މާބަނޑު ދުވަސްވަރަކީ ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ދުވަސްވަރެކެވެ. ޚާއްސަކޮށް ފުރަތަމަ 3 މަސްދުވަހު އާދަޔާޚިލާފަށް ބަލިވެއުޅޭ މީހުން ވަރަށް ގިނަ އެވެ. ބަލިވެއިނުމުން އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އަދި މި އެހީތެރިކަން ނުލިބޭނަމަ ދެރަވެ ހިތާމަކުރެވޭ ފަހަރުވެސް އާދެއެވެ.
ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް އާދަޔާޚިލާފު ބަދަލުތަކެއް އާދެއެވެ. މީގެތެރޭގައި ހޮޑުލެވި ވަރުބަލިވެ ނުތެދުވެވޭ މީހުންވެސް އުޅެއެވެ. ކުޑަކުދިންތަކެއް ގޮވައިގެން އެކަނި ގޭތެރޭގެ ކަންތައްތައް ކުރަންޖެހިއްޖެނަމަ މާބަނޑުދުވަސްވަރު އެއުފުލާ ބުރަ ދެގުނަ އިތުރުވެގެންދެއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާވަރަށް އަރާމުނުކުރެވި ވަރުބަލިކަން އިހުސާސް ކުރަންޖެހޭތީއެވެ.
މިދުވަސްވަރު ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެންނަންޖެހެއެވެ. ބަދަލުވަމުންދާ ހަށިގަނޑާއި ބަނޑުގައިވާ ދަރިފުޅަށް ބޭނުންވާ މާއްދާތައް ލިބޭނީ ފައިދާހުރި ކާނާ ކެއުމުގައި ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އުޅެންޖެހޭ ހާލަތުން މިކަމަށް ސަމާލުކަން ނުދެވޭ މީހުން ގިނައެވެ.
" އަޅުގަނޑު އުޅެނީ ދެކުދިން ގޮވައިގެން ފިރިމީހާއާއެކު އެކަނި. އެކަމަކު ބަނޑުބޮޑުވުމުން ކުރިން ކައްކައި އުޅުނުގޮތަށް ނުކެއްކޭ. އާދައިގެ އެއްޗެއް ކައްކާފަ އަބަދު ކާންދޭންޖެހޭތީ ދެރަވޭ. އެކަމަކު އެހީތެރިވާނެ އިތުރު މީހެއް ނެތްއިރު ފިރިމީހާއަށް ރަނގަޅަށް ކައްކާފަ ކާން ނުދޭކަމުގެ ޝަކުވާ އަޑުއިވުމުން ވަރަށް ދެރަވޭ". މާބަނޑުމީހަކު އޭނަގެ ހިތުގެ އުދާސްތައް ހިއްސާކުރިއެވެ.
މިއީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. ޚާއްސަކޮށް އަންހެނުންގެ ފަރާތުން ފާޑުކިޔުން އަމާޒުވުމުން އެއީ އިންތިހާއަށް ދެރަވާކަމެއްކަމަށް ބުނާ މީހުން އުޅެއެވެ.
" އަޅުގަނޑު ދިރިއުޅެނީ ފިރިމީހާގެ ގޭގައި އެއާއިލާއާއެކު. ބަނޑުބޮޑުވެގެން ފުރަތަމަ ދުވަސްވަރު ކާއެއްޗެއްގެ ވަސްޖެހުނަސް ހޮޑުލެވޭ. އެހެންވެ ގޭގައި އާންމުކޮށް ކައްކާގަޑީގައި ބަދިގެއަށް ނުވަދެވޭތޯ ބަލަނީ. މިގޮތަށް ކަންތައްކުރެވުމުން އާއިލާތެރޭގައި މައްސަލަޖެހެންފެށީ. އެހެން މީހުން ކައްކާފަ އަޅުގަނޑަކީ ހަމައެކަނި ކާން ހުންނަ މީހެއްގެ ގޮތުގައި ބުނަންފެށީ". މިވެސް މާބަނޑުމީހަކު ކިޔައިދިން ވާހަކައެކެވެ.
މާބަނޑު ދުވަސްވަރު އެކިމީހުން ބަލިވަނީ އެކި މިންވަރަށެވެ. ބައެއްމީހުންނަށް އެ 9މަސް ދުވަސް ފަސޭހަވިއަސް އަނެއްބައި މީހުންނަށް އެއީ ވަރަށް ބަލިކޮށް އުޅެންޖެހޭ ދުވަސްތަކަކަށްވުމުން އާންމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ކުރަން ފަސޭހަނުވެ އެހެންމީހުންނަށް ބަރޯސާވެވޭވަރު ބޮޑުވެއެވެ. އަދި މިދުވަސްވަރު އެހެން މީހުން ކަންތައްކުރާ ގޮތުން ހިތްދަތިވެ އެކަމުގެ ޝަކުވާ ފިރިމީހާއަށް ކުރެވޭވަރު ގިނަވެ ދެމަފިރިން ދެމެދުގައި މައްސަލަޖެހޭ ފަހަރުވެސް އާދެއެވެ. ވިސްނަންވީ މިދުވަސްވަރަކީ އަންހެނުންގެ މިޒާޖަށް ބަދަލުއައިސް ހަމަނިދި ނުލިބި ތަދުތަކާއި ވަރުބަލިކަމުގައި ހޭދަވާ ދުވަސްތަކެއްކަމެވެ. ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމެވެ. އުފާވެރި ހަޔާތެއް ވޭތުކުރަން ބޭނުންނަމަ ފިރިމީހާގެ ލޯތްބާއި އަޅާލުން އިންތިހާއަށް މިދުވަސްވަރު ދޭންޖެހެއެވެ. އަދި ދެފަރާތުގެ ލޯތްބާއި އެހީތެރިކަން މާބަނޑުމީހާއަށް ދިނުމަކީ ސިއްހަތު ރަނގަޅު ދަރިއަކު ލިބޭތޯ އެ ދެމަފިރިން ކުރާ މަސައްކަތަށް ވެވޭ އެހީތެރިކަމެކެވެ.