July 8, 2024 10:36
Advertisement

-Advertisement-

ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ރޯދަ ހަދިޔާދޭނެ- ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ރިޔާސީ ބަޔާން 2024 ހުށަހަޅުއްވައިދެއްވީ މިއަދު ބެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ބަރަކާތްތެރި ރަމަޟާން މަސް އިރާދަކުރެއްވިއްޔާ ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

" އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ. އެއަށްފަހު އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން" ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ދަނީ ކުރެވެމުން ކަމަށް ފާހަގަކުރެއްވިއެވެ.

Advertisement

ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށާއި މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް މިސަރުކާރުން ފަށައިފައިވާ ކަމަށް ވިދާޅުވިއެވެ.

" ދިވެހީންގެ އިޖްތިމާޢީ ދިރިއުޅުމުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވަނީ އަލުން އުފައްދާފައި. މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފިން. ސަރުކާރު ހިންގުމާ ޙަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފިން. ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައި. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި އިރާދަކުރެއްވިއްޔާ ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދޭނަން. މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުސަތު ދެވޭނެ". ރައީސް ވިދާޅުވިއެވެ.

 ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވަނީ ޤާއިމުކޮށްފައި ކަމަށް ވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ފާހަގަކުރެއްވިއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް