ދަތުރުފަތުރުގެ ޚިދުމަތުގެ އިތުރުން، ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް މިއަހަރު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރައްވާނެ ކަމަށެވެ.
" މިގޮތުން، ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު ކުރިޔަށްމިއޮތް މާރިޗު މަހުގައި އިރާދަކުރެއްވިއްޔާ ދޫކުރަން ފަށާނަން. މީގެތެރެއިން %25 ޚާއްޞަކުރެވިގެންދާނީ ކަނބަލުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް. އަންހެނުން އިޤުތިޞާދީގޮތުން ބާރުވެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން "ހަމަހަމަކަން ކަށަވަރު" ނިޝާން ނުވަތަ "ޖެންޑަރ އިކުއޭލިޓީ ސީލް"ގެ ނަމުގައި ނިޝާނެއް ވަނީ ތަޢާރަފް ކުރެވިފައި. ހުރިހާ އުމުރުފުރައެއްގެ ހުރިހާ ގިންތިއެއްގެ ދިވެހީންނަށް ވެސް އާމްދަނީގެ ފުރުޞަތުތަކާ ވަޒީފާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުފައްދައިދޭނަން". ރައީސް ވިދާޅުވިއެވެ.
ދިވެހީންނަށް ވަޒީފާ އަދާކުރަން އޮތް ފުރުޞަތު ފަހިކުރުމުގެ ގޮތުން މިހާރުވެސް ވާނީ، ދިވެހީންނަށް އެކަނި ވަޒީފާ އަދާކުރެވޭނެ 22 ދާއިރާއެއް ކަނޑައަޅާފައެވެ. އަދި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައި ކަމަށްވެސް ވިދާޅުވިއެވެ.
" މިހުރިހާ މަސައްކަތެއްގެ އަމާޒަކީ، ރައްޔިތުންނަށާ، މުޅި ދައުލަތަށް ވެސް ތިޔާގިކަން އިޢާދަކުރުން. ދަރަނި ދަންތުރައިން ސަލާމަތްވުން. ސިޔާސީގޮތުން އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއްކަމުގައި ވިޔަސް، ކެރިފޯރުންތެރިކަމާ އިޤްތިޞާދީ ފުދުންތެރިކަން ނެތި ޙަޤީޤީ މިނިވަންކަމެއް ޙާޞިލެއް ނުވާނެ" ރައީސް ވިދާޅުވިއެވެ.