October 6, 2024 09:38
Advertisement

-Advertisement-

ރައީސް ވިދާޅުވިގޮތަށް މަޖިލިސް މެންބަރުންނާއި ކައުންސިލަރުން އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަން މުހިންމުކަމެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރުވެސް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަ ވާހަކައެވެ. ތެދެކެވެ، މިއީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެކެވެ. ކޮންމެ 5 އަހަރަކުން މެންބަރުންގެ އަދަދު އިތުރުވާނަމަ މިއީ ދެކޮޅުޖެއްސޭނެ ވަރުގެ ކަމެއް ނޫނެވެ. އަދި މިއީ އިސްރާފެއްގެ ގޮތުގައި ދެކޭ މީހުންވެސް އުޅެއެވެ. މިގޮތަށް މިވާހަކަ ދެކެވިފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ހައްލެއް ހޯއްދަވައިދެއްވާ ދައުލަތުން މިފަދަ ކަންތައްތަކަށް ކުރަންޖެހޭ ޚަރަދު ކުޑަކުރައްވާނެކަމަށް ވިދާޅުވެފައެވެ. 

އާދީއްތަ ދުވަހުގެ ރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ސިޔާސީ ދުސްތޫރީ ނިޒާމް ބައްޓަންވެފައި އޮންނަގޮތުން ވަރަށް ގިނަ އިންތިޚާބުތައް ރާއްޖޭގައި އޮންނަކަމަށެވެ. އަދި އިންތިޚާބުތަކަކީ ޚަރަދު ބޮޑުކަމެއްކަމުގައި ފާހަގަކުރައްވައި، އެކަން ރައްޔިތުންނަށް އެންމެ ފައިދާހުރި، ފަސޭހަ، އަދި އެންމެ ދެކޮޅުޖެހޭނެ ގޮތެއްގައި ޒިންމާދާރުކޮށް ކުރިއަށް ގެންދެވޭނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ކުރިއަށް ގެންދިއުމުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދެ އިންތިޚާބު އެކުގައި ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމުގައި ވިދާޅުވެ، އެކަން ކުރުމަށްޓަކައި ޤާނޫނަށް ގެންނަށްޖެހޭ އިސްލާޙުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ޤައުމުގެ ކަންކަން ހިންގުމަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހޮވަނީ އެންމެ މީހެއް ކަމަށެވެ. އެހެންކަމުން ރަށެއްގެ ރައްޔިތުންގެ ކަންކަން ހުށަހެޅުމަށްވެސް ކައުންސިލްތަކުގައި މާގިނަ މީހުން ތިބުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ކަންކަން ހުށަހެޅުމަށް ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއެއް ތިބުމުން އާބާދީގެ ގޮތުން ކުޑަ ރަށްތަކަށް ފުދޭނެކަމުގައި ވިދާޅުވިއެވެ. އާބާދީ ގޮތުން ބޮޑު ރަށްރަށަށާއި ސިޓީ ކައުންސިލް ތަކަށް އެއަށްވުރެ ގިނަ މެންބަރުން ހަމަޖެއްސުމުން ރައްޔިތުންގެ ވިންދާއި އެންމެ ގުޅޭ އެކަށީގެންވާ އަދި ސައިޒުންވެސް އެންމެ ރަނގަޅު މިންވަރަކަށް ވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

" އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާކަހަލަ ގޮތަކަށް ބައްޓަންކުރެވޭ ސައިޒުން ކުޑަ އޭގެ ނަތީޖާ ރަނގަޅަށް ނެރެދެވޭ ވަރުގެ ކައުންސިލްތަކަށް ބަދަލުކުރުމަށް ޤާނޫނަށް އިރާދަކުރެއްވިއްޔާ އިސްލާހު ހުށަހަޅާނަން". ރައީސުލްޖުމްހޫރިއްޔާ

އަދި ރައްޔިތުންގެ މަޖިލީހުގެ ސައިޒުވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތްވަރަށް 77 ވުރެ ގިނަ ނުވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގެ ރިކަރަންޓް ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ޚަރަދުވެސް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

" ރައްޔިތުންގެ މަޖިލީހުގެ ސައިޒުވެސް އެބަޖެހޭ ހަމައަކަށް އަޅުވަން. ޝުކުރު ދަންނަވަން އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން އިސްނަންގަވައިގެން ޤަރާރެއްވެސް މަޝްވަރާ ކުރައްވައިފި. މިދާގޮތަށް ދަންޏާ 100 އަށް އަރައިގެން އެއަށްވުރެ މައްޗަށްވެސް ދާނެ އާބާދީ އިތުރުވަމުންދާ ވަރަކަށް. އެއީ މާނައެއް ހުރިކަމެއް ނޫން. މާކުޑަކޮށްލީމަވެސް ރަނގަޅުގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު. އެއީ 77 މެންބަރުންނަށް ހަމަޖެއްސުން. އެހެންވީމަ އެއަށްވުރެ އަދަދު ބޮޑު ނުވާނެ ގޮތަކަށް ހެދުމަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާނަން". ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން، ސަރުކާރުން އުފައްދަވާފައި ހުރި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމަށާއި އެއްކުރަންޖެހޭ ކޮމިޝަންތައް އެއްކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި އެކަމަށްވެސް ޤާނޫނީ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެކަން އެމަނިކުފާނު ވަނީ މިރޭ ހާމަކުރައްވާފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް