May 13, 2024 06:11
Advertisement

-Advertisement-

ތިބާގެ މުހިންމު ވަގުތުގެ ބޭނުން ކުރަނީ ކިހިނެއްތޯއެވެ!

ތިބާގެ ހަޔާތުގެ މުހިންމު ވަގުތާއި މެދު ފުންކޮން ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ. މިކަމާއި މެދު ވިސްނާ ފިކުރުކޮށްލި މީހަކަށް ވަގުތު ފާއިތުވެގެންދާ ބާރުމިން އިބުރަތުން ފުރިގެންވާ ފިލާވަޅެއްހެން ދަސްވެގެންދާނެއެވެ. އެހެނީ ފާއިތުވެގެންދާ އެއްވެސް ވަގުތަކީ ދެން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ތިބާގެ ހަޔާތުގައި ލިބިފައިވި އަގުހުރި ވަގުތު ހެޔޮގޮތުގައި ބޭނުން ހިފާ އުފާވެރި މީހަކަށް ވުމަކަށް ނޭދެމުހެއްހެވެ. ތިމާ އަށާއި، މުޖުތަމައަށް ފައިދާ ކުރާނެ އެތަކެއް ކަންކަން ލިބިފައިވާ މުހިންމު ވަގުތުގެ ތެރޭގައި ކޮށް ޖަމާއަތަށް ފައިދާ ހުރި މީހަކަށް ވުމަށް ތިބާގެ މުހިންމު ވަގުތުތައް ހެޔޮގޮތުގައި ބޭނުން ކުރެވިދާނެ އެވެ. މިކަމަކީ ތިބާ މިކަމާމެދު ވިސްނައިފިނަމަ އުނދަގޫ ކަމަކަށް ނުވާނެއެވެ. މިކަމާއިމެދު އަމިއްލަ ޒަމީރަށް ތަކުރާރުކޮށް ސުވާލު ކުރަމާ ހިނގާށެވެ. ތިބާގެ މުހިންމު ވަގުތުތައް ބޭނުން ކުރެވޭނީ ކިހިނެއްތޯ ވިސްނާލަމާހެއްޔެވެ.

ދުވަސް ފެށުމާއިއެކު ތިބާގެ ވަގުތު ބަހާލާނެ ގޮތުގެ ތާވަލެއް ސިކުނޑީގައި ކުރަހާލާށެވެ. އަމިއްލަ ނަފްސަށް ދޭނީ ކިހާ ވަގުތެއްކަން ކަނޑައަޅާ އެކަންކަން ކުރާނީ ކިހިނެއް ކޮން ގޮތަކަށްކަން ވިސްނާލާށެވެ. މިސާލަކަށް ހެނދުނު ހޭލުމާއިއެކު ކުރާނީ ކޮންކޮން ކަމެއްކަން ވިސްނާލުން މުހިންމެވެ. ތިމާގެ އަމިއްލަ ނަފްސުގެ ސާފުތާހިރު ކަމަށް ވަގުތުކޮޅެއް ދިނުން މުހިންމުހެއްޔެވެ. ނޫންނަމަ މިކަން ފަހަށް ބަހައްޓާނީ ހެއްޔެވެ. ގޭތެރޭގެ މަސައްކަތް ފެށުމުގެ ކުރިން ތިމާގެ ސާފުތާހިރު ކަމަށް ކުރެވެން ހުރި ކަންކަން ކޮށްލުމުން ހިތަށްފިނިކަމެއް ލިބިގެންދާނެއެވެ. ގިނަފަހަރަށް އަމިއްލަ ހަށިގަނޑަށް ތިބާ ކޮށްދެންޖެހޭ ކަންކަން ނުކޮށް ދޫކޮއްލުމުގެ ސަބަބުން ފަހުން އެކަމުގެ ހިތާމަ ކުރަން ޖެހޭނީ މަދެއްކޮށް ނެއްނޫނެވެ. ފެންވެރުމާއި، ބޯ ފުނާ އެޅުން ވެސް މުހިންމު ކަމަށް ނުވާ ފަހަރު އާދެއެވެ. ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅޭއިރު ދުވަސް ނިމިގެންދާއިރުވެސް ކުޑަމިނުން ފެންވަރާލާނެ އަވައްޖެއްވެސް ނުވެދާނެ އެވެ. ކުޑަކަމެއް ކަމުގައި މިކަން ހީވެފައި އޮތަސް މިއީވެސް ހަމަ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތިބާގެ ނަފްސަށް ތިބާ ނުކުރި ގަދަރެއް އިހްތިރާމެއް ކުރާނެ ދެވަނަ ފަރާތެއް ދެން ނުހުންނާނެއެވެ.

މުނިފޫހި ފިލުވުމަށް ކުރަން ބޭނުންވާ ކަންކަމަށްވެސް ވަކިމިންވަރެއް ކަނޑައަޅާށެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ހޭދަކުރުމުގައި ތަރާޒް ހެޔޮވަރުކޮށް ގެންގުޅޭށެވެ. މިޒަމާނުގެ ގިނަކަންކަން މިހުންނަނީ ފަސޭހަކޮށް ކުރެވިދާނެހެން ނަމަވެސް ވިސްނާނުލާ މަޝްޢޫލު ވެއްޖެނަމަ ވައިރޯޅިއެއްހެން ވަގުތު އަރައިގެން ހިނގައިދާނެ ގޮތަކަށެވެ. މިކަމުގެ މިސާލަކީ މީސްމީޑިއާގެ ވަސީލަތްތަކެވެ. ފޫހި ފިލުވައިލުމަށްޓަކައި މީސްމީޑިއާގެ އަވައިގާ ޖެހިއްޖެނަމަ ވަގުތުތައް ހޭދަވެގެންދާ ގޮތްވެސް ހަމަ ނޭނގެއެވެ. ހުސްވުމެއްނެތް ޕްރޮގްރާމް ތަކެވެ. މުޅިދުވަހު މިކަމުގައި ހޭދަކުރިޔަސް ހުސްވާކަށް ނެތެވެ. އެފްބީ އާއި އިންސްޓަރގްރާމެވެ. ސްނެޕްޗެޓާއި ކްލަބް ހައުސްތަކެވެ. ވައިބަރ ގުރޫޕްތަކާއި ޔޫޓިއުބެވެ. ކޮންމެ އެއްޗަކުންވެސް ފެންނަނީ ހަމަ ހިތް އުފާކޮށްދޭނެ ހަރަކާތްތަކެވެ. ފޮޓޯ އަކަށް ފަހު ފޮޓޯ އެކެވެ. ވީޑިއޯ އަކަށް ފަހު ވީޑިއޯ އެކެވެ. މިހުންނަނީ ހައްތަހާވެސް ވިސްނާނުލައިފިނަމަ ތިބާގެ މުހިންމު ވަގުތު ބޭކާރު ވެގެންދާނެ ފަދަ ކަންކަމެވެ. ވަގުތު ބޭކާރު ނުކޮށް ކޮންމެވެސް އުފެއްދުންތެރި  ކަމަކާއި މެދު ވިސްނަމާތޯއެވެ. ކުރަން ބޭނުންވާ ކަމަކަށް ވަގުތު ކަނޑައެޅުމުގައި ތަރަހައިން ބޭރު ނުވާފަދަ ގޮތަށް ވަގުތުތައް ތަރުތީބު ކޮށްލަމާތޯއެވެ. މިފަދަ ކަންކަމާމެދު ވިސްނާ ތިމާގެ އަގުނުކުރެވޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް އަޒުމް ކަނޑައަޅަމާހެއްޔެވެ.

Advertisement

އެބައެއްގެ އަގުހުރި ވަގުތުތައް ރަނގަޅަށް ބޭނުން ކުރުމަށް ދިރިއުޅުމުގެ ކާމިޔާބީތައް އޭގެ އެންމެ މަތީ ކުރިބޯޓަށް ވާސިލުކުރި މީހުންގެ ވަގުތު ބޭނުންކުރި ގޮތުގެ ތާރީޚް ދިރާސާ ކުރަމާހެއްޔެވެ. މިކަން ހާސިލުކުރުމަށްޓަކައި މާދުރަށް ދާކަށް ނުޖެހޭނެއެވެ. ވަށައިގެން ދިރިއުޅޭ މާހައުލުގައި ތިބި ހަރުކުލައިގެ މީހުންގެ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅުނު ގޮތް ދެނެގަންނާށެވެ. އެބައިމީހުންގެ ދިގު އުމުރު ހޭދަކުރިގޮތާއި މެދު ސުވާލުކޮށް އޮޅުންފިލުވާށެވެ. އިބްރަތުން ފުރިގެންވާ ދަރުސްތަކެއް ލިބޭނެކަން ޔަޤީނެވެ. ހުސްނުވާ އެތަކެއްފިލާވަޅެއް ލިބިގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ. ތިބާގެ މުހިންމު ވަގުތުތައް ބޭނުންކުރެވިދާނެ ކަންކަން ބަލާ އެކަމާއިމެދު ވިސްނާށެވެ. އަމިއްލަ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާއިމެދު ފުންކޮން ވިސްނާށެވެ. ޤައުމަށް ތިބާގެ ބޭނުން ޖެހިފައިއޮތީ ކިހައި މިންވަރަކަށްކަން ވިސްނާފިކުރުކުރާށެވެ. އެހެނިހެން ޤައުމުތައް ކުރިއަރައިގެން ގޮސްފައިވަނީ އެޤައުމުތަކުގެ އަހުލުވެރިން ކިހިނެއް އެބައިމީހުންގެ ކަންތައްތައް ކުރުމުންތޯ ވިސްނާށެވެ. ކިތައްމެ ކުޑަވިޔަސް ޤައުމަށްޓަކައި ތިބާ ހޭދަކުރާ ވަގުތަކީ ގެއްލިގެން ދާނޭ އެއްޗެއްނޫނެވެ. ޤައުމަށް ލިބިދޭ ކޮންމެ ތަރައްޤީ އަކީ އަންނަން އޮތް ޖީލަށް، ތިބާގެ މުސްތަޤްބަލަށް، ފަހިކަމާއި އާރޯކަން ގެނެސްދޭނޭ ކަމެއްކަން ޔަޤީނެވެ. ވީމާ މިހާރު ތިބާގެ ވަގުތުހޭދަ ކުރެވޭ ގޮތަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި ނުވާނަމަ ލަސްނުކޮށް މިކަމާވިސްނަމާބަހީއެވެ. ޔަޤީނުންވެސް އެނގޭކަމަކީ އުފެއްދުންތެރި ގޮތުގައި ތިބާގެ ވަގުތު ހޭދަކުރެވޭނަމަ މުސްތަގުބަލަށްޓަކައި ކުރެވޭ ފޮނި އުންމީދުތަކުގައި ކުލަޖެހުން އޮންނާނީ ވަރަށްވެސް ގާތުގައެވެ. ތިބާ އަށް ދެއްވާފައިވާ ވަގުތާއިމެދު އިހްމާލު ނުވާށެވެ. އެހެނީ އެކަމަކީ ސުވާލު ވެވޭނެ ކަމެކެވެ.

+1
0
+1
0
+1
8
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް