October 6, 2024 11:20
Advertisement

-Advertisement-

އިންޑިއާސިފައިން ދިވެހި މަސްދޯނިތަކުގައި ހަރަކާތްތެރިވަނީ

އިންޑިއާގެ ސިފައިން ދެކެ ބިރު ނުގަންނާނެކަން ދިވެހި މަސްވެރިން ދަނީ ސާބިތުކޮށްދެމުން!

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އަރަމުން ދަނީ ގަވާއިދާއި ޚިލާފަށް ހަތިޔާރާއިވެސް އެކުގައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަސުރުމާ 3، ނިރު 7، އަދި މާހޯރަ 3 ދޯންޏަށް އިންޑިއާ ސިފައިން އަރައިގެން ހަރަކާތްތެރިވި މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އިންޑިއާގެ ސިފައިންގެ މީހަކު ދިވެހި މަސްދޯންޏެއްގައި ހަތިޔާރާއެކު ހަރަކާތްތެރިވަނީ

މިފަދަ ވީޑިއޯ ތަކުން ފެންނަމުން ދަނީ ދިވެހި މަސްވެރިންގެ ހިތްވަރެވެ. ސާބިތުކަމާއެކު ދެމިތިބީއެވެ. އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ދޯނީގައި ހުރި މީހަކު ދެއްކި ވާހަކައިގައި ފާހަގަކޮށްފައިވެއެވެ. " އެމީހުން ކައިރީގައި ބުނޭ ރާއްޖޭގެ ކޯސްޓްގާރޑުން ބުންޏޭ ގަވާއިދާއި ޚިލާފަށޭ ތިތިބީ ދޯންޏަށް އަރައި. އަހަރެމެން ދޯންޏަކަށް ނެއެރޭނޭ އަހަރެމެންގެ ހުއްދަނެތި ރާއްޖޭގެ ސަރަހައްދުގައި އޮތްވައެއް. ފުރަތަމަ ގަވާއިދާއި ޚިލާފަށޭ ދޯންޏަށް އަރައި ތިތިބީ" މިގޮތަށް ފާހަގަކުރިއިރު ވީޑިއޯ ގައި ފެންނަމުން ދިޔައީ ކައިރީގަ އޮތް ދޯންޏަށް އިންޑިއާ ސިފައިން އަރައި ހަރަކާތްތެރިވި މަންޒަރެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ އިންޑިއާގެ މަނަވަރެއްގައި ތިބި ސިފައިންތަކެއް ވަނީ "މާހޯރަ 3" ނަމަކަށް ކިޔާ ދޯންޏަކަށްވެސް އަރާ ބިރުދައްކާފައެވެ.

Advertisement

" މާހޯރަ 3 ދަތުރުކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައި. މި މައްސަލަ ވަނީ ދޯނީގެ ވެރިފަރާތުން ރިޕޯޓްކޮށްފައި". ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން " އެކްސް" ގައި ލިޔެފައިވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުން ހިއްސާކޮށް ވަނީ ބަޔާނެއްވެސް ނެރެފައެވެ. " މި ޖަމްއިއްޔާގެ މެންބަރު 3 ދޯންޏަކަށް ބޭރު ގައުމެއްގެ އަސްކަރީން އިއްޔެގެ ވަގުތެއްގައި އަރާ ބިރުދައްކައި މުވާސަލާތު ކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް މަސްވެރިކަން ކުރުމަށް ހުރަސްއެޅުމަކީ މިޖަމްއިއްޔާ އިން އިންތިހާއަށް ކަންބޮޑުވާ އަދި ނުރައްކާތެރި އަމަލެއްގެ ގޮތުގައި ދެކޭ ކަމެއް. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން ބޭރުގެ ބޯޓް ފަހަރު މަސްވެރިކަން ކުރުން އިންތިހާއަށް އިތުރުވަމުން ދިއުމަކީވެސް ނުހަނު ބޮޑު ކަންބޮޑުވުމެއް. މި ފުރުސަތުގައި ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިވެހި މަސްކަނޑުތައް އިތުރަށް ބަލާ މޮނީޓަރ ކުރުމަށް ސަރުކާރަށް ގޮވާލަން". ފެބުރުއަރީ 1 ވަނަ ދުވަހު ނެރުނު މި ބަޔާނުގައި ވެއެވެ.

އިންޑިއާ ސިފައިންގެ މީހަކު ދިވެހި މަސްދޯންޏެއްގައި

ދިފާޢީ ވުޒާރާ އިން ވެސް ވަނީ މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ. " މިދިޔަ މަހުގެ 31 ވަނަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫގެ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައި ތިބި މައުލޫމާތު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު، އެމްއެންޑީއެފް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއްގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ޝަހީދު އަލީ"، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ރީޓާސްކްކުރެވި އެސަރަހައްދަށް ދިއުމަށް ދަތުރު ފެށުނު. އަދި ކޯސްޓްގާޑުގެ އުޅަނދު އެ ސަރަހައްދަށް ގޮސް އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏާއި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވުނު. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ދިއުމުން އިތުރު 2 މަސްދޯންޏަކަށްވެސް ބޭރުގެ އަސްކަރިއްޔާއިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު. އަދި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިޔާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑު ޝިޕް 253 އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުން ކަން ކަށަވަރު ކުރެވުނު" ދިފާޢީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޯށް ހިންގި އޮޕަރޭޝަންގެ ތަފްސީލް ދެއްވުމަށް ދިވެހިރާއްޖޭގެ ޚާރީޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި މިމަހު 1 ވަނަ ދުވަހު ވާނީ ރަސްމީކޮށް ދަންނަވާފައިކަމަށްވެސް ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ މަނަވަރެއް ދިވެހި މަސްދޯނިތައް ކައިރީގައި

" ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ނަފާހޯދުމުގައި ދިވެހި މަސްވެރިން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް ދަންނަވަން. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އަދި ޚާއްސަ އިޤްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް މާތް ﷲ ގެ ވާގިފުޅާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނޭޅި ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަން" ދިފާއީ ވުޒާރާގެ ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކަށް ހަތިޔާރާއެކު ވަދެވިގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާ މީހުން ދަނީ ގިނަވަމުންނެވެ. އަދި ދިވެހި މަސްވެރިންގެ ހިތްވަރަށް ސާބަސް ދޭ މީހުން ދަނީ ގިނަވަމުންނެވެ. ސޯޝަލް މީޑިއާގައި ފާހަގަކޮށްފައި ހުރި ޚިޔާލުތަކުން ވެސް އެނގިގެން ދަނީ މަސްވެރިން ތިބީ ފަސްނުޖެހި މަސްވެރިކަން ކުރުމުގައި ކުރިއަށްދާ ގޮތަށް ކަމެވެ. މަސްވެރިން ތިދައްކާ ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ! 

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް