July 1, 2024 09:26
Advertisement

-Advertisement-

މާފުށީ ޖަލުގެ އޮޕަރޭޝަން: 18 ކަރެކްޝަން އޮފިސަރުންގެ އެކައުންޓަށް 73 މިލިއަން ރުފިޔާ!

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ވާހަކައަކީ އަހަރުތަކެއް ކުރިން ފެށިގެން އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. ދުވަސް ދުވަސްކޮޅުން މާފުށީ ޖަލުގައި ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި މިގޮތަށް ނުގަވާއިދުން ވައްދާފަ ހުންނަ ފޯނުފަދަ ތަކެތި ހޯދާފަ އެމައުލޫމާތު އާންމުކޮށްފައިވެއެވެ.

މާފުށީ ޖަލުގައި ދިވެހި ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ 73.6 މިލިއަން ރުފިޔާ 18 ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުންގެ އެކައުންޓަށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖަމާވެފައި ހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ.

" މީގެ ތެރެއިން އެއް ފަރާތެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ އެއްއަހަރުތެރޭ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވޭ. މިފައިސާ ޖަމާކުރި ފަރާތްތަކުން މިކުރީ ޤާނޫނީ ކުށެއް. ޚާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާއެއްގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅުމަކީ ކުށެއް. ރިޝްވަތުގައި ހިފުމަކީވެސް ކުށެއް. މި ރިޝްވަތު ހުށަހެޅި މީހުންނާއި އަދި ރިޝްވަތުގައި ހިފި މީހުންނާއިމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނަން" ވަޒީރު އިހުސާން ވިދާޅުވިއެވެ.

Advertisement

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާކަމަށެވެ.

" ކަރެކްޝަންގެ 18 މުވައްޒަފެއްގެ މައްސަލަ މިހާތަނަށް ފާހަގަކުރެވިފައިވަނީ. އާދަޔާ ޚިލާފަށް ފައިސާ ޖަމާކުރެވިފައި ހުރިކަން ފާހަގަކުރެވުނީ. މިހާހިސާބަށް ބެލިބެލުމުން ފާހަގަކުރެވިފައިވަނީ ހަތްދިހަ ތިން މިލިއަން ހަލައްކަ ރުފިޔާ ޖަމާވެފައި ހުރީ ޖަލުގައި މިހާރުވެސް ހައްޔަރުގައި ތިބި އަދި ކުރިގައިވެސް ހައްޔަރުގައި ތިބި ގައިދީންގެ ފަރާތުން އެމީހުންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި އަދި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާކަން ފާހަގަކުރެވުނު. މާފުށީ ޖަލުގައި މިހާރު މިދަނީ އޮޕަރޭޝަން ކުރިއަށް ގެންދަމުން". ޝަރީފު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އިހުސާން ވިދާޅުވީ ހުވާކޮށްގެން ހުރި މީހަކު ފައިސާ ނަގައިގެން ހިޔާނާތްތެރިވާން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެކަމަށެވެ.

" އެމީހާއަށް ދަތިވީ. މަޖުބޫރުކަމެއް ދިމާވީ. އުދަގޫތަކެއްވީ. މި ޚިދުމަތުގައި ހުރުމުގެ މަޖުބޫރުކަމެއް ނެތޭ އެއްވެސް މީހަކަށް. އެކަންކަމާއި ގުޅިގެން އެމީހަކަށް އޮންނާނޭ އެ މުއައްސަސާއެއްގެ ތެރޭގައި ހައްގު ހޯދުމުގެ ފުރުސަތު ކަނޑައެޅިފައި. އެމީހާ ޤާނޫނާއި ޚިލާފުވެ ދިވެހި ރައްޔިތުން އަތުން ފައިސާ ނަގައިގެން އެމީހާގެ ޔުނިފޯމަށް މުއައްސަސާއަށް ހުވައަށް ޤައުމަށް ޤައްދާރުވުމުގެ އެއްވެސް ސަބަބެއް ނޯންނާނެ. މިއީ ޓޮލަރޭޓް ކުރާނެ ކަމެއް ނޫން". އިހުސާން ފާހަގަކުރެއްވިއެވެ.

+1
0
+1
0
+1
0
+1
0
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް