ މި އޮއެވަރުން ސަލާމަތްވާނެ ގޮތްތައް

މިކަމުގެ މާހިރުން ލަފާދޭ ގޮތުގައި، ބޮޑެތި މީހުންނަށް ދުވާލަކު ރައްކާތެރި މިންވަރެއްގެ ގޮތުގައި ބޭނުންކުރެވޭނީ ގިނަވެގެން 400 މިލިގްރާމްގެ ކެފެއިންއެވެ. ނަމަވެސް އަރާމު ނިދި ހޯދުމަށްޓަކައި، ނިދުމުގެ މަދުވެގެން 8 ގަޑިއިރު ކުރިން ކެފެއިން ބޭނުންކުރުން ހުއްޓާލަންޖެހެއެވެ. މިސާލަކަށް، ރޭގަނޑު 10 ޖަހާއިރު ނިދާ މީހަކު މެންދުރުފަހު 2 ޖެހުމަށްފަހު ކޮފީ ނުވަތަ ކެފެއިން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ. ކެފެއިން މަދުކުރަން ބޭނުންނަމަ، އެއްފަހަރާ ހުއްޓާލުމުގެ ބަދަލުގައި މަޑުމަޑުން މަދުކުރަމުން ގެންދިއުމުން ބޮލުގައި ރިއްސުމާއި ހާސްވުން ފަދަ ކަންކަމުން ސަލާމަތްވެވޭނެއެވެ.

ކޮފީއަށް ބަރޯސާވުމުގެ ބަދަލުގައި، ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށްޓަކައި ގުދުރަތީ ރަނގަޅު އާދަތައް ގެންގުޅެވިދާނެއެވެ. ހެނދުނު ހޭލުމާއެކު އިރުގެ އަލި ލިބޭ ތަނަކަށް ނުކުތުމަކީ ސިކުނޑިއަށް ދުވަސް ފެށުނުކަމުގެ ސިގްނަލް ދީ، ހަށިގަނޑު ހޭލައްވައިދޭ ކަމެކެވެ. މީގެ އިތުރުން، ގަވާއިދުން ކަސްރަތުކުރުމާއި، ކޮންމެ ރެއަކުވެސް އެއް ގަޑިއެއްގައި ނިދަން އާދަކުރުމަކީ ކެފެއިންއާ ނުލައިވެސް ހަށިގަނޑަށް އާ ހަކަތައެއް ގެނެސްދޭނެ ކަންކަމެވެ.

ނިންމާލަމުން ދަންނަވާނީ، ހޫނު ކޮފީތަށްޓަކީ ދުވަހުގެ ފެށުމަށް ލިބޭ ހިތްގައިމު މީރުކަމަކަށް ވިޔަސް، އެއީ އަޅުގަނޑުމެންގެ ނިދީގެ އަރާމު ފޭރިގަންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. ކެފެއިންއާއި ނިދީގެ މި ނުރައްކާތެރި އޮއިވަރުން ސަލާމަތްވެ، ހަށިގަނޑަށް ބޭނުންވާ ހަގީގީ އަރާމު ދިނުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަތުގައެވެ. މެންދުރުފަހުގެ ކޮފީތަށި ދޫކޮށްލައި، ގުދުރަތީ އަލިކަމާއި އަރާމު ނިދި އިޚްތިޔާރުކުރާނަމަ، ކޮންމެ ދުވަހަކުވެސް ހޭލާނީ ކޮފީގެ އެހީއަކާ ނުލައި، އަމިއްލަ ނަފްސުގެ ތާޒާކަމާއި ފުރިހަމަ ހަކަތައާއެކުގައެވެ.

މަސްދަރު: ދަ ސްލީޕް ފައުންޑޭޝަން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —