October 6, 2024 11:20
Advertisement

-Advertisement-

މަސްތުވާތަކެތި ހުއްޓުވުން: ޒުވާނުން ހެޔޮމަގަށް ގެނައުމަށް ބޭނުންވަނީ ހިތްވަރުދީ އެހީތެރިވާނެ ބައެއް!

އެއީ ހުނަރުވެރި ޒުވާނެކެވެ. ސްކޫލު ދުވަސްވަރު ކިޔެވުމަށް ވަރަށް މޮޅެވެ. ލިޔުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރުގެ އިތުރަށް ކުޅިވަރުގައިވެސް ހަރަކާތްތެރި ޒުވާނެކެވެ. ޒުވާން އުމުރަށް އައިއިރުވެސް އެއީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެގެންދާނެ ޒުވާނެއްކަމަށް އެކަކުވެސް ގަބޫލު ނުކުރެއެވެ.

ސްކޫލު ނިންމުމަށްފަހު ވަޒީފާއެއް އަދާނުކޮށް އެހޭދަވި މުއްދަތުގައި މި ޒުވާނާއާއި ދިމާވި ރައްޓެހިންތަކެއްގެ ސަބަބުން މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނީއެވެ. ކުރިން ދިރިއުޅުނު ރަނގަޅު އާދަތައް ހަނދާންނެތި މުޅި މީހާ ގެއްލި ހުސްވީއެވެ. ރައްޓެހިންނާއި ޖެހި އަތުގައި އަޅާ ގަޑިއަށް ދަންދެން ވިއްކާލީ ވަގުތީ އުފަލަށެވެ.

މިހާހިސާބަށް ދިއުމުން މައިންބަފައިންނަށް ގޮތް ހުސްވިއެވެ. ދަރިފުޅަށް ފަރުވާ ދެވޭތޯ އަވަސްވެގަތީއެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރިހިބިލިޓޭޝަން ސެންޓަރ ތަކުގައި އޮތީ ދިގު ކިއުއެވެ. މިއިން ދުވަހަކުވެސް އެތަނަކުން ޖާގަ ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ލޯބިވާ ދަރިފުޅު ރަނގަޅުވޭތޯ ދުޢާކޮށްކޮށް ހުރި މަންމައަށް ގޮތް ހުސްވިއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މިދަރިފުޅު ގޮވައިގެން ދިރިއުޅެން އުދަގޫވާ ހާލަތަށް ކަންތައް ދާންފެށިއެވެ. ގޭގައި ހުރި އަތުގައި ޖެހުނުހާ އެއްޗެހި ވިއްކާ ހުސްކޮށްލީ ލޯ ކުރިމަތީގައެވެ. އެންމެފަހުން ފައިސާ ދޭން އެދި ބިރުދައްކަންފެށީ އާއިލާގެ މެންބަރުންނަށެވެ. މިއީ އެންމެ ޒުވާނެއްގެ ވާހަކަ ކަމުގައިވިއަސް މިބިރުވެރި ތަޖުރިބާ ކުރަމުންދާ އެތައް ޒުވާނުންނާއި ގިނައަދަދެއްގެ އާއިލާ މިދިވެހި ބިމުގައި އެބަތިއްބެވެ.

Advertisement

ރިހިބިލިޓޭޝަން ފަރުވާ ފަސޭހައިން ލިބެން ހުންނަން އެބަޖެހެއެވެ. ކުށުގެވެށިން އެނބުރި އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު މަގުފަހިކޮށްދިނުމަކީ ސަރުކާރުގެވެސް ޒިންމާއެކެވެ. ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ.ވެލިދޫ އަދި ލ. އަތޮޅުގައެވެ.

" މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ". މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރިހިބިލިޓޭޝަން ފަރުވާ ފަސޭހައިން ހަމަޖެހުމަކީ އެތައްބައެއްގެ އުއްމީދާއި ގުޅިފައިވާ ކަމެކެވެ. މިފަރުވާއަށްފަހު މުޖުތަމައަށް އެނބުރި އަންނަ މީހުން ރަނގަޅަށް މޮނީޓަރ ކުރެވެންޖެހެއެވެ. އެފަދަ މީހުންނަށް އަންނަ ހެޔޮ ބަދަލު ފާހަގަކޮށް ހިތްވަރުދޭބަޔަކަށް މުޖުތަމައު ވާންޖެހެއެވެ. އުމުރުން ވަކިހިސާބެއްގައި މަސްތުވާތަކެތި ބޭނުންކުރިއަސް އެއީ ދާއިމީކަމެއްގެ ގޮތުގައި 'ލޭބަލް' ނުކޮށް އެކަމުން އަރައިގަންނަން އެހީތެރިވާންވީއެވެ.

އަޅުގަނޑުމެންގެ ޒުވާން ޖީލުގެ އެތައްބަޔަކުވަނީ މި ވަބާގެ ޝިކާރައަކަށް ވެފައެވެ. ޅަދަރިންނާއި އަނބިން އެކަނިވެރިވެ ހާލުގައި ޖެހިފައިވާ އެއް ސަބަބަކީވެސް މި ނުބައި ވަބާއެވެ. އެންމެން ގުޅިގެން މަސައްކަތްކުރަންވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށް ފަސޭހައިން މިފަދަ ބާވަތްތައް ލިބޭނެ ގޮތް ހުއްޓުވުމަށެވެ. ފަސޭހައިން ލިބެން ނެތްނަމަ އެ ބޭނުންކުރާ މީހުންގެ މިންވަރު މަދުވާނެއެވެ. މިވަބާ މުޖުތަމައިން ނައްތާލާ ޒުވާނުން ހެޔޮމަގަށް ގެނައުމަށް ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމުގެ ބޭނުން ރަނގަޅުގޮތުގައި ހިފަން ޖެހެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް