September 20, 2024 21:36
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޒަމްޒަމް ވަޅު ފެނުނުގޮތް

ޤުރައިޝުންގެ ތަރިއެއްކަމުގައިވަނީ ޤުޞައްޔުއެވެ. އެއީ ޤުރައިޝް ވަންހަ ސީދާކޮށް ފެށެނީ ޤުޞައްޔުޢާއި ހަމައިންކަމަށްވާތީއެވެ. ރަސޫލުﷲ ވަޑައިގަތީ ޤުޞައްޔުއަށްފަހު ފަސް ޖީލު ފަހުންނެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 400 ހާތަނުގައެވެ. ރަސޫލުﷲ ދުނިޔެ ވަޑައިގަތީ އޭގެ 170 އަހަރު ފަހުންނެވެ. ޤުޞައްޔުކުރެއްވި އެންމެބޮޑު ކަމަކީ މައްކާގެ ސިޔާސީ ވެރިކަން ޤުރައިޝުންނަށް ހޯއްދަވައިދެއްވުމެވެ. އޭގެކުރިން މައްކާގެ ވެރިކަން އޮތީ ޚުޒާއާ ވަންހައިގައެވެ. ޚުޒާއާ ވަންހައަކީވެސް ޢަދުނާނީ ދަރިކޮޅުން އައި ބައެކެވެ. އެކަމަކު އެމީހުންނަކީ ފިހުރުއާއި ގުޅުމެއް ހުރި ބައެއްނޫނެވެ. ޤުޞައްޔު ކުރެއްވި ދެވަނަ ކަމަކީ ދާރުއްނަދުވާ ބިނާކުރެއްވުމެވެ. މިއީ ޤުރައިޝުންގެ ރައްޔިތުންގެ މަޖިލިސްއެވެ. ޤުޞައްޔުގެ ތިންވަނަ ކާމިޔާބީއަކީ ގެފުޅުގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމެވެ. އެއަށްފަހު ގެފުޅު ބެލެއްހެއްޓުމުގެ ޒިއްމާތައް އެކިފަރާތްތަކާއި ހަވާލުކުރެއްވިއެވެ. އޭނާގެ ބޮޑު އަނެއް މަސައްކަތަކަށްވީ ޙާޖީންނަށް ހިލޭ މެހުމާންދާރީ އިންތިޒާމެއްގެތެރެއިން ހަމަޖައްސަން ފެއްޓެވުމެވެ. އޭނާ މިކަން ކުރެއްވީ އެކަމަށް ފައިސާ އެއްކުރައްވައި ނުވަތަ ފަންޑު ރެއިޒްކުރައްވައިގެންނެވެ. ޙާޖީންނަށް ފެން ދިނުމަށްޓަކައި ޤުޞައްޔު ވަޅެއްވެސް ކޮނުނެވެ. އެއީ އޭރު ޒަމްޒަމް ވަޅު ގެއްލިފައިވާތީއެވެ.

ޒަމްޒަމްގެއްލުނީ ޚުޒާއާއި ޖުރުހުމް ވަންހައިގެ މީހުން ކުރި ހަނގުރާމައިގައެވެ. ޖުރުހުމްގެ މީހުންނަށް އެމީހުން ބަލިވާނެކަން އެނގޭތީ ބަލިވެގެންދިޔައިރު ދުރާލާ އެމީހުން ހެދިގޮތަކީ ޒަމްޒަމް ވަޅު ވަޅުލުމެވެ. ނުވަތަ ހިލައާއި ގަލުން ބަންދުކޮށް ފޮރުވުމެވެ. ޒަމްޒަމް ފެނޭތޯ ޚުޒާއާ ތަންތަން ކޮނެ ވަރަށް މަސައްކަތްކުރިއެވެ. އެކަމަކުވެސް މިމަސައްކަތުން ނަތީޖާއެއްނުފެނުނެވެ. ޒަމްޒަމް ވަޅު ހުރިތަން ހޯދުނީ 300 އަހަރު ފަހުންނެވެ. ޤުޞައްޔު ވަޅުލެވުނީ މައްކާގެ ފުރަތަމަ ޤަބުރުސްތާން ހުޖޫންގައެވެ. މިހާރުވެސް މައްކާގެ އެންމެ ދުވަސްވީ ޤަބުރުސްތާނަކީ ޤުޞައްޔު ވަޅުލެވިފައިވާ ހުޖޫންއެވެ.

ޤުޞައްޔުގެ ދަރިކަލުންނަކީ ޢަބުދުއްމަނާފްއެވެ. މަނާފްގެ މާނައަކީ އުފުލިފައިވާ އެއްޗެވެ. އޭނާގެ އަސްލު ނަމަކީ މުޣީރާއެވެ. މަނާފް މަޝްހޫރުވެފައިވަނީ ރީތިކަމަށާއި ޒަޢާމަތަށެވެ. އޭނާގެ ލީޑަޝިޕް ވަރުގަދަކަމުން ޤުޞައްޔުގެ ދުވަސްވަރު މަނާފާއި އެކިޒިއްމާތައް ހަވާލުކުރެވުނެވެ. އެހެންވެ ޤުރައިޝުންގެ ލޯބި ލިބުނު ބޭކަލަކަށް އޭނާވިއެވެ.

Advertisement

ޢަބުދުއްމަނާފްގެ ދަރިކަލުންނަކީ ޙާޝިމްއެވެ. ބަނޫ ޙާޝިމް ފެށުނީ ޙާޝިމާއި ހަމައިންނެވެ. ޙާޝިމަކީ ނަމެއްނޫނެވެ. އެއީ އެކަލޭގެފާނުގެ ލަގަބެވެ. އެކަލޭގެފާނުގެ އަސްލު ނަމަކީ އަމްރުއެވެ. ޙާޝިމް މިބަސް އައިސްފައިވަނީ ޙަޝަމަ މިބަހުންނެވެ. މިބަހުގެ މާނަޔަކީ ފުނޑުމެވެ. ނުވަތަ މުގުރުމެވެ. ޙާޝިމް، ބާރުލީ މުގުރުމަށްފަހު ކާނާގެ ގޮތުގައި ޙާޖީންނަށް ދެއްވިއެވެ. ޙާޝިމަކީ ދީލަތިކަމަށް އަރާހުންނެވި ބޭކަލެކެވެ. ބުނެވޭގޮތުގައި އެކަލޭގެފާނު ދުވަހަކުވެސް ގިނިކަންޏާ ފަރިއްނުކުޅުއްވައެވެ. ޙާޝިމްގެ މައިގަނޑު މަސައްކަތަކަށްވީ ޤުރައިޝުން އިޤުތިޞާދީ ބާރަކަށް ހެއްދެވުމެވެ.

ރިހުލަތައްޝިތާއި ވައްސައިފި ޤާއިމްކުރެއްވީ ޙާޝިމްއެވެ. ހޫނު މޫސުމާއި ފިނި މޫސުމުގެ ވިޔަފާރި ދަތުރުތަކެވެ. ޢަރަބި ކަރައިގެ ސިލްކު ރޫޓުގެ ބާނީއަކީ ޙާޝިމްއެވެ. ބުނެވޭގޮތުގައި ޙާޝިމްގެ ހަޔާތްޕުޅުގައި ޤުރައިޝަށް ވަރަށްބޮޑު ތަދުމަޑުކަމެއް އައިސް މީހުން ބަނޑަށްޖެހި މަރުވާންފެށިއެވެ. އެހިސާބުން ޙާޝިމްއަށް ކުރެވުނު ބުއްދިއަކީ ދެމޫސުމުގައި ދެދިމާއަކަށް ވިޔަފާރީގެ ދަތުރު ފެށުމެވެ. ހޫނު މޫސުމުގައި އެމީހުން ވިޔަފާރިކަމުގައި ދަތުރުފެށީ ޝާމްކަރަ ހުރަސްކޮށް ރޫމީންނާއި ހަމައަށެވެ. ފިނި މޫސުމުގައި ވިޔަފާރި ދަތުރު އިންތިޒާމްކުރީ ޔަމަނަށެވެ.

ފިނި މޫސުމުގައި އުތުރަށް ކުރި ދަތުރުތަކުގައި އެމީހުން މަޑުކުރި އެއް ރަށަކީ ޝާމް ކަރައިގެ ބުސްރާއެވެ. މިއީ ދިމިޝްޤާއި އަށްޑިހަވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ޙާޝިމް މިއީޖާދުކުރެއްވި ސިލްކު ރޯޑުގެ ވިޔަފާރިއާއިބެހޭގޮތުން ޣައިރު މުސްލިމުންވެސް ގިނަ ޢަދަދަކަށް ލިޔެފައިވެއެވެ. ޤުރައިޝުން ބަނޑަށް ޖެހިފައިވަނިކޮށް މިލިބުނު ތިޔާގިކަމުގައި ޙާޝިމް ވަރަށް މުއްސަނދި ބޭކަލަކަށްވިއެވެ. ޤުރައިޝުންނަށް ﷲ މިދެއްވި ބޮޑު ނިޢުމަތުގެ ވާހަކަ ކީރިތި ޤުރްއާނުގެ ޤުރައިޝް ސޫރަތުގައި ﷲ ވަޙީކުރައްވައެވެ.

ޤުރައިޝް ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ.

ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވިކަމަށްޓަކައެވެ.

ފަހެ މިގެފުޅުގެ ވެރި ރަސްކަލާނގެއަށް އެއުރެން އަޅުކަންކުރާހުށިކަމެވެ.

އެކަލާންގެއީ، ބަނޑުހައިހޫނުކަމުގައިވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައިވަނިކޮށް އެއުރެންނަށް އަމާންކަން ދެއްވި ރަސްކަލާނގެއެވެ.

ޙާޝިމް ގަބޫލުކުރެއްވިގޮތުގައި އެމީހުން ޤުރައިޝުންނަށްވުމާއި އެމީހުންނަކީ މައްކާގެ އަވަށްޓެރިންނަށްވުމުން އެމީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް އޮންނާނެއެވެ. އެއީ އިލާހީ ކަމެކެވެ. މިކަން މެދުވެރިވަނީ އެމީހުންގެ މާތްކަމުންނެވެ. އެމީހުން ބަލަހައްޓާ ކަޢުބާގެ މާތްކަމުންނެވެ. އެއްވެސް ބަޔަކަށް އެމީހުންނަށް ގެއްލުމެއް ނުދެވޭނެއެވެ. ޙައްޖުގެ އަޅުކަމަށް އައި މީހުންނާއި ވިޔަފާރި ދަތުރުތައްކުރި މީހުންވެސް މިގޮތަށް ވިސްނައި ޤުރައިޝުންނަށް ކަމެއްކުރާން ޖެހިލުންވެ ފަސްޖެހުނެވެ.

ޙާޝިމަށް ލިބިވަޑައިގެންނެވި މުއްސަނދިކަމުގެ ސަބަބުން އެކަލޭގެފާނުގެ އަޚު ޢަބުދުއްޝަމްސްއާއި އޭނާގެ ދަރިކަލުން އުމައްޔަ ޙާޝިމަށް ހަސަދަވެރިވެވަޑައިގަތެވެ. މިކަމުން އުފެދުނު ވާދަވެރިކަން ޒަމާންތަކަކަށް ދެމިގެންދިޔައެވެ. އެގޮތުން ބަނޫ ޙާޝިމާއި ބަނޫ އުމައްޔަގެ ވާދަވެރިކަން ޢައްބާސީންނާއި އުމައްޔަދާއި ހަމައަށް ދިޔައެވެ.

ޙާޝިމް ވަރަށް ގިނަ ކަނބަލުންނާއި ކައިވެނި ބައްލަވައިގަތެވެ. މިއީ ޢަރަބީންގެ މެދުގައި އެދުވަސްވަރު އޮތް އާދައެކެވެ. ވަކިން ޚާޢްޞަކޮށް ނަސަބާއި ހަސަބުން އަރާތިބި ބޮޑުންގެ މެދުގައެވެ. ރަސޫލުﷲ ގެ ހުރިހައި ކާފައިކަލުންނަކީ ގިނަ ކަނބަލުންނާއި ކައިވެނިކުރެއްވި ބޭކަލުންނެވެ. ޙާޝިމްގެ އެއް އަނބިކަނބަލަކީ މަދީނާގެ ބޭކަނބަލެއްކަމުގައިވާ ސަލްމާއެވެ. އެއީ ރަސޫލުﷲ ގެ މުނި މާމައެވެ. އެކަމަނާއަށް ލިބިވަޑައިގެންނެވި ބެއިކަލަކީ ޢަބުދުލްމުއްޠަލިބުއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނާއި ބޭބެއިންގެދަރި ބޭކަލުން އަންޞާރީންގެތެރޭގައި ތިއްބެވިއެވެ. އޭގެތެރޭގައި އަބޫ އައްޔޫބު އަލްއަންޞާރީ ހިމެނެއެވެ.

ޙާޝިމް އަވަހާރަވީ ވިޔަފާރި ދަތުރެއްގައި ޣައްޒާއަށް ދަތުރުކުރައްވަނިކޮށެވެ. ޣައްޒާގައި ހުންނަ މަސްޖިދު އައްސައްޔިދު ޙާޝިމްއަކީ އެކަލޭގެފާނަށް ނިސްބަތްވާ މިސްކިތެކެވެ. ޣައްޒާއަށް ބައެއްފަހަރު ޣުއްޒަތުއްޙާޝިމްއޭވެސް ބުނެއުޅެއެވެ. އެއީ އެކަލޭގެފާނު ޣައްޒާގައި ވަޅުލެވިފައިވާތީއެވެ.

ޢަބުދުލްމުއްޠަލިބަކީ މަދީނާއަށް އުފަން ބެއިކަލެކެވެ. އެއީ އެކަލޭގެފާނުގެ މައިކަމަނާ ސަލްމާ މަދީނާގެ ކަނބަލަކަށްވާތީއެވެ. މައްކާއާއި މަދީނާއަކީ އެދުވަސްވަރު މާބޮޑެތި ގުޅުންތަކެއްހުރި ރަށްތަކެއްނޫނެވެ. އެކަމަކު މުއްޠަލިބުގެ މައިކަމަނާ މަދީނާއަށްވުމުން ރަސޫލުﷲ ދެރަށާއި ގުޅުންހުރި ބެއިކަލަކަށްވިއެވެ. ރަސޫލުކަމުގައި އެކަލޭގެފާނު ހިޖުރަކުރައްވާނެ ރަށަކަށް މަދީނާވުމަކީ ﷲ ގެ މަތިވެރި ރޭއްވެވުމެވެ. އެރޭއްވުމުގެ ތެރެއިން އެކަލޭގެފާނުގެ ޢާއިލާ އޮތްތާކަށް މަދީނާވިއެވެ.

ރަސޫލުﷲ ގެ ކާފައިކަލުން ޢަބުދުލްމުއްޠަލިބުގެފާނުގެ އަސްލު ނަންފުޅަކީ ޝައިބަތު އަލް ޙަމްދުއެވެ. ޝައިބާއަކީ ނުރަ އިސްތައްޓެވެ. ބައެއްފަހަރު ކުދިން އުފަންވާއިރު ބޮލުގައިވެސް އެފަދަ ހުދު އިސްތަށިކޮޅުހުރެއެވެ. ޢަބުދުލްމުއްޠަލިބުގެ އިސްތަށިފުޅުގައިވެސް އެކަހަލަ އިސްތަށިކޮޅެއްހުރިއެވެ. އެހެންވެ އެކަލޭގެފާނަށް ކިޔުނީ ޙަމްދު ލިބިގެންވާ ނުރަކޮޅެވެ.

ޢަބުދުލް މުއްޠަލިބަށް ބަލިވެއިންނަވަނިކޮށް ޙާޝިމް އަވަހާރަވިއެވެ. ޢަބްދުލް މުއްޠަލިބުގެ މައިކަމަނާ އެކަން ޙާޝިމްގެ ދަރިކޮޅަކަށް ނާންގަވައެވެ. އެއީ ދަރިކަލުން މައްކާއަށް ގެންދަވާނެކަމުގެ ބިރުފުޅުގައެވެ.  ޢަބުދުލް މުއްޠަލިބު ތުއްޕުޅުއިރު އެކަލޭގެފާނުގެ ބޮޑުބޭބެއަކު މަދީނާއަށް ދަތުރުކުރެއްވިއެވެ. މިދަތުރުގައި ޢަބްދުލްމުއްޠަލިބުފެނުމާއެކު އެއީ އެކަލޭގެފާނުގެ ލޭކަމުގައި ވިދާޅުވި އެކުއްޖާގެ ވަނަވަރު ހޯއްދެވިއެވެ. އެއަށްފަހު އެއީ ޙާޝިމްގެ ދަރިކަލެއްކަން އެނގިވަޑައިގަތުމުން ސިއްރުރޭވުމެއްގެ ދަށުން އެކުއްޖާގޮވައިގެން މައްކާއަށް ފިއްލެވިއެވެ.

ޢަބްދުލް މުއްޠަލިބުގެ ބޮޑުބޭބެ މައްކާއަށް އެނބުރި ވަޑައިގަތުމުން މީސްތަކުން ހީކުރީ އެކަލޭގެފާނު ގެންނެވި ތުއްތުކުއްޖާއަކީ ބައްލަވައިގަތް އަޅެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުގެ ބޮޑުބޭބެ ފެނުމާއެކު މީސްތަކުން ގޮވަންފެށީ 'އޭ މުއްޠަލިބު އަތުގައި އަޅަކު އެބައޮތް' މިފަދައިންނެވެ. ޙަޤީޤަތުގައި މުއްޠަލިބަކީ އެކަލޭގެފާނުގެ ބޮޑުބޭބެއެވެ. ޢަބްދުއަކީ އަޅުއެވެ. މިހާހިސާބުން އެކަލޭގެފާނުގެ ނަންފުޅަކަށްވީ ޢަބުދުލް މުއްޠަލިބުއެވެ.

ޢަބްދުލް މުއްޠަލިބުކުރެއްވި މައިގަނޑު މަސައްކަތްޕުޅަކީ ޤުރައިޝުންނަށް ޢިއްޒަތާއި ޝަރަފް ހޯއްދަވައިދެއްވުމެވެ. އެކަލޭގެފާނުގެ ވެރިކަމުގައި މައިގަނޑު ތިންކަމެއް ހިނގިއެވެ. އެއީ ޒަމްޒަމް ވަޅު އަލުން ހޯއްދަވުމާއި ދަރިކަލުން ޢަބުދުﷲ ޤުރްބާންކުރައްވަން ނިންމެވުމާއި އަބުރަހާ އެތް ގޮވައިގެން ގެފުޅު މުގުރާން އައުމެވެ.

ޢަބްދުލް މުއްޠަލިބަށް ޒަމްޒަމް ވަޅު ހޯއްދެވުނީ ﷲ އެކަލޭގެފާނަށް ވަޅުހުރިތަން ހުވަފެނުން ދެއްކެވުމުންނެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި ޒަމްޒަމް ހުރިތަން ފެނިވަޑައިގަތުމުން އެކަމާ އަޅުއްވައެއްނުލެއްވިއެވެ. އެކަމަކު ތަކުރާރުކޮށް އެހުވަފެންފުޅު ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ ހުރި ހަމައެކަނި ދަރިކަލުން އަބޫ އަލްހާރިޘްގޮވައިގެން ވަޅުކޮންނެވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. މިކަމާ ޤުރައިޝުން އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަކުރިއެވެ. އެއީ ހަތަރު ސަތޭކަ އަހަރު ވީއިރުވެސް ނުހޯދުނު ވަޅެއް ހޯދަން އެކަލޭގެފާނު ބިން ކޮންނަވަން ފެށުމުންނެވެ.

ކޮންމެއަކަސް އެކަލޭގެފާނު ބިންގަނޑު ކޮންނަވަން ޖެހިތާކުން ފެން އަރަންފެށިއެވެ. އެހިސާބުން ޤުރައިޝުން އެތަނަށް އެއްވެ ޒަމްޒަމް ވަޅުގެ މިލްކުވެރިކަމަށް ދައުވާކުރާންވެސްފެށިއެވެ. ރައްދުގައި އެކަލޭގެފާނު ވިދާޅުވީ ވަޅު ހޯއްދެވީ އެކަލޭގެފާނުކަމަށާއި އެހެންކަމުން ވަޅު ޙައްޤުވަނީ އެކަލޭގެފާނަށް ކަމަށެވެ. ވަޅުގެ އަރައިރުންބޮޑުވެ ތަޅާފޮޅާ ހިސާބަށް ގޮސްފައިވަނިކޮށް ޢަބުދުލްމުއްޠަލިބު ﷲ އަށް ދުޢާއެއްކުރެއްވިއެވެ. އެދުޢާގައި އެކަލޭގެފާނު ދެންނެވީ އެކަލޭގެފާނު ދިފާއުކުރަން އެކަލޭގެފާނަށް ދިހަ ފިރިހެން ދަރިން ދެއްވައިފިނަމަ އޭގެތެރެއިން އެއްދަރިކަލުން ﷲ އަށް ޤުރްބާން ކުރައްވާނެކަމަށެވެ.

އެންމެފަހުން އެކަލޭގެފާނަށް ބާރަ ފިރިހެން ދަރިކަލުންނާއި ހަ އަންހެން ދަރިކަނބަލުން ލިބިވަޑައިގަތެވެ. އެންމެ ދޮށީ ދަރިކަލަކީ ޙާރިޘްއެވެ. އަބޫ ޠާލިބާއި ޒުބައިރާއި ޢަބުދުﷲ އަކީ ވަކި ބަނޑެއްގެ ތިން ބެއިކަލުންނެވެ. ޢައްބާސްއާއި ޟިރާރުއަކީ އެހެންބަނޑެއްގެ ދެބެއިކަލުންނެވެ. ޙަމްޒާއާއި މުޤައްވަމްއާއި ޙަޖްލްއަކީވެސް އެހެން ބަނޑެއްގެ ތިން ބެއިކަލުންނެވެ. އަބޫ ލަހަބަކީވެސް ވަކި ބަނޑެއްގެ ބެއިކަލެކެވެ.

ޢަބުދުލްމުއްޠަލިބުގެ އަންހެން ދަރިކަނބަލުންނަކީ ޞަފިއްޔާއާއި ޢާތިޤާއާއި އުއްމު ޙަކީމްއާއި އުމައިމާއާއި ޢަރުވާއާއި ބައްރައެވެ. ޞަފިއްޔާ އިސްލާމްވިއެވެ.

ޢަބުދުލްމުއްޠަލިބު އެކަލޭގެފާނުގެ ވަޢުދުފުއްދެވުމަށްޓަކައި ޢަބުދުﷲ ގޮވައިގެން ގެފުޅު ކައިރިއަށް ވަޑައިގަތެވެ. އެއީ ދަރިކަލުން ގުރްބާންކުރެއްވުމަށްޓަކައެވެ. އެއީ ދަރިކަލުންގެ އުމުރުން ގާތްގަނޑަކަށް ސޯޅަ ނޫނީ ސަތާރަ އަހަރެވެ. ޢަބުދުﷲ ގުރުބާންނުކުރެއްވުމަށް އެދި ޤުރައިޝުން އެކަލޭގެފާނަށް ދެންނެވިއެވެ. އެންމެފަހުން މީސްތަކުންގެ އެދުމަށް ކަހީނެއްކައިރިން ލަފާ ހޯއްދަވައިގެން ޢަބުދުﷲ ގެ ބަދަލުގައި ސަތޭކަ ޖަމަލު ކަތިލަން ނިންމެވިއެވެ. މަރުގެ ދިޔައަކީ ސަތޭކަ ޖަމަލުކަމުގައި ބަލަންފެށުނީ މިހިސާބުންނެވެ.

ނުނިމޭ... 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
3
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް