November 24, 2024 05:55
Advertisement

-Advertisement-

މިނިވަން ނޫސްވެރިކަމޭ ބުނެ ދޮގު ޚަބަރު ފެތުރުމަކީ ގިނަބައެއްގެ ކަންބޮޑުވުމެއް!

" ނޫސްވެރިންގެ އެންމެ ބޮޑު ޤައުމީ ޒިންމާއަކީ، ތެދުބަހުން ހަގީގަތް ހާމަކޮށްދީ ހޭލުންތެރިކޮށްދިނުމެވެ". ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓްގައި ވެސް ފާހަގަކުރައްވާފައިވެއެވެ.  

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހަށް ވާއިރު މި ދުވަހުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ދިވެހިރާއްޖޭގައި ހިންގަމުން އަންނަ ބައެއް ނޫސް ވެބްސައިޓް ތަކުންނާއި ޓީވީ ޗެނަލްތަކުން ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމެވެ. ހަގީގަތް ބަލަން ބޭނުން ނުވަނީއެވެ. ތިމާ ހިތަށް އެރި އެއްޗެއް އާންމުންނާއި ހަމައަށް ގެންނައިރު އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބެލުމަކީ ޒިންމާއެއްކަން ވެސް ހަނދާންނެތެވެ.

ވަކި މީހަކަށް ޓާގެޓްކޮށްގެން އަބުރު ކަތިލަން ބޭނުންވެއްޖެނަމަ ކޮންމެފަދަ ވާހަކައެއްވެސް ލިޔާތަން ފެނެއެވެ. ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު ތެދު މައުލޫމާތަށް ވާންޖެހެއެވެ. މީހުންގެ އަގު ވައްޓާލަން ބޭނުންކުރާ ހަތިޔާރަކަށް ނޫހާއި ޓީވީޗެނަލްތައް ވެގެން ނުވާނެއެވެ.

Advertisement

ތެދެކެވެ. މިނިވަން ނޫސްވެރިކަން ވަރަށް މުހިންމެވެ. ނޫސްވެރިކަން ރަނގަޅަށް އަދާކުރުން މުހިންމުވަނީ ޤައުމުގައި ހިނގާ ކަންކަމުގެ ރަނގަޅު މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށެވެ. އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނަމަ އާންމުން ތިބޭނީ ނޭނގުމެއްގެ ތެރޭގައެވެ.

ނޫސްވެރިކަމުގެ ހަމަތަކުގައި ހިފެހެއްޓުން

ޚަބަރެއް ލިޔާއިރު 5 ކާފަކީ މުހިންމު އެއްޗެއްކަމަށް އަބަދުވެސް އަޑުއިވެއެވެ. އެހެންނަމަވެސް މި 5 ކާފުގައި ހިމެނޭ މައުލޫމާތު ލިޔަންވާނީ ރަނގަޅަށެވެ. ނޫސްވެރިންގެ ވާޖިބު އަދާކުރަންވާނީ ޒިންމާދާރުކަމާއެކުގައެވެ. ސަރުކާރާއި ގުޅުންހުރި މުއައްސަސާތަކުން މައުލޫމާތު ނުލިބިއްޖެނަމަ އެމައުލޫމާތު ހޯދުމަށް މަސައްކަތްކުރާނެ ގޮތްތައް ހުންނައިރު އެގޮތަށް މަސައްކަތް ނުކޮށް އެންމެ އަވަހަށް "ބްރޭކިންގ" ގެނެސްދޭ ބަޔަކަށް ވުމަށް ދޮގު މައުލޫމާތު ފެތުރުމަކީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ.

އިންސާނީ ކަރާމާތަށް އިސްކަންދިނުން

މައުލޫމާތު ގެނެސްދޭއިރު އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިހުތިރާމް ކުރަންޖެހެއެވެ. އެހެންނަމަވެސް މީހުންގެ އަގު ވެއްޓޭގޮތަށް މީޑިއާގެ އަޚްލާގީ މިންގަޑާއި ޚިލާފަށް މައުލޫމާތު ގެނެސްދޭތަންވެސް އެބަފެނެއެވެ.

ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި ބައެއް ނޫހާއި ޓީވީތަކުން ހިއްސާކޮށްފައި ހުންނަ ޚަބަރުތަކަށް އާންމުން ކުރާ ކޮމެންޓްތަކުން ވެސް އެނގިގެންދަނީ އާންމުންގެ މެދުގައިވެސް ހިތްހަމަނުޖެހުންތަކެއް ހުރިކަމެވެ. މީހުންނަށް ބޮޑެތި ތުހުމަތުކޮށް އަގުވައްޓާލާއިރު އެފެތުރި މައުލޫމާތަކީ ދޮގު މައުލޫމާތަށްވެސް ވެގެން ގޮސްފައި އެބަހުއްޓެވެ. ތެދަށްވުރެ ދޮގު އަވަހަށް ފެތުރިގެންދާއިރު ޚަބަރާއި މައުލޫމާތު ފެތުރުމުގައި ވިސްނަންޖެހެއެވެ. ކުށެއް ނެތް މީހުންގެ އަބުރުކަތިލަމުން އަންނައިރު އޭގެ ސަބަބުން އެމީހާއާއި އެމީހާގެ ގާތްމީހުންނަށް ކުރާނެ އަސަރާއިމެދު ވިސްނާލިންތޯއެވެ.

މިނިވަން ނޫސްވެރިކަން

މިނިވަން ނޫސްވެރިކަމެއް ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ކުރިއަށްގެންދިއުމަށް އެންމެންވެސް ވިސްނަމާތޯއެވެ. އާންމުންނަށް ތެދު މައުލޫމާތު ގެނެސްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. އަދި މިޒިންމާ ފުރިހަމައަށް އަދާކުރަމުން އަންނަ ނޫސްވެރިން އެކުރާމަސައްކަތް ފާހަގަކުރެވެއެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް