ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މުހިންމުވާ ސަބަބުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވަނީ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ބޭނުންވާ 200 އަށްވުރެ ގިނަ ޤާނޫނު ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ މަސްލަހަތަށްވުރެ ޤައުމާއި ދަރިންގެ މުސްތަގުބަލަށް ވިސްނައިގެން އިންތިޚާބުގައި ވޯޓު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ހިޔާ ސަރަހައްދުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ 9000 މިލިއަން ރުފިޔާގެ ފައިސާ މިދިޔަ ސަރުކާރު ނިމުނުއިރު އެކިއެކި ކުންފުނިތަކަށް ދޭންހުރިކަމަށެވެ. މިއީ ރައްޔިތުންގެ ކުންފުނިތައްކަމަށެވެ.
" އަޅުގަނޑުމެން އައިސް އެކުންފުނިތަކަށް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެހެރީ ފެށިފައި. މިގޮތުން ބަލާއިރުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިއިރު 27 މަޝްރޫޢެއް އޮތީ ހުއްޓިފައި. އަޅުގަނޑުމެން އައިސް ހުއްޓާލީއެއް ނޫން އެބޭފުޅުން އެވިދާޅުވާގޮތަށް. މިމަޝްރޫޢުތައް ފަށައި މިހާރު ޖުމްލަ ރާއްޖޭގައި ފެނާއި ނަރުދަމާގެ 74 މަޝްރޫޢު އެބަހިގާ. މިރޭ ހުރިހާ މައުލޫމާތެއް މިދެނީ ތަކުރާރުކޮށް ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލަން އެކުރާ މަސައްކަތަށް ރައްޔިތުން ފައިސަލާ ކުރުމަށްޓަކައި" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ބަނދަރުހެދުމާއި ބިންހިއްކުމާއި އެއްގަމު ތޮށިލުމުގެ މަސައްކަތް މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 30 ރަށެއްގައި އޮތީ ހުއްޓިފައިކަމަށެވެ. " އަޅުގަނޑުމެން ހުއްޓާލީއެއް ނޫން. ކެމްޕެއިނަށް ރަށްރަށަށް ދިޔައިރުވެސް ހުއްޓިފައި ހުރީ. އެބޭފުޅުން ވިދާޅުވީ ބާރު ސްޕީޑުގައި ކުރިއަށްގެންދިޔަ މަސައްކަތް އަޅުގަނޑުމެން ހުއްޓާލީއޭ. އެހެންބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެން އެމަސައްކަތް ހުއްޓާލީމައޭ މިއުޅެނީ ޑޮލަރުގެ އަގު މައްޗަށް ނުގޮސްގެން. ރައްޔިތުން ކަންކަން ހަގީގަތާއި އެއްގޮތަށް ބެއްލެވީމަ ފެންނާނެ އެހެން ނޫންކަން ކަންކަން އޮތީ. މިމަސައްކަތް ފައްޓައި މިހާރު މުޅި ރާއްޖޭގައި ބަނދަރުހެދުމާއި ބިންހިއްކުމާއި އެއްގަމު ތޮށިލުމުގެ 90 މަޝްރޫޢު އެބަހިނގާ".
ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ހުޅުމާލޭގައި ފަހިކޯޕަރޭޝަނުން ހިންގާ މަޝްރޫޢާއެކީގައި 11 ރަށެއްގައި ހައުސިންގ މަޝްރޫޢުތައް އެބަހިންގާ ކަމަށާއި އެއީ 2220 ޔުނިޓް ކަމަށް ފާހަގަކުރެއްވިއެވެ. 90 ރަށުގައި ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ހުއްޓިފައި އޮއްވާ އެ މަޝްރޫޢުތަކަށް ދޭންޖެހޭ ފައިސާ ދީ އެމަޝްރޫޢުތައް ފަށައި 217 މަޝްރޫޢު މިވަގުތު ތަޢުލީމީ ދާއިރާގައި ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި 42 މިސްކިތުގެ މަޝްރޫޢު ވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ.
ރައްޔިތުންނަށް ލިބޭ އާމްދަނީ ނުވަތަ ބޭރުން ނަގާ ލޯނަކުން ކަމުގައިވިއަސް ހިލޭ ހޯދާ އެހީއަކުން ކަމުގައިވިއަސް ބަޖެޓުގައި ޖަހައިގެން ނޫނީ އެކަން ނުކުރެވޭ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
" ރައްޔިތުންނަށްޓަކައި މިވީ ވައުދެއް ފުއްދުމަށް އެހީތެރިކަން ދޭނެ ބޭފުޅުން ކަމުގައި ނުވަންޏާ މިހާރު އެއޮތް ބަޖެޓް ހަދާފައޮތް ގޮތަށް އަދި އެއަށްވުރެވެސް އުދަގޫ ދަތި ގޮތްގޮތަށް ދެން ހުރި އަހަރުތަކުގައި ފާސްކުރުމަކީ އެކަށީގެންވާކަމެއް. އެހެންވީމަ ތަރައްގީ ހާސިލު ކުރުމުގައިވެސް ރައްޔިތުންނަށްޓަކައި ކުރަންހުރި ކަންކަމުގައި މަޖިލީސް މުހިންމުވަނީ އެހެންވީމަ". ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ގިނަ އަދަދެއްގެ ކުންފުނިތައް ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. ރައްޔިތުންގެ ކުންފުނިތަކަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުމުގެ ސަބަބުން އެކުންފުނިތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އައު ސަރުކާރުން ވަނީ މިގޮތަށް ހުރި ފައިސާތައް ދޭން ފަށައިފައެވެ.