މަތިދޮންބުރެކި އަކީ ބުރަކަށިމަތީ ކޮތަރިބައިގައި 10-11 ހަރުކައްޓާއެކު 16-18 ދެމެދުގެ އަދަދަކަށް މަޑުކަށި ހުންނަ 13 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ 4-40 މީޓަރުގެ ފުން ހިސާބުތަކުގައެވެ. މި ވައްތަރުގެ މަހުގެ ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ.
މި މަހުގެ ބުރަކަށިމަތީގައްޔާއި ނިގޫފަތުގައި ހުންނަނީ ރީނދޫކުލައެވެ. މަހުގެ އަރިމައްޗާއި ބޮލުގައި ހުންނަނީ ދަނބުކުލައެވެ. އަނގައިން ފެށިގެން ލޯ ހުރަސްކޮށް އޮރެންޖު ކުލައިގެ ރޮނގެއް ހުރެއެވެ. މި ބާވަތުގެ މަހަކީ އައިން ހަދައިގެން މުރަކަތަކުގެ ނިވަލުގައި އުޅޭ ކުޑަ ރީތި މަހެކެވެ. އާންމުކޮށް މި ބާވަތުގެ 8 އަންހެން މަހާއެކު 1 ފިރިހެންމަސް ހިމެނޭގޮތަށް އައިން ހަދައިގެން އުޅެއެވެ. ރާއްޖޭގައި މަސްވެރިން އެމުގެ ގޮތުގައިވެސް މިބާވަތުގެ މަސް ބޭނުންކޮށްއުޅެއެވެ. މި މަސް ކައިއުޅެނީ މޫދުގައި ހުންނަ ޑިނގާއާއި ކުދި މަސްމަހާމެހި ފަދަ ތަކެއްޗެވެ. އާންމުކޮށް ދުވާލެއްގެ މައްޗަށް 4 ފަހަރު ކައިއުޅޭ މި މަހަކީ މަސްޓޭންކުގައި ގެންގުޅެން ފަސޭހަ އެހާމެ ބަލާލަން ހިތްގައިމު މަހެކެވެ.
މަސްދަރު: ފިޝްކީޕަރ