November 24, 2024 04:08
Advertisement

-Advertisement-

ހިޔާ ޓަވަރެއްގެ މަތިން ވެއްޓުނު މިލްކްޝޭކެއް/ ފޮޓޯ: ބަނީ

ހިޔާ ޓަވަރުތަކުގެ މަތިން އެއްޗެހި ވައްޓާއިރު މީހަކަށް ގެއްލުމެއް ވެދާނެކަމަށް ނުވިސްނެނީތޯ؟

ހުޅުމާލެ ދެވަނަފިޔަވަހީގައި ހަދާފައި ހުރި ހިޔާ ޓަވަރުތަކުގައި 30 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް ބެލެވޭއިރު މި ޓަވަރުތަކުގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭންވީ ކަންތައްތަކެއް އެބަހުއްޓެވެ. ބެލްކަނީގައި އެއްޗެހި ހިއްކަން އަޅުވާފައި ހުންނައިރު އެތަނުން ހެދުންފަދަ ތަކެތި ބިންމައްޗަށް ވެއްޓި ސައިކަލު ދުއްވަމުންދާ މީހުންނަށް އޭގެ އުދަގޫ ފޯރާފަވެސް އެބަހުއްޓެވެ. އަދި އެއްދުވަހަކު މިއިން ޓަވަރެއްގައި އުޅުނު މީހަކު އާއިލާގެ ތެރޭގައި ހިނގި ހިތްހަމަނުޖެހުމެއްގައި ގޭގައި ގެންގުޅޭ ތެލި ތަށިފަދަ ތަކެތި ބިންމައްޗަށް ވައްޓާލި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.

ކުޑަކުދިން ކުޅެން ގެންގުޅޭ ތަފާތު ތަކެތިވެސް މަގުމައްޗަށް އުކާފަ އެބަހުއްޓެވެ. ހިޔާ ޓަވަރުގައި ދިރިއުޅޭ އަބްދުﷲ ބަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. "އަންހެނުން ދަރިފުޅު ގޮވައިގެން ސްކޫލުދޮށުން އަންނަނިކޮށް ދަނބުކުލައިގެ ޓަވަރަކުން ބަނާނާ މިލްކްޝޭކް ތައްޓެއް ވައްޓާލައިފި. ނަސީބަކުން އެތަށި ޖެހުނީ އަންހެނުންގެ އަތުގައި. ނަސީބެކޭ މިބުނީ ކުޑަމީހާ ބޮލުގައި ނުޖެހި އަންހެނުންގެ އަތް ނިވާފަތްގަނޑަކަށް ވުމުން. އަންހެނުންގެ އަތަށް އަނިޔާވިއިރު ދަރިފުޅުގެ ދަބަހާއި ހެދުންވެސް ހަރާބުވި". މިގޮތަށް އެއްޗެހި އުކުން ނުވަތަ ވެއްޓުން މިއީ ޓަވަރު ސަރަހައްދުގައި އުޅޭ އެތައްބަޔަކު ކުރާ ޝަކުވާއެކެވެ.

ހިޔާ ޓަވަރެއްގެ މަތިން ވެއްޓުނު އެއްޗަކުން ޖެހި ކާރަކަށް ގެއްލުން ލިބިފައި/ ފޮޓޯ: ސޯޝަލް މީޑިއާ

އެކި އުމުރުގެ މީހުން އުޅޭ އާބާދީ ބޮޑު މި ސަރަހައްދުގައި ދިރިއުޅޭ މަދު ބައެއްގެ ސަބަބުން ދިމާވާ މިފަދަ ކަންތައްތަކުން މީހަކަށް ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން ވިސްނަން އެބަޖެހެއެވެ. ޓަވަރުތަކުގެ މަތިން ވެއްޓޭ އެއްޗެހިން ކާރުތަކަށްވެސް ގެއްލުން ލިބިފަ އެބަހުއްޓެވެ.

Advertisement

ހިޔާ ޓަވަރުތަކަކީ ސީސީޓީވީ ހަރުކުރެވިފައިވާ ސަރަހައްދުތަކަކަށްވާއިރު މިގޮތަށް އެއްޗެހި އުކާ އެޕާޓްމެންޓްތައް ދެނެގަނެވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު މަންޒަރުތައްވެސް ބައެއް ފަހަރަށް ފެންނައިރު މިފަދަ ކަންތައްތައް ކުރާ މީހުންނަށް ފިޔަވަޅު އެޅެން އެބަޖެހެއެވެ.

ކޮންމެ ތަނެއްގައި ދިރިއުޅުނު ކަމުގައިވިއަސް ތިމާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ނުވާނެ ގޮތަކަށް ދިރިއުޅެން ދަސްކުރަން ޖެހެއެވެ. އަމިއްލަ ރައްކާތެރި ކަމަށް ވިސްނާގޮތަށް އެހެން މީހުންނާއިމެދުވެސް ވިސްނަން ޖެހެއެވެ. ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ މިފަދަ ނޭދެވޭ ކަންތައްތައް އިސްލާހު ނުކުރެވޭނެއެވެ.

+1
1
+1
4
+1
0
+1
0
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް