ރަމަޟާންމަހަކީ އަހަރުތެރޭގައި އަންނަ އެހެން މަސްތަކާއި ޚިލާފަށް މުސްލިމުންނަށް ވަރަށް ޚާއްސަ މަހެކެވެ. ރޯދަމަސް ކައިރިވާ ވަރަކަށް އެމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ މަސައްކަތް ލުއިކުރުމަށާއި އަޅުކަމަށް ގިނަވަގުތު ދިނުމަށްޓަކައި ދިވެހިން އަބަދުވެސް ދުރާލާ މަސައްކަތް ނިންމާ ރޯދައަށް ތައްޔާރުވެއެވެ. މިރޯދަމަހަކީ މީގެކުރިން ތަޖުރިބާކުރެވުނު ހުރިހާ ރޯދަމަސްތަކާ ތަފާތު ރޯދަމަހެއްކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން މިރަމަޟާންމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރީ ރޭއަޅުކަމާއި ހެޔޮ ޢަމަލުތަކަށް ފުރުޞަތު ދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ އިނާޔަތެއް ދިނުމަށް ނިންމަވާފައިވެއެވެ. ރޭއަޅުކަމަށްފަހު އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރައަށް މި ދެއްވި ލުއިތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައިހިފާ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. އިސްލާމްދީންމަތީ މިރާއްޖެ ހޭދަކުރި ދިގު ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހެއްގެ ފަހު 10 އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރޯދަމަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުވެގެން ނުދިޔައީ އެކަމަށް ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ދުރާލާ އެޅުމުންނެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ވަނީ ސަރުކާރުން ބަހާފައެވެ. ވިސްނުންތެރިކަމާއެކު ދުރާލާ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކުރައްވާފައިވާ މަސައްކަތްތަކުން ކަރަންޓާއި ފެންބިލްވެސް މިވަނީ އެހެންމަސްތަކާއި ގާތްގަނޑަކަށް އެއްވަރަކަށް ހިފެހެއްޓިފައެވެ. ވޭތުވެދިޔަ ހުރިހާ ރޯދަމަހަކާ އަޅާ ބަލާއިރު މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ލިބިގެންދިޔަ ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވެފައިވެއެވެ.
'ޒީޓައިމްސް'ގެ ޓީމުން ބާޒާރަށް ކުރި ޒިޔާރަތުގައި ތަކެތީގެ އަގާއި ގުޅޭގޮތުން ބައެއް މީހުންނާއި ވަނީ ސުވާލުކޮށްފައެވެ.
އެގޮތުން މާރުކޭޓުގެ ގޮޅިއަކުން ދިމާވި ޙަސަންދީދީ ބުނެފައިވަނީ "މި ރޯދަމަހު އެއްވެސް އެއްޗެއް ނުލިބިގެން އުޅެންޖެހިފައިނުވޭ އަދިއެއް، ތަކެތީގެ އަގުވެސް ކުރީ ރޯދަމަސްތަކާ އަޅާބަލާއިރު ވަރަށް ހެޔޮކޮށް އުޅެނީ. ކުރިން އެންމެ އަގުބޮޑުކޮށް ވިއްކާ މިރުހުގެ އަގުވެސް މިފަަހަރު އެވަރަށް ނުއުފުލޭ".
ނާފިޒް ނަމަކަށް ކިޔާ މީހަކު ފާހަގަކުރިއެވެ. "އަސްލު މިރޯދަމަހު ކަރާއެއްޗެހީގެ އަގުވެސް ނުއުފުލޭ. ކުރީ ރޯދަމަހު ލިބުން ދަތިވި ކާށިވެސް ލިބެން އެބަހުރި. އަގުވެސް އެހާބޮޑެއް ނޫން، އަޅުގަނޑަށް ހީވަނީ ކުރިންއައި ސަރުކާރުތަކުން މިގޮތަށް މިކަން ކުރަން ބޭނުންވިނަމަ ކުރެވުނީސް ކަން، ރަނގަޅުފެންވަރުގެ ކާޑުގެ ބާވަތްތައްވެސް ބެހި، ކަރައާއި ކާށިވެސް ލިބުނު، ހަމަ ގައިމުވެސް އަޅުގަނޑު ވަރަށްއުފާވި ބޮޑު ޚަރަދެއް ނުކޮށް ރޯދަމަހުގެ ބައެއްގައިވެސް މިކަން ހަމަޖެހުމުން".
ގިނަ އަދަދެއްގެ މީހުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާއިރު ރަމަޟާން މަހުގެ ފަހު 10 ބަންދު ކުރުމުން ޢީދާއިއެކު މިވަނީ 2 ހަފްތާ ބަންދުވެފައެވެ. ސަރުކާރުން ބޮޑެތި ލުއިތަކެއް ހޯދައިދިނުމުން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި މި މާތް މައްސަރުގައި އަންނަ މަތިވެރިވެގެންވާ ލައިލަތުލްޤަދްރި ވިލޭރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ބައެއްކަމުގައިވުމަށް މަސައްކަތްކުރަމާތޯއެވެ.