May 13, 2024 21:28
Advertisement

-Advertisement-

ފަލަސްތީނުގެ އާދޭސް: ރުއިމުގެ އަޑު ނީވެނީ ކޮންފަދަ ގިލަންވެރިކަމެއް ޖެހިގެން ހެއްޔެވެ؟

ތިބާގެ ހިތްވަނީ ހަރުވެ ހިލަވެފައެވެ. އެއްވެސް ދިރުމެއް ތިޔަ ހިތަކުނެތެވެ. ކިލަނބުވެ ހިތުގެ އަލިކަން ފިލައި ދިޔައީ ކޮންއިރަކު ހެއްޔެވެ. އަހަރެންގެ ރުއިމުގެ އަޑު ތިބާ އަށް ނީވެނީ ކަންފަތަށް ކޮންފަދަ ގިލަންވެރިކަމެއް ޖެހިގެން ހެއްޔެވެ. ވޭނީ އުދާހުގެ ކަނޑެއްގައި އަހަރެން ކަރުނަ އޮހޮރާތާ ހަތްދިހައަހަރަށް ވުރެން ގިނަވީއެވެ. އަހަރެންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ބުރިކޮށް ހުނިލީ މަހަށް ހަދަމުން ދާތަން ތިބާ އަށް ނުފެންނަނީ ހެއްޔެވެ. އަހަރެންގެ ލެއިން އުފަންކުރި ހުރިހާ ދަރިންނެއް ބިކަވެ މަގުތަކުގެ މަތީގައި ނިކަމެތި ފަނި ފަކުސާތަކެއްހެން އެނބުރެމުން އެތިބަ ދަނީއެވެ. ވަންނާނޭ ގެއެއް، އޮށޯންނާނެ އައްޓެއް، ކާލާނޭ މީރު މޭވާ އެއް ނެތެވެ. ފިނިން ރައްކާތެރި ވާނޭ ކެހެރީގެ ހެނދުމެއް ނުލިބި އަތްފައި މިވަނީ ފިނިވެ ހަރަކާތް ނުކުރެވޭ ވަރަށް ގަނޑުވެފައެވެ. މި ހިތާމައިގައި އަހަރެން ތިބާގެވެސް އާއިލާގެ މެންބަރެއްގެ ގޮތުގައި އުމުރު ހޭދަ މިކުރަނީ އެހީތެރިކަމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ކުލަނުޖެހޭ މިހުވަފެން ބަލަން އަހަރެން ދެމި އޮންނަން ޖެހޭނީ ކިހާދުވަހަކު ކަމެއް ބުނަން ވެސް ނޭނގެއެވެ.

އަނިޔާވެރި ޔަހޫދީން އަހަރެންގެ ދަރިންނަށް ކުރަމުންދާ އަނިޔާ ނިކަން ދެބަލާށެވެ. ކުޑައެއް ބޮޑެއްނެތި މަރަމުން އެތިބަދަނީ އެވެ. ދުނިޔޭގެ އެހެން އިންސާނުން ފަދައިން އަހަރެންގެ ދަރިންނަށް ވެސް ދުނިޔޭގައި އުޅުމުގެ ހައްޤަކީ ކަށަވަރު ކަމެކެވެ. އެހެނަސް އަހަރެންގެ ދަރިންގެ ކިބައިން މިކަން ފޭރިގެންދާއިރު ބަލަން ހަމަ ހެވިފައި ތިޔަ އޮންނަނީއެވެ. ބަހެއް ބުނެނުލާތާ އަހަރެންގެ މަތީން ހަނދުމަ ކޮއްލީން ހެއްޔެވެ. ތިބާފަދައިން އަހަރެން ވެސް މިއީ ހަމަ އެންމެ މާތް ކުރެއްވި މަޚްލޫޤުގެ މައިމީހާއެވެ. އިތުރަށް ރޮއި އާދޭސް ކުރާނެ ހިތްވަރެއް، އިތުރަށް މި ލޮލޮން އޮހޭނެ ކަރުނައެއް ނެތެވެ. ކަރުނަ ހުސްވެ މުޅި ދެލޯ މިވަނީ ހިކިވެ ކުރަލާފައެވެ. ވާނީ ވެސް އެހެންތާއެވެ. ހަތްދިހަ އަހަރު ފައިބާނޭ ކަރުނައެއް އަހަރެންގެ ލޮލޮން އުފައްދާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ލޮލުގެ ކަރުނައިގެ ހަޔާތްނިމި ކުރަ އުފައްދާ ހަޔާތް ފެށުނީއެވެ. އަހަރެންގެ ދެލޯވެސް ގުނަމުން ދަނީ މުސްކުޅި އުމުރުގެ ދުވަސްތަކެވެ. އަހަރެން ބަލިކަށިވެ މުޅީން މިލާލައިފި އެވެ. އަދިވެސް އަހަރެންނަށް ކުރަމުންގެންދާ އަނިޔާތަކަށް އެއްވެސް ނިމުމެއް ނާދެއެވެ. އަނިޔާވެރި ކަމުގައި ޖީލެއް ކަމުން ހުސްކުރަމުން އެތިބަދަނީ ވިހަގަދަ ޔަހޫދީންނެވެ.

ރަހްމެއްނެތް ޔަހޫދީން އަހަރެމެންނަށް ކުރާއަނިޔާތައް މިނެކިރާނެ ގޮތެއް މިދުނިޔެއަކު އޮންނާނެހެނެއް ޤަބޫލެއް ނުކުރެވެއެވެ. އެބައިމީހުން އެވަރު އަހަރެމެންނަށް ކުރަނީ އެމީހުންގެ ބިމެއްކަމަށް ދައުވާ ކުރާތީ އެވެ. މިކަން ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. ތިޔަ ޔަހޫދީ ބައިގަނޑު މިދުނިޔެއަށް ނޭވާ ނުލާއިރުވެސް އަހަރެންނަކީ މި ބިމުގައި ދިރިއުޅެމުން ގެންދިޔަ އުފާވެރި އާއިލާ އެކެވެ. ތިޔަބައިގަނޑަކީ މިތަނަށް އެއްވެސް އުސޫލެއްނެތި ވަދެގަނެގެން އުޅޭ ގޮތެއްނެތް ބައިގަނޑެކެވެ. ބޮޑެތި ބޮމާއި ތޫނު ވަޒަން ފޮނުވާ ބަޑިން އަހަރެމެންގެ ކުށެއްނެތް މީސްތަކުން މަރަމުން ތިޔަދަނީ ކޮންފަދައަކުން ލިބިގެން އުޅޭބާރެއްގެ ސަބަބުން ހެއްޔެވެ. ބާރުވެރި ކަމަށް ދައުވާ ކުރިޔަސް ތިޔައީދެން ބޮޑުވަރެކެވެ. ރޯމާ ދުވާލު މައިންބަފައިން ކުރިމަތީ ދަރީން، ދަރީން ކުރިމަތީ މައިންބަފައިން މަރަމުން ހެމުން ތިޔަ އުޅެނީ ތިޔަ ހަރު ހިތްތަކުގައި އެއްވެސް އޯގާތެރިކަމެއް، ކުޑަނަމަވެސް ހަމްދަރުދީއެއް ނެތީމާކަން މިހާރު މުޅި ދުނިޔެވެސް ޤަބޫލު ކޮށްނިންމައިފި އެވެ.

Advertisement

އޭތް ދުނިޔޭގެ ބާރުތަކާއެވެ!. ވަރުވަރުން ކިޔަވައިގެން ތިބި މީހުންނާއި، މޭމަތި ފުރެންދެން ބެޖްތައް ޖަހައި ގޭގޭގެ މަތާރަން ފިލާތައް ފުރެންދެން އައްޑަނަތައް ހިފައިގެން ތިބި މީހުން އެބައިމީހުން ލިޔުނު ފޮތް ބޮނޑިތަކުގެ އެތަކެއް ސަފްހާތަކެއް ފުރާ ބަޔާން ތަކާއި ޤަވާއިދުތައް ލިޔެ އަށި އަށިމައްޗާއި، ފޮށިގަނޑުގަޑު ފުރިއްޖެއެވެ. ކިޔާލާނޭ ބަލާލާނޭ ލޮލެއް، ފޮތް ހުޅުވާލާނޭ ބާރެއް ލިބިފައިވާ އެއްވެސް މީހަކު މިހާރު ހުރިހެނެއް ހިއެއްނުވެއެވެ. ދޫތަކުގެ ހަރަކާތް މިވަނީ ހުއްޓުވާލާފައެވެ. މިކަމަށް އެއްބާރުލުން ދޭނެ ވެރިޔަކު ހުރިނަމަ މިވަނީ އެމީހެއްގެ ދުވަސް ފުހެލާފައެވެ. ވަސްވެސް މިދުނިޔެއިން ނައްތާލާ މުޅިން ވެއްޔަށް ހަދައިލާފައެވެ. ދުނިޔެ އަހަރެމެންނަށް ބުނެދެމުން އަންނަނީ ތައުލީމާއި، ތަރައްޤީ އަދި އިންސާނުންގެ ބުއްދި ކުރިއަރާދިޔަވަރަކަށް އިންސާފާއި ހަމަހަމަ ކަން ޤާއިމުވެ ސާފު ސީދާ ދިރިއުޅުމަކަށް މަގުފަހިވާނެ ކަމެވެ. އެހެނަސް މި އަދު މިފެންނަނީ ގޮތެއް ނެތް ޔަހޫދީ ބައިގަޑު ޖަހާލަތުގެ އަދިރި ކަމުގައި ދުނިޔެ އޮތްއިރު މީސްތަކުންގެ ވިސްނުން ހުރި މިންވަރަށް ކޮށިވެ ގައުވެފައިވާ ތަނެވެ. ލަދެއް ހަޔާތެއްނެތި މީހުންގެ ބުރަމަސައްކަތުން އިމާރާތް ކުރި ރީތީ ބިނާތައް ބިމާހަމަކޮށް ތިޔަލަނީ ބުއްދީގެ އެއްވެސް ބޭނުމެއް ހިފަން ނޭނގޭ މޮޔައިންތަކެއް ފަދައިންނެވެ. ﷲ މި ބިންމަތީ ޚަލްޤު ކުރެއްވި އެންމާތް މަޚްލޫޤުގެ ކަރާމާތަށް ނުބަލައި މުޅި އުންމަތް މިވަނީ ބިކަޖައްސާފައެވެ. ބޮންބަޑި އަމާޒު ކޮށްލާކަށް ވަކި ވަގުތެއް ސާއަތެއް ނޯވެއެވެ. ކާއެއްޗަކަށް ދަހިވެފައިވާ ވަލުޖަނަވާރެއްހެން ތިޔަ ޖެހިގަންނަނީ ވިސްނުމެއް ނެތީމާކަން ކަށަވަރެވެ. ތިބައިމީހުން ކުރަމުން ތިޔަގެންދާ ގޯނާ ބަލަން ރައްބުލް ކާއިނާތު އަހަރެމެންނާއި އެކުގައި ވާކަން ހަނދާން ބަހައްޓާށެވެ. އިލާހުގެ ދަރުބާރުގައި ތިޔަބައިމީހުންނަކަށް ނިވަލެއް ނުވެއެވެ. ދަންނާނެވެ. އެދުވަހާ ތިޔަ ބައިގަނޑު ބައްދަލު ކުރަން ޖެހޭނެ ކަން ކަށަވަރެވެ.

ދުނިޔޭގެ އެއްވެސް ކަމަކީ ދާއިމަށް އޮންނާނެ ކަމެއް ނޫނެވެ. އަހަރެމެންގެ އުންމީދު އޮތީ މިކަމަށް އެދިގޮވަގޮވައެވެ. ކޮންމެ އަނދިރި ރޭގަނޑަކަށް އުފާވެރި ފަތިހެއް ލިބޭފަދައިން އަދި ނިޔާމަ ދިރިއުޅުމެއް އަހަރެންގެ ލޯބިވާ ދަރިންނަށް ވެސް ލިބޭނޭ ކަމާއި މެދު އެއްވެސް ޝައްކެތް ވަސްވާހެއް ނެތެވެ. ޔަހޫދީ ބައިގަނޑު ބަލިވެ، މައިދާނުން ފިލަން ދާނޭ ކަމާއި މެދަކު ޝައްކެތް ނުކުރަމެވެ. ނަމަވެސް  އަދި އަހަރެންގެ ހިތާމައަކީ ވަށައިގެންވާ އާއިލާ މިކަމާއި އިހުމާލު ވެފައިވާ މިންވަރެވެ. އެކުވެރިކަމަކީ އުއްދަނޑި ބަދައެއް ފަދަ ކަމެކޭ ބުއްދިވެރީން ބުނެއުޅޭނީ އޭގައި ވަރަށް ބޮޑު ހިކުމަތެއް ވާތީއެވެ. އަހަރެމެންގެ އުންމަތް ވެސް އެފަދަ އެވެ. އުންމަތުގެ މިޘާލަކީ އެއް ހަށިގަނޑެއް ކަމުގައި ނަބަވީ އިރުޝާދުގައިވެސް ބުނެދެއްވާފައި އޮވެއެވެ. އެހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އަޅާނަމަ މުޅިހަށިގަނޑަށް ވޭނުގެ އަސަރު ކުރެއެވެ. އަހަރެންގެ އާދޭހަކީ މި ފުންހިތާމައިން ނަޖާވާނޭ މަގު އަލި ކުރުމަށް ޔަހޫދީ ބައިގަނޑު ބަލިކުރުމަށް ތެދުވުމެވެ. ފިނިހަކަ ދުވެލީގައި ދުވެލަ ދުވެލާ ނުތިބޭށެވެ. އަތްމަތި ހަލުވިކޮށް ޔަހޫދީ ބައިގަނޑުގެ ކިބައިން އަހަރެންގެ ލޯބިވާ ދަރީން ސަލާމަތް ކޮށްދިނުމަށް އަވަސްވެ ގަންނާށެވެ. އިސްލާމީ އުންމަތަކީ ފަތަހަ ކުރުމުގެ ފަޚްރު ލިބިގެންވި ބައެކެވެ. އެތަކެއް ޤައުމުތަކެއް ފަތަހަކޮށް މިފަދަ އެތަކެއް ބައިގަނޑު ފަހަތަށް ޖައްސާލި ހިތްވަރުގަދަ އުންމަތެވެ. ފަލަސްތީނަށްޓަކައި އަޒްމު އާކޮށް މާތްވެގެންވާ އަލްއަޤްސާ ހިމާޔަތް ކުރަމާ ހިނގާށެވެ. މިއީ މިއަދު ފަލަސްޠީނުގެ ރައްޔިތުންގެ އާދޭހެވެ!

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
5

Advertisement

ގުޅުންހުރި ލިޔުންތައް